ހުކުރު ދުވަހަށް ތަހުނިޔާ ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه:

أما بعد

ހުކުރު ދުވަހަށް ތަހުނިޔާ ކިޔުމާއި މެދުގައި ބުނަމެވެ.

ފުރަތަމައީ : ހުކުރު ދުވަހަކީ ހަފްތާގެ އެހެން އެންމެހައި ދުވަސްތަކެއްގެ މައްޗަށް މަތިވެރިކަން ހޯދާފައިވާ ދުވަހެކެވެ. ހުކުރު ދުވަހަށް ޚާއްޞަވެގެންވާ ގިނަ ގުނަ ކަންތައްތަކެއްވެ އެވެ. ހުކުރު ދުވަހަކީ ޢީދު ދުވަހެއްގެ ގޮތުގައި ބަޔާންވެގެންވެ އެވެ. މި ހުރިހައި ޝަރަފެއް އަދި ޚާއްޞިއްޔަތް އަދި މަތިވެރިކަން ލިބިފައިވާކަން އެންމެ ފުރިހަމައަށް ﷲ ގެ ވަހީން ދެނެވަޑައިގަންނަވާ ފާރަތަކީ އަހަރުމެންގެ މާތް ނަބިއްޔާ صلى الله عليه وسلم އެވެ. ގިނަ ސުވާލުތަކެއްގެ ޖާވާބުގައި ނަބިއްޔާ މި ޝަރީޢަތް ބާވައިލެއްވުނު ގޮތަށް އެ އަމާނާތްތެރިކަމާ އެކު އުއްމަތަށް އެއްވެސް އުނި އިތުރު ކަމެއް ނެތް ގޮތުގައި ބަޔާން ކުރެއްވިކަން ޤުރުއާނާއި ސުންނަތުގެ އެތަކެއް ދަލީލުން ބަޔާން ކޮށްފައިވާނެ އެވެ.

ދެވަނައީ : މިފަދައިން ހުކުރު ދުވަހާއި މެދުގައި ނަބިއްޔާ صلى الله عليه وسلم ދެނެވަޑައިގެންނެވިހިނދު، ނަބިއްޔާ އަމިއްލަފުޅަށް ހުކުރު ދުވަހަށް ތަހުނިޔާ ވިދާޅުވެފައެއް ނުވެ އެވެ. ޞަޙާބީންނަށް އެކަން އުނގަންނަވައި ދެއްވަވާފައިނުވެ އެވެ. އަދި ކިޔެއްތަ! އެ ޞަޙާބީންގެ ޙަޔާތްޕުޅުގައި އެފަދައިން ހުކުރު ދުވަހަށް ތަހުނިޔާ ވިދާޅުވެފަ އެއް ނުވެ އެވެ.

ފަހެ، އެހިނދު ނަފްސަށް ސުވާލުކޮށްލުން ހުއްޓެވެ. މިކަން ކުރުމަށް ދަލީލެއް ނެތިއްޖެހިނދު އެކަން ކުރަން ބަޔަކު ބުނާނީ ކިހިނެތް ހެއްޔެވެ؟ ނުވަތަ އެކަން ކުރެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ އަޟްޙާ ޢީދާއި އަދި ފިޠުރު ޢީދުގައި ތަހުނިޔާ ކިޔުމަށް ވިދާޅުވި ފަދައިން ހުކުރު ދުވަހަށް މާތްކަމާއި މަތިވެރިކަން ލިބިފައިވާހިނދު، ނަބިއްޔާ ތަހުނިޔާ ކިޔުއްވާފައި ނުވުމުން އެކަން ނުކުރާ މީހާއަތުގައި މިހުރީ ދަލީލެވެ. ކުރާ މީހާ އެކަން ކުރަނީ ކޮން ދަލީލެއްގެ މައްޗަށް ހެއްޔެވެ؟

ބުނަމެވެ. އެއްވެސް ދަލީލެއް އެކަމަށް ނެތެވެ. ނަބިއްޔާގެ ސީރަތުން އަދި ޞަޙާބީންގެ ސިޔަރަތުން ބަޔާންވެގެންވަނީ ކޮށްފައިވާ ކަމެއް ނޫން ކަމެވެ. ޙަދީޘްފުޅުގައި ވެ އެވެ. (من عمل عملا ليس عليه أمرنا فهو رد) ”މިދީނުގައި ތިމަން ނަބިއްޔާ އަމުރުފުޅު ކުރައްވާފައިނުވާ ޢަމަލެއް ކޮށްފި މީހާގެ ކިބައިން އެކަމެއް ވަނީ ރައްދު ކުރެވިގެންނެވެ.“

މާނައީ : އެކަން އެމީހެއްގެ ކިބައިން ޤަބޫލުނުކުރެވި ރައްދު ކުރެވޭނެ އެވެ.

ފަހެ، މިއީ ކޮށްގެން ވާނެ ކަމެއް ނޫންކަމާއި ކުރުމަށް އެއްވެސް ޙުއްޖަތެއް ބުރުހާނެއް ނެތްކަން ވަރަށް ސާފުކޮށް ފެނެ އެވެ.

ތިންވަނައީ : މިފަދަ ބިދުޢަތައް އުއްމަތަށް ފާޅުވުމުން އެކަމުގެ ޙަޤީޤަތް ބަޔާންކޮށްދެނީ އުއްމަތުގައިވާ ސުންނަތުގެ ޢިލްމުވެރިންނެވެ. ސަލަފީ ޢިލްމުވެރިންނެވެ. އަހުލުއް ސުންނަތުގެ އިމާމުންނެވެ. ޙައްޤުމަގުގައި ޤާއިމްވެގެންވާ އަހުލުވެރިންނެވެ.

މިއަދު އެފަދައިން ދުނިޔެމަތީގައިވާ އެއް ޢިލްމުވެރިޔަކީ ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެމްބަރ ޑރ. العلَّامَة صَالح الفَوزَان އެވެ. ސުވާލު ކުރެވުނު ހިނދު ވިދާޅުވި އެވެ.

ސުވާލު : މޮބައިލް ފޯނުން ނުވަތަ އެކިއެކި ފޯރަމްތަކުގައި (ގްރޫޕް، ބްލޮޤްތަކުގައި) ކޮންމެ ހުކުރު ދުވަހަކު އެއްމުސްލިމަކު އަނެއް މުސްލިމަަށް ”ޖުމްޢަ މުބާރަކް“ ކިޔުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : ”ތިޔައީ އެކަމަށް އެއްވެސް އަޞްލެއްނެތްކަމެކެވެ. ތިޔައީ ބިދުޢައެކެވެ. ހުކުރު ދުވަހަށް ތަހުނިޔާކިޔުން ހުއްދައެއް ނުވާނެ އެވެ. މިކަމަށް އެއްވެސް އެއްޗެއް ވާރިދުވެފައެއް ނުވެއެވެ. އަދި މިއީ ސަލަފުން ޢަމަލުކޮށްފައިވާ ކަމެއް ނޫނެވެ. ފަހެ، މިއީ އިސްލާމް ދީނަށް އަލަށް ގެނެސްފައިވާ ބިދުޢައެކެވެ.

ފަހެ، ބިދުޢަވެރިން މިހާރު އެބައިމީހުންގެ މޮބައިލްފޯނާއި އިންޓަނެޓް ބޭނުންކޮށް އެބައިމީހުންގެ ބިދުޢަތައް މިފަދަ ގޮތަށް ޕްރޮމޯޓްކުރެއެވެ.“

ނިންމާލުމުގެ ކުރިން ބުނަމެވެ.

މިއަދު ފޯނުން އަދި ސޯޝަލް މީޑިޔާގެ ވަޞީލަތްތަކުން ކުރާ ނޭދެވޭ، ޘާބިތު ނުވާ، މުންކަރު ޢަމަލުތައް ކުރާ ފަރާތްތަކަށް ބުނަމެވެ

. އަޚާ އެވެ! އުޚްތާ އެވެ! ލިޔާ ލިޔުންތައް އަދި ފަތުރާ އެކިއެކި ތަކެތި އެއީ ޙިސާބެއް ނުބެލި، ކުނޑި ތަކެއްހެން ބުރައިގެން ދާނެ އެއްޗެއް ނޫނެވެ.

މިކަމަށް ވިސްނާލަން ޖެހޭނެ އެވެ. ހަދީޘްގައިވެ އެވެ. (من دعى إلى ضلالة عليه وزرها و وزر من تبعها…..) ”ފުރެދުމަކަށް ގޮވައިފި މީހާއަށް އޭގެ ފާފަ އުފުލަން ޖެހޭނެ އެވެ. އަދި އެއަށް ތަބަޢަވި މީހުންގެ ފާފަވެސް އުފުލަން ޖެހޭނެ އެވެ….“

ﷲ ދެއްވި މިފަދަ ފޯނުގެ ވަޞީލަތްތަކުން ކޮށްލާ އެންމެ ޓުވީޓެކެވެ. ލިޔެލާ ސްޓޭޓަސް އެކެވެ. ޖަހާލާ ފޮޓޯ އެކެވެ.

އެތަކެއްބަޔަކަށް އެ ބިދުޢަ އެއީ ދީނުގައި ހެޔޮކަމެއް ގޮތުގައިވިސްނި އެ ފާފަ އުފުލައި އަދި އެފާފައަށް އަރައިގަނެފައިވާ އެންމެންގެ (އޭނާގެ ފަރާތުން އެކަން އެއީ ރަނގަޅުކަމެއ ކަމުގައި އިނގުނު) އެންމެންގެ ފާފަ އުފުލަން ޖެހުމަކީ ކޮންފަދަ ބޮޑުވެގެންވާ ހަލާކެއްކަން ދަންނަ ހުއްޓެވެ.

ﷲ އަށްޓަކައި މި ނިޢުމަތްތައް ނިޢުމަތްތަކެއްގެ ގޮތުގައި ބޭނުން ކުރުމަށް ސަމާލުވާންޖެހެ އެވެ. މިކަމަށް ވަޞިއްޔަތް ކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts