ވިދިވިދިގެން 3 ހުކުރު ނަމާދު ފަރުވާ ކުޑަ ކުރުމާއިއެކު ދޫކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ވިދިވިދިގެން 3 ހުކުރު ނަމާދު ފަރުވާ ކުޑަ ކުރުމާއިއެކު ދޫކޮށްފި މީހާގެ މައްޗަށް އޮތީ ކޮން ގޮތެއް ކަމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.
މި މައުޟޫގެ މައްޗަށް ގިނަ ޙަދީޘްތަކެއް ވާރިދުވެގެންވެ އެވެ. އޭގެ ތެރޭގައި ޞަޙާބީ أبي الْجَعْدِ الضَّمْرِيِّ -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. ( مَنْ تَرَكَ ثَلَاثَ جُمَعٍ تَهَاوُنًا بِهَا طَبَعَ اللَّهُ عَلَى قَلْبِهِ ) ”އެމީހެއްގެ ފަރުވާކުޑަ ކުރުމާއިއެކު 3 ހުކުރު އަޅައިފިމީހާގެ ހިތުގައި ﷲ ސިއްކަޖެއްސެވެވެ.“ މި ޙަދީޘް ގިނަ މުޙައްދިޘުންތަކެއް ރިވާ ކޮށްފައިވެ އެވެ. أبو داود (1052) الترمذي (500) النسائي (1369) އަދި މި ޙަދީޘްއަކީ ޞައްޙަ ޙަދީޘެއްގެ ގޮތުގައި އިމާމް الألباني ، صحيح الجامع ގައި ޛިކުރު ކުރެއްވި އެވެ.
އަދި އިމާމް ابن ماجه (1126) ޞަޙާބީ جابر بن عبد الله -رضي الله عنهما- ގެ އަރިހުން ރިވާކުރައްވާފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ( مَنْ تَرَكَ الْجُمُعَةَ ثَلَاثًا مِنْ غَيْرِ ضَرُورَةٍ طَبَعَ اللَّهُ عَلَى قَلْبِهِ ) ”ޒަރޫރީ ޙާލަތެއް މެދުވެރިވުމެއްނެތި، 3 ހުކުރު އަޅައިފި މީހާގެ ހިތުގައި ﷲ ސިއްކަ ޖައްސަވަ އެވެ.“ މި ޙަދީޘްއަކީވެސް ޞައްޙަ ޙަދީޘެކެވެ.
މި ޢަމަލުގެ ފާފައިގެ ބޮޑުކަމާއި އަދި ﷲ އެޢަމަލުގެ މައްޗަށް ނުރުއްސަވާކަން ބަޔާންވެގެންވާ ކަމުގެ ބޮޑުކަން މި ޙަދީޘްތަކުން ބަޔާންވެގެންވެ އެވެ. ފަހެ، އެމީހެއްގެ ހިތުގައި ސިއްކަ ޖެއްސެވޭކަން އޮތުމުން އެއިން ދަލީލު ކޮށްދެނީ އޭގެ ފާފަވެރި ކަމުގެ ބޮޑުކަމެވެ. އޭގެ ނުބައިކަމާއި އަޅާ އަރައިގަނެފައިވާ ފާފައިގެ ބޮޑުކަމެވެ.
ފަހެ، ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ އެއީ އަޅާ ކާފަރުވެ ދީނުން ބޭރުވުމެއް ނޫން ކަމުގަ އެވެ. އެހެނަސް އޭނާ އަރައިގަނެފައިވާ ފާފައިގެ ބޮޑުކަމާއިއެކު އޭގެ ވަޢީދުގެ ބޮޑު ކަމެވެ.
ފަހެ، މިފަދައިން ޢަމަލު ކުރެވިފައިވާ ފަރާތަށް އޮތީ ﷲ އަށް ތަޥްބާވުމެވެ. އަދި ޙަޔާތުގައި އެއަށްފަހު މި ފަދަ ޢަމަލަކަށް ދެވަނަ ފަހަރަކަށް އަރައި ނުގަތުމުގެ ޢަޒްމުގައި ދެމިހުރުމެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الشيخ عبد العزيز بن باز – رحمه الله- ވިދާޅުވެފައިވެ އެވެ.
”ޝަރުޢީ ޢުޛުރަކާ އެކުގައި މުސްލިމުންނާއެކު ހުކުރު ކުރުމަށް ޙާޟިރު ނުވެވުނު މީހާއަށް، ބަލީގެ ޙާލަތުން ނުވަތަ އެ ނޫންވެސް ޙާލަތެއް ދިމާވެ، އެމީހާގެ މައްޗަށް އޮތީ ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ކުރުމެވެ. އަދި ހަމައެފަދައިން އަންހެނުންވެސް އޮތީ މެންދުރު ނަމާދު ކުރުމެވެ. އަދި އެގޮތުގައި ދަތުރުވެރިޔާވެސް ރަށުގައި ދިރިއުޅޭ (އެކަނި އުޅޭ މީހުން) ސުންނަތުގައި ބަޔާންވެގެންވާ ފަދައިން މެންދުރު ނަމާދު ކުރުން ހުއްޓެވެ. މިއީ ޢިލްމުވެރިންގެ ޢާންމު ބަސްފުޅެވެ. ފަހެ، މި ބަސްފުޅާ ޚިލާފްވެ (އެ ނޫން ގޮތަކަށް) ބުނާ މީހުންގެ ބަސްތަކުގައި ޢިބްރަތެއް ނެތެވެ. އަދި ހަމައެފަދައިން ޤަޞްތުގައި ހުކުރު ނަމާދު ދޫކޮށްލާ މީހާވެސް ﷲ އަށް ތަޥްބާވުން ހުއްޓެވެ. އަދި މެންދުރު ނަމާދު (ދޫކޮށްލި) ހުކުރު ނަމާދުގެ ބަދަލުގައި ކުރުން ހުއްޓެވެ.“ مجموع فتاوى 12 / 332
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.