|

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން.

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ހަމަކަށަވަރުން ޞާލީޙް އަޅުތަކުންނަށް އަޅުކަން ކުރުމަށްޓަކައި ހެޔޮކަމާއި މަތިވެރިކަމުން ފުރިގެންވާ މޫސުންތަކެއް ލައްވާފައިވުމަކީ، ﷲ تعالی ގެ ދީލަތި ކަމުގެ ތެރޭގައި ހިމެނިގެންވާކަމެކެވެ.

މި ދުނިޔަވީ ޙަޔާތުގައި އަޅުތަކުންނާ ބައްދަލުކުރާ މަތިވެރި ކަމާއި ޘަވާބާއި ދަރުމައިން ފުރިގެންވާ އެއް މޫސުމަކީ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މޫސުމެވެ. މި ދުވަސްތަކުގެ މަތިވެރިކަމާއި މާތްކަން ކީރިތި ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވެ އެވެ. އޭގެ ތެރޭގައި :

1. ﷲ ވަޙީކުރައްވާފައިވެ އެވެ. ( وَالْفَجْرِ وَلَيَالٍ عَشْرٍ )“ފަޖުރުގެ ވަޤުތު ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.“ ابن كثير رَحِمَهُ ٱللَّٰه ވިދާޅުވެފައިވެ އެވެ. ”އޭގެ މުރާދަކީ ޙައްޖުމަހުގެ ދިހަ އެވެ.“

2. ﷲ ވަޙީކުރައްވާފައިވެ އެވެ. ( وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ )“އަދި ކަނޑައެޅިގެންވާ ދުވަސްތަކެއްގައި، އެބައިމީހުން ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ.“ މިއާޔަތުގައި ބަޔާންވެގެންވާ ދުވަސްތަކުގެ މުރާދު ބަޔާންކުރައްވާ ابن عباس رضي الله عنه ވިދާޅުވެފައިވެ އެވެ. ”އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.“

ރަސޫލާ ﷺ ގެ ސުންނަތުގައި މި ދުވަސްތަކުގެ މާތްކަން ބަޔާންވެގެންވާ ޙަދީޘް ތަކުގެ ތެރޭގައި :

3. ابن عباس رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެ އެވެ. (ما العمل في أيام أفضل من هذه العشر» قالوا: ولا الجهاد؟ قال: ولا الجهاد إلا رجلٌ خرج يخاطر بنفسه وماله فلم يرجع بشيء) ”މި ދިހަ ދުވަހުގައި ކުރެވޭ ޢަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވާ އެއްވެސް ޢަމަލެއްނުވެ އެވެ.“ އެހިނދުގައި ޞަޙާބީން ދެންނެވި އެވެ. ”ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް –މި ދިހަ ދުވަހުގައި ކުރެވޭ ޢަމަލު ހެޔޮކަން ބޮޑުވެގެންވޭ- ތޯ؟ ޙަދީޘް ކުރެއްވި އެވެ. ”ޖިހާދު ކުރުމަށްވުރެވެސް ހެޔޮކަންބޮޑުވެގެންވެ އެވެ.“ (ހަމައެކަނި ހެޔޮކަމުގައި ކުރިއަރައި ގޮސްފައިވަނީ) ”މީހަކު އޭނާގެ މުދަލާއި އަދި އޭނާގެ ނަފްސައިގެން ﷲ ގެ މަގުގައި ޖިހާދުކުރުމަށް ނުކުމެ، އެއިން އެއްވެސް އެއްޗެއް ހިފައިގެން އަނބުރާ ނާންނަ މީހާ އެވެ.“

މިޙަދީޘް ރިވާކުރެއްވި ތާބިޢީ سعيد بن جبير އަރިއަހުން ރިވާވެގެންވެ އެވެ. ”މި ދުވަސްތަކާ ބައްދަލުވުމުން، އަމިއްލަ ނަފްސުފުޅަށް ކުޅަދާނަ ނުވާ މިންވަރަށް އަޅުކަންތައް ކުރެއްވުމުގައި ބާރުއަޅުއްވާ މަސައްކަތްޕުޅު ކުރައްވަ އެވެ.“

4. ابن عمر رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر. فأكثروا فيهن من التهليل والتكبير) ”ﷲ ގެ ޙަޟުރަތުގައި މި ދިހަ ދުވަހަށްވުރެ މަތިވެރިވެގެންވާ، އަދި އެކަލާނގެ ޙަޟުރަތައް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން މި ދުވަސްތަކުގައި ތަޙްލީލު ކިޔުމާއި، ތަކްބީރު ކިޔުން ގިނަކުރުން ހުއްޓެވެ.“

5. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (أفضلُ أيامِ الدنيا أيامُ العشْرِ) (صحيح الجامع 1133) ”މި ދުނިޔެ މަތީގައިވާ އެންމެ ހެޔޮކަންބޮޑުވެގެންވާ ދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.“

މި ދުވަސްތަކުގެ މިފަދަ މަތިވެރި، މާތް ދުވަސްތަކެއްގެ ގޮތުގައިވެދިޔަ ސަބަބު ޛިކުރު ކުރައްވާ ابن حجر ވިދާޅުވެފައިވެ އެވެ. ”އެހެން ދުވަސްތަކުގެ މައްޗަށް ޙައްޖުމަހުގެ ދިހަ ދުވަސް އިސްވެ މަތިވެރިވެގެންވާ ސަބަބެއް ކަމުގައިވަނީ، އެ ދުވަސްތަކުގައި އަޅުކަމުގެ އެންމެ ބޮޑެތި އަޅުކަންތައް އެދުވަސްތަކުގައި ޖަމަޢަވެފައިވުމުންނެ އެވެ. އެއީ، ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ޞަދަޤާތް ދިނުމާއި، ޙައްޖު ކުރުމެވެ. މި ނޫން ދުވަސްތަކެއްގައި މި އެންމެހައި އަޅުކަންތަކެއް ޖަމަޢައެއް ނުވެ އެވެ.“ الفتح

الإمام ابن تيمية رَحِمَهُ ٱللَّٰه ވިދާޅުވެފައިވެ އެވެ. ”ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ދުވާލުގެ ވަޤުތުތައް، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަށްވުރެން ހެޔޮކަން ބޮޑެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެން ހެޔޮކަން ބޮޑެވެ.“ (الفتاوى 25/287 )

الإمام ابن باز رَحِمَهُ ٱللَّٰه ވިދާޅުވެފައިވެ އެވެ. ”ރޭގަނޑަށް ބަލާއިރުގައި ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް ހެޔޮކަން ބޮޑުވެގެންވެ އެވެ. ސަބަބަކީ އެ ރޭތަކުގެ ތެރޭގައި ލައިލަތުލް ޤަދްރި ވުމެވެ. ދުވާލުގެ ވަޤުތަށް ބަލާއިރު، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ހެޔޮކަން (ރަމަޟާންމަހުގެ ފަހު ދިހައިގެ ހެޔޮކަމަށްވުރެ) ބޮޑުވެގެންވެ އެވެ. ސަބަބަކީ އެ ދިހަ ދުވަސްތަކުގެ ތެރޭގައި ޢަރަފާތް ދުވަސް، ނަޙުރު ދުވަސް ވުމެވެ. މި ދެ ދުވަހަކީ ދުނިޔެ މަތީގައިވާ އެންމެ ހެޔޮވެގެންވާ ދިހަ ދުވަހެވެ. މިއީ ޢިލްމުވެރިންގެ ތެރޭގައިވާ މުޙައްޤިޤުން ޤަބޫލުކޮށްފައިވާ ގޮތެވެ. ފަހެ، ދުވާލުގެ ވަޤުތުތަކަށް ބަލާހިނދުގައި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ހެޔޮކަން (ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮކަމަށްވުރެ) ބޮޑުވެގެންވެ އެވެ. އަދި ރޭގަނޑުގެ ވަޤުތަށް ބަލާހިނދުގައި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭގަނޑު ވަޤުތުތައް ހެޔޮކަން (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ރޭގަނޑުގެ ވަޤުތުތަކަށްވުރެ ހެޔޮކަން) ބޮޑުވެގެންވެ އެވެ. ސަބަބަކީ އެ ރޭތަކުގައި ލައިލަތުލް ޤަދްރި ވުމެވެ. އެއީ އެންމެ ހެޔޮވެގެންވާ ރެ އެވެ. و الله المستعان“

މި ދުވަސްތަކުގައި މުސްތަޙައްބު ވެގެންވާ އަޅުކަންތައް :

1. ނަމާދު ކުރުމުގައި ޤާއިމްވުން : ފަރުޟު ނަމާދުތަކަށް ދިއުމުގައި އަވަސްކުރުމާއި، ސުންނަތް ނަމާދު ކުރުން ގިނަކުރުން ހިމެނެ އެވެ. ސަބަބަކީ ނަމާދަކީ ﷲ އަށް ކުއްތަން ކުރެވޭ އެންމެ ހެޔޮކަން ބޮޑުވެގެންވާ ޢަމަލު ކަމުގައިވުމެވެ. ثوبان رضي الله عنه ވިދާޅުވެފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަންނަ އަޑު އެހީމެވެ. (عليك بكثرة السجود لله فإنك لا تسجد سجدة إلا رفعك إليه بها درجة، وحط عنك بها خطيئه) (صحيح مسلم 488) ”ތިބާ ﷲ އަށް ސަޖިދަ ކުރުން ގިނަކުރާށެވެ. ފަހެ، ހަމަކަށަވަރުން ތިބާ ﷲ އަށް ކުރާ ކޮންމެ ސަޖިދައަކީ، އޭގެ ސަބަބުން ތިބާއަށް ދަރަޖައެއް އުފުލިގެންދާނެ ކަމެކެވެ. އަދި ތިބާއަށް އޭގެ ސަބަބުން ފާފަ އެއް ފޮހެވިގެންދާނެ އެވެ.“

2. މި ދުވަސްތަކުގައި ރޯދަ ހިފުން : ސަބަބަކީ، ޞާލިޙް އަމަލުތަކުގެ ތެރެއަށް ވަންނާނެ އަޅުކަމެއްގެ ގޮތުގައި ވުމެވެ. ނަބިއްޔާ ﷺ ގެ އަނބިކނަބަލުންގެ ފަރާތްޕުޅުން ރިވާވެގެންވެ އެވެ. (كان رسول الله صلى الله عليه وسلم يصوم تسع ذي الحجة، ويوم عاشوراء، وثلاثة أيام من كل شهر) (صحيح أبي داود 2437) ”ރަސޫލާ ﷺ ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހުގައި ރޯދައަށް ހުންނަވަ އެވެ. އަދި ޢާޝޫރާ ދުވަހުގައި ރޯދައަށް ހުންނަވަ އެވެ. އަދި ކޮންމެ މަހެއްގެ ތިން ދުވަހުގައި ރޯދައަށް ހުންނަވަ އެވެ.“

الإمام النووي رَحِمَهُ ٱللَّٰه މިދުވަސްތަކުގައި ރޯދަ ހިފުން ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން މި ދުވަސްތަކުގައި ރޯދައަށް ހުރުން ނުހަނު ގަދައަށް މުސްތަޙައްބުވެގެންވެ އެވެ.“

الإمام ابن مفلح رَحِمَهُ ٱللَّٰه ވިދާޅުވެފައިވެ އެވެ. ”ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު ރޯދަހިފުން މުސްތަޙައްބުވެގެންވެ އެވެ. އަދި ނުވަވަނަ ދުވަހު ރޯދަ ހިފުން ވަރަށްބޮޑަށް އެދެވިގެންވެ އެވެ. އެއީ ޢަރަފާތް ދުވަހެވެ.“ (الفروع 3/108)

3. މި ދުވަސްތަކުގައި ތަކްބީރު ކިޔުމާއި، ތަޙްލީލު ކިޔުން އަދި ތަޙްމީދު ކިޔުން ގިނަކުރުން : ابن عمر رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (فأكثروا فيهن من التهليل والتكبير) ”މި ދުވަސްތަކުގައި ތަޙްލީލު ކިޔުމާއި، ތަކްބީރު ކިޔުން ގިނަކުރުން ހުއްޓެވެ.“

الإمام البخاري رَحِمَهُ ٱللَّٰه ވިދާޅުވެފައިވެ އެވެ. ”ޙައްޖުމަހުގެ ދިހަ ދުވަސްތަކުގައި ابن عمر އަދި أبو هريرة މަދީނާގެ ބާޒާރުތަކަށް ނުކުމެވަޑައިގަންނަވަ އެވެ. އަދި އަޑުހަރުކޮށް ތަކްބީރު ވިދާޅުވެ އެވެ. އަދި އެހެނިހެން މީސްތަކުންވެސް (އެ ތަކްބީރު ވިދާޅުވާ އަޑުއަހައި) ތަކްބީރު ކިޔަ އެވެ.“

އަދިވެސް الإمام البخاري رَحِمَهُ ٱللَّٰه ވިދާޅުވެފައިވެ އެވެ. ”މިނާގައި އިންނަވާ ޓެންޓުގައި ތަކްބީރު އަޑުހަރުކޮށް ވިދާޅުވެ އެވެ. އަދި މިސްކިތުގައިވާ އަހުލުވެރިންނަށް އެ ތަކްބީރުގެ އަޑުއިވި، އެބައިމީހުން ތަކްބީރު ކިޔަ އެވެ. އަދި މިނާގެ ބާޒާރުތަކުގެ އަހުލުވެރިން ތަކްބީރު ކިޔައި، މުޅި މިނާ އެކުއެކީގައި ތަކްބީރުގެ އަޑުން ގުގުމާލާފައިވެ އެވެ.“

4. ޢަރަފާތް ދުވަހުގައި ރޯދަ ހިފުން : ނަބިއްޔާ ﷺ އަރިއަހުން ވާރިދުވެގެންވާ ގޮތުގައި، ޙައްޖުކުރުމަށް ޢަރާފާތުގައިވާ އަހުލުވެރިން ފިޔަވައި އެނޫން އެންމެހައި މީސްތަކުންގެ މައްޗަށް ޢަރަފާތް ދުވަހުގައި ރޯދައަށް ތިބުމަކީ ނުހަނު އެދެވިގެންވާ، ސުންނަތެކެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (أحتسب على الله أن يكفر السنة التي قبله والسنة التي بعده) (صحيح مسلم 1162) ”ޢަރަފާތް ދުވަހުގައި ހިފާ ރޯދައަކީ، އެމީހާގެ ވޭތުވެދިޔަ އަހަރާއި އަދި އަންނަންއޮތް އަހަރުގެ ކުށްފާފަތައް ފޮހެވިގެންދާނޭ ޢަމަލެއްގެ ގޮތުގައި ﷲ ގެ ޙަޟުރަތުން އުއްމީދު ކުރަމެވެ.“

ޙައްޖުމަހުގެ 10 ވަނަދުވަސް (ޔައުމުއް ނަޙްރު) ގެ މާތްކަން :

الإمام ابن القيم رَحِمَهُ ٱللَّٰه ވިދާޅުވެފައިވެ އެވެ. ”ފަހެ، ﷲ ޙަޟުރަތުގައި އެންމެ ހެޔޮކަން ބޮޑުވެގެންވާ ދުވަހަކީ يَوْمُ النحر އެވެ. އެއީ ޔައުމުލް ޙައްޖު އަލް-އަކްބަރު އެވެ. ނަބިއްޔާ ﷺ އަރިހުން ސުނަނުގައި ވާރިދުވެގެންވާ ޙަދީޘްގައިވާ ފަދައިންނެވެ. (أفضل الأيام عند الله يوم النحر ثم يوم القر) ”ﷲ ގެ ޙަޟުރަތުގައި އެންމެ ހެޔޮވެގެންވާ ދުވަހަކީ يَوْمُ النحر އެވެ. އެއަށްފަހު يوم القر އެވެ.“ (ޔައުމުލް ޤައްރު އަކީ މީސްތަކުން މިނާގައި ޤަރާރުވެ ދެމިތިބުމުގައިވާ ދުވަހެ އެވެ. އެއީ ޙައްޖުމަހުގެ 11 ވަނަ ދުވަހެވެ.) އަދި ބުނެވެ އެވެ. ޢަރަފާތް ދުވަސް ނަޙުރުގެ ދުވަހަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ. ސަބަބަކީ ޢަރަފާތް ދުވަހުގައި ހިފާ ރޯދައަކީ، ދެ އަހަރުގެ ފާފަތަކަށް އޮތް ކައްފާރާއެކެވެ. އަދި ޢަރަފާތް ދުހަވުގައި ﷲ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ މިންވަރަށް އެހެން އެއްވެސް ދުވަހެއްގައި މުއްތި ނުކުރައްވަ އެވެ. އަދި ސަބަބަކީ ޢަރަފާތް ދުވަހުގައި، މީސްތަކުންނާއި ﷲ ކުށްތަންވެ ވޮޑިގެންވުމެވެ. އަދި ޢަރަފާތުގެ މައިދާނަށް ޙާޟިރުވެ ތިއްބެވި އަހުލުވެރިންނަށް ފަޚުރުވެރިވެ މަލާއިކަތުން ނަށް ވަޙީކުރައްވާނެ އެވެ. މިކަމުގައި ޞައްޙަ ބަސްފުޅަކީ ފުރަތަމަ ބަސްފުޅެވެ. ސަބަބަކީ ޙަދީޘްއިން ބަޔާންވެ ދަލީލު ކުރެވެނީ (ނަޙްރުގެ ދުވަސް) ހެޔޮކަން ބޮޑުގެންވާ ކަމެކެވެ.“ (زاد المعاد 1/54)

އެންމެހައި އަޚުންނޭވެ. ހެޔޮކަމާއި މަތިވެރިކަމުން ފުރިގެންވާ މި މޫސުމަށް ﷲ އަށް ތަޥްބާވެ، ފާފަތަކުން ވަކިވެގެންވާ ޙާލުގައި އިސްތިޤްބާލު ކުރުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ފާފަތަކަކީ އިންސާނާ އޭނާގެ ވެރި އިލާހުގެ ޙަޟުރަތުގެ ފަޟްލުވަންތަވެރި ކަމުން މަޙްރޫމުކޮށްލާ އެއްޗެކެވެ. މިފަދަ މޫސުމެއްގައި ކުރިއަރައި ނުދެވުނު އަޅާއަށް ކުރިއަރައި ދެވޭނީ ކޮން ދުވަސްތަކެއްގައިތޯ އެވެ؟

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts