އިމާމް ފާތިޙާ ސޫރަތް ކިޔަވައި ނިމުމުން، މައުމޫމުންނަށް ފާތިޙާ ސޫރަތްކިޔެވުމަށް ހުސް ވަގުތުކޮޅެއް ދިނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފާތިޙާ ސޫރަތް ކިޔަވަން ވަޤުތު ދިނުމުގެ މާނައަކީ، އަޑުހަރުކޮށް ކިޔަވާ ނަމާދުގައި އިމާމް ފާޠިޙާ ސޫރަތް ކިޔެވުމަށްފަހުގައި އަނެއް ޞޫރަތް ކިޔެވުމާއި ދެމެދުގައި ދިގު “ހިނދުކޮޅެއް ދިނުން” މި މައްސަލަ ކަމުގައި ދެކެމެވެ.
މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފްވެފައިވާ މައްސަލަ އެކެވެ.
ފުރަތަމަ ޤައުލަކީ: ފާޠިޙާއަށް ފަހުގައި އެފަދަ ހިނދުކޮޅެއް ދިނުން މުސްތަޙައްބު ވެގެންވުމެވެ. އަދި މިއީ الشافعية އާއި الحنابلة މަޛްހަބުގެ ޤައުލެވެ.
ދެވަނަ ޤައުލަކީ: މައުމޫމުން ފާތިޙާ ސޫރަތް ކިޔުމަށްޓަކައި ޤަޞްދުކޮށް އެފަދައިން ހިނދުކޮޅެއް އެ ދެމެދުގައި ދިނުން މުސްތަޙައްބުވެގެން ނުވުމެވެ. މި ޤައުލަކީ المالكية އަދި الحنفية މަޛްހަބުގެ ޤައުލެވެ. އަދި މި ޤައުލު الإمام ابن تيمية އިޚްތިޔާރު ކުރެއްވިއެވެ. އަދި މި ޤައުލަކީ ގިނަ ޢިލްމުވެރިންގެ ޤައުލުގެ ގޮތުގައި ވިދާޅުވެފައިވެއެވެ.
އެ ބޭކަލުން މިފަދައިން ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ނަމާދު ކުރެއްވިގޮތް ސިފަކުރެވިގެންވާހިނދު، އެއްވެސް ޞައްޙަ ޙަދީޘްފުޅެއްގައި ސޫރަތުލް ފާޠިޙާއަށްފަހުގައި މައުމޫމުންނަށް ފާތިޙާ ސޫރަތް ކިޔެވޭނެވަރުގެ ނުވަތަ ދިގު ހިނދުކޮޅެއް ދެއްވިކަން ޘާބިތުވެފައެއް ނުވެއެވެ.
އެފަދައިން ޢަމަލުފުޅު ކުރެއްވިނަމަ، އެކަން ނަޤުލުވެގެންވާނެ ކަމާއި، އެފަދަ ޢަމަލުފުޅެއް ވަންހަނާވެ، އެބޭކަލުން ނަޤުލު ނުކުރައްވާ ނުވާނެކަމެވެ. ފަހެ، އެފަދަ ކުޑަކުޑަ ކަންތައްތައް ވެސް ނަމާދުގައި އެބޭކަލުން ސިފަކުރައްވާ ވިދާޅުވެފައި އަދި ނަޤުލު ކުރައްވާފައިވީހިނދު، މިޢަމަލު ހިނގައިދިޔަ ނަމަ އެކަން ވެސް ނަޤުލުވެގެން އަންނާނެ ކަމެވެ.
ވީމާ، ނަމާދުގައި ހިނގައިފައިވާ ކުޑަކުޑަ ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ޖިލްސަތުލް-އިސްތިރާޙަ (އައްތަހިޔާތުން ތެދުވާ ރަކުޢަތް ފިޔަވައި އެހެން ރަކުޢަތްތަކަށް ތެދުވާހިނދު ހިނދުކޮޅަކަށް އިށީނުން) ފަދަ ޢަމަލުތައް ޞަޙާބީން ސިފަކުރައްވާފައިވާހިނދު، ޤިޔާމުގައި ސޫރަތުލް ފާތިޙާއަށްފަހު މިފަދައިން ހުސްވަޤުތުކޮޅެއް ދެއްވިނަމަ އެކަން ނަޤުލުކުރެވިފައިވާނެކަން ޔަޤީނެވެ. އެހެނަސް އެފަދައިން ނަޤުލުވެފައި ނުވުމުން އެއީ ޘާބިތުވާ ޢަމަލެއް ނޫންކަން ބަޔާންވެގެންދެއެވެ.
الإمام ابن تيمية -رحمه الله- ވިދާޅުވެފައިވެއެވެ. “އެނގި ބަޔާންވެގެންދަނީ، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ (މައުމޫމީންނަށް) ފާތިޙާ ސޫރަތް ކިޔެވޭވަރަށް ހިނދުކޮޅެއް ދެއްވާނަމަ، އެކަން ވެގެންދާނީ އޭބޭކަލުންގެ އަރިހުން މުތަވާތިރުކޮށް ނަޤުލުވެގެން އަންނާނެ ކަމެއްގެ ގޮތުގައެވެ. ފަހެ، އެފަދައިން ނަޤުލުވެގެން ނުވުމުން ބަޔާންވެ އެނގިގެންދަނީ އެއީ ކުރެއްވި ޢަމަލުފުޅެއް ނޫން ކަމެވެ”.
އަދިވެސް މި ޤައުލުގެ އަހުލުވެރިން ގެންނަވާ ދަލީލުތަކުގެ ތެރޭގައިވެއެވެ. އިމާމް البخاري އަދި مسلم ގެ ޞަޙާބީ أبُوهُرَيرَة -رضي الله عنه ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތެވެ. كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذَا كَبَّرَ فِي الصَّلَاةِ، سَكَتَ هُنَيَّةً قَبْلَ أَنْ يَقْرَأَ، فَقُلْتُ: يَا رَسُولَ اللهِ بِأَبِي أَنْتَ وَأُمِّي أَرَأَيْتَ سُكُوتَكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ، مَا تَقُولُ؟ قَالَ “أَقُولُ: اللهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، اللهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ
” ޞަހާބީ ވިދާޅުވިއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަމާދަށް ޙަރަމްބަންނަ ތަކްބީރު ކިޔުމަށްފަހު، (ފާތިޙާ ސޫރަތް) ވިދާޅުވުމުގެ ކުރިން ހިނދުކޮޅަކަށް ހަނު ހުންނަވައެވެ. ފަހެ، ތިމަން ޞަޙާބީ ދެންނެވީމެވެ. ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ ބައްޕަ އަދި މަންމަ އިބަ ނަބިއްޔާއަށްޓަކައި ފިދާ ކުރަމެވެ. ނަމާދުގައި ކިޔަވަން ފެއްޓެވުމުގެ ކުރިން، ދެއްވާ ހިނދުކޮޅުގައި ވިދާޅުވާނީ ކީކޭތޯއެވެ؟ އެހިނދު (ޙަދީޘް ކުރެއްވިއެވެ.) -އެ ދަނޑިވަޅުގައި- ތިމަން ނަބިއްޔާ ވިދާޅުވަނީ اللهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، اللهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ- މިފަދައިންނެވެ.
މި ރިވާޔަތުން ބަޔާންވެގެންދަނީ، ޙަރަމް ބަނުމަށް ފަހު ސޫރަތުލް ފާޠިޙާ ކިޔަވަން ފެއްޓެވުމުގެ ކުރިން އެ ދެއްވާ ވަޤުތުކޮޅަކީ އެއްޗެއް ކިޔޭނެ ފަދަ ވަޤުތުކޮޅެއްގެ ގޮތުގައި ވުމުން ޞަޙާބީން ސުވާލު ކުރައްވާފައިވާ ކަމެވެ. އެހެންކަމުން، ފާތިޙާ ސޫރަތް ނިމި އަނެއް ސޫރަތް ފެއްޓެވުމުގެ ކުރިން އެފަދަ ވަޤުތުކޮޅެއް ދެއްވާނަމަ އެބޭކަލުން އެވަޤުތުކޮޅާއި މެދުގައި ވެސް ސުވާލު ކުރެއްވީހެވެ. އެހެނަސް އެފަދަ ވަޤުތުކޮޅެއް ނުދެއްވާކަން އެނގިވަޑައިގެންނެވުމުން އެބޭކަލުން އެފަދައިން ސުވާލު ނުކުރައްވައެވެ.
ފަހެ، އެ ދެމެދުގައި ދެވޭ ކުޑަ ހިނދު ކޮޅަކީ ފާތިޙާ ސޫރަތް ކިޔައި އާމީން ކިޔުމަށްފަހު އަނެއް ސޫރަތް ކިޔަވަން ފެއްޓެވުމުގެ ކުރިން ނުހަނު ކުޑަ ވަޤުތުކޮޅަކަށް ހަނު ހުންނެވުމެވެ. و الله أعلم .
މިއީ މި މައްސަލައިގައި ދަލީލުތަކުގެ މައްޗަށް ބާޔާންވެގެންވާ ޞައްޙަ ބުނުން ކަމުގައި ދެކެމެވެ.
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. ހެޔޮކަން ބޮޑުވެގެންވަނީ (އެ ހިނދު ކޮޅަށް ހަނުހުރުން) ދޫކޮށްލުމެވެ.
އިމާމް ابن العثيمين -رحمه الله- ވިދާޅުވެފައިވެއެވެ. ފާތިޙާ ޞޫރަތް ކިޔެވޭ މިންވަރަށް (އެބަހީ : ދިގު ހިނދުކޮޅެއް) ދިނުން ސުންނަތާއި ކައިރިކަން ބޮޑުވެގެންވާ މިންވަރަށްވުރެ ކައިރިވަނީ ބިދުޢަ އަކާއެވެ.
الإِمَام الأَلبَانِي رحمه الله ވިދާޅުވެފައިވެއެވެ. “އިމާމް ފާތިޙާ ސޫރަތް ކިޔެވުމަށްފަހު ހުސްވަޤުތު ދިނުމަކީ ދީނުގެ ތެރެއަށް ގެނެސްފައިވާ ބިދުޢައެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަރިއަހުން ވާރިދުވެގެންވާ ޢަމަލެއް ނޫނެވެ. ދެންފަހެ، ހުސްވަޤުތު ކޮޅެއް ދިނުން ވާރިދުވެގެންވަނީ (ދެ ދަނޑިވަޅެއްގަ)އެވެ. ފުރަތަމަ ދަނޑިވަޅަކީ: ޙަރަމްބަންނަ ތަކްބީރު ކިޔުމަށްފަހުގައިއެވެ. އެއީ ދުޢާއުލް އިސްތިފްތާޙް ކިޔުމަށްޓަކައެވެ. ދެވަނަ ދަނޑިވަޅާއިމެދު (ރާވީންގެ މެދުގައި) ޚިލާފްވެ ވަޑައިގަންނަވާފައިވެއެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ފާތިޙާއަށް ފަހުގައެވެ. އަދި ގިނަ ބޭކަލުން ވިދާޅުވެފައިވަނީ ޤުރުއާން ކިޔަވައި ނިމުމުންނެވެ. (ރުކޫޢަށް ދިއުމުގެ ކުރިންނެވެ.) އަދި ޞައްހަ ގޮތަކީ އެއީއެވެ”.
ވީމާ، މިއަދު ބައެއް އިމާމުން ނަމާދު ކުރާހިނދު، ސޫރަތުލް ފާތިޙާ ކިޔުމަށްފަހު، ހިނދުކޮޅަކަށް ހަނުހުންނަވައި، ޤުރުއާން ކިޔަވަން ނުފަށައި ހުރުންވެގެންދަނީ ޞައްޙަ ސުންނަތުގައި ވާރިދުވެގެންވާ ޢަމަލެއް ނޫން ކަމެވެ. ފަހެ، މައުމޫމުންނަށް ފާޠިޙާ ސޫރަތް ކިޔުމަށްޓަކައި ދިގުވަގުކޮޅެއް އެފަދައިން ދިނުމަކީ ވެސް ސުންނަތުގައި ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.