|

ޙައްޖުމަހުގެ 13، 14، އަދި 15ވަނަ ދުވަހުގައި ރޯދައަށް ހުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޙައްޖުމަހުގެ 13، 14، އަދި 15ވަނަ ދުވަހުގައި ރޯދައަށް ހުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ސުވާލުގެ ޖަވާބުގައި 3 ނުކުތާއެއް ފާހަގަކޮށްލުންވެ އެވެ.

ފުރަތަމައީ : ޙައްޖުމަހުގެ 13 ވަނަ ދުވަހާއި މެދުގަ އެވެ.

މި ދުވަސްތަކުގެ ތެރެއިން ޙައްޖުމަހުގެ 13 ވަނަ ދުވަހަކީ އައްޔާމުއް ތަޝްރީޤް (أيامُ التَّشريقِ) ގެ ތެރޭގައި ކަނޑައެޅިފައިވާ ދުވަހެކެވެ.

އައްޔާމުއް ތަޝްރީޤް (أيامُ التَّشريقِ) ގެ ދުވަސްތަކުގައި ރޯދަހިފުން ޙަރާމްވެގެންވެ އެވެ.

أحمد ( 10286 ) ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. نهى النبي صلى الله عليه وسلم عن صيامها “ لا تصوموا هذه الأيام ، فإنها أيام أكل وشرب وذكر لله عز وجل ”

ނަބިއްޔާ صلى الله عليه وسلم މި ދުވަސްތަކުގައި ރޯދަ ހިފުން ނަހީކުރެއްވި އެވެ. (ޙަދީޘްފުޅު ކުރެއްވި އެވެ.) ”މިދުވަސްތަކުގައި ތިޔަބައިމީހުން ރޯދަ ނުހިފާށެވެ. ފަހެ، ހަމަކަށަވަރުން މި ދުވަސްތަކަކީ ކެއުމާއި ބުއިމުގެ ދުވަސްތަކެވެ. އަދި ﷲ عز وجل އަށް ޛިކުރު ކުރުމުގައިވާ ދުވަސްތަކެއް ކަމުގައިވެ އެވެ.“

މި ޙަދީޘް އިމާމް الألباني -رحمه الله- السلسلة الصحيحة ( 3573 ) ގެންނަވާފައިވެ އެވެ.

މިއީ މި މައްސަލައިގައި ފިޤުހީ ހަތަރު މަޛްހަބުގައިވެސް ބަޔާންވެގެންވާ ގޮތެވެ. ހުއްދަ ދެވިފައިވާ އެންމެ ފަރާތަކަށް ފިޔަވައި ”އައްޔާމުއް ތަޝްރީޤް“ ގެ ދުވަސްތަކުގައި ރޯދަ ހިފުން ޙަރާމްވެގެންވުމެވެ.

الحَنَفيَّة ، المالكيَّة ، الشَّافِعيَّة އަދި الحَنابِلة ގެ ބަސްފުޅެވެ.

އަދި މި ފައިން އުއްމަތް އިޖްމާޢު ޛިކުރު ކުރެވިގެންވެ އެވެ.

މި މައްސަލައިގެ މައްޗަށް ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި ޞަޙާބީ ابنِ عُمَرَ رَضِيَ اللهُ عنهما ގެ ޙަދީޘްވެ އެވެ.

(لم يُرخَّصْ في أيَّامِ التَّشريقِ أن يُصَمْنَ، إلَّا لِمَن لم يجِدِ الهَدْيَ)

”އައްޔާމުއް ތަޝްރީޤްގެ ދުވަސްތަކުގައި ރޯދަ ހިފުން ހުއްދަ ދެވިގެންނުވެ އެވެ. (ހަމައެކަނި ހުއްދަ ދެވިގެންވަނީ) -ޙައްޖުގެ އަޅުކަމުގައި ބައިވެރިވެ- އެމީހަކަށް ހަދްޔު ކަތިލުމުގެ ކުލަދާނަކަން- ނުލިބުނު މީހާ އެވެ.“

ވުމާއެކު، ހަނދުމަހުގެ 13، 14، 15 ގައި ޢާދަވެ ސުންނަތް ރޯދަހިފާ މީހާއަށްވެސް ޙައްޖުމަހުގެ މި ތިންދުވަހުގެ ތެރެއިން 13 ވަނަ ދުވަހުގައި ރޯދައަށް ހުރުން ހުއްދައެއް ނުވާނެ އެވެ.

ދެވަނައީ : ޙައްޖުމަހުގެ 14 އަދި 15 ވަނަ ދުވަހެވެ. މި ދެދުވަހުގައި ރޯއަށް ހުރުމުގެ އެއްވެސް މަނާ ކަމެއް ނެތެވެ. ސަބަބަކީ އެފަދައިން މަނާކުރާނެ އެއްްވެސް ދަލީލެއް ނެތުމެވެ. ފަހެ، ޢާދަވެ ސުންނަތް ރޯދަ ހިފުމުގައިވާ މީހާ މި ދެދުވަހުގައި ރޯދައަށް ހުރުމުގައި މައްސަލައެއްނެތެވެ. އަދި ކިޔެއްތަ! ހަނދުމަހުގެ ދުވަސްތަކުގެ ތެރެއިން، އެ މައްސަރުތަކުގެ 13. 14. 15 ގައި ރޯދަ ހިފުމަކީ މުޞްތަޙައްބުވެގެންވާ ޢަމަލެކެވެ. ގިނަ ޙަދީޘްތަކެއް މި މައުޟޫގައިވެސް ވާރިދުވެފައިވެ އެވެ. އެގޮތުން صحيح الترغب،ބަޔާންވެގެންވާ ރިވާޔަތެއްގައިވެ އެވެ. (كان رسولُ اللهِ صلَّى اللهُ عليهِ وسلَّم يأمُرنا بصيامِ أيامِ البِيضِ ثلاثَ عشرَ وأربعَ عشرَ وخمسَ عشرَ قال وقال : هو كهيئةِ الدهرِ) ”އައްޔާމުލް ބީޟް (ހަނދުމަހުގެ 13، 14، އަދި 15) މި ތިންދުވަހުގައި ރޯދައަށް ތިބުމަށް ނަބިއްޔާ ތިމަން ޞަޙާބީންނަށް އަމުރުފުޅު ކުރައްވަ އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. އެއީ، މުޅި އަހަރުގައި ރޯދަ ހިފުމާއި އެއްފަދަ އެވެ.“

ތިންވަނައީ : ކޮންމެ ހަނދުމަހެއްގެ 3 ދުވަހު ރޯދައަށް ހުރުމަށް ޢާދަކޮށްފައިވ މީހާ މި މައްސަރުގައި ޢަމަލު ކުރާނީ ކިހިނަކުންތޯ އުފެދޭ ސުވާލެވެ. މިފަދައިން ބަޔާން މި ކުރީ، ގިނަ ބަޔަކު، މައްސަރުގެ ތިން ދުވަހު ރޯދަ ހިފުމަށް ކަނޑައަޅާފައި އޮންނަނީ 14،13 އަދި 15 ވަނަ ދުވަސް ކަމުގައިވާތި އެވެ. ފަހެ މި މައްސަރުގައި 13 ވަނަ ދުވަސް ރޯދައަށް ނުހުރެވޭހިނދު، ތިން ދުވަސް ޢަމަލު ކުރާނީ ކިހިނެތް ހެއްްޔެވެ؟ الحافظ النووي ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ صلى الله عليه وسلم ކޮންމެ މަހެއްގެ 3 ދުވަހުގައި، އެ ދުވަސްތައް ވަކި ދުވަހެއް ގޮތަށް ޢައްޔަނު ކުރުމެއްނެތި ރޯދަ ހިއްޕަވާ ކަމުގައި ޞަޙީޙުގައި ޙަދީޘް ޘާބިތުވެގެންވެ އެވެ. ފަހެ، ޙަދީޘްއިން ބަޔާންވެގެންވަނީ އެ މައްސަރުގެ ކޮންމެ ދުވަހެއްގައި (3 ދުވަހުގައި ރޯދައަށް ހުރެއްޖެހިނދު) އެ މާތް (އަޖުރު) އެމީހަކަށް ޙާޞިލްވާނެ އެވެ. صحيح مسلم ގައި معاذة العدوية (އަރިހުން ރިވާވެގެންވާ) ޙަދީޘްގައި ޘާބިތުވެގެންވެ އެވެ. عائشة -رضي الله عنها- އަރިހުގައި ސުވާލު ކުރެއްވި އެވެ. ރަސޫލާ صلى الله عليه وسلم ކޮންމެ މައްސަރެއްގައި 3 ދުވަހު ރޯދައަށް ހުންނަވާ ހެއްޔެވެ؟ (عائشة) ވިދާޅުވި އެވެ. އާދޭހެވެ. ސުވާލު ދެންނެވުނެވެ. ”އެއީ މައްސަރުގެ ކޮން ދުވަސްތަކެއްގައި ހެއްޔެވެ؟“ ވިދާޅުވި އެވެ. ”މައްސަރުގައި ރޯދައަށް ހުންނެވުމަށްޓަކައި އެއީ ކޮން ދުވަހެއްތޯ ނުބައްލަވަ އެވެ. (އެބަހީ : ވަކި ދުވަހަކަށް ބެއްލެވުމެއްނެތި، 3 ދުވަހު ރޯދައަށް ހުންނެވުމެވެ.“

ވުމާއެކު، ޢާދަވެ ކޮންމެ މަހެއްގައިވެސް 3 ދުވަހު ރޯދައަށް ހުންނަ މީހާ މި މައްސަރުގައިވެސް 3 ދުވަހު ރޯދައަށް ހުރުމުގެ ފުރުސަތުވެ އެވެ. 14، 15 އަދި 16 ގައި ހިފުމެވެ. ނުވަތަ އެހެން ދުވަސްތަކެއްގައި ވީނަމަވެސް ރޯދައަށް ހުރެ އެ ޢަދަދު ފުރިހަމަ ކުރުމުގެ ފުރުސަތުވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts