ނަމާދުގައި އާޔަތެއް ހަނދާންނެތިއްޖެނަމަ ޢަމަލުކުރާނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަމާދުގައި ފާޠިޙާ ސޫރަތަށް ފަހުގައި ކިޔަވާ ހިނދު އެ ކިޔަވާ ތަނެއްގެ އާޔަތެއް ހަނދާންނެތިއްޖެހިނދު ޢަމަލު ކުރާނެ ގޮތާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ : ފާޠިހާ ސޫރަތް ފިޔަވައި ނަމާދުގައި ކިޔަވާތަން ހަނދާން ނެތުނު މީހެއްގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ. އެއީ އިމާމެއް ނުވަތަ މައުމޫމެއް ކަމުގައިވީނަމަވެސްމެ އެވެ.
ދެވަނައީ : ނަމާދުގައި ޤުރުއާން ކިޔަވާ މީހާ، ކިޔަވަނިކޮށް އެ ކިޔަވާތަނުން އާޔަތެއް ނުވަތަ އާޔަތުން ބައެއް ހަނދާންނެތިއްޖެހިނދު، ކިޔުމަށް ޚާއްޞަ ޛިކުރެއްވެސް ނެތެވެ. އެގޮތުން ބައެއްމީހުން ބުނެފައިވާ ބަސްތައް ކަމުގައިވާ އެހިނދު އެމީހަކު ”أستغفر الله“ކިޔުން ހުއްޓެވެ. މިއީ އެފަދައިން ޢަމަލުކުރުމަށް ވާރިދުވެގެންވާ ޢަމަލެއް ނޫނެވެ.
އޭގެ ބަދަލުގައި އެ ކުށް ކިޔެވުނުތަން އިޞްލާޙް ކުރުން ވެ އެވެ. ހަނދާން ނެތުނު ފަރާތަށް އެހެން މީހަކު ހަނދާންކޮށްދީގެން ކަމުގައިވީނަމަވެސް އެވެ.
ތިންވަނައީ : އާޔަތެއް ހަދާންނެތުނީ އެވެ. ޢަމަލުކުރާނި ކިހިނެއް ހެއްޔެވެ؟
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާ (5 /337) ގައިވެ އެވެ.
”ޤުރުއާން ކިޔަވަމުންދާ މީހާއަށް އެ ކިޔަވާ އާޔަތް އޮޅިއްޖެ އެވެ. ނުވަތަ އެ އާޔަތް ހަދާންނެތުނީ އެވެ. ފަހެ، އެ އާޔަތާއި ވިދިގެންވާ އާޔަތުން ކުރިއަށް ގެންދިއުމުގައި މަނާކަމެއްނެތެވެ. އެހެނަސް، (ނަމާދުގައި ކިޔަވާ މީހާއަށް) ޝަރުޢުވެގެންވަނީ، އޮޅުންއަރައި ނުދިއުމަށްޓަކައި އޭނާއަށް ފުރިހަމައަށް ރަނގަޅަށް ދަސްވެ އެނގިފައިވާ ތަންތަން ކިޔެވުމެވެ.“
މި ޒަމާނުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑެތި ފިޤުހީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ ابن العثيمين – رحمه الله- ވިދާޅުވެފައިވެ އެވެ.
”ތިބާއަށް އޮތީ އެ ޙާލުގައި ދެ ގޮތުގެ ތެރެއިން އެއް ގޮތެވެ. އެއްގޮތަކީ އެ އާޔަތާއި ޖެހިގެން އޮތް އާޔަތުން ފަށައިގެން ކުރިއަށް ދިއުމެވެ. ނުވަތަ -ކުށްޖެހުމުން، އެ ހިސާބުން ކިޔެވުން ހުއްޓާލައި- ރުކޫޢަށް ދިއުމެވެ. ސަބަބަކީ މިކަމުގައި (ދެގޮތަށް ޢަމަލު ކުރުމުގައިވެސް) ތަނަވަސްކަން ވެ އެވެ.“ فتاوى نور على الدرب (141 /24)
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.