ޖަމާޢަތުގައި ނަމާދު ކުރުން ދޫކޮށް ގޭގައި ނަމާދު ކުރުމުގެ ހުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޖަމާޢަތުގައި ނަމާދު ކުރުން ދޫކޮށްލައި ނަމާދު ކުރާ މީހާގެ މައްޗަށް ބުނަމެވެ.

ސުވާލަށް ޖަވާބުގައި ބަޔާން ކުރަމެވެ.

ފުރަތަމައީ : އިސްލާމް ދީނުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ޙުކުމެވެ.

ފިރިހެނުންގެ މައްޗަށް ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބުވެގެންވާ ޢަމަލެއްގެ ގޮތުގައި ބުނެފައިވާ ބުނުމަކީ އެކަމުގައި ޞައްޙަ ޤައުލެވެ.

މި ޤައުލަކީ عطاء بن أبي رباح އަދި މަޝްހޫރު ތާބިޢީ الحسن البصري އާއި الأوزاعي އަދި أبي ثور ، الإمام أحمد މަޛްހަބުގައި ބަޔާންކޮށްފައިވާ ޤައުލެވެ. އަދި މިފަދައިން الشافعي އިޚްތިޔާރު ކޮށްފައިވާ ޤައުލުވެސްމެ އެވެ.

އަދި އުއްމަތުގެ ވަރަށްވެސް ގިނަ ސަލަފުއް-ޞާލިޙުން މިފަދައިން ވިދާޅުވެފައިވެ އެވެ. އަދި މި ޤައުލަކީ އިމާމް البخاريُّ، ابنُ المنذرِ، ابنُ حَزْمٍ، ابنُ تيميَّة އަދި ފަހުގެ ދުވަސްތަކުގައި އިސްލާމީ އުއްމަތްދުށް އެންމެ ބޮޑެތި ޢިލްމުވެރި އިމާމްވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް ابنُ باز އަދި ابن عُثَيمين ދެކިވަޑައިގަންނަވާ ޤައުލެވެ.

ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބުވެގެންވާ ޢަމަލެއްކަން ބަޔާންކުރައްވާ ގެންނަވާފައިވާ ދަލީލުތައް ނުހަނު ގިނަގުނަ އެވެ.

އޭގެ ތެރޭގައި ޤުރުއާނުގެ ދަލީލު ތަކުގެ ތެރޭގައި :

1. ﷲ ވަޙީކުރެއްވި އެވެ. (وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ) ”ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ. އަދި ޒަކާތްދޭ ހުށިކަމެވެ. އަދި ރުކޫޢު ކުރާ މީހުންނާ އެކުގައި ރުކޫޢު ކުރާހުއްޓެވެ.“

އާޔަތުން ބަޔާންވެގެންވަނީ، ނަމާދު ޤާއިމްކުރުން ވަނީ ރުކޫޢު ކުރާ މީހުންނާ އެކުގަ އެވެ. ޔަޢުނީ : ޖަމާޢަތުގައި ނަމާދު ޤާއިމްކުރުން ހުއްޓެވެ. ފަހެ، ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ތިމާ އެކަނި ކުރާނަމަ އެހިނދު ނަމާދު ޤާއިމްކުރެވިފައި ވަނީ ރުކޫޢު ކުރާ މީހުންނާ އެކުގައި ނޫން ކަމުގައިވެ، ނަމާދު ޤާއިމްކުރުމަށް އަމުރުފުޅު ކުރެވިފައިވާ ސިފަ އެމީހެއްގެ ޙައްޤުގައި އެވަނީ ފާއިތުވެފަ އެވެ.

2. ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅުގައިވެސް ލަޝްކަރުގެ އަހުލުވެރިން ނަމާދު ޤާއިމްކުރަންވީ ސިފަ ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވެ އެވެ. (وَإِذَا كُنْتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِنْهُمْ مَعَكَ) ”އަދި، އެބައިމީހުންގެ ތެރޭގައި ނަބިއްޔާ ހުންނަވައި އެބައިމީހުންނާއިގެން ނަމާދު ޤާއިމް ކުރައްވައިފިނަމަ، އެބައިމީހުންގެ ތެރެއިން ބަޔަކު އިބަ ނަބިއްޔާ އެކުގައި ނަމާދަށް ޤާއިމްވާހުށި ކަމެވެ!“

މިއީ، ބިރުވެރިކަމާއި ނުރައްކަލުގެ އަދި ދަތި ޙާލު މެދުވެރިވެފައިވާ ދަނޑިވަޅުކަމުގައިވާ ހަނގުރާމައިގެ ދަނޑިވަޅުގައި ނަމާދު ޤާއިމްކުރުމަށް އޮތް އަމުރުފުޅު ކަމުގައިވުމުން، އަމާންކަމާއި ބިރުވެރިކަމެއް ނެތް ޙާލުގައި ނަމާދު ޖަމާޢަތުގައި ޤާއިމްކުރުމަށް ކޮންފަދަ ބޮޑަށް އަމުރުވެގެންވާނެ ހެއްޔެވެ؟ ފަހެ، އެހިނދު އެ އަމުރުފުޅުގެ ގަދަކަން ކޮންފަދައަކުން އޮންނާނެ ހެއްޔެވެ؟ ވާޖިބުވުން ބޮޑު ނުވާނެ ހެއްޔެވެ؟

3. ﷲ -سبحانه وتعالى- ވަޙީކުރެއްވި އެވެ. (خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ) ”ހަމަކަށަވަރުން ލޯތައް ތިރިވެ، އެބައިމީހުންގެ މައްޗަށް ނިކަމެތިކަން ވެރިވެފައިވާ ޙާލުގައި އެބައިމީހުން ތިބޭނެތެވެ. އެބައިމީހުންގެ ސަލާމަތުން ތިބިއިރު ސަޖިދަ ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ. ”

كَعْبُ الأَحْبَار ވިދާޅުވެފައިވެ އެވެ. ”ﷲޤަންދީ ބުނަމެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުން ދޫކޮށްލާ މީހުންގެ މައްޗަށް މެނުވީ މި އާޔަތް ބާވައި ނުލައްވަ އެވެ.“ الدر المنثور ٢٥٦/٨

ސުންނަތުގައި ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި :

4. އިމާމް  البخاري އަދި مسلم ޞަޙާބީ أبي هُرَيرَةَ ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވެ ތިބޭ މީހުންނާއިމެދު رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރައްވާފައި ވެއެވެ. (وَالَّذِي نَفْسِي بِيَدِهِ لَقَدْ هَمَمْتُ أَنْ آمُرَ بِحَطَبٍ فَيُحْطَبَ ثُمَّ آمُرَ بِالصَّلَاةِ فَيُؤَذَّنَ لَهَا ثُمَّ آمُرَ رَجُلًا فَيَؤُمَّ النَّاسَ ثُمَّ أُخَالِفَ إِلَى رِجَالٍ فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ وَالَّذِي نَفْسِي بِيَدِهِ لَوْ يَعْلَمُ أَحَدُهُمْ أَنَّهُ يَجِدُ عَرْقًا سَمِينًا أَوْ مِرْمَاتَيْنِ حَسَنَتَيْنِ لَشَهِدَ الْعِشَاءَ) ”އެފަރާތެއްގެ އަތްޕުޅުގައި ތިމަންނަބިއްޔާގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވައި ވިދާޅުވިއެވެ. ދަރު އެއްކުރުމަށް އަމުރުކުރައްވައި އޭގެފަހުގައި ނަމާދަށް ބަންގިގޮވުމަށް އަމުރުކުރައްވައި އޭގެފަހުގައި މީސްތަކުންނާއިގެން އިމާމުވެ ނަމާދުކުރުމަށް މީހަކަށް އަމުރުކުރެއްވުމަށްފަހު ނަމާދަށް ޙާޟިރުނުވެ ގޭގައި ތިބޭ މީހުން ގާތަށް ވަޑައިގެން އެބައިމީހުންނާ އެކު އެބައިމީހުންގެ ގެތަކުގައި ރޯކޮށްލެއްވުމަށް ތިމަންނަބިއްޔާގެ ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ. ތިމަންނަބިއްޔާގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. އެބައިމީހުންނަށް ޢިޝާނަމާދަށް އައުމުން މަސްކައިފައި އޭގައި ކޮންމެވެސް ވަރަކަށް މަސްކޮޅު ހުރި ފަލަ ކަށިގަނޑެއް ނުވަތަ ދެ މޭކަށީގެ ދެމެދުގައި ރަނަގަޅުވަރަކަށް މަސްހުންނަ ދެ އެތިކޮޅު ލިބޭނެކަން އެނގޭނަމަވެސް ޢިޝާނަމާދަށް ޙާޟިރުވާނެއެވެ.“

އެއްވެސް އޮޅުމެއް ނެތްގޮތުގައި ވާޖިބެއް ދޫކުރުމުން މެނުވީ މިފަދަ ބޮޑު ޢުޤޫބާތެއް ދެއްވުމަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވިސްނާ ވަޑައެއް ނުގަންނަވާނެއެވެ. އަދި ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވެ ތިބޭ މީހުން ޖަމާޢަތަށް ޙާޟިރުނުވެ ތިބެނީ އެމީހުންނަށް ނަމާދުން ލިބޭ އެއްޗަކާއިމެދު ޔަޤީންކަން ނޯންނާތީކަންވެސް މިޙަދީޘުން ސާބިތުވެއެވެ. ހަމައެފަދައިން އެބައިމީހުން ޙާޟިރުނުވެ ތިބެނީވެސް އެއްވެސް ޢުޛުރެއްނެތިކަންވެސް މިޙަދީޘްއިން ޘާބިތުވެ އެވެ.

އެހެނީ ނަބިއްޔާގެ ބަސްފުޅުގައި ހަވާނަފުސު އެކުލެވިގެން ނުވާ މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސިފަކުރައްވާފައިވާ ގޮތުގައި އެބައިމީހުންނަށް ކިތަންމެ ކުޑަނަމަވެސް އެއްޗެއް ލިބޭނެކަން އެނގޭނަމަ ނަމާދަށް ޙާޟީރުވާނެއެވެ.

މި ޙަދީޘުން ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވާ މީހުންގެ އީމާންކަމުގެ މައްސަލަ އުޅޭކަމަށް ދަލީލު ލިބެއެވެ.

އަޚާ އެވެ! އެމީހުންގެ ގެތަކާއެކު އެމީހުން އަންދައި ރޯކޮށްލުމަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ބޭނުންފުޅުވީހިނދު، އެމީހުންނަކީ ގޭގައި ނަމާދު ކުރާ މީހުން ކަމުގައި ނުވާނެ ހެއްޔެވެ؟ އެ ފިރިހެނުން ގޭގައި ނަމާދު ކުރެ އެވެ. އެހެނަސް ގެތައް އަލިފާނުން ރޯކޮށްލަން ބޭނުންފުޅުވީ އޭގެ ފާފައިގެ ކޮންފަދަ ބޮޑުކަމުން ހެއްޔެވެ؟

ވުމުން، ނަމާދު ޖަމާޢަތުގައި ކުރުން ދޫކޮށްލުން ހުއްދަވާނެ ހެއްޔެވެ؟

5. ޞަޙީހު مسلم ގައި ރިވާވެގެންވާ ޙަދީޘްގައިވެ އެވެ. ”أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلٌ أَعْمَى فَقَالَ يَا رَسُولَ اللَّهِ إِنَّهُ لَيْسَ لِي قَائِدٌ يَقُودُنِي إِلَى الْمَسْجِدِ فَسَأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُرَخِّصَ لَهُ فَيُصَلِّيَ فِي بَيْتِهِ فَرَخَّصَ لَهُ فَلَمَّا وَلَّى دَعَاهُ فَقَالَ: (هَلْ تَسْمَعُ النِّدَاءَ بِالصَّلَاةِ؟) قَالَ: نَعَمْ قَالَ: (فَأَجِبْ) “ [رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިއަހަށް ލޯފަން ބޭކަލަކު ވަޑައިގެން ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ނަމާދުގެ ޖަމާޢަތަށް މިސްކިތަށް ގެންގޮސްދޭނެ މީހަކު ތިމަންނައަށް ލިބިފައެއް ނުވެއެވެ. އެހެންވީމާ ތިމަން ގޭގައި ނަމާދުކުރުމުގެ ހުއްދަ ދެއްވާށެވެ. އެބޭކަލަކަށް ހުއްދަ ދެއްވުމުން އެބޭކަލަކު އެނބުރި ވަޑައިގަތުމުން ޙަދީޘު ކުރެއްވިއެވެ. ނަމާދަށް ބަންގި ގޮވާއަޑު ތިބާއަށް އިވި ވަޑައިގަނޭތޯއެވެ؟ އެބޭކަލަކު ދެންނެވިއެވެ. އާދޭހެވެ. ޙަދީޘުކުރެއްވިއެވެ. އެހެން ވެއްޖެނަމަ ނަމާދުގެ ޖަމާޢަތަށް އިޖާބަ ދޭށެވެ.]

6. سنن النسائي ގައިވާ އެހެން ރިވާޔަތެއްގައިވެ އެވެ. ابن أم مكتوم އަރިއަހުން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. ”أَنَّهُ قَالَ: يَا رَسُولَ اللهِ إِنَّ الْمَدِينَةَ كَثِيرَةُ الْهَوَامِّ وَالسِّبَاعِ قَالَ: ((هَلْ تَسْمَعُ حَيَّ عَلَى الصَّلَاةِ حَيَّ عَلَى الْفَلَاحِ؟)) قَالَ: نَعَمْ. قَالَ: ((فَحَيَّ هَلًا)) وَلَمْ يُرَخِّصْ لَهُ“ [ابن أم مكتوم ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ހަމަ ކަށަވަރުން މަދީނާއަކީ ފާޑުފާޑުގެ ވިހަލާ ސޫފިތަކާއި ޝިކާރަކޮށްގެން ކައިއުޅޭ ނުރައްކާތެރި ޖަނަވާރުތައް ގިނަ ތަނެކެވެ. ޙަދީޘު ކުރެއްވިއެވެ. ތިބާއަށް حَيَّ عَلَى الصَّلَاةِ حَيَّ عَلَى الْفَلَاحِ ގެ އަޑު އިވިލައްވާތޯއެވެ؟] ابن أم مكتوم ދެންނެވި އެވެ. އާދޭހެވެ. ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. އެހިނދު، ނަމާދަށް އަވަސްވެ ގަންނާށެވެ.]

7. އަދިވެސް ابن عباس -رضي الله عنهما- އަރިއަހުން ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ. رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. (( مَنْ سَمِعَ النِّدَاءَ فَلَمْ يَأْتِهِ فَلَا صَلَاةَ لَهُ إِلَّا مِنْ عُذْرٍ)) ”ނަމާދަށް ބަންގި ގޮވާއަޑު އިވި ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވާ މީހަކަށް ޝަރްޢީ ޢުޒުރެއް ނުވާނަމަ އޭނާއަކަށް ނަމާދެއް ނުވެއެވެ.]

8. މި މައުޟޫގައި صحيح مسلم ގައި ބަޔާންވެގެންވާ ރިވާޔަތެއްގައިވެ އެވެ. ޞަޙާބީ عبد الله بن مسعود -رضي الله عنه- އަރިއަހުން ރިވާވެފައިވާ ރިވާޔަތެއްގައި ވެއެވެ.

”مَنْ سَرَّهُ أَنْ يَلْقَى اللَّهَ غَدًا مُسْلِمًا فَلْيُحَافِظْ عَلَى هَؤُلَاءِ الصَّلَوَاتِ حَيْثُ يُنَادَى بِهِنَّ فَإِنَّ اللَّهَ شَرَعَ لِنَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُنَنَ الْهُدَى وَإِنَّهُنَّ مِنْ سُنَنِ الْهُدَى وَلَوْ أَنَّكُمْ صَلَّيْتُمْ فِي بُيُوتِكُمْ كَمَا يُصَلِّي هَذَا الْمُتَخَلِّفُ فِي بَيْتِهِ لَتَرَكْتُمْ سُنَّةَ نَبِيِّكُمْ وَلَوْ تَرَكْتُمْ سُنَّةَ نَبِيِّكُمْ لَضَلَلْتُمْ وَمَا مِنْ رَجُلٍ يَتَطَهَّرُ فَيُحْسِنُ الطُّهُورَ ثُمَّ يَعْمِدُ إِلَى مَسْجِدٍ مِنْ هَذِهِ الْمَسَاجِدِ إِلَّا كَتَبَ اللَّهُ لَهُ بِكُلِّ خَطْوَةٍ يَخْطُوهَا حَسَنَةً وَيَرْفَعُهُ بِهَا دَرَجَةً وَيَحُطُّ عَنْهُ بِهَا سَيِّئَةً وَلَقَدْ رَأَيْتُنَا وَمَا يَتَخَلَّفُ عَنْهَا إِلَّا مُنَافِقٌ مَعْلُومُ النِّفَاقِ وَلَقَدْ كَانَ الرَّجُلُ يُؤْتَى بِهِ يُهَادَى بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِي الصَّفِّ ”

[މާދަމާ މުސްލިމެއްގެ ގޮތުގައިވާ ޙާލު الله އާއި ބައްދަލު ކުރުމަށް އެދޭ މީހާ ފަހެ ފަރުޟު ނަމާދުތަކަށް ގޮވޭ ތަންތާގައި އެނަމާދުތައް ކުރުމަށް ރައްކާތެރިވާށެވެ. އެބަހީ މިސްކިތްތަކަށް ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާށެވެ. ހަމަ ކަށަވަރުން الله ވަނީ ތިޔަބައިމީހުންގެ ނަބިއްޔާއަށް ހިދާޔަތާއި ރަނގަޅުގޮތުގެ މަގުތައް ޝަރުޢު ކުރައްވާފައެވެ. އަދި ނަމާދުތައް ހިމެނިގެންވަނީ ހިދާޔަތާއި އޭގައި ރަނގަޅުގޮތް އެކުލެވިގެންވާ މަގުތަކުގެތެރޭގައެވެ. ތިޔަބައިމީހުން ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވެ ގޭގައި ނަމާދުކުރާ މީހެއްފަދައިން ގޭގައި ނަމާދު ކުރާނަމަ ތިޔަބައިމީހުން ތިޔަބައިމީޔުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިއެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިނަމަ ތިޔަބައިމީހުން މަގުފުރެދިގެން ހިގައިދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިންމީހަކު ގޭގައި ރަނގަޅަށް ވުޟޫކޮށްގެން މި މިސްކިތްތަކުގެ ތެރެއިން މިސްކިތަކަށް ދިއުމަށް ނިޔަތް ގަނެގެން ނިކުމެ އަޅާ ކޮންމެ ފިޔަވަޅަކަށް އެމީހަކަށް ހެޔޮކަމެއް ލިއުއްވައި އަދި އޭނާގެ ދަރަޖައެއް އުފުއްލަވައި އަދި އޭނާގެ ފާފަތަކުގެ ތެރެއިން ފާފައެއް ފުއްސަވާނެވެ. ހަމަ ކަށަވަރުން ތިމަން ބޭކަލުން ދެކެވަޑައިގަތީމެވެ. ނަމާދުގެ ޖަމާޢަތަށް ނުގޮސް ފަސްޖެހިފައި އެމީހެއްގެ ނިފާޤުކަން ބަޔާންވެގެންވާ މުނާފިޤެއް ނޫނީ ނުހުރެއެވެ. ހަމަ ކަށަވަރުން ދެމީހަކު ދެފަރާތުގައި ތިބެގެން އަތުލަފިކޮށްގެން ގެނެސް ޞަފުގައި މީހަކު ބަހައްޓައެވެ.]

އަޚާ އެވެ! މުސްލިމް ފިރިހެނާ އެވެ! ހަށިގަނޑުގައި ވަރުހުރެ، ޞިއްޙަތު ސަލާމަތްވެގެންވާ ޙާލުގައިވެ، ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވާ މީހާއާ މެދުގައި ބުނާނީ ކީކޭ ހެއްޔެވެ؟ ”ތިމަންނަ ގޭގައި ނަމާދު ކުރަމޭ“ ހެއްޔެވެ؟ ފަހެ، މި ބޭކަލުންނާ ބައްދަލުވެއްޖެހިނދު އޭނާގެ މައްޗަށް ނިޞްބަތްކޮށް ވިދާޅުވާނީ ކީކޭ ހެއްޔެވެ؟ މުނާފިގުންގެ ސިފަ ބުނެވިގެންދިއުން އަޥްލާވެގެންނުވޭ ހެއްޔެވެ؟

9. މާތް ނަބިއްޔާގެ އަރިހުން ދަރިވަރުވި، ހިދާޔަތާއި ހެޔޮ މަގުގައި ދެމިތިއްބެވި ބޭކަލުންކަމުގައިވާ އަޞްޙާބު ބޭކަލުން ނަމާދު ޖަމާޢަތުގައި ކުރުމާއި މެދުގައި ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ތެރޭގައި علي بن أبي طالب ވިދާޅުވެފައިވެ އެވެ. ”މިސްކިތުގެ އަވަށްޓެރިޔާއަށް މިސްކިތް ނޫން ތަނެއްގައި ނަމާދުކުރުމެއް ނުވެ އެވެ.“

އެހިނދު ދެންނެވުނެވެ. މިސްކިތުގެ އަވަށްޓެރިޔާ އަކީ ކާކު ތޯ އެވެ؟

ވިދާޅުވި އެވެ. ”ބަންގީގެ އަޑުއިވޭ މީހާ އެވެ.“ صحيح ابن أبي شيبة ٣٤٨٨

މިއަދު މި އަޑު، ބަންގީގެ އަޑު މާލޭގައި ނުވަތަ ރަށްރަށުގައި ނީވޭ ޙާލުގައިވާ އެކަކުވެސް ނުވެ އެވެ.

ޖަމާޢަތް ދޫކޮށްލުމަށް ޢުޛުރުވެރި ޙާލަތެއް ދިމާވެފައިނުވެ ނަމާދު ޖަމާޢަތުގައި ދޫކޮށްލާ މީހާއަކީ ފާފަވެރިވެ، ދީނުގައި އެންމެ ހުތުރުކަންބޮޑު ސިފައިން ސިފަވެގެންވާ ފަރާތެއް ކަމުގައި ދަންނަ އެވެ.

މިސްކިތުގެ ޖަމާޢަތް ދޫކޮށްލާ މީހާއަކީ މުނާފިޤެއް ސިފައިގައި ބަޔާންވުން އެކަމަށް ފުދެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts