އިމާމް ޚުޠުބާދޭހިނދު މިސްކިތައްވަންނަ މީހާ ތަޙިއްޔަތުލް މަސްޖިދް (މަސްޖިދު ސުންނަތް) ނުކޮށް އިށީނުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ހުކުރު ދުވަހު އިމާމް ޚުޠުބާދޭހިނދު ތަޙިއްޔަތުލް މަސްޖިދް (މަސްޖިދު ސުންނަތް) ކުރުމާއި މެދުގައި ބުނަމެވެ.

ފުރަތަމައީ : މިސްކިތަށް ވަންނަ މީހާ، އެއީ ހުކުރު ދުވަސް އަދި އެނޫން ދުވަހެއްގައި ކަމުގައިވީނަމަވެސް އަދި އިމާމް ޚުޠުބާ ދޭހިނދު ކަމުގައިވީނަމަވެސް 2 ރަކުޢަތް ކުރުމަކީ މުޞްތަޙައްބު ކަމެއް ކަމުގައި ބުނަމެވެ.

މިއީ މި މައްސަލައިގައި ފުރަތަމަ ޤައުލެވެ. މި ޤައުލަކީ ޖުމްހޫރު ޢިލްމުވެރިންގެ އިތުރުން މި ޒަމާނުގެ ޢިލްމުވެރިން ތެރެއިން ابنِ عُثيمين އިޚްތިޔާރު ކުރައްވާ ގޮތެވެ. އަދި ގިނަ ޙަދީޘްތަކެއް މައުޟޫގައި ދަލީލު ކުރެ އެވެ. އޭގެ ތެރޭގައި جَابر بن عبد الله رضي الله عنه- ވިދާޅުވި އެވެ.

(دخَل رجلٌ يومَ الجمُعةِ، والنبيُّ صلَّى اللهُ عليه وسلَّم يَخطُبُ، فقال : أصلَّيتَ. قال : لا، قال : قُمْ فصَلِّ ركعتَينِ) ”ނަބިއްޔާ ﷺ ހުކުރު ދުވަހު ޚުޠުބާ ދެއްވަން ހުންނަވަނިކޮށް މީހަކު މިސްކިތަށްވަނެވެ. ޙަދީޘް ކުރެއްވި އެވެ. ތިބާ ނަމާދު ކޮށްފިން ހެއްޔެވެ؟ އެމީހަކު ދެންނެވި އެވެ. ނޫނެކެވެ. ޙަދީޘް ކުރެއްވި އެވެ. ތިބާ ތެދުވާށެވެ. އަދި 2 ރަކުޢަތް ނަމާދެއް ކުރާށެވެ.“ صحيح البخاري 931

ދެން މި މައްސަލައިގެ ދެވަނަ ޤައުލަކީ އެއީ ވާޖިބެއް ކަމުގައި ވުމެވެ. އެފަދައިން ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި އިމާމް الشَّوكاني އާއި އެނޫންވެސް މުޙައްޤިޤުން ހިމެނިވަޑައިގަންނަވަ އެވެ.

ނަބިއްޔާ ހުކުރު ޚުޠުބާ ދެއްވަން ހުންނަވަނިކޮށް މިސްކިތައް ވެންނެވި ޞަޙާބީއަކަށް ވިދާޅުވި ބަސްފުޅެވެ.

އަދި އަމުރުފުޅު ކުރެއްވުމުން އޭގެ ވާޖިބުކަން ބަޔާންވެގެންދެ އެވެ.

އަދި އެހެން ރިވާޔަތެއްގައިވެ އެވެ. جَاءَ سُلَيْكٌ الْغَطَفَانِيُّ يَوْمَ الْجُمُعَةِ، وَرَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَخْطُبُ، فَجَلَسَ، فَقَالَ لَهُ: يَا سُلَيْكُ، قُمْ فَارْكَعْ رَكْعَتَيْنِ، وَتَجَوَّزْ فِيهِمَا، ثم قال: إِذَا جَاءَ أَحَدُكُمْ يَوْمَ الْجُمُعَةِ، وَالْإِمَامُ يَخْطُبُ، فَلْيَرْكَعْ رَكْعَتَيْنِ، وَلْيَتَجَوَّزْ فِيهِمَا) مسلم 875 ރަސޫލާ ﷺ ޚުޠުބާ ދެއްވަން ހުންނަވަނިކޮށް سُلَيْكٌ الْغَطَفَانِيُّ މިސްކިތަށް ވަދެވަޑައިގެން އިށީނދެވަޑައިގެންނެވި އެވެ. ފަހެ، އެހިނދު ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. އޭ سُلَيْكٌ އެވެ. ތެދުވެވަޑައިގަންނަވާށެވެ. އަދި 2 ރަކުޢަތް ކުރައްވާށެވެ އަދި ލުއިކޮށް ކުރުން ހުއްޓެވެ. އެއަށްފަހު ހަދީޘްފުޅު ކުރެއްވި އެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރު ނަމާދަށް އަންނަހިނދު، އިމާމް ޚުޠުބާދޭން ހުރެއްޖެނަމަ، އޭނާ ލުއިކޮށް ދެ ރަކުޢަތް ކުރާށެވެ.“

އެހެންވުމުން ބައެއް މުޙައްޤިޤުން ވިދާލުވެފައިވަނީ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މިފަދައިން ވިދާޅުވެފައިވުމުން އެއީ ވާޖިބެއްކަމުގައި ދަލީލު ކުރެވެ އެވެ.

ތިންވަނައީ : އިމާމް ޚުޠުބާދޭ ގަނޑީގައި ވަންނަ މީހާ އިށީނުމަށް ބުނެފައިވާ ބުނުމެވެ. މި ޤައުލު المَالكية އަށް ނިޞްބަތްވެފައިވެ އެވެ. ދަންނަ އެވެ. މި މައްސަލައިގައި މާލިކީންނަށް ވަނީ ކުށް ކުރެވިފަ އެވެ. ޙައްޤަށް ވާޞިލްވުމަށް މަސައްކަތް ކުރުމާއެކު ކުށް ކުރެވުނީ އެވެ. އެހެނިހެން ޚިލާފީ މައްސަލަތަކުގައިވެސް އުޛުރުތަކާ އެކުގައި ކުށް ކުރެވޭ ފަދައިންނެވެ.

ވުމުން، މި މައްސަލައިގައި ޞައްޙަ ޤައުލަކީ ހަދީޘްތަކުގައި ވާރިދުވެފައިވާ ޞަރީޙަ ދަލީލުިތަކުގެ މައްޗަށް ބިނާކޮށް ބަސް ބުނުމެވެ. އިމާމް ޚުޠުބާ ދިނުގައިވީނަމަވެސް މިސްކިތަށް ވަދެއްޖެމީހާ 2 ރަކުޢަތް ކުރުމަށް ފަހުގައި މެނުވީ މިސްކިތުގައި އިނށީނދެގެންނުވާނެ ކަމުގައި ބުނެފައިވާ ބުނުމަކީ އެންމެ ޢަދުލުވެރި ޤައުލުކަމުގައި ވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply