މުސްކުޅިވެ ހަނދާންބަލިވާނަމަ ނަމާދު އަދި ރޯދަ ހިފުން އޮތީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ބައްޕައަށް ދިމާވެފައިވާ ޙާލަތަށް ﷲ ޙަޟުރަތުން ހެޔޮ ގޮތް މިންވަރު ވުމަށް އެދެމެވެ. ބައްޕައަށް އެކަމުގައި ﷲ ހިތްވަރު ދެއްވާނދޭވެ.
އަޚާ އެވެ! ސުވާލުގައި ޛިކުރުކޮށްފައިވާ ބަލި މީހާގެ ޢަމަލުތަކުން ދަލީލުކޮށްދެނީ ބުއްދި ސަލާމަތުން ހުރި ކަމަވެ.
ބައްޕައަށް ދަރިން ފެނުނީމަ އެއީ ”ތިމަންމނަގެ ބައްޕަ“ އަނބިމީހާ ފެނުމުން ”އެއީ އަހަރެމެންގެ މަންމަ“ މިފަދަ ބަސްތައް ބުނޭ ހެއްޔެވެ؟
މިއީ ބުއްދި ފިލައިފައިވާ ކަން ދަލީލުކޮށް ދޭ ކަންތަކެވެ.
އެހެނަސް މިފަދަ ކަމެއް ނެތްނަމަ، ބަޔާންވެގެންވަނީ ބައްޕައަކީ ބުއްދި ސަލާމަތުންހުރި ފަރާތެއް ކަމެވެ.
އެހިނދު ނަމާދު ތައް ކުރުމަށް އޮތް ސިފަ މިތަނުގައި ބަޔާން ކުރަމެވެ.
ނަމާދު : ހަނދާންނެތުމުގެ ކަންތަކަކީ ވަރަށްވެސް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ބައްޕައަށްވެސް ދިމާވެފައިވަނީ ހަނދާންނެތުން -ﷲ ބައްޕަގެ މި ބައްޔަށް އަވަސް ޝިފާ ދެއްވާށި- ނަމާދުގައި ޙައްލު ކުރާނެ ގޮތެއްވެ އެވެ.
އެއީ ބައްޕަ ގޮވައިގެން އަބަދުވެސް ކޮންމެވެސް އެކަކު ނަމާދު ކުރުމެވެ.
މާނައީ : ބައްޕަ އެކަނި ނަމާދު ނުކުރުމެވެ. އެހެނަސް ބައްޕަ ނަމާދު ކުރާނީ އަބަދުވެސް ޖަމާޢަތް ހަދައިގެންނެވެ. އެގޮތުން ދަރިއެއް އަބަދުވެސް ވަޤުތު ޖެހުމުން ބައްޕައާ އެކު ޖަމާޢަތް ހަދައި ނަމާދު ކުރާނީ އެވެ. އެހިނދު ބައްޕަވާނީ އިމާމްއަށް ތަބަޢަވެ ނަމާދު ކުރާ ފަރާތަކަށެވެ. އެއާއެކު، ހަނދާން ނެތުމުގެ ސަބަބުން ދިމާވާ ކަންތައްތައް ހައްލުވީ އެވެ.
އަޚާ އެވެ! މިފަދައިން އަހަރެމެން މަދީނާގައި ކިޔެވިހިނދު މަދީނާގައިވާ އެންމެ ބޮޑު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނައި ދެއްވުމުގައިވާ العلامة الشيخ عَبد المُحسن العَباد – حفظه الله- ވިދާޅުވެފައިވެ އެވެ.
ދެވަނައީ : ރޯދަ އެވެ. ބައްޕަ ބުއްދި ސަލާމަތުންހުރެއްޖެ ކަމުގައިވާނަމަ ރޯދަ ގެ ތަކްލީފް އޮންނާނެ އެވެ.
އެހެހެނަސް ތަކްލީފް އުފުލުން 2 ގޮތަކަށްވެ އެވެ. ބައްޕައަށް ރޯދައަށް ހުރުމަށް ކުޅަދާނަ ހަށިގަނޑެއް އަދި ޞިއްޙަތެއް ލިބިފައިވުމެވެ. ފަހެ، އެހިނދު ބައްޕައަށް އޮތީ ރޯދަ ހިފުމެވެ.
އަނެއްގޮތަކީ، ބައްޕަ ބުއްދި ސަލާމަތުން ހުރެ، އެހެނަސް ހަށިގަނޑުގައި އެފަދަ ޤާބިލް ކަމެއް ނެތުމެވެ. ނުވަތަ އަބަދުގެ އަބަދަށް، ބޭސް ކަން ޖެހުމުގެ ސަބަބުން ރޯދައަށް ހުރުމުގެ ފުރުސަތު ނެތީ އެވެ.
އެހިނދު ރޯދަ ހިފުން ދޫކޮށް ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދޭނީ އެވެ.
އެއީ ބައްޕައަށް ރޯދައިގެ ތަކްލީފު އުފުލުމަށްއޮތް ސިފަ އެވެ. (ހަނޑުލުން ބަލައިފިނަމަ، ކޮންމެ ރޯދައަކަށް 1.5 ކިލޯ ހަނޑު ނެރޭނީ އެވެ.)
މިއީ މިކަމުގައި އޮތް ތަފްސީލެވެ.
ދުޢާ އަކީ ﷲ ތަޢާލާ ބައްޕަގެ ފާފަ ފުއްސަވައި، ބައްޕައަށް ޙަޔާތަކީ ހެޔޮ ދަރުމައާއި ޘަވާބު ލިބިގެންދާ ޙަޔާތެއް ކަމުގައި ލެއްވުމެވެ. ބައްޕައަށް ދިމާވެފައިވާ ޙާލަތަށް ކެތްތެރިކަން ބައްޕައަށް ލިބިގެން ދިއުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts