ވިތުރި ނަމާދު ދޫކޮށްލުމުގެ ނުބައިކަން
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވިތުރި ނަމާދާއި މެދުގައި ކޮށްފައިވާ ސުވާލަށް ޖަވާބުގައި ބުނަމެވެ.
އަޚުންނާއި އުޚްތުންނޭވެ. ވިތުރި މިހެން ފަސޭހައިން ކަލިމައެއްގެ ގޮތުގައި ކިޔާލި ކަމުގައިވީނަމަވެސް މިއީ މަތިވެރި މަޤާމެއް މާތްކަމެއް ދެވިގެންވާ ނަމާދެކެވެ.
ޝައްކެތްވެސް ނެތެވެ. އެ ނަފްސަކަށް މި ނަމާދުގެ މާތް ކަމާއި، މަތިވެރިކަމާއި، ޤަދަރު އުފުލިފައިވާވަރު މަޢުރިފާވެއްޖެހިނދު މި ނަމާދު ދޫކޮށް، ފަރުވާކުޑަ ނުކުރާނެ އެވެ.
ﷲ ގެ ޙަޟުރަތުން ދުޢާ ކުރަނީ އަޅަމެން އެންމެނަށް މި މާތްވެގެންވާ ހިދާޔަތަށް ހިދާޔަތް ލިބި، ޞާލިޙް ޢަމަލުތަުގައި ޤާއިމްވުމުގެ ތަޥްފީޤު ﷲ ތަޢާލާ އަޅަމެެނަށް ދެއްވުމެވެ.
އެކިއެކި ނުކުތާތަކުން މި ނަމާދުގެ މައްޗަށް ބަޔާން ކުރަމެވެ.
ފުރަތަމައީ : ނަމާދުގެ މާތްކަމާއި މެދުގައި ވާރިދުވެފައިވާ ޙަދީޘް އެވެ. الرسول الله -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ.
(إنَّ اللهَ زادَكم صلاةً، و هي الوترُ، فصلوها بين صلاةِ العشاءِ إلى صلاةِ الفجرِ) ”ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ މައްޗަށް ނަމާދެއް އިތުރުކުރައްވައިފި އެވެ. އެއީ ވިތުރި އެވެ. ފަހެ، ތިޔަބައިމީހުން އެ ނަމާދު ޢިޝާނަމާދާއި ފަތިސްނަމާދު ދެމެދުގައި ކުރާށެވެ.“ އަދިވެސް އެހެން ޙަދީޘެއްގައި ވެ އެވެ.
عَبد الله بِن عَمرو بن العَاص قال : قَال رَسُول الله -صلى الله عليه وسلم- (إِنَّ اللهَ زَادكُم صَلاة، فَحَافِظُوا عَلَيهَا، وَهي الوِتر) عَبد الله بِن عَمرو بن العَاص ވިދާޅުވި އެވެ. رَسُول الله -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. ”ހަމަކަށަވަރުން ﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް ނަމާދެއް އިތުރު ކުރައްވާފަ އެވެ. ފަހެ، ތިޔަބައިމީހުން އެ ނަމާދުގެ މައްޗަށް ރައްކާތެރިވުން ހުއްޓެވެ. އެއީ ވިތުރި އެވެ.“
މިފަދަ ޙަދީޘް ތަކުގެ ސަބަބުން ބައެއް ޢިލްމުގެ އަހުުވެރިން މި ނަމާދަކީ ވާޖިބު ނަމާދެއްގެ ގޮތުގައި ޛިކުރުކޮށްފައިވެ އެވެ. ފަހެ، މިކަމުންވެސް ދޭހަވަނީ މި ނަމާދުގެ މާތްކަމާއި، ޤަދަރުގެ ބޮޑު ކަމެވެ.
މިނަމާދުގެ މާތްކަން ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައި ހިމެނެ އެވެ. عن عبد الله بن بريدة عن أبيه قال: سمعت رسول الله -صلى الله عليه وسلم- يقول «الوتر حق فمن لم يوتر فليس منا الوتر حق فمن لم يوتر فليس منا الوتر حق فمن لم يوتر فليس منا». “ ވިތުރިއަކީ (ކޮންމެ މުސްލިމެއްގެމައްޗަށް އޮތް) ޙައްޤެކެވެ. ވިތުރި ނަމާދު ނުކުރާ މީހާއަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. ވިތުރިއަކީ (ކޮންމެ މުސްލިމެއްގެމައްޗަށް އޮތް) ޙައްޤެކެވެ. ވިތުރި ނަމާދު ނުކުރާ މީހާއަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. ވިތުރިއަކީ (ކޮންމެ މުސްލިމެއްގެމައްޗަށް އޮތް) ޙައްޤެކެވެ. ވިތުރި ނަމާދު ނުކުރާ މީހާއަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. “
ދެވަނައީ : މި ނަމާދާއި މެދުގައި ވާރިދުވެފައިވާ ޞަޙާބީންގެ ބައެއް ބަސްފުުތަކެވެ. عبادة بن الصَّامت އަރިއަހުގައި ވިތުރި ނަމާދާއި މެދު ސުވާލު ކުރެވުނެވެ. އެހިނދު ވިދާޅުވި އެވެ.
”އެއީ ނުހަނު ހެޔޮ، ރިވެތި ޢަމަލެއް ކަމުގައިވެ އެވެ.
ނަބިއްޔާ -صلى الله عليه وسلم- އެ ނަމާދު ކުރެއްވުމުގައި ދެމިހުންނެވި އެވެ. އަދި އެއަށްފަހު މުސްލިމުން އެ ނަމާދު ކުރުމުގައިވި އެވެ. އަދި ވާޖިބު (ނަމާދެއް) ނޫނެވެ.“ އަޚުންނޭވެ! މި ނަމާދަށް ނަބިއްޔާ ހިތްޕުޅުގައި ދެވިފައިވާ މަޤާމުގެ ބޮޑުކަމަކީ، އެއްވެސް ޙާލަތެއްގައި (ދަތުރުވެރިއެެއްގެ ގޮތުގައި އަދި އެނޫން ޙާލަތެއްގައިވެސް) މި ނަމާދު ދޫކޮށް ނުލައްވަ އެވެ.
ތިންވަނައީ : ދީނުގައި މި ނަމާދަކީ ކޮންފަދަ މަޤާމެއް ދެވިގެންވާ ނަމާދެއްކަމެވެ.
شَيْخ الإِسلام ابن تَيْمِيَّة ވިދާޅުވެފައިވެ އެވެ. ”މެންދުރު ނަމާދާއި، މަޣްރިބް ނަމާދު އަދި ޢިޝާ ނަމާދުގެ ސުންނަތަށްވުރެ ވިތުރީގެ ސުންނަތްކަން ގަދަވެގެންވެ އެވެ. އަދި ދުވާލުގައިކުރާ އެންމެހައި ސުންނަތް ނަމާދަށްވުރެ ވިތުރީގެ ސުންނަތް ގަދަވެގެންވެ އެވެ. އެއީ، ޟުޙާ ނަމާދު ކަމުގައިވިޔަސް އެވެ. އަދި ކިޔެއްހެއްޔެވެ! ޤިޔާމުއް ލައިލް އަކީ އެންމެހައި ފަރުޟު ނަމާދުތަކަށްފަހު ހެޔޮކަން ބޮޑުވެގެންވާ ނަމާދެވެ. އެއަށްވުރެންވެސް ވިތުރި ގަދަވެގެންވެ އެވެ. އަދި ފަތިސް ނަމާދުގެ (ސުންނަތް) ދެރަކުޢަތަށްވުރެންވެސް ގަދަވެގެންވެ އެވެ.“
އަޚުންނޭވެ! އުޑުތަކާއި ބިންތަކުގެ މައްޗަށް ތަނަވަސްވެގެންވާ ސުވަރުގެއަށް، އެތަނުގެ ނިޢުމަތްތަކަށް އެދޭ ނަފްސުތައް ކޮބައި ހެއްޔެވެ؟ މި އެންމެހައި ނަމާދުތަކުގެ މައްޗަށް ވިތުރި ގަދަވެގެންވާ ކަމެވެ. އެހެނަސް ހިތާމައަކީ މި ނަމާދަށް ހިތުގައި އެފަދަ ޤަދަރެއް ދެވިގެންވަނީ ކޮން ނަފްސެއްގައި ހެެއްޔެވެ؟!
ހަތަރުވަނައީ : މި ނަމަދު ދޫކޮށްލާ މީހާއަކީ ކޮންފަދަ މީހެއްކަމެވެ. الإِمَام أحمد بن حنبل ވިދާޅުވެފައިވެ އެވެ. ”ވިތުރި ގަސްތުގައި އެނގިހުރެ ދޫކޮށްލާ މީހަކީ، ނުބައިވެގެންވީ މީހެކެވެ. އޭނާގެ ޝަހާދަތް (ހެކިބަސް) ޤަބޫލު ކޮށްގެން ނުވާނެ އެވެ.“
މި މައުޟޫގައި الإِمَام شَيخ الإِسلام ابن تَيميَّة ވިދާޅުވެފައިވެ އެވެ. ”އެންމެހައި މުސްލިމުން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ވިތުރިއަކީ ސުންނަތް މުޥައްކަދާއެކެވެ. އެ ނަމާދު ދޫކުރުމުގައި ދެމިހުރެއްޖެ މީހާގެ ހެކިބަހަކީ ރައްދުކުރެވޭނެ ހެއްކެއް ކަމުގައިވެ އެވެ.“
ފަސްވަނައީ : މި ނަމާދުގެ ވަޤުތެވެ. ޙަދީޘްގައިވެ އެވެ. أبو بَصْرَة الغِفَاري قال : قَال رَسُول الله -صلى الله عليه وسلم- (إنَّ اللهَ تعالى زادكم صلاةً وهي الوترُ فصلوها فيما بين صلاةِ العشاءِ إلى صلاةِ الصبحِ) أبو بَصْرَة الغِفَاري ވިދާޅުވި އެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވި އެވެ. ”ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ވަނީ ނަމާދެއް އިތުރު ކުރައްވާފަ އެވެ. އެއީ الوترُ އެވެ. ފަހެ، ތިޔަބައިމީހުން އެ ނަމާދު العشاءِ ނަމާދާއި الصبحِ ނަމާދުގެ ދެމެދުގައި ކުރާށެވެ.“
ވުމުން، ދަތުރުވެރިއެއްގެ ގޮތުގައިވެ، މަޣްރިބް ވަޤުތުގައި މަޣްރިބް އަދި ޢިޝާ ނަމާދު ޖަމްޢުކޮށް ކޮށްފި މީހާއަށް އެވަނީ އެރޭގައި ވިތުރި ކުރުމުގެ ވަޤުތު ފެށިފަ އެވެ.
ހަވަނައީ : މި ނަމާދު ކުރެވޭ ރަކުޢަތްތަކުގެ ޢަދަދެވެ. أبو أيوب الأنصاري قال : قَال رَسُول الله -صلى الله عليه وسلم- (الوتر حق على كل مسلم فمن أحب أن يوتر بخمس فليفعل ومن أحب أن يوتر بثلاث فليفعل ومن أحب أن يوتر بواحدة فليفعل) أبو أيوب الأنصاري ވިދާޅުވި އެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވި އެވެ. ”ވިތުރިއަކީ ކޮންމެ މުސްލިމެއްގެމައްޗަށް އޮތް ޙައްޤެކެވެ. 5 ރަކުޢަތުން ވިތުރި ކުރަން ބޭނުންވާ މީހާ އެގޮތަށް ކުރާށެވެ. 3 ރަކުޢަތުން ވިތުރި ކުރަން އެދޭމީހާ އެފަދައިން ކުރާށެވެ. އަދި 1 ރަކުޢަތުން ވިތުރި ކުރުމަށް އެދޭމީހާ އެފަދައިން ކުރާށެވެ.“ ވުމުން، މިއިން ކޮންމެ ޢަދަދަކަށްވެސް ވިތުރި ކުރުން ހުއްދަވެގެންވެ އެވެ.
. ހަތްވަނައީ : ނަމާދު ކުރާ ސިފަ އެވެ. މިތަނުގައި ބަޔާން މިކުރަނީ 1 ރަކުޢަތުގެ ގޮތުގައި ކުރުމާއި 3 ރަކުޢަތް ގޮތުގައި ކުރުމެވެ. 1 ރަކުޢަތް ގޮތުގައި ކުރުމަކީ، ވިތުރި ކުރުމަށް ނިޔަތްގަނެ، 1 ރަކުޢަތުން ނަމާދުކޮށް އައްތަހިޔާތު ކިޔައި ސަލާމް ދިނުމެވެ. އެއަށްފަހު ނިމުމާއެކު ކިޔުމަށް ވާރިދުވެގެންވާ ޛިކުރު ކިޔުމެވެ. 1 ރަކުޢަތަށް ކުރުމަށްވުރެ އެދެވިގެންވަނީ 3 ރަކުޢަތަށް ކުރުމެވެ. މާނައީ 1 ރަކުޢަތަސް ކުރުން ހުއްދަކަމުގައިވީނަމަވެސް 3 ރަކުޢަތަށް ކުރުން އެދެވިގެންވާ ކަމެވެ. 3 ރަކުޢަތަށް ކުރުމުގައިވާ ސިފައަކީ : صَلاَة الوِتر ތިން ރަކުޢަތުން ކުރުން.
صَلاَة الوِتر ތިން ރަކުޢަތުން ކުރާ މީހާއަށް ދެ ސިފައެއްގައި ކުރުން ހުއްދަވެގެންވެ އެވެ. އެއީ :
ފުރަތަމަ ސިފައަކީ : ދެރަކުޢަތްކޮށްފަ ސަލާމް ދިނުމެވެ. އަދި ވަކިން އެއް ރަކުޢަތް ކުރުމެވެ.
ދެވަނަ ސިފައަކީ : ތިން ރަކުޢަތް އެއްކޮށް ކުރުމެވެ. ތިން ރަކުޢަތް އެކީގައި ކުރުމަށްފަހު އައްތަހިޔާތަށް އިނުމެވެ. ސަބަބަކީ أَبُوهُرَيرة އަރިހުން ރިވާކުރެވިގެންވެ އެވެ. رَسُول الله -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (لاَ تُوتِروا بِثلاثٍ تشبِّهُوا بِصَلاَةِ المَغْرِب) ”މަޣްރިބް ނަމާދާއި އެއްވަތްތަރުކޮށް ތިން ރަކުޢަތުން ތިޔަބައިމީހުން ވިތުރި ނަމާދު ނުކުރާށެވެ.“
ތިން ރަކުޢަތް އެކީގައި ކުރުމަށްފަހު، އެންމެ ފަހު ރަކުޢަތަށްފަހުގައި މެނުވީ އިށީނދެވަޑައި ނުގަންނަވާ ކަމުގައި رَسُول الله -صلى الله عليه وسلم- އަރިހުން ވާރިދުވެގެންވެ އެވެ. أُبَيُّ بن كَعب قال: (كانَ رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ يقرَأُ في الوِترِ ب ﴿سَبِّحِ اسْمَ رَبِّكَ الْأَعْلَى﴾ وفي الرَّكعةِ الثَّانيةِ ب﴿قُلْ يَا أَيُّهَا الْكَافِرُونَ ﴾ وفي الرَّكعةِ الثَّالثةِ ب﴿قُلْ هُوَ اللَّهُ أَحَدٌ ﴾ وَلا يُسلِّمُ إلَّا في آخِرِهنَّ)
أُبَيُّ بن كَعب ވިދާޅުވި އެވެ.
”رَسُول الله -صلى الله عليه وسلم- ވިތުރީގެ ފުރަތަމަ ރަކުޢަތުގައި ﴿سَبِّحِ اسْمَ رَبِّكَ الْأَعْلَى﴾، ދެވަނަ ރަކުޢަތުގައި ﴿قُلْ يَا أَيُّهَا الْكَافِرُونَ ﴾ އަދި ތިންވަނަ ރަކުޢަތުގައި ﴿قُلْ هُوَ اللَّهُ أَحَدٌ ﴾ ވިދާޅުވެ އެވެ. އަދި އެންމެ ފަހު ރަކުޢަތަށްފަހު މެނުވީ އިށީނދެވަޑައެއް ނުގަންނަވަ އެވެ.“
އަށްވަނައީ : ރޭގަނޑުގެ އިރާކޮޅުގައި ވިތުރި ކުރުމަށްފަހު އެރޭގައި ރޭއަުކަން ކުރުމަށް ހޭލެވިއްޖެ މީހާއަށް ރޭއަުކަން ކުރުން ހުއްދަވެގެންވާކަމެވެ. ޞަޙާބީ ޞަޙާބީ رافع بن خديج އަރިއަހުގައި ވިތުރި ނަމާދާ މެދު ސުވާލު ދެންނެވުނެވެ؟
ވިދާޅުވި އެވެ. ”ފަހެ، އަހަރެން ރޭގަނޑުގެ ކުރީކޮޅުގައި ވިތުރި ކުރަމެވެ. އަދި އަހަރެންނަށް ރޭގަނޑުގެ ފަހުކޮޅު ނަމާދުކުރުމުގެ ފުރުޞަތު ލިބިއްޖެހިނދު، ފަތިސްވަޤުތާއި ބައްދަލުވުމަށް ދާންދެން ދެރަކުޢަތުން ދެރަކުޢަތުން ނަމާދު ކުރަމެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.