އަސްމާއުލް-ޙުސްނާ (ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތައް) ދުޢާއެއް ގޮތުގައި ނުވަތަ ޛިކުރެއްގެ ގޮތުގައި ކިޔުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އަސްމާއުލް-ޙުސްނާ ކިޔުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.

ފުރަތަމައީ : ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަކީ ދުޢާއެއް ގޮތުގައި ކިޔުމަށް ދުޢާ އެއް ނުވަތަ ޛިކުރެއްގެ ގޮތުގައި ކިޔުމަށްވާ ޛިކުރެއްވެސް ނޫނެވެ.

ސަބަބަކީ : ވާރިދުވެގެންވާ ޛިކުރުތައް 2 ގިންތިއަކަށް ބެހިގެންވެ އެވެ.

ފުރަތަމަ ގިންތި އަކީ : މުޠްލަޤްކޮށް ވާރިދުވެގެންވާ ޛިކުރުތަކެވެ. (ވަކި ޚާއްޞަ ތަނެއްގައި ވަކި ޢަދަދަކަށް ކިޔުމަށް ބަޔާންވެގެން ނުވާ ގޮތުގައި ވާރިދުވެފައިވާ ޛިކުރުތަކެވެ.)

ދެވަނަ ގިންތި އަކީ : މުޤައްޔަދު ނުވަތަ ޤައިދު ކުރެވިގެންވާ ޛިކުރުތަކެވެ. ވަކި ތަނެއްގައި ވަކި ޢަދަދަކަށް ކިޔުމަށްވާ ޛިކުރުތަކެވެ. މިޘާލަކަށް ފަރުޟު ނަމާދަށް ފަހުގައި ކިޔުމަށް ވާރިދުވެގެންވާ ޛިކުރުތައް، ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެގެންވާ ޛިކުރު، ހެނދުނާއި ހަވީރުގެ ޛިކުރުފަދަ ޛިކުރުތަކެވެ.

ފަހެ، މި ޛިކުރުތައް ކިޔުމުގައި ވާރިދުވެގެންވާ ސިފައިގައި އަދި ޢަދަދުގައި ޤާއިމްވާން ޖެހެ އެވެ. އެބަހީ : ޝަރީޢަތުގައި އެފަދަ ކަނޑައެޅިފައިވަނީ އޭގައި ޙިކްމަތެއްވުމާއި އަދި އަޖުރު ޙާޞިލް ވުމަށް އެފަދައިން ޢަމަލު ކުރުމަށެވެ.

ﷲ ތަޢާލާގެ މާތް މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތައް މި ތަނުގެ ތެރޭގައި ނުހިމެނެ އެވެ.

ދެވަނައީ : ދަންނަ އެވެ. ﷲ ހަނދުމަ ކުރުމުގެ ގޮތުން ކިޔާ ޛިކުރުތަކަކީވެސް އަދި ﷲ އަށް ދުޢާކުރުމުގައި ކިޔާ ދުޢާގެ ކަލިމަތަކަކީވެސް އޭގައި ކޮންމެވެސް މާނައެއް އެކުލެވިގެންވާ ބަސްތަކެކެވެ.

އެފަދައިން ޛިކުރުތަކުގެ ތެރޭގައިވާ لَا إلَهَ إلَّا اللَّهُ ގެ މާނައެއްވެ އެވެ. ”ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަން ކުއްތަން ކުރެވޭ އެހެން އެއްވެސް އިލާހަކު ނުވެ އެވެ.“

سُبْحَانَ اللَّهِ ”ﷲ ތަޢާލާވަނީ އެންމެހައި އުނި، ޢައިބު އެކަށީގެންނުވާ އެންމެހައި ކަންތައްތަކުން ހުސްޠާހިރުވަންތަ ވޮޑިގަންނަވާފަ އެވެ.“

الْحَمْدُ لِلَّهِ ”ހުރިހައި ޙަމްދެއް ޙައްޤުވެގެންވާހުށީ ﷲ ތަޢާލާ އަށެވެ.“

ފަހެ، މިފަދަ އެންމެހައި ޛިކުރުތަކެއްގައި މާނައެއްވެ އެވެ. މާނައެއް ދޭހަވެ އެވެ.

އޭގެ ބަދަލުގައި ހަމައެކަނި މާނައެއް ނެތް، އެއްވެސް އެއްޗެއް އެއިން ދޭހަނުވާ ބަސްތަކަކީ ޛިކުރެއް އަދި ދުޢާއެއްވެސް ނޫނެވެ.

އެގޮތުން ބުނަމެވެ. ދުޢާއެއް ނުވަތަ ޛިކުރެއްގެ ގޮތުގައި، އޭގެއިން މުރާދެއް އަދި މަޤްޞަދެއް ނުނުކުންނަގޮތަށް އަދި ޙާޖަތެއް ފާޅުނުވާގޮތަށް ﷲ ތަޢާލާގެ ރިވެތި އަދި މާތްމަތިވެރިވެގެންވާ ނަންފުޅުތައް ކިޔުމަކީ ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ.

ފަހެ، މި މައުޟޫގައި شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެ ކަލިމަތަކަކީ ފުރިހަމަ (މާނަދޭހަވާ ގޮތުގައި ފުރިހަމަ) ކަލިމަތަކުން މެނުވީ ޛިކުރުން ޝަރީޢަތުގައި ހުއްދަ ކުރައްވާފައެއް ނުވެ އެވެ. (އެފަދަ މިޘާލުތަކުގެ ތެރޭގައި) މިޘާލަކަށް، لَا إلَهَ إلَّا اللَّهُ، އަދި އެފަދަ މިޘާލަކީ اللَّهُ أَكْبَرُ، އަދި އެފަދަ މިޘާލަކީ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ، އަދި އެފަދަ މިޘާލަކީ لَا حَوْلَ وَلَا قُوَّةَ إلَّا بِاَللَّهِ.. ދެންފަހެ، ވަކި އިސްމުފުޅެއް، މިޘާލަކަށް  اللَّهُ، اللَّهُ، ނުވަތަ އެނަންފުޅަށް ނިޞްބަތްކޮށް ކިޔޭ (ޟަމީރެއް) މިޘާލަކަށް هُوَ، هُوَ، މިއީ ﷲ ފޮތުންވެސް އަދި ސުންނަތުންވެސް ޝަރުޢު ކުރައްވާފައިވާ ޢަމަލެއް ނޫނެވެ. އަދި މިފަދައިން މި އުއްމަތުގެ އެއްވެސް ސަލަފުއް ޞާލިޙުންގެ ފަރާތުންވެސް ވާރިދުވެގެންނުވެ އެވެ. އަދި އުއްމަތަށް ފާޅުވި އެބޭކަލުންނަށް އިޤްތިދާވެވޭ އެއްވެސް ބޭކަލެއްގެ ކިބައިން ވާރިދުވެގެންވާ ޢަމަލެއް ނޫނެވެ. އެހެނަސް މިކަންތައް (ޝަރީޢަތަށް ވައްދާފައިވަނީ) ފަހުގެ ޒަމާންތަކުގައި ފާޅުވި މަގުފުރެދިފައިވާ މީހުންނެވެ..“

ވުމުން އަޚާ އެވެ! ހަމައެކަނި ﷲ ގެ ނަންފުޅުތައް ކިޔުން އެއީ އެއްވެސް ގޮތަކަށް ޛިކުރަކަށްވާ ޢަމަލެއް ނޫނެވެ. އަދި އެއީ ދުޢާއެއްގެ ގޮތުގައިވާ ދުޢާއެއްވެސް ނޫނެވެ.

އޭގެ ބަދަލުގައި ﷲ ތަޢާލާގެ ނަންފުޅުތައް ލިޔެ އެ ނަންފުޅުތައް ކިޔައި އެއީ ޛިކުރެއްގެ ގޮތުގައި ހަދައި ޢަމަލުކޮށްފައިވަނީ އިސްލާމް ދީނަށް އަލަށް އުފެދުނު ބާޠިލް މަގުގައިވާ ބައެކެވެ.

ތިންވަނައީ : އަސްމާއުލް-ޙުސްނާ ނުވަތަ ﷲ ތަޢާލާގެ މާތް މަތިވެރި ނަންފުޅުތަކުގެ މައްޗަށް ޢަމަލު ކުރުމަށް ﷲ ވަޙީކުރައްވާފައިވާ މަންހަޖާއި މި ފަދައިން ޢަމަލު ކުރުމާއި ޚިލާފްވެގެންވެ އެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. ( وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ) الأعراف 180 “ އެންމެރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، اللّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ހަޟުރަތަށް ދުޢާ ކުރާށެވެ.“

މި އާޔަތުގައި ބަޔާންވެގެންވަނީ، އަސްމާލުއް ޙުސްނާއިން ﷲ އަށް އަޅުކަން ކުއްތަން ކުރެވޭ ގޮތެވެ. އެއީ އެ ނަންފުޅުތަކުން ދުޢާ ކުރުމެވެ. އެއީ އެއްވެސް ޙާލެއްގައި ހަމައެކަނި މުޖައްރަދު އެ ނަންފުޅުތައް ވަކި ގޮތަކަށް ކިޔުމެއް ނޫނެވެ.

ދުޢާ ކުރުމަކީ، މިޘާލަކަށް ބަލި ޙާލަތު ދިމާވެފައިވާ މީހާ، ﷲ އަށް ދުޢާ ދެންނެވުމުގެ ގޮތުން ”އިބަ އިލާހުއީ الشافي -ޝިފާ ދެއްވާ ފަރާތެވެ- މި އަޅާގެ ބައްޔަށް ޝިފާ ދެއްވާށި އެވެ.“

ހަތަރުވަނައީ : އެއްވެސް ނަންފުޅެއް ވަކި ޢަދަދަކަށް ވަކި ނިޔަތެއްގައި ވަކި ކަމެއް ޙާޞިލްވުމަށް ކިޔުމަށް ބުނެފައިވާ އެންމެހައި ބުނުންތަކަކީވެސް ބާޠިލް އަސްލެތް ނުވާ ދީނަށް އަލަށް ވައްދާފައިވާ ކަންތައްތަކެވެ. މި ޢަމަލުތަކުންވެސް ދުރުހެލިވުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts