ޢާޝޫރާ ވިލޭރޭގައި ކުރުން ޙާއްސަ ނަމާދެއް ވޭތޯއެވެ؟ ނުވަތަ އެދުވަހު ޒީނަތްތެރިވުމާއި، އެ ދުވަހު ޞަދަޤާތް ކުރުންވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

عَاشُوراء ދުވަހު ކުރެވޭ ބިދުޢަތައް :

العلامة الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”މި ދުވަހާ ގުޅޭ ގޮތުން، މިއަދު ދެ ބައިގަނޑެއް ހައްދުފަހަނައަޅައިފައިވެ އެވެ.

ޔަހޫދީންނާއި އެއްފަދަ ވެފައިވާ ބައިގަނޑެކެވެ. އެގޮތުން ޢާޝޫރާ ދުވަހަކީ އެބައިމީހުން އުފާފާޅުކޮށް އެބައިމީހުންނަށް އޮތް ޢީދެކެވެ. އަދި އެދުވަހު އެބައިމީހުން އުފާފާޅު ކުރުމާއި، އަނދުން އެޅުމާއި އަދި ހީނާފަތް އެޅުމާއި، އަނބިންނާއި ދަރިންނަށް ގިނަގޮތްތަކުން ހޭދަކުރުމާއި، ކާބޯތަކެތި ޢާންމުކޮށް ޢާދަކާދައިގެ ގޮތުން ތައްޔާރުކުރާ މިންވަރަށްވުރެ ބޮޑަށް މިދުވަހަށް ޚާއްޞަކޮށް ކާބޯތަކެތި ތައްޔާރު ކުރުމާއި، މިފަދަ ޖާހިލު ޢަމަލުތައް ކުރުން ހިމެނެ އެވެ. ފަހެ މި މީހުން ފަސާދަ، ފަސާދައާ ކުރިމަތި ކޮށްފަ އެވެ. އަދި ބިދުޢަ ވަނީ ބިދުޢައާ ކުރިމަތި ކޮށްފަ އެވެ.

އަދި އަނެއްބައިގަނޑު ވަނީ ޢާޝޫރާ ދުވަހަކީ ހިތާމަ ފާޅުކޮށް ދެރަ ފާޅުކޮށް އަދި ހަށިގަނޑުގައި ތަޅައި ހަށިގަނޑަށް އަނިޔާކޮށް ޢަމަލުކުރުމެވެ. އެމީހުން މިކަންތައް ކުރަނީ الحسن بن علي رضي الله عنهما އަވަހާރަވެގެން ދިއުމުގެ ހިތާމައިގަ އެވެ. އެގޮތުން މިދުވަހު ޖާހިލިއްޔަތުގެ ޝިޢާރުތައް ފާޅުކޮށް، މޭގައި ތެޅުމާއި، ހަށިގަނޑުގައިވާ ފޭރާން ވީދާލުމާއި، ހިތާމައިގެ ޅެން ކިޔުމާއި، އެ ޚަބަރުތައް ތެދުކުރެވޭ ވަރަށްވުރެ ގޮދުކުރެވޭ ޚަބަރުތައް ރިވާކުރުމެވެ. މިކަމުގައި އެބައިމީހުންގެ ޤަޞްދަކީ ފިތުނަވެރިކަމުގެ ދޮރު ހުޅުވާލުމެވެ. އަދި އުއްމަތް ބައިބައިކޮށްލުމެވެ. އަދި މި އެންމެހައި ޢަމަލުތަކަކީ އެމީހަކަށް ތިމަންނަ ކުރަނީ ހެޔޮކަންތައްތަކެއް ކަމުގައި ހީވެ، އެހެނަސް މަގުފުރެދިފައިވާ ޢަމަލުތަކެއް ކަމުގައިވެ އެވެ.

ހަމަކަށަވަރުން ﷲ ވަނީ ސުންނަތުގެ އަހުލުވެރިންނަށް ހިދާޔަތް ދައްކަވާފައެވެ. އެމީހުންގެ ނަބިއްޔާ صلى الله عليه وسلم އަމުރުފުޅު ކުރައްވާފައިވާ ގޮތުގައި ރޯދަ ހިއްޕަވާ ޢަމަލުފުޅު ކުރެއްވެވިއެވެ. އެއީ ޔަހޫދީންނާ އެއްގޮތް ނުވާގޮތުގައެވެ. އަދި (އެ ދުވަހު) ޝައިޠާނާ މީސްތަކުންނަށް އަމުރުކޮށްފައިވާ ބިދުޢަތަކުން އެއްކިބާވި އެވެ. ފަހެ، ﷲ އަށް ޙަމްދާއި މިންނަތް ހުއްޓެވެ.“ رسالة في أحاديث شهر الله المحرم 13.

އިޚްވާނުންނޭވެ! ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި އެނޫން އެއްވެސް އަޅުކަމެއް ކުރުމަކީ އެއްވެސް ދަލީލެއް ނުވާ ކަމެއް ކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވެ އެވެ. އަދި ޢާޝޫރާ ވިލޭރޭގައި އެއްވެސް ނަމާދެއް އަދި އެދުވަހު ޒީނަތްތެރިވުމާއި، އެ ދުވަހު ޞަދަޤާތް ކުރުމާއި، މިއިން އެއްވެސް ކަމަކީ އެއްވެސް ދަލީލެއް ރަސޫލާ صلى الله عليه وسلم ގެ އަރިއަހުން ވާރިދުވެގެންވާ ކަމެއް ނޫނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts