ވުޟޫ ނެތި މުޞްޙަފް ނުވަތަ ހަތިމް އުފުލުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ވުޟޫ ގެއްލިފައިވާ މީހާ މުޞްޙަފްގައި ބީހުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.  

މިތަނުގައި ޙަދަޘަވެރި ވެފައިވާ ފަރާތުގެ މުރާދަކީ ވުޟޫ ކޮށްގެން ނުވަތަ ތަޔައްމަމު ކުރުމުން ޙަދަޘަ އެރިގަނެވޭ ޙާލަތުގައިވާ މީހާ ކަމުގައި ދަންނަންޖެހެ އެވެ.  

ޢިލްމުވެރިން މި މައްސަލައިގައި މަޝްހޫރު ދެ ޤައުލެއްގެ މައްޗަށް ޚިލާފްވަޑައިގެންފައިވެ އެވެ.  

ފުރަތަމައީ : ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އަދި މި ޤައުލަކީ ހަތަރު މަޛްހަބުގެ އިމާމުންވެސް ވިދާޅުވެފައިވާ ގޮތެވެ. އެއީ، ވުޟޫ ނެތް މީހާ މުޞްޙަފުގައި ބީހުން ހުއްދަވެގެން ނުވާ ކަމެވެ.   

މި ޤައުލު ޞަޙާބީންގެ ތެރެއިން ވަރަށްގިނަ ބޭކަލުން ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި علي بن أبي طالب ، عبد الله بن مسعود ، سعد ابن أبي وقاص ، عبد الله بن عمر ، سعيد بن زيد ، އަދި  سلمان الفارسي އަދި އެހެން ބޭކަލުންވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މިބޭކަލުންގެ ބަސްފުޅާއި ޚިލާފަށް އެއްވެސް ބޭކަލެއްގެ ބަސްފުޅެއް ނުވުމެވެ. 

އަދި މި ޤައުލަކީ ތާބިޢީ ބޭކަލުންގެ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލުވެސް މެ އެވެ. އޭގެ ތެރޭގައި عطاء بن أبي رباح ، ابن شهاب الزهري ، الحسن البصري ، طاووس بن كيسـان ، النخعي އަދި މީގެ އިތުރަށް ތާބިޢީ ބޭކަލުންގެ ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އަދި އިސް 7 އިމާމުންގެވެސް ޤައުލެވެ. 

އެބޭކަލުން ދަލީލުގެ ގޮތުގައި ގެންނަވާ ޙުއްޖަތް ތަކުގެ ތެރޭގައި ވެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. (إِنَّهُ لَقُرْآنٌ كَرِيمٌ. فِي كِتَابٍ مَّكْنُونٍ. لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ)  ”ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރުއާންކަން ކަށަވަރެވެ. ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ. ޠާހިރު ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.“  

އަދި އެއީ މި މާނައިގައި ޙަދީޘް ވާރިދުވެގެންވުމެވެ. ޞަޙާބީ عبدالله بن عمر ގެ އަރިހުން ވާރިދުވެގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لا يَمَسُّ القُرآنَ إلَّا طاهِرٌ) ”ޠާހިރު ޙާލުގައިވާ ފަރާތެއް މެނުވީ ޤުރުއާނުގައި ބީހިގެން ނުވާހުއްޓެވެ.“ صحيح الجامع 7780 

މި ދަލީލުތަކުން ޢިލްމުވެރިން ދަލީލުކޮށްފައިވަނީ، އެގޮތުން ބޮޑު ޙަދަޘަ އަދި ކުޑަ ޙަދަޘަ ވެރިވެފައިވާ އެއްވެސް ފަރާތަކަށް ޤުރުއާނުގައި ބީހުން މަނާވެގެންވާ ކަމެވެ.  

މި ނޫން ދަލީލުތައްވެސް އެބޭކަލުން ގެންނަވާފައިވެ އެވެ.   

އެހެނަސް ހުރަހެއް ބޭނުން ކޮށްގެން، މި ޘާލަކަށް ފޮތިގަނޑެއްފަދަ އެއްޗެއް ގެ ފުރަގަހުން ބީހުމުގައި މައްސަލައެއް ނެތެވެ.  

މި ޤައުލު ޛިކުރު ކުރައްވާ ބައެއް އިމާމުންނާއި އަދި ފުޤަޙާއިން ބަޔާންކޮށްފައިވާ ބަސްފުޅު ތަކުގެ ތެރޭގައިވެ އެވެ. شيخ الإسـلام ابن تيمية ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، މުޞްޙަފުގައި ބީހުން، އޭގެ ޞައްޙަ ގޮތަކީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލުގައިވާ ފަދައިން އޭގައި ބީހުމަށްޓަކައި ވުޟޫ ވާޖިބުވެގެންވުމެވެ.“  مجموع الفتاوى : 21/288  

الحافظ ابن عبد البر ވިދާޅުވެފައިވެ އެވެ. ”ފަތުވާ ދިނުމުގައި އެބޭކަލުންނަށް ރުޖޫޢަވެވޭ އެންމެހައި ބިންތަކުގައިވާ ފަރާތްތައް އިޖްމާޢުވަޑައިގެންފައިވަނީ، ހަމަކަށަވަރުން މުޞްޙަފުގައި ޠާހިރު ޙާލުގައިވާ މީހެއް މެނުވީ ބީހުމެއް ނުވެ އެވެ.“  الاستذكار ، 8/10  

ދެވަނަ ޤައުލަކީ : ޙަދަޘަވެރިވެފައިވާ މީހާއަށް ޤުރުއާނުގައި ބީހުން ހުއްދަވެގެންވެ އެވެ.  

މި ޤައުލުގެ ޢިލްމުވެރިން ވިދާޅުވަނީ، ޤުރުއާނުގައި ވުޟޫ ނެތް މީހާ ބީހުން މަނާ ކުރުމަށް އެފަދައިން ދަލީލެއް ވާރިދުވެގެން ނުވާ ކަމެވެ. އަދި އެކަން މަނާ ކުރާ ޢިލްމުވެރިން ގެނެސްފައިވާ ދަލީލުތަކަށް އެބޭކަލުން ޖަވާބު ދެއްވި އެވެ. އެގޮތުން (إِنَّهُ لَقُرْآنٌ كَرِيمٌ. فِي كِتَابٍ مَّكْنُونٍ. لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ)  ”ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރުއާންކަން ކަށަވަރެވެ. ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ. ޠާހިރު ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.“  

މިއާޔަތުގައި ޛިކުރު ކުރެވިގެންވާ ”އެފޮތުގައި“ ގެ މުރާދަކީ ލަޥްޙުޟް މަޙްފޫޟް ކަމެވެ. އެތަނުގެ މުރާދަކީ ޤުރުއާން ނޫން ކަމެވެ. އަދި ޠާހިރުވެގެންވާ މީހުން ގޮތުގައި އާޔަތުގައި ބަޔާންވެގެންވަނީ، އޭގެ މުރާދަކީ ، މަލާއިކަތުންނެވެ.  

(لا يَمَسُّ القُرآنَ إلَّا طاهِرٌ) ”ޠާހިރު ޙާލުގައިވާ ފަރާތެއް މެނުވީ ޤުރުއާނުގައި ބީހިގެން ނުވާހުއްޓެވެ.“ މިތަނުގައި ވާ ”ޠާހިރު“ ގެ މުރާދަކީ ކުރުފުން ޠާހިރުވުން އަދި ޙަދަޘުން ޠާހިރުވުންވެސް މާނަ ކުރެވުމެވެ.  

ވުމުން، ދެމާނަ، ދޭހަވާހިނދު، އޭގެ އެއްމާނައިގެ މައްޗަށް މީސްތަކުންގެ މައްޗަށް ލާޒިމް ނުކުރެވޭނެ ކަމަށް އެބޭކަލުން ވިދާޅުވެ އެވެ.  

ފަހެ، ޚުލާޞާކޮށް ބުނަމެވެ. މައްސަލައިގައި ޚިލާފް އޮތް ކަމުގައިވީނަމަވެސް، ދަލީލުތަކުން ފާޅުވެގެންވާ އަދި ރައްކާތެރި ކަމުގެ ޤައުލަކީ ޞަޙާބީން އަދި ތާބިޢީން ގެ ޖުމްހޫރު އަހުލުވެރިންގެ ޤައުލެވެ. އެއީ ވުޟޫ ނެތް މީހާ، ޙަދަޘަވެރިޔާ މުޞްޙަފުގައި ބީހުން މަނާވެގެންވާ ކަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts