badhalu hajj kohdhinun

ޕޯލިޔޯޖެހިފައިވާ ނުހިނގޭ މީހަކަށް ބަދަލު ޙައްޖު ކޮށްދެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ބައްޔެއް ދިމާވެ އެ ބަލީގެ ސަބަބުން އެމީހަކު ޙައްޖު ނުކޮށް އެހެން މީހަކު ޙައްޖު ކުރުމަށް ފޮނުވުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ޢިލްމުވެރިން ދަލީލުތަކުން އިސްތިޣްރާކޮށް ނެރެފައިވާ ޙުކުމްތަކުން ބަޔާންވަނީ، ބަދަލުގައި އެހެން މީހަކަށް ހައްޖު ކޮށްދެވޭނެ ފަރާތްތަކަކީ :

އެބައެއްގެ މައްޗަށް ބަދަލުގައި حَجُّ ކޮށްދިނުމާއި عُمْرَة ކޮށްދިނުން ވަނީ 3 މީހެއްގެ މައްޗަށެވެ.

1. މަރުވެފައިވާ މީހާ،

2. ދަތުރުފަތުރު ކުރުމަށް ކުޅަދާނަވެގެންނުވާ ދުވަސްވެ މުސްކުޅި ބަލީގައި އޮތް މީހާ، (މުސްކުޅި ބަލީގެ ސަބަބުން މީހެއްގެ އެހީތެރި ކަމާ އެކުގައިވެސް ދަތުރުފަތުރު ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާ އެވެ.)

3. އަދި ބަލިވެ އެބަލިން ޝިފާ ލިބޭނެކަމުގެ އުއްމީދު ކެނޑިފައިވާ މީހާ އެވެ. (މާނައީ : އެބަލީގެ ސަބަބުން އުއްމީދުކެނޑި، ދަތުރުވެސް ނުކުރެވޭ ޙާލަތަށް ވެއްޓިފައިވާ މީހާ އެވެ.)

މިފަދަ ޙާލުގައި ވެއްޖެ މީހަކަށް ބަދަލުގައި ޙައްޖުކޮށްދެވޭނެކަން ދަލީލު ކުރެވޭ ޞައްޙަ ޙުއްޖަތް ތަކުގެ ތެރޭގައި އަންނަނިވި ދަލީލު ހިމެނެ އެވެ.

أن امرأة قالت: يا رسول الله! إن فريضة الله في الحج أدركت أبي شيخاً كبيراً لا يثبت على الراحلة أفأحج عنه؟ قال: حجي عنه

ހަމަކަށަވަރުން އަންހެނަކު الله ގެ ރަސޫލާ އަރިހުގައި ދެންނެވި އެވެ. ހަމަކަށަވަރުން الله (އެ އިލާހުގެ އަޅުތަކުންގެ މައްޗަށް) ޙައްޖު ފަރުޟު ކުރެއްވައި އަހުރެންގެ ބައްޕަ ބައްދަލު ކޮށްފައިވަނީ ނުހަނު މުސްކުޅި ޙާލުގައި ،ސަވާރީ މަތީގައި ޘާބިތުވެ ނުއިށީނދެވެ އެވެ. (އެބަހީ : ދަތުރުފަތުރު ކުރުމުގެ ކުޅަދާނަކަން ނެތް ޙާލުގަ އެވެ. )

އަހުރެން ނަށް ބައްޕަގެ މައްޗަށް ހައްޖުކޮށްދެވިދާނެ ތޯ އެވެ. (ހަދީޘް ކުރެއްވި އެވެ) ކަމަނާ ޙައްޖު ކޮށްދޭށެވެ.

އަދި عَبْدُاللّه بُنُ عَبَّاسٍ رضي الله عنهما ގެ حَدِيْث ގައިވާ ފަދައިންނެވެ. ވިދާޅުވިއެވެ. (سمع النبي صلى الله عليه وسلم رجلاً يقول: لَبَيْكَ عَن شُبْرُمَة، فَقَالَ: حَجَجْتَ؟ فقال: لا، فقال: حج عن نفسك ثم حج عن شبرمة) ”ނަބިއްޔާ އަށް މީހަކު ”لَبَّيْكَ عَنْ شُبْرُمَة“ ކިޔާ އަޑުއިވިވަޑައިގެންނެވި އެވެ. އެހިނދު حَدِيْث ކުރެއްވިއެވެ. ”ތިބާގެ އަމިއްލަ ނަފްސަށް حَجُّ ކޮށްފިންހެއްޔެވެ؟“ އެމީހަކު ދެންނެވިއެވެ. ”ނޫނނެކެވެ.“ حَدِيْث ކުރެއްވިއެވެ. ”ތިބާގެ އަމިއްލަ ނަފްސަށް حَجُّ ކުރުން ހުއްޓެވެ.“ އެއަށްފަހު شُبْرُمَة އަށް حَجُّ ކޮށްދޭށެވެ.“

ފަހެ މި حديث ން ދަލީލުކުރެވޭ ކަންތައްތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް حَجُّ ކޮށްފައި ނުވާ މީހާއަށް އެހެންމީހަކަށް ބަދަލުގައ حَجُّ ނުކޮށްދެވޭނެކަން ދަލީލު ލިބެއެވެ.

ދަންނަ އެވެ. ސުވާލުގައި ބުނެފައިވާ ޕޯލިޔޯ ބަލީގައި ހުރި މީހާއަށް ފަހަރެއްގައި އެއީ ހިނގާ އުޅުމުގެ ކުޅަދާނަކަން ލިބިގެންވާ ފަރާތެއް ނުވުން އެއީ އެކަމުގައި ސުވާލު އުފެދިފައިވާ ސަބަބު ކަމުގައިވެދާނެ އެވެ.

މާނައީ : އަމިއްލައަށް ނުހިގުނު ކަމުގައިވީނަވެސް އެހެން މީހެއްގެ އެހީތެރި ކަމާއެކު މައްކާއަށް ދިއުމާއި އަދި ހައްޖުގެ އަޅުކަމުގެ ބައިތައް އަދާ ކުރުމުގެ ޤާބިލްކަން އެބަހުއްޓެވެ.

މިޘާލަށް ގޮނޑިއެއްގައި އިދެގެން އެހެން މީހެއްގެ އެހީތެރިކަމާއި އެކުގައި ކުރުމެވެ.

ފަހެ، އެހިނދު މިފަދަ މީހާއަށް އެހެން މީހަކު ބަދަލުގައި ހައްޖުކޮށްދިނުން ހުއްދައެއް ނުވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts