އަމިއްލަ ނަފްސަށް ޙައްޖުނޮކޮށް މައިންބަފައިން ޙައްޖަށް ފޮނުވުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަޚާ އެވެ! އުޚްތާ އެވެ.

އެމީހަކަށް ޙައްޖުގެ އަޅުކަން ކުރުމުގެ ކުޅަދާނަކަން ލިބިފައިވެ، ޙައްޖު ކުރުމުގެ ޝަރުތު ފުރިހަމަވެއްޖެ މީހާއަށް، އެހިނދުން އެހިނދަށް އެ އަހަރުގައި ޙައްޖަށް ދިއުން ވާޖިބުވެއްޖެ އެވެ.

އެފަދައިން ކުޅަދާނަވެއްޖެ މީހާއަށް އޭނާގެ މައިންބަފައިންގެ ސަބަބުން ނުވަތަ އެހެން މީހެއްގެ ސަބަބަބަކަށްޓަކައި ޙައްޖުގެ އަޅުކަން އަދާކުރުން ލަސްކުރުން ހުއްދަވެގެން ނުވާނެ އެވެ.

އޭނާއަށް އޮތީ ޙައްޖުގެ އަޅުކަން އަދާކުރުމަސް އަވަސްވެގަތުމެވެ. މިއީ މިކަމުގައި ދަލީލުތަކުގެ މައްޗަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުގުގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅެވެ.

ޙައްޖަކީ ދީނުގެ ރުކުނެކެވެ. އެއީ ފަރުޟު ޢައިނެކެވެ. އެހެން ވުމުން ފަރުޟު ޢައިނު ވަނީ މައިންބަފައިންގެ ޙައްޖުތަކުގެ މައްޗަށް އިސްވެގެންނެވެ. މިއީ އެއްވެސް މުސްލިމަކު ދެބަސްވާނެ ކަމެއް ނޫނެވެ.

ފަރުޟު ޢައިނުވެގެންވާ ކަމުގެ މައްޗަށް އެހެން ޢަމަލެއް އިސް ނުވާނެ އެވެ.

ﷲ ވަޙީ ކުރެއްވި އެވެ.

ولله على الناس حج البيت من استطاع إليه سبيلا

”މީސްތަކުންގެ ތެރެއިން ﷲގެ ގެކޮޅަށް ގޮސް ޙައްޖުވުމުގެ ކުޅަދާނަކަން ލިބި މަގުފަހިވެއްޖެ ކޮންމެ މީހެއްގެ މައްޗަށް އެކަން ފަރުޟުވެގެންވެ އެވެ.“

ޙަދީޘްގައިވެ އެވެ.

عجلوا الخروج إلى مكة ، فإن أحدكم لا يدري ما يعرض له من مرض أو حاجة

ތިޔަބައިމީހުން ޙައްޖުގެ އަޅުކަމަށް މައްކާއަށް (ދިއުމަށް) އަވަސްވެގަތުން ހުއްޓެވެ. (ކުޅަދާނަކަން ލިބިފައިވާ މީހާ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް އަވަސްވެގަތުން ހުއްޓެވެ.) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އޭނާއަށް ކުރިމަތިވެދާނެ ކަންތައްތަކެއް ނޭނގޭނެ އެވެ. ބައްޔެއް އަދި އެފަދަ ޙާޖަތެއް މެދުވެރިވެދާނެ އެވެ.“

އަޚާ އެވެ. އުޚްތާ އެވެ!

އެމީހަކަށް ޙައްޖަށް ދިއުމަށް ތަނަވަސްކަން ލިބުމުން އެމީހެއްގެ މައްޗަށް އެހިނދު ޙައްޖުގެ އަޅުކަން ވާޖިބުވީ އެވެ.

އޭނާގެ މައްޗަށް އެހިނދު ފަރުޟުވެގެންވާ ފަރުޟު އަޅުކަން ދޫކޮށް އެހެން މީހަކު އެކަމަށް އިސްކުރުން އެއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެއީ އޭނާގެ މައިންބަފައިން ކަމުގައިވީނަމަވެސް އެވެ.

މިކަމުގައި ދަންނަ އެވެ.

އެހެން މީހަކަށް އިސްކަން ދިނުން 3 ބަޔަކަށް ޢިލްމުވެރިން ބައްސަވާފައިވެ އެވެ.

އެންމެ ފުރަތަމައީ :

ވާޖިބު ކަންތައްތަކުގައި އިސްކަން ދިނުމެވެ.

ޙައްޖު އެމީހެއްގެ މައްޗަށް ވާޖިބުވެ، އޭނާއަށް ޙައްޖު ކުރުމަށް ކުޅަދާނަކަން ލިބުމާއެކު، ވީ އެންމެ އަވަހަސް ކުރުމަށް އެމީހެއްގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އެހެން ކަމުން އެހިސާބުން ތިބާގެ ޙައްޤުގައި ވާޖިބުވެފައިވާ ކަމެއް އަދާ ނުކޮށް އެހެން އެއްވެސް މީހަކަށް އެހީތެރި ވުމެއް ނުވެ އެވެ.

އޭނާގެ މައްޗަށް ފަރުޟުވެފައިވާ ވާޖިބުވެފައިވާ ޢަމަލު އެއީ ހައްޖުކަމުގައިވެއްޖެހިނދު، އޭނާ އެ ޢަމަލު ނުކޮށް މައިންބަފައިންނަށް އިސްކަން ދިނުންވެސް ހުއްދައެއް ނުވާނެ އެވެ.

އެހެނަސް ތިބާއަށް ތިބާގެ ވާޖިބު އަދާކުރުމަށް ފުށޫ ނާރާނެހެން، މައިންބަފައިންނަށްޓަކައި ލާރި ޖަމަޢަކުރުމަށް އެހީތެރިވުން އެދެވިގެންވެ އެވެ.

މައިންބަފައިންގެ މައްޗަށް ޙައްޖު ވާޖިބުވި ކަމުގައިވާނީ، ކުޅަދާނަކަން ލިބުމުންނެވެ.

ކުޅަދާނަކަން ނެތިގެން މައިންބަފައިން ހައްޖުކުރުން ފަސްކުރުމަކުން އެ މައިންބަފައިންގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ.

އެހެނަސް ތިބާއަށް ކުޅަދާނަކަން ލިބިފައިވުމުން، ވީ އެންމެ އަވަހަކަށް ޙައްޖުކުރުން ތިބާއަށް ވާޖިބުވެގެން ވުމުން، އެކަން ދޫކޮށް ނުކުރުމުން ތިބާއަށް ފާފަވެރި ވެދާނެކަމަށް ﷲ އަށް ބިރުވެތިވުން ހުއްޓެވެ.

ދެވަނަ ގޮތަކީ :

މުސްތަޙައްބު ކަންތައްތަކުގައި އިސްކަން ދިނުމެވެ. މިޘާލަކަށް ފުރތަމަ ސަފުގައި ނަމާދު ކުރުމަށް އިސްކަން ދިނުމެވެ. މި ޙާލުގައި އަސްލަކީ ހެޔޮ ޞާލިޙް ކަންތައް ތަކުގައި އެކަކު އަނެކަކު ވާދަވެރިވެ އަވަސްވުމެވެ.

އެހެނަސް، އެ އިސްކުރެވޭ މީހަކީ ޝަރަފާއި ޤަދަރުގެ ގޮތުން ތިބާގެ މައްޗަށް މަތިވެރިކަން ލިބިގެންވާ މީހާނަމަ، މިޘާލަކަށް މައިންބަފައިން، އުސްތާޛުން ކަމުގައި ވާނަމަ، އެކަން އެގޮތުގައި ކުރުން ވާނީ އެދެވިގެންވާ ރިވެތި އަޚްލާޤްގެ ތެރެއިންނެވެ.

ތިންވަނަ ޙާލަތަކީ :

ދުނިޔެވީ މުބާޙު ކަންތައްތަ ތަކުގައި އިސްކަން ދިނުމެވެ. ހުރިހައި ޙާލަތެއްގައި މިފަދަ ކަންކަމުގައި އިސްކަން ތިމާގެ އަޚާއަށް އިސްކޮށްލުން އެދެވިގެންވެ އެވެ.

އަމިއްލަ ނަފްސުގެ ދަހިވެތިކަމުން އެއްކިބާވެ ޙާޖަތަށް ބޭނުން ޖެހިފައިވާއިރުވެސް އެހެން މީހަކަށް އިސްކަން ދޭ މީހުންނަށް ﷲ ތަޢާލާ ވަނީ ޤުރުއާނުގައި ޘަނާ ކިޔުއްވާފަ އެވެ.

والذين تبوءوا الدار والإيمان من قبلهم يحبون من هاجر إليهم ولا يجدون في صدورهم حاجة مما أوتوا ويؤثرون على أنفسهم ولو كان بهم خصاصة ومن يوق شح نفسه فأولئك هم المفلحون

އަދި އެބައިމީހުންގެ ކުރީގައި، المدينة ގައި ވަޒަންވެރިވެ، إيمان ކަމުގައި قائم ވެތިބި أنصار ން، އެބައިމީހުންގެ ގާތަށް هجرة ކުރި مهاجر ންދެކެ ލޯބިވެތެވެ. އަދި އެބައިމީހުންނަށް (އެބަހީ: مهاجر ންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: أنصار ން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެބައިމީހުންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ ހަމަ ދިންނަވާނެ މީހުންނެވެ.

ދަންނަންޖެހެ އެވެ.

މިއަދު ޢާންމުކޮށް މިފެންނަ މަންޒަރު ކަމުގައިވާ، ކިތަންމެ ތަނަވަސްކަމެއް އަދި ފައިސާގެ ވަޞީލަތްތައް ލިބިފައިވީނަމަވެސް، ބައެއް ފަހަރު މައިންބަފައިން ބައްޕަ ނުވަތަ މަންމަ، ޙައްޖު ކުރުމަށް އޭނާގެ ތަނަވަސްކަމުން ހޭދަކޮށް އެއަށްފަހު އޭނާ ޙައްޖަށް ދިއުން މިއީ މިކަމުގައި އެދެވިގެންވާ ގޮތެއް ނޫނެވެ.

އޭނާއަށް އޮތީ އޭނާގެ އަމިއްލަ ނަފްސަށް ޙައްޖަށް ދިއުމަށްޓަކައި އިސްކުރުމެވެ.

ﷲ ތަޢާލާ އެތަނަވަސްކަން ދެއްވީ އޭނާއަށެވެ. އޭނާ އަށް އެ ލިބިފައިވާ ތަނަވަސްކަމުން ﷲއަށް ޙައްޤު އަދާކުރުމަށް އިސްވާންޖެހޭނީ އޭނާ އެވެ. އޭނާގެ މައްޗަށް ފަރުޟުވެފައިވާ އަޅުކަން ނުކޮށް އެހެން މީހަކަށް އިސްކަންދޭނީ ކިހިނަކުން ހެއްޔެވެ

ކުރިން ބަޔާންކުރި ގޮތަށް، ތިމާއަށް އޮތީ ތިމާއާ މަތިކޮށްފައިވާ ވާޖިބު އަދާ ކުރުމެވެ. ތިމާއަށް ވާޖިބުވެފައިވާ ވާޖިބެއް ދޫކޮށް ވާޖިބު ނުވާ މީހާއަށް ކޮށްދިނުމަށް ޢަމަލު ކުރާ މީހާ ﷲ އަށް ބިރުވެތިވުން ހުއްޓެވެ.

މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރެފައިވާ ފަތުވާގައިވެ އެވެ.

”ޙައްޖުގެ އަޅުކަމަކީ މުސްލިމް މިނިވަން ބުއްދި ސަލާމަތުންހުރި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ހުރި މީހެއްގެ މައްޗަށް ވާޖިބުވެގެންވާ އަޅުކަމެކެވެ. ޢުމުރުން އެއްފަހަރު މިފަދައިން ޙައްޖު ކުރުން (ފަރުޟުވެ ވާޖިބުވެގެންވެ) އެވެ.

މައިންބަފައިން ވާޖިބު އަދާކުރުމަށް އެމީހަކަށް ކުޅަދާނަވީ ވަރަކުން އެހީތެރިވުން އެއީ ޝަރުޢު ކުރެވިގެންވާ ކަމެކެވެ. އެހެނަސް ތިބާއަށް އޮތީ އެންމެ ފުރަތަމަ އަމިއްލަ ނަފްސަށް ޙައްޖު ކުރުމެވެ. އެއަށްފަހު، މައިންބަފައިންނަށް ޙައްޖުގެ އަޅުކަން އަދާ ކުރުމަށް އެހީތެރިވާނީ އެވެ. (އެބަހީ، އެންމެން އެކުގައި ގޮސް ޙައްޖު ކުރުމުގެ ކުޅަދާނަކަން ނެތިއްޖެނަމަ މިފަދައިންނެވެ.)

ތިބާ ޙައްޖުނުކޮށް މައިންބަފައިން ޙައްޖު ކުރުމަށް އިސްކުރި ކަމުގައި ވިޔަސް އެމީހުންގެ ހައްޖު ޞައްޙަވާނެ އެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply