ދަތުރުވެރިޔާއަށް، އޭނާ ދަތުރުވެރިއެއްގެ ގޮތުގައި މުއްދަތު ދިގުވި ކަމުގައިވީނަމަވެސް 4 ރަކުޢަތުގެ ނަމާދު ކުރުކޮށް 2 ރަކުޢަތަށް ކުރެވޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ދަތުރުވެރިޔާއަށް، އޭނާ ދަތުރުވެރިއެއްގެ ގޮތުގައި މުއްދަތު ދިގުވި ކަމުގައިވީނަމަވެސް 4 ރަކުޢަތުގެ ނަމާދު ކުރުކޮށް 2 ރަކުޢަތަށް ކުރެވޭނެތޯ، މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ : ދަތުރުވެރިޔާއަށް ޤަޞްރު އަދި ޖަމްޢުކޮށް ނަމާދު ކުރުމަށް މުއްދަތެއް ކަނޑައެޅިފައިވޭ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ލިބިއްޖެހިނދު، ކޮށްފައިވާ ސުވާލުގެ ޖަވާބު ފަސޭހައިން ފަހުމްވެގެންދާނެ އެވެ.

މި މައްސަލައިގެ އެންމެ ހެޔޮވެގެންވާ، އަދި ގިނަ ދަލީލުތަކުން ބަޔާންވެގެންވަނީ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ ކަމެވެ. އެކަމުގެ ބައެއް ދަލީލުތައް ޛިކުރު ކުރަމެވެ.

1. ﷲ ވަޙީކުރައްވާފައިވެ އެވެ. وإذا ضربتم في الأرض فليس عليكم جناح أن تقصروا من الصلاة ”ތިޔަބައިމީހުން ބިން މަތީގައި (ދަތުރުވެރިންގެ ގޮތުގައި) ވެއްޖެހިނދުގައި ނަމާދު ކުރުކޮށް ކުރުން ހުއްދަވެގެންވެ އެވެ. އާޔަތުގައިވެސް، މުއްދަތެއް ދަތުރުވެރިޔާއަށް ނަމާދު ކުރުމުގައި ނެތްފަދައިން ސުންނަތުގައިވެސް އެފަދަ މުއްދަތެއް ކަނޑައެޅިފައި ނުވެ އެވެ.

2. ޞަޙާބީ ވިދާޅުވެފައިވެ އެވެ. كان النبي صلى الله عليه وسلم إذا خرج ثلاثة أميال أو فراسخ صلى ركعتين. ނަބިއްޔާ صلى الله عليه وسلم (ގާތްގަނޑަކަށް) 6 ކިލޯ މީޓަރަށް ނުކުންނަވާ 2 ރަކުޢަތަށް ނަމާދު ކުރައްވަ އެވެ. (މާނައީ : ދަތުރުވެރިއެއްގެ ގޮތުގައި ވެއްޖެހިނދު ނަމާދު ލުއިކޮށް ކުރައްވަ އެވެ.)

3. ޚާއްޞަ ދަލީލުތަކަށް ބަލާހިނދު، ނަބިއްޔާ ޙައްޖަތުލް ވަދާޢުގައި 10 ދުވަސް ނަމާދު ކުރުކޮށް ކުރެއްވި އެވެ. އަދި ތަބޫކުގައި 19 ދުވަސް ވަންދެން ނަމާދު ކުރުކޮށް ކުރެއްވި އެވެ.

4. ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު، އުއްމަތަށް ފާޅުވި މުޖައްދިދެއްފަދަ ބޭކަލެއް ކަމުގައިވާ އިމާމް- شيخ الإسلام ابن تَيمية -رحمه الله- މި މައުޟޫގައި ވަރަށްވެސް ފުރިހަމަ ބަސްފުޅެއް ވިދާޅުވެފައިވެ އެވެ. ”އެމީހަކަށް މިކަމުގެ ސުންނަތް ބަޔާންވެދިއުމަށްފަހު އަދި ދަތުރުވެރިޔާ މައްޗަށް 2 ރަކުޢަތް ކުރުން މެނުވީ ނަބިއްޔާ صلى الله عليه وسلم ޝަރުޢުކުރައްވާފައި ނުވާކަމުގެ ޢިލްމު އެމީހަކަށް ބަޔާންވުމުން، އަދި ހަމަ އެފަދައިން (ޝަރުޢީގޮތުން ދަތުރަކަށްވުމަށްޓަކައި) ވަކި ޒަމާނަކަށް (މުއްދަތަކަށް) އަދި ތަނަކަށް (ދިގުމިނަކަށް) ދަތުރުކުރުން އެނަބިއްޔާ صلى الله عليه وسلم ކަނޑަނާޅުއްވާކަމާއި އަދި ދަތުރުކުރުމަށްފަހު މަޑުކުރާތަނެއްގައި ތިން ދުވަސް ނޫނީ ހަތަރު ދުވަސް ނޫނީ 12 ދުވަސް ނޫނީ 13 ދުވަސް ފަދަ ވަކި މުއްދަތަކަށް ޤާއިމްވެ ހުރުން ފަދަ ކަންތައްތައް ޝަރުޢުވެގެން ނުވާކަން އެނގިއްޖެމީހާ ސަލަފުންގެ ތެރެއިން އެތައްބަޔަކު ޤަޞްރު ކުރެއްވި ފަދައިން ޤަޞްރު ކުރާނެ އެވެ. (އެބަހީ : ދުރުމިނަކަށް ބެލުމެއްނެތި، ދަތުރަކަށްވާ ކޮންމެ ދަތުރެއްގައި، ދަތުރު ނިމެންދެން ވަކި މުއްދަތެއްނެތި ޤަޞްރު ކުރުމެވެ.)

އެގޮތުން مَسرُوق އެބޭފުޅާ އެއްގޮތަކަށްވެސް އިޚްތިޔާރުކުރުމަށް ނޭދޭ ވެރިކަމެއްގެ މައްޗަށް އިސްކުރެވުނުހިނދު އެތަނުގައި ހުންނަވައިގެން އަހަރުތަކެއް ވަންދެން ނަމާދު ޤަޞްރު ކުރެއްވި އެވެ.

އެގޮތުން މުސްލިމުން نَهَاوَند މިރަށުގައި 6 މަސް ވަންދެން ޤާއިމްވެ ދެމިތިއްބެވި އެވެ. އަދި އެ މުއްދަތުގައި ނަމާދު ޤަޞްރު ކުރެއްވި އެވެ. އެއީ، އެބައިމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި 4 ދުވަސް ކީއްކުރަން އެއަށްވުރެ ދިގު މުއްދަތެއްވެސް ނުފުދޭކަން އެމީހުންނަށް ކަނޑައެޅިގެން އިނގޭ ޙާލުގަ ޤަޞްރު ކުރެއްވި އެވެ.

ހަމަ އެފަދައިން مَكة ފަޠަޙަ ކުރުމަށްފަހުގައިވެސް ނަބިއްޔާ صلى الله عليه وسلم އަދި ނަބިއްޔާގެ ޞަޙާބީން ގާތްގަނަޑަކަށް 20 ދުވަސް ވަންދެން ނަމާދު ޤަޞްރުކޮށް 10 ދުވަސް ވަންދެން (ދަތުރުވެރިންގެ ގޮތުގައިވެ) ރޯދަތައް ދޫކުރެއްވި އެވެ.

ފަހެ مَكة ފަޠަޙަ ކުރެއްވުމަށްފަހު، 4 ދުވަހަށްވުރެ އިތުރު މުއްދަތަކަށް މައްކާގައި ޤާއިމްވެވަޑައިގެން ހުންނަވަން ޖެހިވަޑައިގަންނަވާނެކަން ނަބިއްޔާ صلى الله عليه وسلم އަށް އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ.

ޤަޞްރު ކުރުމަށްޓަކައި ޝަރުޢުގައި މުއްދަތެއް ކަނޑައަޅެފައި ވުމުގެ އެއްވެސް އަޞްލެއްނެތް ނެތުމުން، ޝަރުޢުވެގެންވަނީ ދަތުރަކަށްވާ ކޮންމެ ދަތުރެއްގައި ނަމާދު ޤަޞްރު ކުރުމެވެ. އެއީ، އެދަތުރު މަތީގައި މަސްތަކެއްވަންދެން (ދަތުރުކޮށް މަޑުކުރިތަނުގައި) ޤާއިމްވެހުރި ކަމުގައިވީނަމަވެސް މެ އެވެ.“

(އިސްވެ ޛިކުރު ކުރެވުނު ابن تَيمية- رحمه الله- ގެ ބަސްފުޅުގައި މުއްދަތެއްނެތްކަން ވަރަށް ސާފުކޮށް ގިނަ މިޘާލުތަކުން އެވަނީ ބަޔާންކުރައްވާފަ އެވެ.)

ދެވަނައީ :

ދަތުރުވެރިއެއްގެ ގޮތުގައި ވެއްޖެހިނދު، ނަމާދު ޤަޞްރުކޮށް ޖަމްޢުކޮށް ކުރުމުގައި އަދި ހަމައެކަނި ޤަޞްރުކޮށް (ހަތަރު ރަކުޢަތުގެ ނަމާދު 2 ރަކުޢަތަށް ކުރުމުގައި) އެއްވެސް ހުރަހެއް ނެތެވެ.

ދަންނަ ހުއްޓެވެ. އެންމެ ހެޔޮވެގެންވަނީ ދަތި، ބުރަ ނޫން ކަމުގައިވާނަމަ ކޮންމެ ނަމާދެއްގެ ވަޤުތުގައި އެ ނަމާދެއް ކުރުމެވެ. 4 ރަކުޢަތް ނަމާދު 2 ރަކުޢަތަށެވެ.

މިއީ އެންމެ ހެޔޮ ގޮތެވެ. ޖަމްޢު ކުރުމަށްވުރެ (ދެނަމާދު އެއްވަޤިތެއްގައި ކުރުމަށްވުރެ) ހަމައެކަނި ޤަޞްރުކޮށްލުން ހެޔޮކަން ބޮޑެވެ. ޖަމްޢު ކުރުންވެސް ހުއްދަ އެވެ.

ބައެއް ޢިލްމުވެރިން ޛިކުރުކޮށްފައިވާ އިތުރު ފައިދާއެއް މިތަނުގައި ބަޔާން ކުރަމެވެ. އެއީ :

ދަތުރުވެރިޔާ ދަތުރު މަތީގައި (އެބައި : ދަތުރު ކުރަމުންދާހިނދު) އޭނާގެ ޙައްޤުގައި އެންމެ ހެޔޮވެގެންވާ ގޮތަކީ މެންދުރާއި އަޞްރު އެއްވަޤުތެއްގައި ކުރުމެވެ. އަދި މަޣްރިބާއި ޢިޝާ އެއް ވަޤުތެއްގައި ކުރުމެވެ.

އެހެނަސް ތަނަކަށް ފައިބައިފި ހިނދު (މިޘާލަކަށް ދާން ބޭނުންވާ ހިސާބަށް ދެވި، އެތަނަށް ފައިބައި އެތަނުގައި އުޅެމުންދަނީ އެވެ.) އެ ޙާލުގައި އޭނާގެ ޙައްޤުގައި އެންމެ ހެޔޮކަންބޮޑީ ކޮންމެ ވަޤުތެއްގައި އެ ނަމާދެއް ކުރުމެވެ. އަދި 4 ރަކުޢަތް ނަމާދުތައް 2 ރަކުޢަތަށް ޤަޞްރުކޮށް ކުރުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts