ތަރާވީޙް ނަމާދުކޮށްފައި ދަމު ނަމާދު ކުރެވޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ : ވަރަށްގިނަ މީހުންނަށް ވިސްނިފައި އޮންނަނީ، ޤިޔާމުލް ލައިލް، ރޭއަޅުކަން، ތަހައްޖުދު އަދި ތަރާވީޙް ނަމާދު އަކި ތަފާތު ނަމާދުތަކެއް ކަމެވެ.

އެހެނަސް ނަންތައް ތަފާތުވި ކަމުގައިވީނަމަވެސް މިއީ އެއް ނަމާދެކެވެ. މި ހުރިހައި ނަންތަކަކީވެސް ކަނޑައެޅިފައިވާ ޚާއްޞަ ވަޤުތެއްގައި ކުރާ ނަމާދަކަށް ކިޔާ ތަފާތު ނަންތަކެކެވެ.

الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޢިޝާ ނަމާދުން އަވަދި ވުމާއެކު ތަރާވީޙް ނަމާދުގެ ވަޤުތު ފެށުނީ އެވެ….. އަދި އެ ވަޤުތު ފަތިސްވަޤުތު ވަންނަންދެން ދެމި އޮންނާނެ އެވެ.“

ވުމުން، މި ވަޤުތު ތެރެއިން ކޮންމެ ވަޤުތެއްގައިވެސް ކުރުން ހުއްދަވެގެންވެ އެވެ.

އަދި ރަމަޟާން މަހުގައި ޚާއްޞަ ސިފައެއްގައި ކުރުމުން، މި ނަމާދަށް ޚާއްޞަ ނަމެއް ”ތަރާވީޙް“ ނަމާދުގެ ނަމުން ނަން ދެވިފައިވެ އެވެ.

ދެވަނައީ : ދަމު ނަމާދު ނުވަތަ ރޭއަޅުކަމުގައި ނުވަތަ ތަޙައްޖުދުގައި ކުރާނީ ކިތައް ރަކުޢަތް ތޯ އެވެ؟

އެންމެ މޮޅު އިތުރުވެގެންވަނީ މާތް ނަބިއްޔާ صلى الله عليه وسلم ކުރެއްވި މިންވަރަށް ކުރުމެވެ.

صحيح البخاري 2013 ގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. أنَّهُ سَأَلَ عَائِشَةَ رَضِيَ اللَّهُ عَنْهَا، كيفَ كَانَتْ صَلَاةُ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ في رَمَضَانَ؟ فَقَالَتْ: ما كانَ يَزِيدُ في رَمَضَانَ ولَا في غيرِهِ علَى إحْدَى عَشْرَةَ رَكْعَةً، ”(ނަބިއްޔާގެ އަނބިކަނބަލުން) عَائِشَةَ رَضِيَ اللَّهُ عَنْهَا، އަރިހުގައި މާތް ނަބިއްޔާ ރަމަޟާން މަހުގެ ރޭއަޅުކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެ ކަމަނާ ވިދާޅުވި އެވެ. ”ރަމަޟާން މަހުގައިވެސް އަދި ރަމަޟާން ނޫން މަސްތަކުގައިވެސް 11 ރަކުޢަތަށްވުރެ ގިނަ ނުކުރައްވަތެވެ.“

ފަހެ، އެހެން ވުމުން މިއީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެންމެ ރިވެތި ވެގެންވާ ނަމޫނާ އެވެ.

އަޚާ އެވެ! މިއީ އެންމެ މޮޅު އިތުރުވެގެންވާ ޢަދަދެވެ. ފަހެ، މި ގޮތުގައި ހިފެހެއްޓުން ހުއްޓެވެ.

ޙަދީޘްއިން ބަޔާންވަނީ، ރަމަޟާން މައްސަރުވުމުން ރަކުޢަތްތައް ކުރައްވާ ޢަދަދު ގިނަ ނުކުރައްވާކަމެވެ. އެހެނަސް އެ ޢަދަދަށް ކުރެއްވުމެވެ.

ވުމުން، އަޚާއަށް އަދި އުޚްތާއަށް މި މިންގަނޑުގައި ހިފެހެއްޓުމަށް ނަޞޭހަތްތެރި ވަމެވެ.

ތިންވަނައީ : 11 ރަކުޢަތް ކުރާނީ ކިހިނެތް ހެއްޔެވެ؟

އެކަމުގައި ޢަމަލު ކުރާނެ އެންމެ މޮޅު އިތުރު ގޮތަކީ، 2 ރަކުޢަތް ކޮށްފައި ސަލާމްދެމުން ގެންދާނި އެވެ. ރޭ އަޅުކަމުގެ ނިޔަތުގައި، އެގޮތަށް 8 ރަކުޢަތް ކުރާނީ އެވެ. ( 2 ރަކުޢަތުން، 2 ރަކުޢަތުން ކުރަމުން ގޮސް 8 ރަކުޢަތް ކުރާނީ އެވެ.) އެއަށްފަހު 3 ރަކުޢަތް ވިތުރީގެ ގޮތުގައި ކުރާނީ އެވެ. ފަހެ އެހިނދު އެއީ ޖުމްލަ 11 ރަކުޢަތެވެ.

މި ނަމާދު އިރާކޮޅުގައި އެއްބައި އަދި މެދުދަމުގައި އެއްބައި އަދި ރޭގަނޑުގެ ފަހު ބައިގައި ވެސް ކުރެވިދާނެ އެވެ.

މި ޢަދަދަށްވުރެ ގިނައިން ކުރުމަށް ނަޞޭޙަތްތެރި ނުވަމެވެ.

ފަހެ، އިމާމްއަށް އެންމެ އެދެވިގެންވާ ގޮތަކީ، ރޭއަޅުކަމުގައި މައުމޫންނާ އެކުގައި 2 ރަކުޢަތުން 2 ރަކުޢަތުން 8 ރަކުޢަތް ކުރެއްވުމަށްފަހު، ވިތުރި އެކުގައި ނިންމާލުމެވެ.

އަދި މައުމޫމެއް ގެ ގޮތުގައި އިމާމަކަށް ތަބަޢަވެ ނަމާދު ކޮށްފިހިނދުވެސް، މި ފަދައިން 11 ރަކުޢަތް ކޮށްފި ހިނދު އެ ރޭގައި ރަކުޢަތްތައް ކޮށް ނަމާދުގެ ގޮތުގައި ކުރާ ރޭ އަޅުކަން ފުރިހަމަވީ ކަމުގައި ބުނަމެވެ.

أبو ذر الغفاري -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވެ އެވެ. އަޞްޙާބު ބޭކަލުން ނަބިއްޔާ صلى الله عليه وسلم އަރިހުގައި ޤާއިމްވެ ތިއްބަވައި ރޭއަޅުކަން ކުރެއްވި އެވެ. އަދި ރޭގަނޑުގެ ބައެއް އޮއްވައި ނަބިއްޔާ ނަމާދު ކުރައްވައި އަވަދިވެވަޑައިގެންނެވި އެވެ. ފަހެ، އެ ރޭގައި ބާކީއޮތް ވަޤުތުގައިވެސް އެ ބޭކަލުންނާއިގެން ނަމާދު ކުރެއްވުމަށް ރަސޫލާ صلى الله عليه وسلم އަރިހުގައި އެހިނދު އަޞްޙާބު ބޭކަލުން ދެންނެވި އެވެ.

އެހިނދު ޙަދީޘް ކުރެއްވި އެވެ. ( إنَّه مَن قام مع الإمامِ حتَّى ينصرِفَ كُتِب له قيامُ ليلةٍ ) ”ހަމަކަށަވަރުން އިމާމް މީހާ ނަމާދުން އަވަދިވެއްޖައުމަށް ދާންދެން، އިމާމާ އެކު ނަމާދުގައި ޤާއިމްވެއްޖެ މީހާއަށް މުޅި ރޭގެ ޤިޔާމުގެ އަޖުރު ލިޔެވިގެންވެ އެވެ.“

މިއީ ކޮންފަދަ އަޖުރެއް ހެއްޔެވެ؟

ފަހެ، އިމާމް ނުވަތަ މައުމޫމެއް އިމާމް ދޫކޮށް ގޮސްފިހިނދު މި އަޖުރު ފާއިތުވެގެންދެ އެވެ.

ވިސްނާލުމަށް ގެނެސްގަތުން ހުއްޓެވެ! އެބޭކަލުން އެދޭކަން ކަށަވަރީ އަދި ރޭގަނޑުގެ ބައެއް އޮތުމުން އިތުރަށް ރަކުޢަތްކޮށް ރޭއަޅުކަމުގައި ދެމިހުރު މަށެވެ.

އެހެނަސް މިއީ އެންމެ މާތް ނަބިއްޔާ އެވެ. އެންމެ ފުރިހަމަ ރިވެތި މިޘާލެއްގެ ގޮތުގައިވާ އުއްމަތަށް އެންމެ ފުރިހަމައަށް ނަޞޭޙަތްތެރިވެވަޑައިގެންނެވި ނަބިއްޔާ އެވެ. އެބޭކަލުން އެފަދައިން އެދި ވަޑައިގެންނެވިހިނދުވެސް އެބޭކަލުންނަށް އިތުރަށް ރަކުޢަތްތައް ކުރުމަށް އިޝާރާތް ނުކުރައްވަ އެވެ.

އެހެނަސް އިމާމްގެ ފަހަތުގައި ފަށައިގެން ނިމުމަށްދާންދެން ޤާއިމްވެ ހުރި މީހާއަށް، މުޅި ރޭއަޅުކަން -އެބަހީ : އެމީހާގެ މިޘާލަކީ ޢިޝާ ނަމާދުން އަވަދިވެ ފަތިސްވަޤުތާއި ޖެހެންދެން އަޅުކަމުގައި ޤާއިމްވެއިން މީހެއްގެ ގޮތުގައި، އެފަދައިން- ލިޔުއްވިގެން ވުމެވެ.

ވުމުން، ތިޔަ ފަރާތަށްވެސް ގިނަ ރަކުޢަތްތަކެއް ކުރުމަށް އިރުޝާދެއް ނުދެމެވެ.

އެހެނަސް ޙަދީޘްގައިވާ ފަދައިން އެއީ އެންމެ ރިވެތި ނަމޫނާ ކަމުގައި ދެކި، އެގޮތުގައި ދެމިހުރުމަށް ނަޞޭޙަތްތެރިވަމެވެ.

ހަތަރުވަނައީ :

11 ރަކުޢަތް ކޮށްފި މީހާއަށް، ރޭއަޅުކަމުގެ ގޮތުގައި އެ ރޭގައި ޤުރުއާން ކިޔެވުމާއި، ދުޢާ ކުރުމާއި ތަސްބީޙަ ކިޔުންފަދަ އެންމެހައި ކަންތައްތަކެއް ކުރެވޭނެ އެވެ. ފަހެ، އެއީވެސް ރޭގަނޑު އަޅުކަމުގައި އިޙްތާ ކުރެވިދާނެ ގޮތްތަކެވެ. އަޅުކަމުގައި ރޭގަނޑު އިޙްޔާ ކުރުމަކީ އެއީ ހަމައެކަނި ރަކްޢަތްތަކެއް ކުރުން ކަމުގައި ކަނޑައެޅިފައި ނުވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts