ޢުމުރާގެ އަޅުކަން އަދާކުރުމަކީ ވާޖިބެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޢުމުރާ ކުރުމުގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ޢުމުރާ ކުރުމުގެ މާތްކަމާއި އަދި އެއީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢަމަލެއްކަމުގައި އެންމެހައި ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެ އެވެ.

އަދި އެއާއެކު، އެއީ ވާޖިބު ޢަމަލެއް ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެ އެވެ.

އެކަމުގެ ތަފްޞީލު ބަޔާން ކުރަމެވެ.

ފުރަތަމައީ : أبو حنيفة އަދި مالك ގެ ބަސްފުޅެވެ. އެއީ ޢުމުރާގެ އަޅުކަމަކީ ވާޖިބު އަޅުކަމެއް ނޫން ކަމާއި މުޞްތަޙައްބުވެގެންވާ އަޅުކަމެއް ކަމެވެ.

މި ޤައުލުގެ މައްޗަށް ބަޔާންކޮށްފައިވާ ދަލީލަކީ އިމާމް الترمذي 931 ގައި ރިވާކޮށްފައިވާ ޙަދީޘެވެ. ޞަޙާބީ جَابِرٍ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ރިވާކޮށްފައިވެ އެވެ. ”ނަބިއްޔާ އަރިހުގައި ޢުމުރާ ކުރުމާއި މެދުގައި ސުވާލު ކުރެވުނެވެ. އެއީ ވާޖިބުކަމެއް ތޯ އެވެ؟ އެހިނދު ޙަދީޘް ކުރެއްވި އެވެ. ”ނޫނެކެވެ. ތިޔަބައިމީހުން ޢުމުރާ ކުރުމަކީ ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ.“

ބުނަމެވެ. މި ޙަދީޘްއަކީ ބަލިކަށި ޙަދީޘެކެވެ. މި ޙަދީޘް ބަލިކަށި ޙަދީޘެއް ކަމުގައި الشافعي ، ابن عبد البر ، ابن حجر ، النووي ، އަދި الألباني ވިދާޅުވެފައިވެ އެވެ.

النووي ”المجموع“ ގައި (7/6) ވިދާޅުވެފައިވެ އެވެ. ”އެންމެހައި ޙުއްފާޟުން މިއީ ބަލިކަށި ޙަދީޘެއް ކަމުގައި އިއްތިފާޤުވަޑައިގެންފައިވެ އެވެ.“

ދެވަނަ ޤައުލަކީ : ޢުމުރާގެ އަޅުކަމަކީ ވާޖިބުވެގެންވާ އަޅުކަމެއް ކަމުގައި ބަޔާންކޮށްފައިވާ ޤައުލެވެ. މި ޤައުލު الشافعي އަދި أحمد ވިދާޅުވެފައިވެ އެވެ. މި ޤައުލު ބަޔާންކޮށްފައިވާ ދަލީލުތައް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި :

1- عائشة -رضي الله عنها- ވިދާޅުވެފައިވެ އެވެ. ރަސޫލާގެ އަރިއަހުގައި ދެންނެވީމެވެ. (يَا رَسُوْل اللهِ! هَلْ عَلَى النِّسَاءِ مِنْ جِهَادٍ؟ قَالَ: نَعَمْ! عَلَيْهِنَّ جِهَادٌ لَا قِتَالَ فِيْه: الحَجُّ وَالعُمْرَة) ”ﷲ ގެ ރަސޫލާއެވެ. އަންހެނުންނަށް ޖިހާދު ކުރުން ވޭތޯއެވެ. (ޙަދީޘްކުރެއްވި އެވެ.) ”އާނއެކެވެ. އެކަނބަލުންގެ މައްޗަށް ހަނގުރާމަ ކުރުމެއްނުވާ ޖިހާދެއްވެ އެވެ. ޙައްޖު އަދި ޢުމްރާ އެވެ.“ މި ޙަދީޘް الإمام أحمد (25322) ابن ماجه (2901) އަދި ابن خزيمة (3074) ރިވާކުރައްވާފައިވެ އެވެ. އަދި الإمام أحمد އަދި ابن ماجه ރިވާކުރައްވާފައިވާ ސަނަދަކީ الشيخين ގެ ޝަރުޠުގެ މަތީގައިވާ ސަނަދެކެވެ. މިޙަދީޘް ބަޔާންކުރެއްވުމަށް ފަހުގައި ابن خزيمة ވިދާޅުވެފައިވެ އެވެ. ރަސޫލާގެ ޙަދީޘް ބަސްފުޅު ކަމުގައިވާ (عَلَيْهِنَّ جِهَادٌ لَا قِتَالَ فِيْه) ”އެކަނބަލުންގެ މައްޗަށް ހަނގުރާމަ ކުރުމެއްނުވާ ޖިހާދެއްވެ އެވެ.“ ”އެކަނބަލުންނަށް އޮތް ޖިހާދަކީ ޙައްޖު އަދި ޢުމްރާ ކުރުމެވެ. ފަހެ، އެހިނދު ބަޔާންވެގެންދަނީ ޙައްޖު ފަދައިން ޢުމްރާ ވާޖިބު ވެގެންވާކަމެވެ. ސަބަބަކީ ޙަދީޘްފުޅުގައިވާ (عليهن) ”ތިޔަކަނބަލުންގެ މައްޗަށް“ (ދަލީލުކުރެެވެނީ) ހަމަކަށަވަރުން ވާޖިބުވެގެންވާ ކަމެވެ. އެއީ ”އަންހެނުންގެ މައްޗަށްވެ އެވެ.“ މިފަދައިން ވާޖިބު ނޫން ސުންނަތްވެގެންވާ ކަމަށް މިގޮތަށް ބުނުން ހުއްދައެއް ނުވާނެ އެވެ.

2- عمر އަރިއަހުން ރިވާކުރެވިފައިވާ جبريل ޙަދީޘްގައި، ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. (الإِسْلاَمُ أَنْ تَشْهَدَ أَنْ لاَ إِلَه إِلاَّ الله وَأَنَّ مُحَمَّداً رَسُوْلُ اللهِ، وَأَنْ تُقِيْمَ الصَّلَاةِ، وَتُؤْتي الزَّكاةَ، وَتَحُجَّ وَتَعْتَمِر، وَتَغْتَسِل مِنَ الجَنَابَةِ، وَأَنْ تَتِمَّ الوُضُوْءَ، وَتصُوْمَ رَمَضَان) ”އިސްލާމް ކަމަކީ ތިބާ لا إله إلا الله އަދި محمداً رسول الله އަށް ހެކިވުމާއި، ނަމާދު ޤާއިމްކުރުމާއި، ޒަކާތް ދިނުމާއި، ޙައްޖު އަދި ޢުމްރާ ކުރުމާއި، ޖުނުބުގެ ޙާލަތުގައި ހިނައިގަތުމާއި، ވުޟޫއު ފުރިހަމަ ކުރުމާއި އަދި ރަމަޟާންމަހުގެ ރޯދަ ހިފުމެވެ.“

ابن خزيمة (3065) ޘިޤާތުންގެ ކިބައިން ޞައްޙަ ސަނަދަކުން ރިވާކުރައްވާފައިވެ އެވެ. އަދި الدارقطني (2/282) މިޙަދީޘް ރިވާކުރައްވާ ވިދާޅުވެފައިވެ އެވެ. ”މި (ޙަދީޘް) ގެ ސަނަދު ޞައްޙަ ޘާބިތެވެ.“

3- أبي رزين العُقيلي ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިއަހަށް ވަޑައިގެން ވިދާޅުވިއެވެ. (يَا رَسُوْلَ الله! إِنَّ أَبِيْ شَيْخٌ كَبِيْرٌ لَا يَسْتَطِيْعَ الحَجَّ وَلاَ العُمْرَة وَلاَ الظَّعْن، قَالَ: حُجَّ عَنْ أَبِيْكَ وَاعْتَمِر) ”ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ ބައްޕައަކީ ދުވަސްވެފައިވާ މުސްކުޅިއެކެވެ. ޙައްޖު އަދި ޢުމްރާ އަދި ދަތުރު ކުރުމަށް ކުޅަދާނައެއް ނޫނެވެ. (ޙަދީޘް ކުރެއްވިއެވެ.) ”ބައްޕަގެ މައްޗަށް ޙައްޖު އަދި ޢުމްރާ ކުރާށެވެ.“ الترمذي (930) ގައި ރިވާކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. ”

މި ޙަދީޘް އަކީ حسن صحيح ޙަދީޘެކެވެ.“

އަދި މިއީ مسلم ގެ ޝަރުޠުގައިވާ ޙަދީޘެކެވެ.

ފަހެ، މި އެންމެހައި ޙަދީޘްތައް ބަޔާންވެގެންވަނީ، ޢުމުރާ ކުރުމަކީ ވާޖިބު ޢަމަލެއް ކަމެވެ.

الشيخ ابن باز-رحمه الله- ވިދާޅުވެފައިވެ އެވެ. ”(ބަސްފުޅުތަކުގެ ތެރެއިން ޙައްޤު ބަސްފުޅަކީ) ޙައްޖު ފަދައިން ޢުމުރުން އެއްފަހަރު ޢުމުރާ ކުރުން ވާޖިބުވެގެންވުމެވެ. “ مجموع فتاوى (16/355)

الشيخ ابن عثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޢުމުރާ ކުރުމުގެ (ޙުކުމުގެ މައްޗަށް) ޢިލްމުވެރިން ޚިލާފްވަޑައިގަންނަވާފައިވެ އެވެ. އެއީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯ އެވެ؟

ފަހެ، ދަލީލުތަކުން ފާޅުވެ ބަޔާންވެގެންވަނީ އެއީ ވާޖިބެއް ކަމުގަ އެވެ.“ الشرح الممتع (7/9)

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply