ޙައްޖުވެރިޔާގެ ޙައްޖުގެ އަޅުކަމާއި ގުޅިފައިވާ طواف الوداع-ޠަވާފުލް ވަދާޢު
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
1- طَوَاف الوَدَاع އަކީ حَجُّ ވެރިޔާ އޭނާގެ حَجُّ ގެ އަޅުކަން އަދާކޮށް ފުރިހަމަކުރުމަށްފަހު، مَكَّة އިން ނުކުތުމުގެ ކުރިން ކުރާ طَوَاف އެވެ.
މި طَوَاف އަކީ حَجُّ ގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ވާޖިބެކެވެ. ޙައިޟުވެރިންނާއި ނިފާސްވެރިން ނޫން ބަޔަކަށް މި طَوَاف ދޫކޮށްލުން ހުއްދަދެވިގެން ނުވެ އެވެ. އެބަހީ، އެ ނޫން އެންމެހައި ފަރާތްތަކުގެ ޙައްޤުގައި މި ޠަފާވް ޙައްޖުގެ އަޅުކަމަށްފަހު ކުރުމަކީ ހައްޖުގެ ވާޖިބު ކަންތައްތަކުގެ ތެރެއިން ވާޖިބެކެވެ.
2. މި ޠަވާފަކީ ވާޖިބު ޢަމަލެއްކަން ބަޔާންވެގެންވާ ދަލީލު ތަކުގެ ތެރޭގައި، ނަބިއްޔާ ﷺ މައްކާއިން ނިކުމެވަޑައިގެންނެވި ހިނދުގައި ވަދާޢީ ޠަވާފް ކުރެއްވި އެވެ.
އަދި ابن عباس رضي الله عنه ގެ حديث ގައިވެ އެވެ. ވިދާޅުވި އެވެ. (أُمِرَ النَّاسَ أَنْ يَكُوْنَ آخِر عَهْدِهِمْ بِالبَيْتِ إِلاَّ أَنَّهُ خُفِّفَ عَنْ الحَائِض) ”މީސްތަކުންނަށް އެބައިމީހުންގެ އެންމެ ފަހު އަމުރަކީ (އަދާކުރާ އެންމެ ފަހު ޢަމަލަކީ) ގެކޮޅުގައި ޠަވާފް ކުރުން ކަމުގައި އަމުރު ކުރެއްވި އެވެ. އެހެނަސް ހައިޟުވެރިންނަށް އެކަން ލުއިކުރެވިގެންވެ އެވެ.“ މި ހަދީޘް البخاري (1755) އަދި مسلم (3220) ރިވާކުރެއްވި އެވެ.
އަދިވެސް ابن عباس رضي الله عنه ގެ حديث ގައި ވެއެވެ. ވިދާޅުވި އެވެ. (كَانَ النَّاسُ يَنْصَرِفُوْنَ فِيْ كُلِّ وَجْهٍ، فَقَالَ رَسُوْلُ الله : لاَ يَنْفِرَّنَ أَحَدٌ حَتَّى يَكُوَن آخِر عَهْدِهِ بِالبَيْتِ) ”މީސްތަކުން އެކި ދިމާލުން މައްކާ ދޫކުރަމުން ދެއެވެ. ފަހެ އެހިނދު ﷲ ގެ ރަސޫލާ حديث ކުރެއްވި އެވެ. އެމީހެއްގެ އެންމެ ފަހުގެ ޢަހުދަކީ ގެކޮޅުގައި ޠަވާފް ކުރުން ކަމުގައި ހެދުމަށްފަހު މެނުވީ ނުކުމެގެން ނުވާނެ އެވެ.“ މި ހަދީޘް مسلم (3219) ރިވާކުރެއްވި އެވެ.
އަދި عائشة i حديث ގައިވެއެވެ. (أَنَّ النبِيَّ ﷺ لَمَّا حَاضَتْ صَفِيَّة قَالَ: حَابِسَتْنَا هِي؟ قَالُوا: يَا رَسُوْل اللهِ! أَفَاضَتْ يَوْمَ الَّنحْرِ، قَالَ: اخْرُجُوا) ”ހަމަކަށަވަރުން صفية ޙައިޟުވުމުން ނަބިއްޔާ ﷺ ހަދީޘް ކުރެއްވިއެވެ. ”އެކަމަނާ އަހަރެމެން مكة ހިފެހެއްޓީތޯއެވެ.“ ފަހެ صفية ޢީދު ދުވަހުގައި طواف الإفاضة ކުރެއްވިކަން އެނގިވަޑައިގެންނެވުމުން حديث ކުރެއްވި އެވެ. (اخرجوا) ”މައްކާއިން ނުކުންވާށެވެ.“މި ހަދީޘް البخاري (1733) އަދި مسلم (3223) ރިވާކުރެއްވި އެވެ.
މި އެންމެހައި ޙަދީޘްތަކުން ދަލީލުކޮށްދެނީ، މި ޠަވާފަކީ ޙައްޖުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ވާޖިބު ޢަމަލެއް ކަމެވެ.
3. ވަދާޢީ ޠަވާފް ކަނޑައެޅިފައިވަނީ ޙައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު، މައްކާއިން ނުކުންނަ މީހާގެ މައްޗަށެވެ. ބައެއް މީހުންނަށް ވިސްނިފައިވާ ގޮތުގައި، އެމީހަކީ އެހެން ޤައުމެއްގެ ރައްޔިތަކަށްވެ، މައްކާއިން މަދީނާއަށް ދިއުމަކުން، މައްކާއިން ޠާއިފްއަށް ދިއުމަކުން ނުވަތަ މައްކާއިގައި ހުރެ ޖިއްދާއަށް ދިއުމަކުން އޭނާ ޠަވާފް ކުރުމެއް ނުވާކަމެވެ.
އޭނާ އެ ޠަވާފް ކުރުންއޮތީ، އަނބުރާ ޤައުމަށް އަންނަން ވުމުންނެވެ.
އެހެނަސް މިއީ ވަރަށްބޮޑު ކުށް ބުނުމެވެ. ނުބައިވެގެންވާ ފަހުމެކެވެ.
އޭގެ ބަދަލުގައި އެމީހެއްގެ ޤައުމަށް އެ ދަތުރު ނުކުރާ މީހެއްކަމުގައިވީނަމަވެސް މައްކާއިން ބޭރަށް ތަނަކަށް ދާނަމަ އެމީހާއަށް އެވަނީ ވަދާޢީ ތަވާފު ކުރުމަށް ވަޤުތު ވަދެފަ އެވެ.
އެގޮތުން، މަދީނާއަށް ޒިޔާރަތް ކުރުމަށް ދާ މީހަކު، އޭނާވެސް ޙައްޖުގެ އަޅުކަމަށްފަހު މައްކާއިން ނުކުތުމުގެ ކުރީގައި ވަދާޢީ ޠަވާފް ކުރުމަށް ވާޖިބުވާނެ އެވެ.
ނުވަތަ މައްކާގައި ހުރެފައި، ޠާއިފް އަށް އެމީހާ ޙައްޖު އަޅުކަމަށްފަހު ދިއުމަށް ބޭނުންވާ މީހާވެސް، މައްކާ ދޫކޮށް ދިއުމުގެ ކުރިން ވަދާޢީ ޠަފާވް ކުރަން ޖެހޭނެ އެވެ.
ހަމަ އެފަދައިން، މައްކާގައި ޙައްޖުގެ އަޅުކަމަށްފަހު، އެމީހެއްގެ ޤައުމަށް އެބުރި ދިއުމުގެ ކުރިން، މަދީނާއަށް ޒިޔާރަތްކޮށް އަދި މައްކާއަށް އެނބުރިއައުމަށްފަހުގައި ޤައުމަށް އަންނަން އޮތް މީހާވެސް، މައްކާއިން ނުކުތުމުގެ ކުރިން ވަދާޢީ ޠަވާފް ކުރަން ޖެހޭނެ އެވެ.
4. ދީނީ ޙުކުމްތަކާއި ޝަރުޢީ ޙައްދުތަކުގެ އިންތައް ނުދަންނަ އަދި ޖާހިލުކަމުގައިވާ ބައެއް ފަރާތްތައް طَوَاف الوَدَاع ކޮށް އަވަދިވުމުން ކުރިމައްޗަށް ވާގޮތަށް ހުރެ ހިނގަމުން المَسْجِد الحَرام އިން ނުކުތުމަށް ބޭނުން ނުވެ އެވެ. އޭގެ ބަދަލުގައި ބައެއް ޖާހިލުން ފުރަގަހަށް ހިނގައި މިސްކިތުން ނުކުންނަ ގޮތަށް ޢަމަލު ކުރެ އެވެ.
ދަންނަ އެވެ. މިއީ މި ޢަމަލަށް سُنَّة ގައި އެކަމަށް އެއްވެސް ދަލީލެއް ނުވެ އެވެ. އަދި އެއީ ދީނަށް އަލަށް ގެނެސްފައިވާ ބިދުޢަ އެކެވެ.
5. ފަހު ނުކުތާއެއްގެ ގޮތުގައި ބުނެމެވެ.
މިއަދު މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ސިފައަކީ، ވަކި ވަޤުތެއް ޢަދި ވަކި ސިފައެއް ބެލުމެއްނެތި ވަދާޢީ ތަވާފްގެ ގޮތުގައި މި ތަވާފް ކޮށްލުމެވެ.
ފަހެ، އެހިނދު އެ ޠަވާފްއަކީ ވަދާޢީ ޠަވާފްކަމުގައި ނުވެ އެވެ. އަދި އެ ޒިންމާ ޢަދާކުރި ކަމުގައިވެސް ނުވާނެ އެވެ.
މި ޒަމާނުގައި ދުނިޔެމަތީގައި ތިއްބެވި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة رَبِيع بن هادِي المدخَلِي -حفظه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ފަތިސް ވަޤުތުގައި މީހަކު ވަދާޢީ ޠަވާފް ކުރި އެވެ. އޭނާ ފުރުން އޮތީ މެންދުރު 12 ޖަހާއިރު އެވެ. އަދި އޭނާ ޠަވާފް ކުރުމަށްފަހު ބާޒާރުން އެއްޗެއް ގަތެވެ. މިފަދަ މީހާގެ މައްޗަށް ކުށެއްވޭ ހެއްޔެވެ؟
ޖަވާބު : ”ޠަވާފުލް ވަދާޢު ކިޔަނީ، ތިބާ އެ ޠަވާފްކޮށް އަވަދި ވުމަށްފަހު މައްކާއިން ނުކުންނަ ހިނދުގަ އެވެ. އެހެނަސް ކުއްލިހަކަށް ޙާޖަތެއް ދިމާވެގެން ބާޒާރުން އެއްޗެއް ގަންނަން ޖެހިގެން އެ އެއްޗެއް ގަތުމަށްފަހު މައްކާއިން ނުކުތުމުގައި ކުށެއް ނެތެވެ.
ދެންފަހެ، ތިބާ ފަތިސް ވަޤުތުގައި ޠަވާފްކުރުމަށްފަހު މެންދުރުފަހުން ފުރުމަކީ (ޠަވާފް ކުރުމަށްއޮތް ސިފައެއް ނޫނެވެ.) މިއީ ކޮށްގެންވާނެ ގޮތެއް ނޫނެވެ.“
ފަތުވާ ނަގާފައިވަނީ : الذريعة إلى بيان مقاصد الشريعة ص 291
ވުމުން، މި ޠަފާވް ކުރުން އޮތީ އެންމެހައި ޢަމަލުތަކެއް ނިމި ދަތުރަށް ތައްޔާރުވެ އެންމެ ފަހުން މައްކާގައި ހުރެގެން ކުރާ ޢަމަލުގެ ގޮތުގަ އެވެ.
ޠަވާފްކޮށް ގެއަށް އަނބުރައިގޮސް ނިދައި ހޭލުމަށް ޤަޞްދު އޮތް މީހާއަށް އޮތީ ނިދައި ހޭލުމަށްފަހު އެންމެ ފަހު ޢަމަލުގެ ގޮތުގައި ޠަވާފް ހެދުމެވެ.
އަދިވެސް ބައެއް މީހުން، ޢަޞްރު ފަހުން މައްކާއިން ފުރުމަށްއޮތްހިނދު، ވަދާޢީ ޠަވާފް ފަތިސްފަހުން ކޮށް އެއަށްފަހު އަނބުރާ ޙަރަމްފުޅަށް (މަސްޖިދުލް-ޙަރަމްއަށް) ނުގޮސް ގޭގައި ނުވަތަ ހޮޓަލުގައި ތިބެ އެވެ. މިއީ ވަދާޢީ ތަވާފް ކަމުގައި ދެކި އެކަމުގެ ޙުކުމް އޮންނަނީ އެފަދައިން ކަމުގައި ޤަބޫލުކޮށްގެންނެވެ.
ޝައްކެތްވެސްނެތެވެ. މިއީ ޠަވާފް ކުރުމަށް އޮތް ސިފައެއް ނޫނެވެ.
މިފަދައިން ޢަމަލު ކުރުމުން އެއީ ޠަވާފް ކުރުން ކަމުގައި ނުވާނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.