|

ނަމާދަށްފަހު ދުޢާ ކުރުމަށް އަތް އުފުލުންވަނީ ބިދުޢަގެ ތެރޭގަތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޖަވާބު : ފަރުޟު ނަމާދަށް ފަހުގައި ދެއަތް އުފުލައި ދުޢާ ކުރުމާ ގުޅޭ ގޮތުން ބުނަމެވެ.

އަޚާ އެވެ! މައްސަލައަކީ ދުޢާ ކުރުމާއި ގުޅޭ މައްސަލައެއް ކަމުގައި ވުމުން، މުހިންމު ނުކުތާއެއް ސުވާލަށް ޖަވާބު ދިނުމުގެ ކުރީގައި ބަޔާން ކުރަމެވެ.

އެއީ ދުޢާ ކުރުން ތިން ބާވަތެއްގައި ޢިލްމުވެރިން ޛިކުރު ކުރައްވާފައިވެ އެވެ.

ފުރަތަމައީ : ނަބިއްޔާ ﷺ އެ ދަނޑިވަޅުތަކުގައި އަތްޕުޅު އުފުއްލަވައި ދުޢާކުރެއްވި ތަންތަނެވެ. ފަހެ އެތަންތަނުގައި އަތް އުފުލައި ދުޢާ ކުރުން ސުނަތްވެގެންވެ އެވެ. މިޘާލަކަށް ޤުނޫތުގައި އަތް އުފުލުމެވެ.

ދެވަނައީ : ނަބިއްޔާ ﷺ އެދަނޑިވަޅުތަކުގައި ދުޢާ ކުރެއްވި އެހެނަސް އަތްޕުޅު އުފުއްލަވާފައި ނުވާ ތަންތަނެވެ. ފަހެ، އެހިނދު ސުންނަތަކީ ދުޢާ ކުރާހިނދު އަތް ނުއުފުލުމެވެ. މިޘާލަކަށް ޠަވާފް ކުރެއްވިހިނދު ދުޢާ ކުރެއްވި އެވެ. އެހެނަސް އަތްޕުޅު އުފުއްލަވާފައި ނުވެ އެވެ.

ތިންވަނައީ : އެ ދަނޑިވަޅުތަކަށް އެއްވެސް އެއްޗެއް ވާރިދުވެފައިނުވާ ދަނޑިވަޅުތަކެވެ. ފަހެ އެހިނދު ދުޢާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި އަތް އުފުލުން އެކުލެވިގެން ވުމުން ދުޢާކުރާހިނދު އަތް އުފުލާނީ އެވެ.

އެއަށްފަހުގައި އޮތީ، ސުވާލަށް ޖަބާވު ދިނުމެވެ. ފަރުޟު ނަމާދަށްފަހު، ދުޢާކުރުން ވަންނަނީ ކޮން ދަނޑިވަޅެއްގެ ތެރެއަށް ތޯ އެވެ؟

އަޚާ އެވެ! މާތް ނަބިއްޔާ ﷺ އަކީ އެ ނަބިއްޔާގެ ޙަޔާތްޕުޅުގައި މީސްތަކުންނާއިގެން އިމާމްވެ ނަމާދު ކުރައްވާ އިމާމް އެވެ. ފަހެ، އެންމެހައި ޞަޙާބީންގެ ކުރިފުޅުމަތީގައި އިންނަވައި ޢަމަލު ފުޅު ކުރައްވާ ގޮތް އެންމެހައި ޞަޙާބީންނަށް ފެނިވަޑައިގަންނަވަ އެވެ. ބައެއް ނުކުތާތައް މިތަނުގައި ބަޔާން ކުރަމެވެ.

  1. ނަމާދުން ސަލާމް ދިނުމާއެކު އިމާމް މައުމީންނާ ދިމާލަށް (ޤިބްލައަށް ފުރަގަސްދިނުމަށްފަހު) އެނބުރިވަޑައިގަންނަވަ އެވެ. އިމާމް مسلم، عائشة رضي الله عنها ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. أنه صلى الله عليه وسلم كان إذا سلم لم يقعد إلا مقدار ما يقول: اللهم أنت السلام ومنك السلام تباركت ذا الجلال والاكرام. ”ހަމަކަށަވަރުން ނަބިއްޔާ ﷺ ފަރުޟު ނަމާދުން އަވަދިވަޑައިގެން ސަލާމްދެއްވައިފި ކަމުގައިވާނަމަ ވަކި ހިނދުކޮޅަކަށް މެނުވީ އިނށީދެވަޑައެއް ނުގަންނަވަ އެވެ. ޤިބްލައަށް ކުރިމަތިލައްވައިގެން އިންނަވަނީ اللهم أنت السلام ومنك السلام تباركت ذا الجلال والاكرام -ވިދާޅުވޭ- މިންވަރަށެވެ. މާނައަކީ އެ މިންވަރަށް އިށީދެވަޑައިގެން އިންނެވުމަށްފަހު، ދެން ޤިބްލައަށް ފުރަގަސް ދެއްވައި މައުމީންނާ ދިމާލަށް މޫނުފުޅު ކުރިމަތި ލައްވަ އެވެ.

އެހެން ވުމުން ސުވާލަކީ : ރަސޫލާ ﷺ އަތްޕުޅު އުފުއްލަވައި ޚާއްޞަ ދުޢާއެއް ކުރައްވާނަމަ އެކަން ނުފެނި، ނޭނގި އޮންނާނެ ހެއްޔެވެ؟ އެނގިގެންދާ އެއްޗަކީ ދުޢާއެއް ކުރެއްވިކަމަށް ބަޔާންވެގެން ނުވުމެވެ. އަދި އެއްްވެސް ގޮތަކަށް ޤިބްލައަށް ކުރިމަތިލައްވަވާ ކަމަށް ވާރިދުވެގެން ނެތުމުންވެސް ބަޔާން ވަނީ ނަބިއްޔާ ފަރުޟު ނަމާދަށްފަހު އަތްޕުޅު އުފުއްލަވައި ދުޢާއެއް ކުރައްވާފައި ނުވާކަމެވެ.

  1. ސަލާމް ދިނުމަށްފަހު ކިޔުމަށް ޚާއްޞަ ޛިކުރެއް އުއްމަތަށް އުނގަންނަވައި ދެއްވި އެވެ. ޞަޙީޙު مسلم، ގައިވެ އެވެ. كانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ، إذَا انْصَرَفَ مِن صَلَاتِهِ اسْتَغْفَرَ ثَلَاثًا وَقالَ: اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ ذَا الجَلَالِ وَالإِكْرَامِ، ނަމާދުން ސަލާމް ދެއްވުމަށްފަހުގައި رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ ވިދާޅުވެ އެވެ. أَسْتَغْفِرُ اللَّهَ ތިންފަހަރަށް އަދި اللهُمَّ أَنْتَ السَّلاَمُ ، ومنكَ السلاَمُ ، تَبَارَكْتَ يَا ذَا الجَلاَلِ وَالإِكْرَامِ ، އަދި ނަމާދަށް ސަލާމް ދިނުމަށްފަހުގައި ކިޔުން ޝަރުޢުވެގެންވާ ޛިކުރުތައް ވިދާޅުވެ އެވެ. لا إلهَ إلاّ اللّهُ وحدَهُ لا شريكَ لهُ، لهُ المُـلْكُ ولهُ الحَمْد، وهوَ على كلّ شَيءٍ قَدير، اللّهُـمَّ لا مانِعَ لِما أَعْطَـيْت، وَلا مُعْطِـيَ لِما مَنَـعْت، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد لا إلهَ إلاّ اللّه, وحدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمد، وهوَ على كلّ شيءٍ قدير، لا حَـوْلَ وَلا قـوَّةَ إِلاّ بِاللهِ، لا إلهَ إلاّ اللّـه، وَلا نَعْـبُـدُ إِلاّ إيّـاه, لَهُ النِّعْـمَةُ وَلَهُ الفَضْل وَلَهُ الثَّـناءُ الحَـسَن، لا إلهَ إلاّ اللّهُ مخْلِصـينَ لَـهُ الدِّينَ وَلَوْ كَـرِهَ الكـافِرون.

އަދި އެއަށްފަހު ”ކޮންމެ (ފަރުޟު ނަމާދެއް ފަހުގައި) سُبحَان الله 33 ފަހަރު، الحَمدُ لله 33 ފަހަރު އަދި الله أَكبر 33 ފަހަރު ކިޔައިފި މީހާ، (އެ ޛިކުރު ކުރެވުނީ) 99 ފަހަރު އެވެ. އަދި 100 ވަނަފަހަރު ފުރިހަމަވުމަށް لا إلَهَ إلَّا اللَّهُ وحْدَهُ لا شَرِيكَ له، له المُلْكُ وله الحَمْدُ وهو علَى كُلِّ شيءٍ قَدِيرٌ ކިޔައިފިމީހާއަށް، އޭނާގެ ފާފަތައް ކަނޑުގެ ފޮނުހާ ގިނަވި ކަމުގައިވީނަމަވެސް، އެ ފާފަތައް ފޮހެވޭ ހުއްޓެވެ.

އަދި އެއަށްފަހު އިޚްޅާޞް ސޫރަތް، އަލް-ފަލަޤް ސޫރަތް، އައް-ނާސީ ސޫރަތް، އާޔަތުލް ކުރުސީ…..

މި ޛިކުރުތައް ކުރައްވަ އެވެ.

ސުވާލަކީ، މި އެންމެހައި ޛިކުރުތައް ކުރެއްވިހިނދު، ނަމާދަށްފަހު އަތް އުފުލައިގެން ކިޔާނެ ޚާއްޞަ ދުޢާއެއް އުނގަންނަވައި ދެއްވާފައި ނުވާކަމެވެ. ފަހެ އެހެން ވުމުން ފަރުޟު ކޮންމެ ނަމާދަށްފަހު، ކިޔުމަށް އޮތް ދުޢާއޭ ބުނުމަށް ދަލީލެއް ކޮބައި ހެއްޔެވެ؟

އަޚާ އެވެ! މި ހުރިހައި ޛިކުރެއް އުނގަންނަވައި ދެއްވިހިނދު، ކިޔުމަށް ޚާއްޞަ ދުޢާއެއް އޮތްނަމަ، ރަސޫލާﷺ އެ ނަބިއްޔާގެ އުއްމަތަށް އެކަން ބަޔާން ނުކޮށްދެއްވާ އޮންނާނެ ހެއްޔެވެ؟ ފަހެ އެހެން ވުމުން ފަރުޟު ނަމާދަށްފަހު ކުރާ ދުޢާއޭ ބުނެފައިވާ ދުޢާއަކީ ޘާބިތު އެއްޗެއް ނޫންކަން އެނގިގެން ދެ އެވެ.

  1. ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކަށް ބަލާހިނދު، ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام العلامة ابن باز رحمه الله ވިދާޅުވެފައިވެ އެވެ. ”ފަރުޟު ނަމާދުގެ ފަހުގައި އަތްޕުޅު އުފުއްލަވާ ދުޢާކުރެއްވިކަން ނަބިއްޔާ ﷺ ގެ އަރިހުން ޞައްޙަވެފައެއްނުވެ އެވެ. އަދި އަހަރެންނަށް ލިބިފައިވާ ޢިލްމުން ނަބިއްޔާގެ ޞަޙާބީންގެ ފަރާތުންވެސް އެކަން ޞައްޙަވެގެންނުވެ އެވެ. ބައެއް މީހުން، ފަރުޟު ނަމާދަށްފަހުގައި އަތްއުފުލައި ދުޢާކުރުމުގެ މި ޢަމަލަކީ އެއްވެސް އަޞްލެއް އެކަމަށް ވާރިދުވެގެންނުވާ ބިދުޢައެކެވެ.“

ފަރުޟު ނަމާދުތަކަށްފަހުގައި ކިޔުމަށް ޚާއްޞަ ޛިކުރުތަކެއްވެ އެވެ. ފަހެ އެ ޛިކުރުތައް ކިޔުން އެއީ ފަރުޟު ނަމާދަށް ފަހުގައި ކަނޑައެޅިފައިވާ ސުންނަތެވެ. އަދި ފަރުޟު ނަމާދަށްފަހުގައި ދުޢާވެސް ކުރެ އެވެ. މިޘާލަކަށް أستغفر الله ”އަޅުގެ ވެރި އިލާހު، މި އަޅާގެ ފާފަ ފުއްސަވައިދެއްވާށެވެ.“ މިއީ ދުޢާއެއް ނޫން ހެއްޔެވެ؟

އެހެނަސް ނަބިއްޔާ ﷺ އަތްޕުޅު އުފުއްލަވާ ދުޢާކުރައްވާފަ އެއް ނުވެ އެވެ.

ފަހެ، އެހިނދު އަހަރެމެންވެސް ވާރިދުވެގެންވާ ޛިކުރުތައް ކުރަމެވެ. އެހެނަސް އަތެއް ނުއުފުލަމެވެ. ފަރުޟު ނަމާދު ފަހުގައި ކިޔާ ޛިކުރު ތަކުގެ ތެރޭގައި ، މި ދުޢާވެސް ހިމެނެ އެވެ. اللهمَّ أعِنِّي على ذكرِك وشكرِك وحسنِ عبادتِك ”އަޅުގެވެރި އިލާހު! އިބަ އިލާހަށް ޛިކުރު ކުރުމާއި، ޝުކުރު ކުރުމާއި އަދި ހެޔޮވެގެންވާ އަޅުކަން ކުރުމަށް މި އަޅާއަށް ވާގިވެރިކަން ދެއްވާނދޭވެ…“

އެހެނަސް އަތް ނުއުފުލަ އެވެ. ފަހެ، މިއީ މި ދަނޑިވަޅުގައި ވާރިދުވެގެންވާ ޙާލަތެވެ.

އަދިވެސް ތަފްޞީލުކޮށް ބުނަމެވެ.

ނަމާދަކީ އަޅުކަމެކެވެ. ފަހެ، އެހިނދު ނަމާދު ޘާބިތުވެގެންވާ ވާރިދުވެގެންވާ ގޮތަށް ކުރަންޖެހެ އެވެ. ނަމާދަށް ފަހުގައިވެސް އޮތީ އަޅުކަމެކެވެ. އެއީ ވާރިދުވެގެންވާ ގޮތަށް ވިރުދާއި، ޛިކުރު ކުރުމެވެ. ފަހެ، ބަޔާން މިކުރެވުނީ އެ ބަސްތަކެވެ. އަތް އުފުލައިގެން ކިޔާނެ ދުޢާ އެއް އެތަނުގައި ނޯންނާނެ ކަމެވެ. އަދި ”ޛިކުރު ތަސްބީޙަ ކިޔާފައި ކިޔާ ދުޢާ“ އެއް އެތަނުގައި ނޯންނާނެ ކަމެވެ.

އަދިވެސް ބަޔާން ކުރަމެވެ.

ފަރުޟު ނަމާދަށްފަހު، އެ ދަނޑިވަޅަށް ޚާއްޞަކޮށްގެން ނަމާދާއި ވިއްދައިގެން ކިޔާނެ ދުޢާއެއް ނޯވެ އެވެ. އަދި އަތް އުފުލައިގެން ހުރެ ކިޔާނެ ޚާއްޞަ ދުޢާއެއް ނޯވެ އެވެ.

ފަހެ، މި އަޅުކަން (ނަމާދަށް ފަހުގައި ވާރިދުވެގެންވާ ޛިކުރު، ވިރުދުގެ) ގެ އަޅުކަން ކޮށް އޭނާ ނިންމާލީ އެވެ.

ފަހެ އެހިނދު އެއަޅުކަން އެކުރެވުނީ އަދާކުރަންޖެހޭ ގޮތަށެވެ.

ފަހެ، އެއަށްފަހު އެމީހަކަށް އެވަނީ އެމީހަކު ﷲ އަށް ވަޤުތު ހޭދަކުރާނެ ގޮތަށް ހުޅުވިފައިވާ ވަޤުތެއްގެ ގޮތުގަ އެވެ.

މާނައަކީ، އޭނާ ފަރުޟު ނަމާދުކޮށް އަވަދިވެ އެ އަޅުކަންކޮށް ނިންމާލީ އެވެ.

ފަހެ، އޭނާ އެއަށްފަހު ހެޔޮ ޞާލިޙް ޢަމަލު ކުރުމަށްޓަކައި ބޭނުންވީ އެވެ. އެހެން ވަޤުތުތައް ފަދައިން މިވަޤުތުވެސް ހެޔޮ ޢަމަލެއް ކުރުމަށް ބޭނުންވީ އެވެ.

އެއީ ފަރުޟު ނަމާދަށްފަހު ކުރެވޭ އެދަނޑިވަޅަށް ޤަސްތުކޮށްގެން ކުރެވޭ ޚާއްޞަ ޢަމަލެއްގެ ގޮތުގައި ކުރާ ޢަމަލެއްގެ ނިޔަތުގައި ނޫނެވެ.

ވުމުން، އޭނާ ބޭނުންވަނީ އެ ވަޤުތުގައި ޤުރުއާން ކިޔަވާށެވެ، ޤުރުއާން ކިޔަވާ މީހާ ޤުރުއާން ކިޔަވަންވީ އެވެ.

ޛިކުރު ކުރަން ބޭނުން މީހާ ޛިކުރު ކުރަންވީ އެވެ.

ނަމާދު ކުރަން ބޭނުންވާ މީހާ ނަމާދު ކުރަންވީ އެވެ.

އަދި ދުޢާއެއް ކުރުމަށް ބޭނުންވާ މީހާ ދުޢާވެސް ކުރަންވި އެވެ.

ދެންފަހެ، ސުންނަތް ނަމާދަށް ފަހުގައި، ދުޢާ ކުރުމާއި ނުކުރުން ވަނީ ތަނަވަސް ވެގެންނެވެ.

ބޭނުންވާ މީހާ އޭނާ ދުޢާ ކުރުމެވެ.

އަދި ނަމާދުކޮށް ނިމުމުން ތެދުވަން ބޭނުންވާ މީހާއަށް އެފަދައިންވެސް ވެ އެވެ.

އިސްވެ ބަޔާންކޮށްފައިވާ ޖަވާބުގައި މި ދަނޑިވަޅުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވާނެ އެވެ.

ކޮންމެ ދަނޑިވަޅެއްގައި އެ ދަނޑިވަޅުގައި ވާރިރުވެގެންވާ ގޮތަށް ސުންނަތަށް ޢަމަލު ކުރުމަށް ބާރުއެޅުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply