އިރު އޮއްސޭ ވަޤުތުގައި ޢަޞްރު ނަމާދު ކުރެވޭނެ ތޯއެވެ؟ އަދި ނަމާދު ކުރުން ނަހީ ވެގެންވާ ވަޤުތުތަކަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މި ސުވާލު މިފަދައިން ބިނާކޮށްފައިވާ ސަބަބަކީ އެއީ ނަމާދު ކުރުން ނަހީ ކުރެވިގެންވާ ވަޤުތެއް ކަމުގައި ވުމުން އޭގެ މައްޗަށް ބިނާކޮށްފައި ކަމުގައި ދެކެމެވެ.
ވުމާއެކު އެންމެ ފުރަތަމަ ނަމާދުކުރުން ނަހީ ކުރެވިފައިވާ ވަޤުތުތައް ބަޔާން ކުރަމެވެ.
- އިރު އަރާ ވަޤުތުން ފަށައިގެން ގޮސް ލޮންސިއެއްގެ މިންވަަރަށް އިރު އަރައިފުމަށް ދާންދެނެވެ. އެއީ ގާތްގަނޑަކަށް 12 ވަރަކަށް މިނިޓު ކަމުގައިބެލެވެ އެވެ. އަދި 15 މިނިޓުކަމުގައި ހެދުން ސަލާމަތްތެރިވެގެންވެ އެވެ.
- އިރު މެދުޖެހި ހުއްޓިހުންނަ ވަޤުތެވެ. އެއީ ގާތްގަނޑަކަށް މެންދުރު ނަމާދުގެ ކުރިން 7-10 ވަރަކަށް މިނިޓް ކަމުގައި ޢިލްމުވެރިން ވިދާޅުވެ އެވެ.
- އިރު އޮއްސެން ފަށާ ވަޤުތުން ފަށައިގެންގޮސް އިރު އޮއްސި ނިމެންދެނެވެ.
- ފަތިސް ނަމާދު ފަހުން އިރު އަރަން ފަށައިފުމަށް ދާންދެނެވެ.
- އަޞްރު ނަމާދަށް ފަހު އިރު އޮއްސުމަށް ފަށައިފުމަށް ދާންދެނެވެ. މި ފަސް ވަޤުތެވެ.
ދެވަނައީ : ސަބަބެއް ދިމާވެ އެ ސަބަބު ހުއްދަ ކުރާ މިންވަރަށް މި ވަޤުތު ތަކުގައި ނަމާދު ކުރުން ހުއްދަވެގެންވެ އެވެ. މިޘާލަކަށް މިސްކިތައް ވަންނަ މީހާ މިސްކިތުގައި އިށީނުމުގެ ކުރިން ކުރާ މަސްޖިދު ސުންނަތް ކުރުމެވެ.
ޠަވާފް ކޮށްފި މީހާ ޠަވާފްކޮށް ނިމުމުން ކުރާ 2 ރަކުޢަތް ނަމާދު ކުރުމެވެ.
މިފަދަ ސަބަބެއް ކުރިމަތިވެ އެ ސަބަބަށްޓަކައި ނަމާދު ކުރުން ހުއްދަވެގެންވެ އެވެ. ފަހެ، މިއީ ސުންނަތް ނަމާދުތައް ސަބަބުތައް މެދުވެރި ވުމުން ކުރުން ހުއްދަވުމެވެ. ވުމުން ފަރުޟު ސަބަބެއް މެދުވެރި ވުމުން ހުއްދަ ނުވާނެ ހެއްޔެވެ؟
ތިންވަނައީ : 2 ވަނަ ނުކުތާގެ މައްޗަށް ވިސްނާލުމުން ފަތިސް ނަމާދު އިރު އަަރާ ވަޤުތުގައި ކުރުން ހުއްދަވެގެންވާކަން ބަޔާންވެ އެވެ.
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާ ފަތުވާ ކޮމެޓީން ދެއްވާފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.
ޖަބާވުގައިވެ އެވެ. ”މުސްލިމަކަށް ފަތިސް ވަގުތުގައި ނިދިފައިވެ، ހޭލެވުނީ އިރު އަރާ ވަޤުތުގަ އެވެ.
ނުވަތަ އިރު އެރުމުގެ ވަޤުތުގެ ހިނދުކޮޅެއް ކުރީގަ އެވެ. ނުވަތަ އިރު އެރުމަށްފަހު ހިނދުކޮޅެއް ފަހުގަ އެވެ. އޭނާ ހޭލުވުމާއެކު، ފަތިސް ނަމާދު ކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އެއީ އޭނާ ނަމާދަށް ހުއްޓާ އިރު އަރާ ޙާލުގައިވީކަމުގައިވީނަމަވެސް އެވެ. ނުވަތަ ނަމާދު ކުރަން ފެށުނީ އިރު އަރަން ފަށާ ވަޤުތުގައި ކަމުގައިވީނަމަވެސް އެވެ. ނުވަތަ އިރު އެރުމަށްފަހުގައި ނަމާދު ކުރަން ފެށުނު ކަމުގައިވީނަމަވެސް އެވެ. ……. އަދި މިފަދައިން ޢަޞްރު ނަމާދާއި މެދުގައިވެސްވެ އެވެ. ނިދާފައި އޮތް މީހާ ނުވަތަ ހަނދާންނެތިފައިވާ މީހާ، އޭނާ ހޭލެވުމާ އެކު ނަމާދު ކުރުން ހުއްޓެވެ. އެއީ އޭނާ ނަމާދަށް ހުއްޓާ އިރު އޮއްސޭ ވަޤުތާއި ދިމާވިކަމުގައިވީނަމަވެސް އެވެ….ފަތިސް ނަމާދު ނުކޮށް އިރުއަރަންދެން މަޑުކޮށްލައިގެން ހުރުން އޭނާއަށް ހުއްދައެއް ނުވާނެ އެވެ…“ فتاوى اللجنة ج 6 الصلاة 1
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.