ބަލިމަޑު ކަމެއް ދިމާވެ ހުކުރުކުރުން މިސްކިތުގައި ހުއްޓިފައިވާހިނދު އަމިއްލައަށް ހުކުރު ކުރެވިދާނެ ހެއްޔެވެ؟

بسم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه: أما بعد

އަޚާ އެވެ. ހުކުރު ޖަމާޢަތަކީ ޤައުމުތަކުގައި މުސްލިމް ވެރިން ޤާއިމް ކުރާ ޖަމާޢަތެކެވެ.

އެއީ ފަރުދުންނާއި، ވަކި ޖަމާޢަތްތައް ޤާއިމް ކުރުމަށް އޮތް ޝިޢާރެއް ނޫނެވެ. ފަހެ، އަހުލުއް ސުންނަތް، ސަލަފީ ޢަޤީދާ އަދި މަންހަޖަކީ މި އެވެ.

ފުރަތަމައީ : މިފަދައިން އެބޭކަލުން އިއްތިފާޤުވަޑައިގެންފައިވެ އެވެ. ސުންނަތް ޖަމާޢަތުގެ އިމާމް الإِمَام أَحمد بِنْ حَنبَل رحمه الله ވިދާޅުވެފައިވެ އެވެ.

وَصَلَاةُ اَلْجُمْعَةِ خَلْفَهُ وَخَلْفَ مَنْ وَلَّاهُ، جَائِزَةٌ بَاقِيَةٌ تَامَّةٌ رَكْعَتَيْنِ، مَنْ أَعَادَهُمَا فَهُوَ مُبْتَدِعٌ تَارِكٌ لِلْآثَارِ، مُخَالِفٌ لِلسُّنَّةِ، لَيْسَ لَهُ مِنْ فَضْلِ اَلْجُمْعَةِ شَيْءٌ ; إِذَا لَمْ يَرَ اَلصَّلَاةَ خَلْفَ اَلْأَئِمَّةِ مَنْ كَانُوا بَرِّهِمْ وَفَاجِرِهِمْ. فَالسُّنَّةُ: بِأَنْ يُصَلِّيَ مَعَهُمْ رَكْعَتَيْنِ، وَيَدِينَ بِأَنَّهَا تَامَّةٌ، لَا يَكُنْ فِي صَدْرِكَ مِنْ ذَلِكَ شَكٌّ.

(އަހަރެމެން ދެކޭ ގޮތުގައި ސުންނަތުގެ އުޞޫލު ތަކުގެ ތެރޭގައި) : ވެރިމީހާއަށް އަޑުއަހައި ކިޔަމަންވުމުގެ ތެރެއިންވާ އަހުލް ސުންނަތް ވަލް ޖަމާޢަތުގެ އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަންތައްތައް ބަޔާންކުރައްވަމުން الامام أحمد رحمه الله ވިދާޅުވެފައިވެއެވެ.

“ އަދި ވެރިމީހާގެ ފަހަތުގައި ނުވަތަ ވެރިމީހާ އައްޔަންކުރާ މީހެއްގެ ފަހަތުގައި ހުކުރު ނަމާދުކުރުމެވެ. އެއީ ސައްހަވެގެންވާ އަދި އެގޮތުގައ ދެމިގެންވާ އަދި ފުރިހަމަވެގެންވާ ދެ ރަކުއަތެކެވެ. ފަހެ އެ ދަރަކުއަތް އިޢާދަ ކޮށްފި މީހަކީ އަޘަރުތައް ދޫކޮށް ސުންނަތާ ޚިލާފްވެފައިވާ ބިދުޢަވެރިއެކެވެ. ވެރީންގެ ފަހަތުގައި ހުކުރު ނަމާދު ކުރުން އޭނާ ނުދެކޭހާ ހިނދަކު ހުކުރުނަމާދުގެ އެއްވެސް އަޖުރެއް އޭނާއަކަށް ލިބިގެން ނުވެއެވެ. އެއީ ހޮޔޮލަފާ އަދި ފާޖިރުވެރީން ކަމުގައި ވިޔަސް މެއެވެ. ފަހެ ސުންނަތަކީ އެމީހުންނާއި އެކު ދެ ރަކުޢަތް ކުރުމެވެ. އަދި ހަމަކަށަވަރުން އޭނާގެ ހިތުގައި އެއްވެސް ޝައްކެތް ނުވާ ފަދައިން އެ ދަ ރަކުޢަތަކީ ފުރިހަމަ ވެގެންވާ ދެ ރަކުޢަތް ކަމުގައި ދެކި އެއީ ދީނުގައިވާ ގޮތް ކަމުގައި ޤަބޫލުކުރުމެވެ “ أصول السنة للإمام أحمد

މި ޤަވާޢިދު ޝަރަޙަ ކުރައްވައި މިއަދު ދުނިޔެމަތީގައި އަދި މަދީނާގައި ތިއްބެވި ސުންނަތުގެ ބޮޑެތި ޢިލްމުވެރިން ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ޢިލްމުވެރިޔާ الشَّيخ العَلاَّمَة عُبَيد الجَابِرِي حفظه الله ވިދާޅުވެފައިވެ އެވެ.

”މިއީ މުޞައްނިފް الإمام أحمد رحمه الله ވެރިންނަށް ލިބިގެންވާ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ބަޔާންކުރައްވާފައިވާ އެންމެ ފަހު ކަންތަކެވެ. މިފޮތް، أصول السنة ގައި އިޤުރާރު ވެވަޑައިގެންނެވި، އަދި މިއީ ވެރިޔާއަށް ލިބިގެންވާ އެންމެހައި ޚާއްޞަ ކަންތައްތަކެއް ނޫނެވެ. އަދި އިތުރު ޚާއްޞަ ކަންތައްތަކެއް ވެއެވެ. މިތަނުގައި ބަޔާންކޮށްފައިވި ޚާއްޞަ ކަމަކީ ހުކުރު ކުރުމާ ގުޅޭ ކަންތަކެވެ. ފަހެ، ހުކުރު ޤާއިމް ކުރުން (ދީނުގައި) ޙަވާލުކުރެވިގެންވަނީ ވެރިޔާ އާއެވެ. ނުވަތަ ވެރިޔާ އެކަމަށް ކަނޑައަޅާ ވެރިޔާގެ ނައިބާއެވެ. މިސާލަކަށް މުފްތީ ނުވަތަ އިސްލާމިކް މިނިސްޓަރެވެ. އިމާމަށް ލިބިގެންވާ ޞަލާޙިއްޔާތު ތަކުގެ ތެރޭގައި، ފަހެ، ހަމަކަށަވަރުން ހުކުރު ކުރާ މިސްކިތްތަކުގައި ހުކުރު ޤާއިމް ކުރާނީ ވެރިޔާއެވެ. އަދި އިމާމުންނާ ޚުޠުބާ ކިޔާ މީހުން ޢައްޔަން ކުރާނީ ވެރިޔާއެވެ. ފަހެ، އެހެންވުމުން، އެޤައުމެއްގައިވާ ވެރިޔާގެ ފަރާތުން އިޛުނަ ހޯދައި، އިޛުނަ ލިބިގެން މެނުވީ، ހުކުރު ނަމާދު ކުރުން ހުއްދައެއް ނުވާނެއެވެ. ނުވަތަ ވަލިއްޔުލް އަމްރު އެކަމަށް ކަނޑައަޅާފައިވާ މަސްއޫލުވެރި މުއައްސަސާގެ ހުއްދަ ލިބިގެން މެނުވީ ހުކުރު ކޮށްގެން ނުވާނެއެވެ. އަދި ހަމައެފަދައިން ޙައްޖު ޤާއިމް ކުރުމާއި، އަދި ހަމައެފަދައިން ޢީދު ނަމާދު ޤާއިމް ކުރުންވެސް ވަނީ ވަލިއްޔުލް އަމްރުއަށެވެ.“ تقرير الأحمد بشرح أصول السنة لإمام أحمد

ދެވަނައީ : އަދިވެސް ބުނަމެވެ. މިއީ ﷲ ގެ ނަބިއްޔާގެ އަޞްޙާބު ބޭކަލުން ނަބިއްޔާ ﷺ ގެ އަރިހުން ހޯއްދެވި ޢަޤީދާ އެވެ.

މިއަދު މުސްލިމުންގެ ތެރޭގައި އޮޅުވާ ލުމާއި، ދީނީ ޢަދުލުވެރި މިންގަޑުން ބޭރުވެ، މުސްލިމް ވެރިންނާ ދަޢުލަތްތަކުގެ މައްޗަށް ބަސްނޭހުމުގައިވެ، ހުކުރު ޖަމާޢަތްތައް އަމިއްލައަށް ހަދައި ޢަމަލު ކުރަމުންދާ މީހުންގެ މައްޗަށް އިންޒާރު ލިބިގަންނަން ޖެހޭނެ އެވެ.

ހުކުރު ނަމާދު ގޭގެ ސިޓިންގް ރޫމާއި، ކޮޓަރީގައި އަދި ޓެރަސްގައި ކުރުން، ސުންނަތުގެ އަހުލުވެރިންގެ ޢަމަލެއް ނޫނެވެ.

މިއަދު ޚާއްޞަ ޙާލަތެއް މެދުވެރިވެ، އެ ސަބަބަށްޓަކައި މިސްކިތްތައް ބަންދު ކުރެވި ޖަމާޢަތުގައި ނަމާދު ކުރެވުމާއި ހުކުރު ކުރުން ހުއްޓުވިފައިވެ އެވެ. މިއީ އެކު އެކީގައި އެ ޝިޢާރު ނައްތައި ލެވުމެއް ނޫނެވެ.

أَبُوهُرَيرة -رضي الله عنه- ވިދާޅުވެފައިވެ އެވެ. ”މިސްކިތުގައި މެނުވީ ހުކުރު ނަމާދު ކުރުމެއް ނުވެ އެވެ.“ مصنف ابن أبي شَيبة 5548- صحيح

ދަންނަ އެވެ! ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ހުކުރު ނަމާދު ގެތަކުގައި ހުއްދަވެގެން ނުވާނެ ކަމެވެ. މިސްކިތްތަކުގައި، ފާޅުކުރެވޭ ޝިޢާރެއް ގޮތުގައި މިސްތަކުންނަށް ފާޅުވެ ބަޔާންވެ އަންގައި ޢާންމުވެގެންވާ ގޮތުގައި މެނުވީ ހުކުރު ނަމާދު ޞައްޙަވެގެން ނުވާނެ ކަމެވެ.

ތިންވަނައީ : އަދިވެސް ދަންނަ އެވެ! ޝަރުޢީ ސަބަބަކާއި ގުޅިގެން ހުކުރު ކުރުން ބަންދު ކުރީ އެވެ. ނުވަތަ ދިމާވެފައިވާ ކަންތައްތަކުގައި އެކަމުގެ ފަންނުވެރިންނާއި، އެ ގޮތުން ޑަކްޓަރުންނާއި ޞިއްޙީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް އެގޮތުގައި ހުކުރު ކުރުން ހުއްޓުނީ އެވެ.

ފަހެ، އެހިނދު ވެރިޔާއަށް ކިޔަމަންގަތުން ހުއްޓެވެ. ސަބަބަކީ އެކުއެކީގައި ހުކުރު ނުކުރަން ނިންމީ އެއް ނޫނެވެ. އެ ޝިޢާރު އަބަދަށް ނައްތައިލެވުނީއެއް ނޫނެވެ. އޭގެ ބަދަލުގައި ދިމާވެފައިވާ ޙާލަތާއި އަދި ޝަރުޢީ ގޮތުން ވެރިޔާއަށް ޢާންމު މަޞްލަޙަތަށް ބަލައި ހުކުރު ހުއްޓުވީ އެވެ.

ފަހެ، މިޙާލުގައި ސުންނަތުގެ ޢިލްމުވެރިންގެ ޤައުލު ކަމުގައި ވަނީ ގޭގައި މެންދުރު ނަމާދު ކުރުމެވެ.

ވެރިޔާ އެކުއެކީގައި މި ޝިޢާރު މުސްލިމުންގެ މައްޗަށް ނައްތާލީއެއް ނޫނެވެ. ފަހެ، އެފަދައިން ކަންތައް ކޮށްފައިވާނަމަ، އެއީ ވެރިޔާއަށް ކިޔަމަންގަނެވޭ ކަމެއް ކަމުގައި ނުވެވެ އެވެ. ފަހެ، އެކުއެކީގައި އެ ޝިޢާރު ނައްތައިލުމާއި މިއަދު ދިމާވެފައިވާ ޚާއްޞަ ޙާލަތާއި ވަރަށް ތަފާތެވެ.

ވުމުން، މިއަދު ދިމާވެފައިވާ ފަދަ ޙާލަތު ދިމާވެ، މިސްކިތްތައް ބަންދުވެ، ވެރިންގެ ފަރާތުން އައްޔަނު ކުރާ ހުކުރު ޖަމާޢަތް ނެތިއްޖެހިނދު، މުސްލިމް އަޅާއަށް ޝަރުޢުވެގެންވަނީ މެންދުރު ވަޤުތު ވަނުމާއެކު، މެންދުރު ނަމާދު ޤާއިމް ކުރުމެވެ.

ހަތަރުވަނައީ : މިފަދަ ޙާލަތުގެ މައްޗަށް ބިނާކޮށް މިއަދު އުއްމަތަށް ފާޅުވެފައިވާ ސުންނަތާއި ދީނުގެ އަހުލުވެރިކަން ލިބިފައިވާ ބޮޑެތި އަހުލުވެރިން ދެއްވާފައިވާ ފަތުވާތަކެވެ.

އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާ އެވެ. ހައިއަތު ކިބާރުގެ ޤަރާރެވެ. (رقم ( 246 ) 16 / 7 / 1441هـ) ދެ ޙަރަމުގެ އިމާމުންގެ ފަތުވާތަކެވެ. ގޭގަ މެންދުރު ނަމާދު ކުރުމެވެ. މީސްތަކުންނަށް، ވަކި ފަރުދުންނަށް ވަކިވަކިން ޖަމަޢަވެ ހުކުރު ކުރުން ހުއްދަ ނުވާނެ ކަމެވެ.

ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މިއަދު އެބޭކަލެއްގެ ޢިލްމުގައި ކުރިއަރައި ވަޑައިގެންފައިވާ ބޭކަލެވެ. ޢިލްމުގައި ޢުމުރުން އެތައް ދުވަސްތަކެއް ހޭދަކޮށްފައިވާ ބޭކަލެވެ. ދީންވެރިކަމާއި ތަޤްވާވެރިކަމާއި ޙަދީޘް ޢިލްމުގައި ކުރިއަރައިވަޑައިގެންފައިވާ ބޭކަލެވެ. އާދެ! މަދީނާގެ ޙަދީޘް ޢިލްމުވެރިޔާ العلامة عبد المحسن العباد -حفظه الله- ދެއްވާފައިވާ ފަތުވާ އެވެ. ވިދާޅުވެފައިވެ އެވެ. ފެތުރޭ ބަލީގެ ސަބަބުން އެ ސަބަބަށްޓަކައި (މިސްކިތުގައި ހުކުރު ކުރުން ހުއްޓުވިފައި ވުމުން) ގޭގައި ހުކުރު ނަމާދު ކުރުމެއް ނުވެ އެވެ.

ފަސްވަނައީ : ޖަމާޢަތުގައި ނަމާދު ކުރުމާއި، ހުކުރު ޤާއިމް ކުރުމާއި، ޖަމާޢަތުގައި ނަމާދުކުރުން ވާޖިބުވެގެންވާ ކަމާއި އަދި ހުކުރު ވާޖިބުވެގެންވުމުގެ ދަލީލުތައް ގެނެސް މީސްތަކުންގެ މެދުގައި ދެބަސްވުންތަކާއި އޮޅުވާލުންތައް ގެނެސް ގެތަކުގައި ހުކުރު ކުރާ ފަރާތްތަކުގެ މައްޗަށް ބުނަމެވެ.

މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ވާރިދުވެގެންވާ ދަލީލުތައް އަދި ހުކުރު ކުރުމުގެ ޙުކުމް ބަޔާންވެގެންވާ އަދި ހުކުރު ދޫ ނުކުރުމަށް ވާރިދުވެފައިވާ ދަލީލުތައް، ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންނަށް، ކިބާރު ޢިލްމުވެރިންނަށް ވަންހަނާވެފައިނުވާކަން ދަންނަ އެވެ. އެ ޢިލްމުވެރިންނަށް އެ ދަލީލުތައް ޣައިބުވެފައިނުވާކަން، ފޮރުވިފައި ނުވާކަން ދަންނަ އެވެ.

މިއީ ޚާއްޞަ އަދި ޝަރުޢީގޮތުން ޚާއްޞަކޮށް ރިއާޔަތް ކުރަންޖެހޭ ޤަވާޢިދު ތަކާއި ދީނީ އުޞޫލުތަކެއްގެ މައްޗަށް ކަނޑައަޅައި އެކަމުގެ މައްޗަށް ބަޔާންވެގެންވާ ދީނީ ޙުކުމެއްކަން ދަންނަންޖެހެ އެވެ. ބޮޑެތި ޢިލްމުވެރިން ބަސްފުޅު ވިދާޅުވެފައިވަނީ އެދަލީލުތައް އެނގިވަޑައިގެންވާ ޙާލުގައިކަން ޤަބޫލުކުރަން ޖެހެ އެވެ.

ޝައްކެތްވެސް ނެތެވެ. މިޙާލަތުގައި ދީނުގައި އަހަރެމެން ޤަބޫލުކުރުން އޮތީ އަމިއްލައަށް ވަކިން ހުކުރު ޖަމާޢަތްތަކެއް ނުހެދޭނެ ކަމެވެ. މިއީ ސުންނަތުގެ އަހުލުވެރިންގެ ސިފައެއް ނޫނެވެ. ހުކުރު އަމިއްލައަށް ޤާއިމް ކުރުމަށް ބުނުމާއި އެކަން ކުރުމަކީ ހަވާނަފްސާއި، ދީނުގެ ޝަރުޢީ ޙުދޫދުން ބޭރުވެފައިވާ، ޙައްދުފަހަނައަޅައިފައިވާ ފަރާތްތަކުގެ، ހަރުކަށި ފިކުރުތަކުގެ ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ.

ހަވަނައީ : ބަލި މީހުންނާއި، ޖަލުގައި ހައްޔަރު ކުރެވިފައިވާ ފަރާތްތައް، އެމީހުންގެ މައްޗަށް ހުކުރު ޖަމާޢަތް ޤާއިމްކުރުމެއް ނޯވެ އެވެ. އެބައިމީހުން އެ ތިބި ތަނެއްގައި ހުކުރު ޤާއިމް ކުރުމެއް ނުވެ އެވެ.

އެހެނަސް ދަންނަ އެވެ. އެބައިމީހުންނަކީ ހުކުރު ޤާއިމް ކުރުމުގެ ޝަރުޠުތައް ފުރިހަމަ ވެފައިވާ ބައެއް ކަމުގައިވެ އެވެ. އެބަހީ : އެ ތިބި ތަނުގައި ތިބެ އެތަނުގައި ތިބި ބަޔަކާ އެކު ހުކުރު ކުރެވެން އެބަ އޮތެވެ. އެހެނަސް އެބައިމީހުންނަށް މިސްކިތްތަކުގައި، ޢައްޔަން ކޮށްފައިވާ އިމާމުން ނެތުމުން ހުކުރު ޤާއިމް ކުރުމެއް ނުވެ އެވެ. ފަހެ، މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ.

މި ކަމުގައި ބޮޑުވެގެންވާ ހެކިތައް ވެ އެވެ. އޭގެ ތެރޭގައި އިމާމް شَيخ الإسلام ابن تَيمية – رحمه الله- އެކިއެކި ފަހަރު ތަކުގެ މަތިން 7 އަހަރު ޖަލުގައި ހޭދަ ކުރެއްވި އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއްވެސް ގޮތަކަށް، شَيخ الإسلام ابن تَيمية – رحمه الله- ޖަލުގައިވާ އަހުލުވެރިންނާ އެކުގައި ހުކުރު ކުރެއްވިކަން ނަޤުލުވެފައި ނުވެ އެވެ. މިއީ، އެބޭކަލަކަށް މުޅި އުއްމަތް ނަޟަރު ހުއްޓިފައިވާ އަދި އިޤްތިދާވުމުގައިވި އިމާމުންނެވެ.

އަދި ހަމަ އެފަދައިން އޭގެ ކުރީގައި އުއްމަތަށް ފާޅުވި އަހުލުއް ސުންނަތް ވަލް-ޖަމާޢަތުގެ އިމާމްގެ ލަޤަބް ލިބިވަޑައިގެންނެވި އިމާމް الإمام أحمد بن حنبل – رحمه الله- ހިމެނިވަޑައިގަންނަވަ އެވެ. ޖަލުގައި ގާތްގަޑަކަށް 28 މަސް ހޭދަ ކުރެއްވި އެވެ. ޖަލުގައިވާ އަހުލުވެރިންނާ އެކުގައި ހުކުރު ކުރެއްވިކަން ވާރިދުވެގެން ނުވެ އެވެ.

ދަންނަ އެވެ! އެބޭކަލުންގެ ސުންނަތުގެ ޢަޤީދާގެ މަތީގައި ޤާއިމްވަޑައިގެންނެވިކަން ބަޔާންވެ އެވެ.

އެބޭކަލުން ޖަލަށް ގެންދެވި ޢަދުލާއި އިންސާފާއި އަދި ﷲ ގެ ދީނުގައި ނުޙައްޤުން އަނިޔާވެރިކަމުގައިވި އެ ޒަމާނުގެ ވެރިންތައް، ފާޖިރު ވެރިންތައް ދޫކޮށް ވެރިންގެ ފަރާތް ނޫން އެހެން ގޮތްތަކުން ހުކުރު ކުރައްވާފައި ނުވާކަން ފެންނަ ބޮޑު ހެއްކެތް ކަމުގައި މެނުވީ އެ އިމާމުންގެ ޢަމަލުފުޅު ނުވެ އެވެ.

އެހެނަސް ޖަލުގައި މިސްކިތެއް ބިނާކުރެވި، އެ މިސްކިތުގައި ހުކުރު ކުރުން އަދި ފަރުޟު ނަމާދުތަކުގެ ޖަމާޢަތްތައް ޤާއިމް ކުރުން، ވެރިންގެ ފަރާތުން އެފަދައިން ހުކުރު ޤާއިމް ކުރެވޭހިނދު، އެއީ ކުޅަދާވެގެންވާ ފަރާތްތައް ޙާޟިރުވުމަށް އޮތް މަޙައްލެކެވެ. އެހެނަސް މިތަނުގައި ބަޔާންކޮށްފައިވަނީ، އެކަނި ވަކިން ޖަލުގައިވާ އަހުލުވެރިންނާ އެކު، ޖަލު ގޮޅީގައި ނުވަތަ ބެހެއްޓިފައިވާ ތަނުގައި ހުކުރު ދުވަހުގެ އެ ވަޤުތު ވަނުމުން އެ އިމާމުން ހުކުރު ޤާއިމް ނުކުރައްވާކަމެވެ.

ފަހެ، ވުމުން ގޭތަކުގައި ހުކުރު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ވުމުން، މިސްކިތުގައި ޤާއިމް ނުކުރެވޭ ޙާލަތެއް އައުމުން، ގޭގައި ނުވަތަ އޭނާ ދިރިއުޅޭތަނުގައި މެންދުރު ނަމާދު ކުރުން ހުއްޓެވެ. އެއީ އޭނާގެ ޙައްޤުގައި ކަނޑައެޅިފައިވާ ސުންނަތެވެ. ހުކުރު ޖަމާޢަތެއް ހަދައި، ހުކުރު ކުރުމެއް އެ ޙާލަތުގައި ނުވެ އެވެ.

ހަތްވަނައީ : ޞަޙާބީންގެ ޢަހުދުން ފެށިގެން މިއަދާ ހަމައަށްވެސް އެއްވެސް ސުންނަތުގެ އަހުލުވެރިއެއް މީސްތަކުން ގޭގައި ހުކުރު ނަމާދު ކުރުމަށް ވިދާޅުވެފަ އެއް ނުވެ އެވެ.

އެހެނަސް އެރަށެއްގައި ނުވަތަ މުސްލިމުން ދިރިއުޅޭ ތަނެއްގައި މިސްކިތެއް ނެތި ހުކުރު ނަމާދު ޤާއިމްކުރާނެ ތަނެއް ނެތުމުން، ވަކި ތަނަކަށް މީސްތަކުން އެއްވެ، އެބައިމީހުން ހުކުރު ނަމާދުގެ ޝިޢާރު ޤާއިމް ކުރުމަކީ މިއަދު މި ދިމާވެފައިވާ ޙާލަތާއި މުޅިން ތަފާތު ކަމެއް ކަމުގައި ދަންނަ އެވެ.

މިއަދު މިބަސްތައް ބަޔާން މި ކުރަނީ ދިމާވެފައިވާ ނާޒިލާ ގުޅިގެންނެވެ. މި ނާޒިލާއާ ގުޅި ބޮޑެތި ޢިލްމުވެރިންގެ ފަތުވާތައް ބަޔާންވެ ފާޅުވުމާއެކުގަ އެވެ.

ފަހެ، ހަވާނަފްސުގެ، ހަރުކަށި ފކުރުގެ އަހުލުވެރިޔަކު މެނުވީ މި ނާޒިލާގައި ބަޔާންވެގެންވާ މި ޝަރުޢީ އުޞޫލްތަކާއި ޚިލާފް ނުވާނެ އެވެ.

ﷲ އަޅަމެންނަށް ހިދާޔަތުގެ މަގު ދައްކަވައި ފިތުނަތަކުން ސަލާމަތް ކުރައްވާށި އެވެ.

އަޅަމެންގެ ވެރި އިލާހު، އިބަ އިލާހު އަޅަމެންގެ މަތިން މި ޙާލަތު ގެންދަވައި ތިޔާގި ތަނަވަސް ދުވަސްތަކެއް މިންވަރު ކުރައްވާށި އެވެ. އަހަރެމެންގެ މަތިން ބަލިތައް އުފުއްލަވައި ޞިއްހަތާއި ޢާފިޔަތް މިންވަރު ކުރައްވާނދޭވެ. އަޅަމެން މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ މަގު ފަސޭހަ ކުރައްވައި، ވެރިންނަށް އެ ބޭކަލުންގެ ޢަމަލުގައި ތަޥްފީޤާއި އިބަ އިލާހުގެ ޙަޟުރަތުން ވާގިވެރިކަން ދެއްވާށި އެވެ.

و الحمد لله رب العالمين

الفقير إلى عفو ربه : އަޚުންދެކެ ލޯބިވާ އުސްތާޛް :

16 ޝައްޥާލު 1442. 28 މެއި 2021

Similar Posts