ބުމައިގެ އިސްތަށި އުފުރުމުގެ ޙުކުމަކީ ކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ދަންނަ ހުއްޓެވެ. އިސްތަށިތައް އުފުރުން މަނާ ވެގެންވާ އިސްތަށިތަކެއް ޝަރީޢަތުގައި ކަނޑައެޅިފައިވެ އެވެ.  ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.  (لَعَنَ اللهُ الوَاشِماتِ و المُسْتَوْشِماتِ، والنَّامِصاتِ والمُتَنَمِّصاتِ…..) 

”ހަށިގަނޑުގައި ޓެޓޫ ޖަހައިދޭ އަދި ޓެޓޫ ޖެހުމަށް އެދޭ އަދި ބުމައިގެ އިސްތަށި އުފުރާ އަންހެނާ އާއި ބުމައިގެ އިސްތަށި އުފުރައިދިނުމަށް އެދޭ އަންހެނާއަށް ﷲލަޢުނަތް ލެއްވި އެވެ.“ السلسلة الصحيحة      2792 

ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީގައި ހިމެނިވަޑައިގަންންވާ الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ.  

”އެއްވެސް ކަހަލަ ވަޞީލަތެއް ބޭނުންކޮށްގެން ބުމައިގެ އިސްތަށިތައް ނުވަތަ ބައެއް އިސްތަށިތައް އުފުރުން، ކޮށުން (ބޭލުން) މުސްލިމް އަންހެނާއަށް ހުއްދައެއް ނުވާނެ އެވެ. އަދި ބުމައިގެ އިސްތަށި ނައްތާލާނެ އެއްވެސް މާއްދާއެއް (ރިމޫވާ) ބޭނުން ކުރުން ހުއްދައެއް ނުވާނެ އެވެ. އެ ޢަމަލަކަށް ނަބިއްޔާ ލަޢުނަތް ލައްވާފައި ނަމްޞް ކުރުމަކީ މިއެވެ.“ تنبيهات على أحكام تختص بالمؤمنات ص 16     

އަދިވެސް ޝެއިޚް ވިދާޅުވެފައިވެ އެވެ. ””ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ މި  ނުރައްކާތެރި އާފާތުގައި ނުހަނު ގިނަ އަންހެނުންވަނީ މިއަދު ފިތުނަވެރިވެފަ އެވެ. މިގޮތުން ބުމައިން އިސްތަށި އުފުރުމަކީ ކޮންމެ ދުވަހު ކުރުން ޟަރޫރިވެގެންވާ ކަމެއްގެ ގޮތުގައިވެއްޖެ އެވެ.  

މިކަމަށް ފިރިމީހާ އަމުރުކުރި ކަމުގައިވީނަމަވެސް އަނބިމީހާ މިކަމުގައި އޭނާއަށް ކިޔަމަންވެގެންނުވާނެ އެވެ. ސަބަބަކީ މިއީ ﷲ އަށް އުރެދުމެކެވެ.“ تنبيهات على أحكام تختص بالمؤمنات ص 18 

މިއީ އުފުރުން މަނާވެގެންވާ އިސްތަށިތަކެވެ. އެއްވެސް ޙާލެއްގައި، ޒީނަތްތެރިވުމަށްބުނެ، ފިރިމީހާ އަމުރުކޮށްގެން ބުނެގެންވެސް، މިފަދަ އެއްވެސް ޙާލަތެއްގައި ބުމައިގެ އިސްތަށިތައް އުފުރުން ޙަރާމް ވެގެންވެ އެވެ. އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފަ އެކެވެ.    ފަހެ، އުފުރުން މަނާވެގެންވާ އިސްތަށިތައް ފިޔަވައި އެހެނިހެން އިސްތަށިތައް އުފުރުމުގައި މައްސަލައެއްނެތެވެ. ޒީނަތްތެރި ވުމުގެ ބޭނުމުގައި ފަދަ  ބޭނުންތަކުގައި ކަމުގައިވިނަމަވެސް އެކަން ހުއްދަވެގެންވެ އެވެ. 

މި މައުޟޫގައި އިތުރު މަޢުލޫމާތުގެ ގޮތުން ބުނެލަމެވެ. އަންހެނުންގެ މޫނުގައި ފަޅާ ބައެއް އިސްތަށިތަކަކީ އަންހެނުން އަޞްލުގައި ޠަބީޢީ ގޮތުގައި ހުންނަ އިސްތަށިތަކެއް ނޫނެވެ. މާނައަކީ، އެއީ އެއިސްތަށިތަކެއް ފެޅުމުގެ ސަބަބުން ފިރިހެނުންނާ ވައްތަރުވެވޭ ސިފައެކެވެ. މިޘާލަކަށް މަތިމަސް ފެޅުމާއި ތުނބުޅީގެ އިސްތަށި ފެޅުމެވެ.  المالكية  މާލިކީން ދެކެވަޑައިގަންނަވަނީ މިފަދަ އިސްތަށިތައް އަންހެނުން ބޭލުން ވާޖިބުވެގެންވާ ކަމެވެ.  الشافعيةِ  ދެކެވަޑައިގަންނަވަނީ އެއީ މުސްތަޙައްބުވެގެންވާ ޢަމަލެއްގެ ގޮތުގަ އެވެ.  އަދި  އިމާމް أحمدَ  ގެ މަޛްހަބުގައި ބަޔާންވެގެންވަނީ އުފުރުމުގެ ބަދަލުގައި ބޭލުން ހުއްދަވެގެންވާ ކަމެވެ.  އަދި ބައެއް ޢިލްމުވެރިން ފިރިމީހާގެ އިޛުނަ ހޯދުމާއި ފިރިމީހާއަށް އެކަން އެންގުމާއި އެކުގައި ކުރުމަށް ބަޔާންކުރައްވާފައިވެ އެވެ.     

މިފަދައިން އެ އިސްތަށިތައް ހަށިގަނޑާއި ވަކިކުރުމަށް ބަޔާންކޮށްފައިވަނީ ސަބަބަކީ އެއީ އެހިނދު ފިރިހެނުންނާ އެއްވަތްތަރުވެވޭ ސިފައެއް ކަމުގައިވުމުން، އަންހެނުން ފިރިހެނުންނާ އެއްވަތްތަރުވުން ޙަރާމްވެގެންވުމެވެ.  ފަހެ، އެހިނދު އެއީ ޝަރީޢަތުގައި އެކަމަށް ބާރުއެޅުވިފައިވާ ޢަމުރެއްގެ ގޮތުގައިވެ އެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts