ދަރިންގެ މެދުގައި ޢަދުލުވެރިވުމުގައި ފަރުވާކުޑަކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފަހެ، ދަރިންގެ މެދުގައި ޢަދުލުވެރިވުމަކީ ނުހަނު މުހިއްމުވެގެންވާ ކަމެކެވެ. މިކަމުގައި ފަރުވާކުޑަކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އޭގެސަބަބުން އޭނާގެ މައްޗަށް ﷲ ގެ ކޯފާ ވާޖިބުވެދެ އެވެ. 

އެެހެނަސް ޢަދުލުވެރި ކަމުގެ މައުޟޫގައި ބަސްތައް ބަޔާން ކުރުމުގައި ދަންނަންޖެހެ އެވެ.  

ދަރިންނަށް ވާޖިބު ހޭދަ ކުރުންތަކާއި، ދަރިންނަށް ދެވޭ ހިބަ ތަކާއި ހަދިޔާތަކުގައި ތަފާތު ޙުކުމެއްވެ އެވެ.  

ވުމުން ފުރަތަމަ ބަޔަށް ބަލާނަމެވެ.  

އެއީ ވާޖިބު ހޭދަ ކުރުންތަކެވެ.  

އެގޮތުން ސްކޫލުގައި ކިޔަވާއިރު، މަތީ ޤްރޭޑެއްގައި އުޅޭ ދަރިވަރަށް ޚަރަދު ކުރަންޖެހޭ މިންވަރު ދަށް ގުރޭޑެއްގައި ކިޔަވާ ދަރިވަރަށްވުރެ ބޮޑުވާނެ އެވެ. ވުމުން މި ހާލަތުގައި މިއީ ޚަރަދު ކުރުން ވާޖިބު ވެގެންވާ ޚަރަދެއް ކަމުގައިވެ އެއްދަރިއަކަށް ވުރެ ބޮޑަށް އަނެއް ދަރިއަކަށް އިތުރަށް ޚަރަދު ކުރުމުގައި މައްސަލައެއް ނެތެވެ. މިއީ ޢަދުލުވެރިކަމާއި ފުށޫއަރާ ކަމެއް ނޫނެވެ.  

ހަމައެފަދައިން، ފަލަކޮށް ހުންނަ ކުއްޖެއްގެ ކެއުމާއި ބުއިމަށް ޚަރަދު ކުރަންޖެހޭ މިންވަރަކީ ހިކިކޮށް ހުންނަ ކުއްޖަކަށް ޚަރަދު ކުރާ މިންވަރާއި އެއްފަދަ މިންވަރު ކަމުގައި ނުވާނެ އެވެ.  

ވުމުން، ކާއެއްޗެހި ގިނައިން ބޭނުންވާތީވެ ގިނައިން އެކުއްޖަކަށް ޚަރަދު ކުރުމަކީ ޢަދުލުވެރިކަމުން ބޭރުވުން ކަމުގައި ނުބުނެވޭނެ އެވެ.  

މިއީ، ވާޖިބު ޚަރަދުތަކެވެ. ވާޖިބުވެގެންވާ ހޭދަކުރުން ތަކެވެ.  

އެހެނަސް ދަރިންނަށް ދޭ ހިބަ ތަކާއި ހަދިޔާތަކަކީ ވާޖިބު ޚަރަދުތަކެއް ނޫނެވެ. މިފަދަ ޢަމަލުތަކުގައި ދަރިން ހަމަހަމަ ކުރުން ހުއްޓެވެ. 

މި ޢަމަލުގެ މައްޗަށް ޛިކުރުވެފައިވާ ޙާދިޘާތަކެއްވެސް ވެ އެވެ. އެފަދަ ޙާދިޘާ އެކެވެ. 

 ޞަޙާބީ النعمان بن بشير -رضي الله عنه-  ގެ އަރިހުން ރިވާކުރެވިގެންވާ ޙަދީޘެއްގައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (اتَّقُوا اللَّهَ وَاعْدِلُوا بَيْنَ أَوْلَادِكُمْ) ”ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ.“ މި ޙަދީޘް الإمام البخاري (2587) އަދި الإمام مسلم (1623)  ރިވާޔަތް ކުރެއްވި އެވެ. 

މި މައުޟޫގައި ސުންނަތުގައި ބަޔާންވެގެންވާ ޙާދިޘާއެއްވެ އެވެ. އެއީ عَمْرَةُ بنتُ رَواحَةَ ފިރިކަލުންގެ އަރިހުގައި އެބައިމީހުންނަށް ލިބިފައިވާ ދަރިކަލުން النعمان بن بشير -رضي الله عنه- އަށް މުދަލުން ހިބައެއް ދިނުމަށް އެދުނެވެ. އަދި އަދި ހިބަ ދިނުމަށްފަހުގައި އޭގެމައްޗަށް ނަބިއްޔާ صلى الله عليه وسلم ހެކިކޮށްދެއްވުމަށްވެސް އެދުނެވެ.  

ފަހެ، ފިރިކަލުން ދަރިކަލުން النعمان بن بشير ގޮވައިގެން ނަބިއްޔާގެ އަރިހަށް ވަޑައިގެންނެވި އެވެ. (އެހިނދު ދަރިފުޅު النعمان بن بشير އަކީ ކުޑަ ކުއްޖެކެވެ.) އަދި ދަރިފުޅަށް މުދަލުން ބައެއް ހިބަކޮށްދޭނެ ވާހަކަ ދެންނެވުމުން ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރެއްވި އެވެ. ألَكَ ولَدٌ سِوَاهُ ”ތިޔަ ދަރި ނޫން އެހެން ދަރިންނެއް ތިބާގެ ތިބޭ ހެއްޔެވެ؟“  ބައްޕާފުޅު ދެންނެވި އެވެ. ”އާދޭހެވެ.“ ފަހެ، އެހިނދު ނަބިއްޔާ ޙަދީޘްކުރައްވައި ދެންނެވި އެވެ. ”އަނިޔާވެރި ކަމަކަށް ތިމަންނަބިއްޔާ ހެކިވެވަޑައި ނުގެންނެވޭނެ އެވެ.“ 

ވުމުން، ވަކި ދަރިއަކަށް ވަކި ޚާއްޞަ ޙާލަތެއް ދިމާވެ ދެވޭ އެއްޗެއް ގޮތުގައި ނުވާގޮތުގައި، އެބަހީ : އެންމެހައި ދަރިންނަށް ހަމަހަމަ ކުރަންޖެހޭ ޢަދުލުވެރިވާންޖެހޭ ޙާލަތުގައި އެފަދައިން ޢަދުލުވެރި ނުވުމަކީ ދަރިންނަށް ދެވޭ އަނިޔާއެކެވެ.  

މިތަނުގައި ޚާއްޞަ ޙާލަތެއް ބުނުމުގެ މުރާދަކީ، ދަރިއަކު ކައިވެނި ކުރީ އެވެ. ފަހެ، އެހިނދު އެ ދަރި އުޅުމަށްޓަކައި ތަނެއް ހޯދުމުގައި އެކަމަށް ޚަރަދު ކުރުމެވެ. މާނައަކީ : ޤަޞްދަކީ އަދި ނިޔަތަކީ އަނެއް ދަރިވެސް ކައިވެނިކޮށްފިހިނދު ތަނެއް ހޯދައިދީ އެފަދައިން ޚަރަދު ކުރުމެވެ.  

އެހެން ކަމުގައިވާނަމަ އެކަމުގައި މައްސަލައެއް ނެތެވެ.  

އޭގެ ބަދަލުގައި އަމިއްލަ މުދަލާއި ތަކެތިން ވަކި ދަރިއަކަށް ހިބައެއް ދީ އެންމެހައި ދަރިންނަށް ޢަދުލުވެރިނުވެ، ވަކި ދަރިއަކަށް ޚާއްޞަކޮށް، ވަކި ދަރިއަކަށް ދިނުމަކީ ކޮށްގެންވާނެ ޢަމަލެއް ނޫނެވެ.  

ފަހެ، މި ޙަދީޘް އަދި މި މާނައިގައިވާ އެހެނިހެން ޙަދީޘްތަކުން ބަޔާންވެގެންވާ ޙުކުމަކީ ޢަދުލުވެރިކުރުން ކަމުގައި ވުމުން އުއްމަތުގެ އިސްވެދިޔަ އަހުލުވެރިން އެފަދައިން ޢަދުލުވެރި ވުމަށްޓަކައި ޢަމަލުކޮށްފައިވާ ގޮތްތައް ބަލާލުން ހުއްޓެވެ. 

الإِمَامُ ابنُ القَيِّمِ -رحمه الله- ވިދާޅުވެފައިވެ އެވެ. ”ސަލަފުން އެބައިމީހުންގެ ދަރިންގެ މެދުގައި ބޮސްދިނުމުގައި ޢަދުލުވެރިކުރެއެވެ.“ 

ވުމާއެކު، މި ނޫން ކަންކަމުގައި ޢަލުދުވެރިވުން ކޮންފަދައަކުން އެބޭކަލުން ޤާއިމްވާނެ ހެއްޔެވެ؟  

أَهْلُ العِلْمِ (ޢިލްމުގެ އަހުލުވެރިން) ގެ މެދުގައި ފިރިހެން ދަރިންނާއި އަންހެން ދަރިންގެ މެދުގައި ޢަދުލުވެރިވަނީ ކިހިނެތްކަމާ މެދުގައި ޚިލާފްއުފެދިފައިވެ އެވެ. 

މިކަމުގެ އެންމެ މަޝްހޫރު ބަސްފުޅަކީ : ފިރިހެން ދަރިއަށް ދެވޭ ފައިސާގެ މިންވަރަށް އަންހެން ދަރިއަށް ދިނުމެވެ. ހަމަހަމައަށް އެއްވެސް ތަފާތެއް ނުވާގޮތުގައި ދިނުމެވެ.  

އަދި މިއީ މި ކަމުގައި އެންމެ ޞައްޙަ އަދި އެންމެ ޢަދުލުވެރި ބަސްފުޅެވެ. 

ކޮންމެއަކަސް : ބައްޕައަށް ވާޖިބުވެގެންވަނީ އޭނާގެ ދަރިންގެ މެދުގައި އެންމެހައި ކަންކަމުގައި ޢަދުލުވެރި ވުމެވެ. އެއީ މާއްދީގޮތުން ނުވަތަ މަޢުނަވީގޮތުގައިވީ ނަމަވެސް އެ ހުރިހައި ގޮތްތަކުގައި ޢަދުލުވެރި ވުމެވެ. ކުޅަދާނަވީ މިންވަރަކަށް މިގޮތުގައި ދެމިހުރުމެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply