ބަނގުރަލުގެ ޝިޔާރު ހުންނަ ފޭރާން ލައިގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ކުފުރުގެ ޝިޢާރު ތަކާއި، ފާފަވެރި ޢަމަލުތައް އަދި ޙަރާމްވެގެންވާ ތަކެތި ލިޔެފައިވާ ފޭރާންތައް ލުމުގެ ޙުކުމާއި މެދުގައި ބުނަމެވެ.
އަޚާއެވެ! މަސްތުވާތަކެތި އަދި އޭގެ ތެރޭގައި ހިމެނިފައިވާ މަރިޖުއާނާ އަކީ ޙަރާމްވެގެންވާ ތަކެއްޗެކެވެ.
ފަހެ، ބަގުރާއާ މަސްތުވާތަކެތީގެ ފާފައިގެ ނުބައިކަން އެނގުމުން މިފަދަ ތަކެތި ފެތުރުމާއި އޭގެ ޝިޢާރުތައް އުފުލުމުގެ ނުބައިކަމާއި ނުރައްކާ އެނގިގެންދާނެ އެވެ.
ބަގުރާގެ މުޑުދާރުކަމާއި އޭގެ ނުބައިކަން ބަޔާންކުރައްވާ ﷲ ވަޙީ ކުރެއްވި އެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ،)
”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރަލާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާ ގެ ޢަމަލު ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ތިޔަބައިމީހުން މިތަކެއްޗާއި ދުރުވާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކަ އެވެ.“
صحيح مسلم ގައި ޞަޙާބީ أبي سعيد الخدري- رضي الله عنه ގެ އަރިހުން ރިވާވެގެންވެ އެވެ. ހަމަކަށަވަރުން النبي صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. : ”إن الله تعالى حرم الخمر، فمن أدركته هذه الآية وعنده منها شيء فلا يشرب ولا يبع)
ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ ބަގުރާ ޙަރާމް ކުރައްވާފަ އެވެ. ފަހެ، މި އުއްމަތުގެ މީހުންގެ ތެރެއިން މީހަކަށް މި އާޔަތް ފޯރުމަށްފަހު، އޭނާގެ އަތުގައި ބަގުރަލުގެ އެއްވެސް މިންވަރެއްވެއްޖެ މީހާ އެއިން ބޮއެގެން އަދި ވިއްކައިގެން ނުވާނެ އެވެ.“
އެހެން ޙަދީޘެއްގައިވެ އެވެ. ޙަދީޘް ގައިވެ އެވެ. (لعن رسولُ اللهِ صلى الله عليه وسلم في الخمرةِ عشرةً : عاصرَها، ومعتصرَها، وشاربَها، وحاملَها، والمحمولةَ إليه، وساقيها، وبائعَها، وآكلَ ثمنِها، والمشتريَ لها، والمشتراةَ له) ”ބަގުރަލުގެ 10 ބަޔަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ލަޢުނަތްލެއްވި އެވެ. ބަގުރާ ތައްޔާރުކޮށް އަމިއްލައަށް ބޯ މީހާ، ބަގުރާ ބުއިމަށްޓަކައި އެހެންމީހެއްގެ ކައިރިން އެދޭ މީހާ، ބަގުރާ ބޯމީހާ، ބަގުރާ އުފުލާ މީހާ، އެމީހެއްގެ ކައިރިއަށް އުފުލައި ގެނެސްދެވޭ މީހާ، ބަގުރާ އަޅައިދޭ މީހާ، ބަގުރާ ވިއްކާ މީހާ، އޭގެ ފައިސާ ކާ މީހާ، ބަގުރާ ގަންނަމީހާ އަދި އެމީހަކަށް ގަނެދެވޭ މީހާ އެވެ.“ الترمذي 1290 قال الألباني حسن صحيح
އަޚާއެވެ! މިއީ ބަގުރަލާއި އަދި މަސްތުވާ ތަކެތީގެ މައްޗަށް ބަޔާންވެގެންވާ ގޮތެވެ. މިފަދަ މުޑުދާރު، ޙަރާމްވެގެންވާ އެއްޗެއް ތިމާގެ ލިބާހުގައި، ފޭރާމުގައި، ލިޔެ އުފުލުން ހުއްދަވާނެ ހެއްޔެވެ؟ ޝައްކެތްވެސް ނުވާ ގޮތުގައި އެއީ ޙަރާމް ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ. އެ އެއްޗެއް ﷲ ޙަރާމް ކުރެއްވުމުން، އެއަށް މުސްލިމް އަޅާގެ ނަފްސުގައި ނަފްރަތާއި ރުޅިވެރިކަން ފާޅުކުރުންވެ އެވެ. އަދި އޭގެ އެންމެހައި ގުޅުންތަކާއި އަދި މިސްތަކުންގެ ކިބައިން ދުރުކުރެވޭނެ އެންމެހައި މަގުތަކަށް ބާރު އެޅުމަކީ އެންމެ ބޮޑު ވާޖިބެވެ.
އޭގެ ބަދަލުގައި އެ ޝިޢާރު ތަކާއި އޭގެ ނަންތައް އަދި އެ ހަދާތަކެތި އިސްތިހާރުކޮށް އުފުލައި ހެދުމަކީ މުއުމިނު އަޅެއްގެ ޢަމަލުކަމުގައި ނުވާނެ އެވެ.
ބައެއް މުސްލިމުން އެބައިމީހުންގެ ފެރާމުގައި އެކިއެކި ސިގެރެޓްގެ ނަންތައް ލިޔެފައިވާ ފޭރާންތައް ލުމާއި، ބަގުރަލުގެ އެކިއެކި ނަންތައްތައް ލިޔެފައިހުންނަ ފޭރާންތަކަތާއި ލޯގޯ ޖަހާފައި ހުންނަ ފޭރާންތައް ލުމަކީ ޝައްކެއްވެސް ނުވާގޮތުގައި ޙަރާމް މުޑުދާރު ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ.
ވުމާއެކު މިފަދަ އެންމެހައި ފޭރާމެއް ލުން ހަރާމް ވާނެ އެވެ. އެ ފޭރާންތަކަކީ މުސްލިމެއްގެ ފަރާތުން ލޯތްބެއް ދެވޭނެ ފޭރާމެއް ކަމުގައި ވެގެން ނުވާނެ އެވެ.
އެހެނަސް އެ ފޭރާން ލައިގެން ކޮށްފައިވާ ނަމާދެއް ބާޠިލެއް ނުވާނެ އެވެ. އެ ނަމާދަކީ ޞައްޙަވެގެންވާ ނަމާދެކެވެ. ސަބަބަކީ، އޭނާ ނަމާދުގެ އެންމެހައި ޝަރުޠުތަކާއި ރުކުންތައް އަދާކޮށްފައިވެ އެ ނަމާދު ކޮށްފިނަމަ އެއީ ޞައްޙަވެގެންވާ ނަމާދެއް ކަމުގައިވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.