ޒިނޭގެ ޖަރީމާގެ ނުބައިކަމަކީ ކޮބާތޯއެވެ؟- الإمام ابن القيِّم رحمه الله
ތަރުޖަމާ ކުރެއްވީ އުސްތާޛް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
”ޒިނޭގެ ފަސާދައަކީ އެންމެ ބޮޑުވެގެންވާ ފަސާދައިގެތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެއީ މި ޢާލަމުގައި އިންސާނުންގެ ނަސަބު ރައްކާތެރިކުރުމަށް ލެއްވިފައިވާ ނިޒާމް ނަފީ ކުރެވިގެންވާ ކަމެކެވެ. އަދި އެއީ ފަރުޖުތަށް ޙިމާޔަތްކުރުމަށްޓަކައި ނަހީ ކުރެވިފައިވާކަމެކެވެ.
ޙަރާމްކުރެވިގެންވާ ކަންތައްތަކުން ރައްކާތެރިކުރުމަށްޓަކައި ޒިނޭ ނަހީ ކުރެވިފައިވެއެވެ. އަދި މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފައްދައި އެގޮތުން އަންހެނާއާއި އޭނާގެ ޞާޙިބާ، އޭނާގެ އަންހެން ދަރިޔާއި، އޭނާގެ އުޚްތާއި، އޭނާގެ މަންމަ ދެމެދުގައި އެންމެ ބޮޑު ފަސާދައެއް ކޮށްލުމުގައިވެއެވެ.
އަދި މިއީ މި ޢާލަމް ޚަރާބު ކުރުވާނެ ކަމެކެވެ. ޒިނޭގެ ޖަރީމާގެ ބޮޑު ކަމަކީ ގަޞްދުގައި މީހަކު މަރާލުމުގެ ފަސާދައަށް ފަހުގައި މިފާފަ ވުމެވެ. އެގޮތުން ﷲ سبحانه وتعالى އެއިލާހުގެ ފޮތުގައި އަދި ﷲ ގެ ރަސޫލާގެ ސުންނަތުގައި އިސްވެ ބަޔާންކުރެވުނު ފަދައިން މި ދެ ކަންތައް އެކައްޗަށް ފަހު އަނެކައްޗާއި ވިދިގެން ޛިކުރު ކުރައްވާފަިއވެއެވެ.
الإمام أحمد ވިދާޅުވެފައި ވެއެވެ: ”ޤަޞްދުގައި މީހަކު ޤަތުލު ކުރުމުގެ ފާފައަށް ފަހުގައި ޒިނޭގެ ފާފައަށްވުރެ ބޮޑު ނުބައިކަމެއް ވާކަމެއް އަހަރެން ނުދަންނަމެވެ.“
ﷲ سبحانه وتعالى މިކަމުގެ ޙުރުމަތުގެ ބޮޑުކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ: ﴿وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا ( 68 ) يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا ( 69 ) إِلا مَنْ تَابَ ﴾ މާނައަކީ: ”އެބައިމިހުންނަކީ ﷲ އާއެކު އެހެން އިލާހަކަށް ދުޢާ ނުކުރާނެ މީހުންނެވެ. އަދި ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ނުލައި ނުމަރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފިމީހާ އެކަމުގެ ޢުޤޫބާތާއި ބައްދަލު ކުރާނެއެވެ. އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަ ކުރައްވާހުއްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެއަޛާބުގެ ތެރޭގައި އެމީހަކު ދެމިހުންނާނެ އެވެ. ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލު ކުޅަ މީހަކު މެނުވީއެވެ.“
މިއާޔަތުގައިވަނީ ޝިރުކު ކުރުމާއި ނަފްސު ޤަތުލު ކުރުމާއެކުގައި ޒިނޭކުރުން ޒިކުރު ކުރައްވާފަ އެވެ. އަދި އެކަމުގެ ޖަޒާއަކީ ނަރަކައިގެ އަޛާބު ލިބުމުގައި ދެމިހުރުމާއި، އަޛާބު އޭނާގެ މައްޗަށް ގިނަކުރެއްވުމެވެ. އެއީ އަޅާއަށް އެޢުޤޫބާތް ލިބުން މަނާކުރުވާނެ ކަންތައްކަމުގައިވާ އީމާންކަމާއި، ހެޔޮ ޞާލިހު އަމަލު ކުރުމާއި އަދި ތައުބާ ވުން ނެތިއްޖެހިނދުގަ އެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ: ﴿وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً ﴾ ”އަދި ތިޔަބައިމީހުން ޒިނޭއާ ކައިރި ނުވާށެވެ. އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވި އެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދާހާ ނުބައިވެގެންވެ އެވެ.“
މިކަމުގެ ފާޙިޝްކަމުގެ ބޮޑުކަމުގެ ޚަބަރު ﷲ ބަޔާންކުރައްވާފައި ވެ އެވެ. އެއީ އެފާޙިޝްކަމުގެ މުޑުދާރުކަން އިންތިހާއަށް ގޮސްފައިވުމެވެ.
އެގޮތުން ޖަނަވާރުތަކުގެ ބުއްދިއަށް މިފާޙިޝްކަމުގެ ނުބައިކަންް އެނގިފައި ވުމެވެ. މިކަމުގެ މިޘާލަކީ عمرو بن الأودي ގެ އަރިހުން الإمام البخاري ޞަޙީޙުގައި ޒިކުރުކޮށްފައިވެއެވެ: ”އަހަރެން ޖާހިލިއްޔަތުގައި މަކުނެއް އެހެން މަކުނަކާ ޒިނޭކުރުމުން ގިނަ މަކުނުތަކެއް ޒިނޭކުރި 2 މަކުނުގެ ކައިރިޔަށް ޖަމާވެ އެދޭތި މަރުވަންދެން ރަޖުމުކުރި އެވެ.“ އެއަށް ފަހުގައި މިއާޔަތުގައި ބަޔާންކޮށްފައިވަނީ ޒިނޭކުރުމުގެ މަގަކީ އޭގެ އިންތިހާއަށް މަގެއްގެ ގޮތުން ނުބައިވެގެންވީ މަގެއް ކަމުގަ އެވެ. އަދި ހަމަކަށަވަރުން އެމަގަކީ ހަލާކުގެ ތެރެއަށް އެއްލާލެވޭނެ، ނަރަކައިގެ ތެރެއަށް ހޫރާލެވޭނެ އަދި ދުނިޔެމަތީގައި ދެރަ ނިކަމެތިކޮށްލާނެ މަގެއް ގޮތުގައި ވެ އެވެ. އަދި އެ މަގަކީ ޢަޒާބާއި މާޔޫސްކަމާއި އާޚިރަތް ދުވަހުގައި މޮޅިވެރިކަމާއި ހިތާމައާއި އަބާއްޖަވެރިކަމަށް ގެންގޮސްދޭނެ މަގެކެވެ.
ބަފައިން ކައިވެނިކޮށްފައިވާ އަންހެނުންނާއި ކައިވެނި ކުރުމަކީ ހުތުރުކަން ބޮޑު ކަމެއްގެ ގޮތުގައި ވުމުން އެނުބައިކަން އިތުރަށް ބަޔާންކުރައްވާ ޚާއްޞަކޮށް ވަޙީ ކުރެއްވި އެވެ: ﴿إِنَّهُ كَانَ فَاحِشَةً وَمَقْتًا وَسَاء سَبِيلاً ﴾ ”ހަމަކަށަވަރުން އެކަމަކީ ހުތުރުކަން ބޮޑު ފާފައެއްކަމުގައްޔާއި އަދި ނުރުއްސަވާނޭ ކަމެއްކަމުގައި ވި އެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ މަގެކެވެ.“
އަޅާގެ ކާމިޔާބީ ލިބުން އޮތީ އޭނާގެ ފަރުޖު (ޒިނޭކުރުމާއި އެހެނިހެން ޙަރާމްވެގެންވާ ކަންކަމުން) ރައްކާތެރިކުރުމުން ކަމުގައި ވަޙިކުރައްވާފައިވެ އެެވެ. ފަހެ، އެގޮތުން މެނުވީ ކާމިޔާބީ ހޯދޭނެ މަގެއް ނޯންނާނެ އެވެ. ﷲ ވަޙީ ކުރެއްވިއެވެ: ﴿قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ﴿٣﴾ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ﴿٤﴾ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ﴿٥﴾ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ ﴾ ”މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެބައިމީހުންނީ އެބައިމީހުންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ. އަދި އެބައިމީހުންނީ ބޭކާރު ވާހަކަތަކާއި ކަންތައްތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެބައިމީހުންނީ ޒަކާތްދޭ މީހުންނެވެ. އަދި އެބައިމީހުންނީ އެބަިމީހުންގެ ފަރުޖުތަކަށް (ޖިންސީ ގުނަންތަކަށް) ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބިންގެ މައްޗަށާއި އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީ އެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުންނަށް އެކަމުގައި މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، މިނޫން ގޮތަކަށް އެދިއްޖެ މީހާ ދަންނާށެވެ، ފަހެ އެބައިމީހުންނަކީ ހައްދުފަހަނައަޅައިދާ މީހުންނެވެ.“
މިތަނުގައި 3 ކަމެއް އެކުލެވިގެންވެ އެވެ. ހަމަކަށަވަރުން އެމީހެއްގެ ފަރުޖު ރައްކާތެރިނުކުރި މީހަކީ ކާމިޔާބީގެ އަހުލުވެރިންގެ ތެރެއިން ނުވާނެ މީހެކެވެ. އަދި ހަމަ ކަށަވަރުން އެފަދަ މީހަކީ މަލާމާތް ލިބިގެންވާ ހައްދުފަހަނައަޅައިފައިވީ އަދި ކާމިޔާބީ ފާއިތުވެ ގޮސްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ޢުދުވާނެއްގެ ނަން ޙައްޤުވެގެންވެ އެވެ. އަދި އޭނާ ވަނީ މަލާމާތުގެ ތެރެއަށް ވެއްޓިފައެވެ.
ހަމަކަށަވަރުން ﷲ سبحانه وتعالى އިންސާނާއަކީ އުފަލާއި ދަތި ޙާލުގައި މުދާވެރިކަމަށް ދަހިވެތި ފަރާތެެއް ކަމުގައި ހައްދަވާފައިވެއެވެ. ހަމަކަށަވަރުން ﷲ ތައާލަ އެިލާހުގެ ނަބިއްޔާއަށް މުއުމިނު އަޅުތަކުންގެ ބެލުންތައް ތިރިކުރުމަށާއި އެބައިމީހުންގެ ފަރުޖުތަކަށް ރައްކާތެރިވުމަށް ﷲ އަމުރުފުޅު ކުރެއްވިއެވެ. އަދި އެއިލާހު އެބައިމީހުންގެ ޢަމަލުތަކުގެ މައްޗަށް ބައްލަވާވޮޑިގެންވާކަން އުނގަންނައި ދެއްވުމަށް ރަސޫލާއަށް ބަޔާންކުރެއްވި އެވެ. ﷲ ވަޙީ ކުރެއްވިއެވެ: ﴿يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ﴾ ”ލޮލުގެ ޚިޔާނަތާއި ހިތްތަކުގައިވާ ވަންހަނާވެގެންވާ ކަންތައްތައް ދެނެވޮޑިގެންވެ އެވެ.“ الداء والدواء ص 345-347
ޒިނޭގެ މި ޢަމަލާއި އަދި މި ޢަމަލުގެ އަހުލުވެރިޔާގެ ނަޖިސް ކަމާއި މުޑުދާރުކަމާއި، އޭނާގެ އަޚްލާޤާއި އުޅުން ފަސާދަވެފައިވާ މިންވަރުގެ ބޮޑުކަން ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ.
”ޒިނޭ އަކީ އެންމެހައި ނުބައިކަންތަކެއް ޖަމަޢަކޮށްފައިވާ ކަމެކެވެ: ދީންވެރިކަމެއް ނެތުމާއި، ވަރަޢަވެރިކަން ގެއްލުމާއި، ޣީރަތްތެރިކަން ނެތުމާއި، އެއްބަސްވުންތަކަށް ވަފާތެރި ނުވުމާއި، ބަސްބުނުމުގައި ތެދުވެރި ނުވުމާއި، އަނބިދަރީންގެ މައްޗަށް ލަދުވެތިކަމެއް ނެތުމާއި، ޣައްދާރުވުމާއި، މަކަރު ހެދުމާއި ޚިޔާނާތްތެރިވުމާއި، ޙަރާމްކަންތަކަށް އަރައިގަތުމަށް ޖެހިލުން ކުޑަވުމާއި، އޭނާގެ ހިތުން ޣީރަތްތެރިކަން ފިލައިގެން ދިއުންވެ އެވެ.“ روضة المحبين ص 360 – 363
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.