ކޮންޕިއުޓަރ ޕްރޮޤްރާމް ތަކާއި އަދި އެ ނޫންވެސް އޭގެ -ކޮޕީރައިޓް- ހައްޤު ކަށަވަރުކޮށް ރައްކާތެރި ކޮށްފައިވާ ތަކެތީގެ- ހުއްދަ ލިބިފައި ނުވާ ޙާލުގައި- ކޮޕީ ހެދުމާއި، އެ އެއްޗެހި ވިއްކުމުގެ ޙުކުމަކީ ކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކޮންޕިއުޓަރ ޕްރޮޤްރާމް ތަކާއި އަދި އެ ނޫންވެސް އޭގެ -ކޮޕީރައިޓް- ހައްޤު ކަށަވަރުކޮށް ރައްކާތެރި ކޮށްފައިވާ ތަކެތީގެ- ހުއްދަ ލިބިފައި ނުވާ ޙާލުގައި- ކޮޕީ ހެދުމާއި، އެ އެއްޗެހި ވިއްކުމުގެ ޙުކުމާއި މެދުގައި ބުނަމެވެ.
މި ޢަމަލުގެ ޙުކުމުގެ މައްޗަށް ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން (13 / 188) ޤަރާރެއް ނެރުއްވާފައިވެ އެވެ. އެ ޤަރާރުގައި، ކުރެވިފައިވާ ސުވާލަކަށް ޖަވާބު ދެވިފައިވެ އެވެ.
ސުވާލު : އަހަރެން މަސައްކަތް ކުރަނީ ކޮންޕިއުޓަރުގެ ދާއިރާގަ އެވެ. މި ދާއިރާގައި މަސައްކަތް ފެއްޓިހިނދުން ފަށައިގެންވެސް، ޕްރޮޤްރާމްތަކުން މަސައްކަތް ކުރުމަށްޓަކައި އެ ކޮޕީކުރަމެވެ. އެކަން ކުރާ ގޮތަކީ މި ޕްރޮގްރާމްގެ އަސްލު ކޮޕީ ނުގަނެއެވެ. އެ ޕްރޮގްރާމްތަކުގައި ކޮޕީ ހެދުމުން އިންޒާރު ދީފައިވާ ޢިބާރާތްތައް ހުންނަކަން އެގުމާއިއެކުވެސް މެއެވެ. އޭގެ މާނައާކީ ކޮޕީ ރައިޓްސް ރައްކާތެރިވެގެންވާ ކަމެވެ. (މި ޢިބާރާތް) ބައެއް ފޮތްތަކުގައިވާ “ ޕްރިންޓް ރައިޓްސް ރައްކާތެރި ކުރެވިފައި“ ޢިބާރާތާއި ވައްތަރެވެ. މި ޕްރޮޤްރާމް ތަކުގެ ޞާޙިބާއަކީ މުސްލިމަކަށް ނުވަތަ ކާފަރަކަށްވެސް ވެދާނެ އެވެ. އަހަރެންގެ ސުވާލަކީ : މިގޮތަށް ޕްރޮޤްރާމްތައް ކޮޕީހެދުން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު : އޭގެ ވެރި ފަރާތުން އެ ޕްރޮޤްރާމްތަކުން ކޮޕީހެއްދުން (ކޮޕީ ރައިޓްސް ރައްކާތެރިކޮށްފައިވާނަމަ) މަނާކޮށްފައިވާނަމަ، އެމީހުންގެ އިޛުނަ ލިބުމަށްފަހުގައި މެނުވީ އޭގެ ކޮޕީހެއްދުން މަނާވެގެންވެ އެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘްގައި ބަޔާން ކުރައްވާފައިވުމުންނެވެ. (المسلمون على شروطهم ) ”މުސްލިމުން ވާކަން ކަށަވަރީ، އެބައިމީހުންނާ ކުރެވިފައިވާ ޝަރުޠުތަކުގެ މަތީގަ އެވެ.“
އަދިވެސް صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (لا يحل مال امرئ مسلم إلا بطيبة من نفسه ) ”އެއްވެސް މުސްލިމެއްގެ މުދާ، އެމީހެއްގެ ނަފްސުގެ ރުހުމާއެކުގައި މެނުވީ ހުއްދައެއް ނުވާނެ އެވެ.“ އަދިވެސް صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (من سبق إلى مباح فهو أحق به ) ”ހުއްދަވެގެންވާ ކަމެއްގައި އޭނާ އަނެކާއަށްވުރެ ކުރިއަރައި ގޮސްފިހިނދު، އެ ހޯދި ފަރާތަށް އެ އެއްޗެއް ޙައްޤުކަން ބޮޑުވެގެންވެ އެވެ.“
އެއީ، އެ ޕްރޮޤްރާމް ތަކުގެ ޞާޙިބާއަކީ މުސްލިމެއް ނުވަތަ ކާފަރެއް ކަމުގައިވީނަމަވެސް އެވެ. ޙަރުބީ ކާފަރެއް ފިޔަވަ އެވެ. ސަބަބަކީ، ހަރުބީ ކާފަރުން ފިޔަވައި އެހެނިހެން ކާފަރުންނަކީ މުސްލިމުންގެ ޙައްޤުތަކަށް ރައްކާތެރި ކުރެވިގެންވާ ފަދައިން ރައްކާތެރި ކުރެވިގެންވާ ފަރާތެކެވެ.“ (ފަތުވާ ނިމުނީ އެވެ.)
ވުމުން އަޚާ އެވެ! މަތީގައި ބަޔާން ކުރެވިގެންވާ ފަދައިން އެ ކޮޕީ ކުރުމާއި އަދި ޕްރިންޓު ކުރުމުގެ ޙައްޤު ރައްކާތެރިކޮށްފައިވާ ތަކެއްޗަކީ އޭގެ ވެރިފަރާތުން ޙައްޤު ކަށަވަރު ކޮށްފައިވާ ތަކެތި ކަމުގައި ވުމުން، އެބައިމީހުންގެ އެ ހައްޤުގެ މައްޗަށް އަރައިގަތުން އެހެނިހެން ފަރާތްތަކަށް ހުއްދައެއް ނުވާނެ އެވެ. އޭގެ އަޞްޙާބުންގެ ފަރާތުން އިޛުނަ ލިބުމަށް ދާންދެން ޝަރުޠު ކުރެވިގެންވާ ފަދައިން ދެމި އޮންނާނެ އެވެ.
އަޚާ އެވެ! ދަންނަ އެވެ! ގިނަ ފަހަރު މިފަދަ ޕްރޮޤްރާމް ތަކުގެ އަޞްލު ތަކެއްޗަކީ އޭގެ އަގު ބޮޑެތިކަމުގެ ސަބަބުން އަޞްލު ހޯދުމަށް ނުކުޅެދޭ ޙާލުގައިވާ މިންވަރަށްވުރެ އެތައް ގުނައެއް އަގުހެޔޮ ތަކެއްޗެކެވެ. އަދި ޚާއްޞަކޮށް ގިނަ ބަޔަކު ބޭނުން ކުރުމަށް (ގިނަ ޔޫސާ ކީ ގޮތުގައި) އެއްފަހަރާ ގަންނަ ކަމުގައިވާނައެވެ.
ވުމުން، ހިތާމައަކި ތިމާއަށް ތަނަވަސްކަމާއި އަދި ބުރަ ކަމަކަށް ނުވާހިނދުގައި މިފަދަ ހައްޤު ކަށަވަރުކޮށްފައިވާ ތަކެތި ކޮޕީހަދައިގެން ނުވަތަ އެ ނޫންވެސް ގޮތްތަކުން ހުއްދަ ނުހޯދައި ބޭނުން ކުރުމެވެ. މިއީ ތިމާ އަމިއްލައަށް ހަދައި އޭގެ ޙައްޤު ކަށަވަރުކޮށް ބާޒާރަށް ނެރޭހިނދު، އެހެން ބަޔަކު އެއިން ވަގު ކޮޕީހަދާނަމަ އަމިއްލަ ނަފްސުން އެބަޔަކާއި މެދު ދެކޭނީ ކިހިނަކުން ހެއްޔެވެ؟ ޝަރީޢަތުގައި އަދި ދީނުގައި ކަނޑައެޅިފައިވަނީ އެހެން މީހުން ތިމާއާ މެދު މުޢާމަލާތް ކުރުމަށް އެދޭ ފަދައިން ތިމާވެސް އެފަދައިން އެހެން މީހުންނާ މެދުގައި މުޢަމަލާތް ކުރުގައި ދެމިހުންނާށެވެ.
އިމާމް مسلم ޞަޙާބީ عبدالرحمن بن عبد رب الكعبة ގެ އަރިހުން ރިވާކޮށްފައިވާ ހަދީޘްގައިވެ އެވެ. (….فمَن أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ، وَيُدْخَلَ الجَنَّةَ، فَلْتَأْتِهِ مَنِيَّتُهُ وَهو يُؤْمِنُ باللَّهِ وَالْيَومِ الآخِرِ، وَلْيَأْتِ إلى النَّاسِ الذي يُحِبُّ أَنْ يُؤْتَى إلَيْهِ…) ”ފަހެ، ﷲ އާއި ޤިޔާމަތް ދުވަހަށް އީމާންވާ ޙާލުގައި، އެމީހެއްގެ ނަފްސު ނަރަކައިން ދަމާ ކޫއްތިގެންވެސް ސަލާމަތް ވުމަށް ބޭނުންވެ ސުވަރުގެއަށް ވަނުމަށް އެދޭ މީހާ، އޭނާ މީސްތަކުންގެ ގާތަށް އަންނަކަން ކަށަވަރީ އޭނާގެ ގާތަށް އެހެންމީހުންވެސް އައުމަށް އެދޭ ފަދައިން ކަމުގައި ހެދުން ހުއްޓެވެ.“ އެބަހީ : އޭނާގެ އުއްމީދު ކަމުގައިވާހުށީ، އެހެން މީހުން އޭނާއާ މެދު މުޢާމަލާތް ކުރަން އެދޭ ފަދައިން އޭނާވެސް އެހެން މީހުންނާ މެދުގައި އެފަދައިން މުޢާމަލާތް ކުރުން ކަމުގަ އެވެ.
އެހެންވުމުން، އަމިއްލައަށް ތައްޔާރުކޮށް ބާޒާރަށް އެއްޗެއް ނެރެ، އޭގެ ޙައްޤު ރައްކާތެރިކޮށް ކަށަވަރުކޮށްފައިވާ އެއްޗެއް ބަޔަކު ނުކުމެ އެ ކޮޕީކޮށް އެ ވިއްކައި މަންފާހޯދުމަށް ތިމާ ރުހޭނަން ހެއްޔެވެ؟ ޖަވާބަކީ ނުރުހޭނެ އެވެ. ފަހެ، އެހިނދު ތިމާވެސް އެހެން މީހުން ތައްޔާރުކޮށްފައިވާ ތަކެއްޗާއި މެދުގައި ދެކެން ޖެހޭނީ މިފަދައިންނެވެ.
މިފަދައިން ޙައްޤު ރައްކާތެރިކޮށްފައިވާ ޕްރޮޤްރާމް ތަކާއި އަދި އެނޫން ތަކެތި އެއަށް ނުހަނު ޙާޖަތް ޖެހިފައިވާ މީހާއަށް އަމިއްލަ ބޭނުމަށް އޭނާ ބޭނުން ކުރުމަށްޓަކައި ބައެއް ޢިލްމުވެރިން ހުއްދަ ކުރައްވާފައިވާކަންވެސް ޢިލްމުވެރިންގެ ބައެއް ބަސްފުޅުތައްވެ އެވެ.
މިފަދަ ތަކެތީގެ މައްޗަށް މި ފަހުގެ ޒަމާނުގައި ފާޅުވި އެންމެ ބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ الشيخ ابن العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ކޮންޕިއުޓަރ ސޮފްޓްވެއާރ ތަކާއި ޕްރޮޤްރާމްތައް އެތަކެތި އުފައްދާ ކުންފުނިން އެތަކެތި ކޮޕީހެއްދުން މަނާކޮށްފައިވާހިނދު އަދި (ދަޥްލަތުގެ) ނިޒާމުން މަނާކޮށްފައިވާހިނދު އެކަން ކުރުން ހުއްދަވާނެ ހެއްޔެވެ؟ އަދި ވަރަށްވެސް ބޮޑު އަގުގައި އެތަކެތި ވިއްކުން އެއީ އެތަކެތި (ގަންނަން ބޭނުންވާ މީހުންނަށް ބޭނުން ނުކުރެވޭ މިންވަރަށް އަގު އުފުލައި) ހިފެހެއްޓުން ކަމުގައި ނުވާނެ ހެއްޔެވެ. އަދި އެ ކޮޕީ ހަދައި ވަރަށް އަގުހެޔޮކޮށް ވިއްކަން ހުރެ އެވެ؟
ޖަވާބު ؟ އެއީ ޤުރުއާން ހެއްޔެވެ؟ (އެބަހީ : އެފަދައިން ތައްޔާރުކޮށް ބޮޑު އަގުގައި ވިއްކާ ޕްރޮޤްރާމް ތަކަކީ ޤުރުއާން ހެއްޔެވެ؟)
ސުވާކު ކުރާ މީހާ : ކޮންޕިއުޓަރ އެންމެހައި ސޮފްޓްވެއަރ ތަކެވެ.
ޝެއިޚް ވިދާޅުވި އެވެ. ޤުރުއާން ތޯ އެވެ؟
ސުވާލު ކުރާ މީހާ : ޤުރުއާންގެ ސޮސްޓްވެއާރ އަދި ޤުރުއާން ނޫން ސޮފްޓްވެއާރ އާއި ހަދީޘް އަދި އެހެނިހެން ސޮފްޓްވެއާރ ތަކެވެ.
ޝެއިޚް ވިދާޅުވި އެވެ. ޔަޢުނީ : ސީޑީތަކަށް އަޅާފައި ހުންނަ ތަކެތި ހެއްޔެވެ؟
ސުވާލު ކުރާ މީހާ : ސީޑީ ތަކަށް އަޅާފައި ހުންނަ ތަކެއްޗެވެ.
ޝެއިޚް ވިދާޅުވި އެވެ. ދެންފަހެ، އެކަން މަނާކޮށްފައިވަނީ ދަޥްލަތުން ކަމުގައިވާނަމަ، ފަހެ، (އެ ތަކެތީގެ ކޮޕީ ހެދުން) ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ﷲ އަށް އުރެދުމެއް ކަމުގައި ނުވާ ކޮންމެ ކަމެއްގައި ވަލިއްޔުލް-އަމްރުންނަށް ކިޔަމަންވުމަށް ﷲ އަމުރުފުޅު ކުރައްވާފައިވެ އެވެ. އެފަދަ ތަކެތި ކޮޕީހެއްދުން މަނާކުރުމަކީ ﷲ އަށް އުރެދުމުގެ ތެރެއިން ހިމެނިގެންވާ ކަމެއް ނޫނެވެ.
ދެންފަހެ، އެކަން މަނާކޮށްފައިވަނީ އެ ކުންފުނިން ކަމުގައިވާނަމަ، އަހަރެން ދެކެނީ މީހަކު ހަމައެކަނި އޭނާގެ އަމިއްލަ ބޭނުމަށް (އެ ބޭނުން ކުރުމަށްޓަކައި) ވަނާމަ އެކަމުގައި މައްސަލައެއް ނެތެވެ. އެހެނަސް ގަނެވިއްކުމުގެ ގޮތުން (ވިޔަފާރީގެ ގޮތުން) ފަހެ، އެ ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ އެކަމުގައި އެހެން މީސްތަކުންނަށް ގެއްލުންވެ އެވެ. އެކަން ވަތްތަރުވަނީ މުސްލިމެއްގެ ވިޔަފާރިއަށް ހުރަސް އެޅޭ ގޮތަށް ގަނެވިއްކުމާ އެވެ. ސަބަބަކީ އެބައިމީހުން އެ ވިއްކަނީ 100 (ރުފިޔާ) އަށެވެ. އަފި ތިބާ އެއިން ކޮޕީ ހަދައިގެން 50 އަށް ވިއްކަ އެވެ. މިއީ ތިބާގެ އަޚާގެ ވިޔަފާރީގެ މައްޗަށް ހުރަސްއެޅޭ ގޮތަށް ވިއްކުމެވެ.
ސުވާލު ކުރާ މީހާ : އެއީ ކޮޕީ ހައްދައިގެން 50 (ރުފިޔާއަށް) ވިއްކާހިނދު، ފިހާރައިން އަހަރެން ގަތުން ހުއްދަވާނެ ހެއްޔެވެ؟
ޝެއިޚް ވިދާޅުވި އެވެ. ހުއްދައެއް ނުވާނެ އެވެ. ހަމައެކަނި ހުއްދަވާނީ އެއީ އެފަރާތަށް ހުއްދަ ދީފައިވާ ފަރާތެއްކަން އެނގުމަށް ދާންދެނެވެ. އެހެނަސް އޭނާއަށް ހުއްދަ ދީފައިވާކަން އަންގައި ނުދެވޭނަމަ، ފަހެ، މިކަން ވާނީ ފާފައާއި ޢުދުވާންއަށް ހިތްވަރުދީ ބާރުއެޅުން ކަމުގަ އެވެ.
ސުވާލު ކުރާ މީހާ : ވެރިފަރާތުން އެމީހާއަށް ހުއްދަ ނުދޭ ކަމުގައިވާނަމަ އެވެ؟ جزاك الله خيراً –
ޝެއިޚް ވިދާޅުވި އެވެ. ތިބާއަކަށް ނޭނގެ އެވެ. ބައެއްފަހަރު އިންސާނަކު ފިހާރައެއްގަ މަޑުކޮށްލައި އޭނާއަށް ނޭނގިހުރެ ގަނެގެން ދެ އެވެ. މިޙާލުގައި (ނޭނގި ގަނެފިހިނދު) އެކަމުގައި މައްސަލައެއް ނެތެވެ. އެހެނަސް އެނގިހުރެ އެކަން ކުރާ ފަރާތަށް އެކަމުގައި (ފާފަވެރި) ވާނެ އެވެ.“ لقاءات الباب المفتوح 178 / السؤال 6
ވުމާއެކު، މިފަދަ ތަކެތި ޙައްޤު ކަށަވަރުކޮށްފައިވެ އަދި ވެރި ފަރާތުން ވަޤު ކޮޕީހައްދައި އަމިއްލަ ބޭނުމަށް ނޫން ގޮތުގައި އެއިން ވިޔަފާރި ކޮށް ފައިދާ ހޯދަން ޢަމަލުކުރުން ހުއްދަވާނެ ހެއްޔެވެ؟
އަދިވެސް ވިސްނާލުން ހުއްޓެވެ. ތިމާ އަމިއްލައަށް އެފަދައިން އެއްޗެއް ތައްޔާރުކޮށް އެ ވިއްކައިގެން އާމްދަނީ ހޯދުމަށް ތިމާ ބޭނުންވެ އެފަދައިން ދެކޭހިނދު، ތިމާހެދި އެތިން އެހެން ބަޔަކު ވަގު ކޮޕީ ހަދައިގެން އެއިން ފައިދާ ނެގުން އެއީ ތިމާ އެދޭނެ ގޮތެއް ހެއްޔެވެ؟ ބުނާނީ ތިމާ އެކަމަށް ނުރުހޭނެ ކަމެވެ. ތިމާ އެކަމަށް ނޭދޭނެ ކަމެވެ.
ވުމުން އެހެން ބަޔަކު ވިޔަފާރި ކޮށް އާމްދަނީ ހޯދުމަށް ކޮށްފައިވާ މިފަދަ މަސައްކަތަކުން ތިމާ އެއިން ވަޤުކޮޕީ ހައްދައިގެން އެކަން ކުރުން ހުއްދަވާނެ ހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.