މަދަޙަ ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މަދަޙަ ކިޔުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
މާތް ނަބިއްޔާގެ ޙަޔާތްޕުޅުގައި އަދި ޞަޙާބީންގެ ޙަޔާތްޕުޅުގައި އެއްވެސް ގޮތަކަށް މި ޒަމާނުގައި މި ފެންނަ ސިފަތަކުގައި މަދަޙަ އެއްވެސް ގޮތަކަށް ވިދާޅުވެފައި ނުވެ އެވެ. އެހެނަސް މިއީ އިސްލާމް ދީނުގެ ތެރެއަށް އެބައެއްގެ މަންހަޖާއި ޢަޤީދާ އަދި އަޅުކަމުގައި ފަސާދަވެފައިވާ ބަޔަކު ވެއްދި އެއްޗެކެވެ.
އެތައް އެތައް ގޮތްތަކުން އެކަމަށް ޖަވާބު ދެވެ އެވެ.
ދީނުގައި ނަބިއްޔާގެ ޙަޔާތްޕުޅުގައި ނުވަތަ އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުގައި މިއުޒިކީ ރިދަމްތައް ބޭނުންކޮށްގެން އެ އެއްޗެހި ތަކުގެ ތެރެއަށް ލައިގެން ކިޔާފައިވާކަން އެނގެން އެބަ އޮތް ހެއްޔެވެ؟
މިހާރުގެ މީހުން މުނިފޫހި ފިލުވުމަށް، ކިޔާ އެއްޗެއްގެ ގޮތުގައިވާ ޢާދަކާދައަށް ހަދައި ޤުރުއާނަށްވުރެންވެސް އިސްކަން ދެވި، އަޑު އެހުމަށް އެއަށްވުރެ ޝަޢުޤުވެރިކަން ބަހައްޓައިގެން އުޅުނު އެއްޗެއް ގޮތުގައި ފެންނާން އެބަ އޮތް ހެއްޔެވެ؟
އެބޭކަލުން ޅެންތައް ކިޔުއްވި އެވެ. އެއީ ޢިލްމާއި ދީނީ ޤަވާޢިދުތަކާއި ޝިޢާރުތަކާއި ޙިކްމަތް ދޭހަވާފަދަ ގޮތުގައި ހެދިފައިވާ ޅެންތަކެވެ. އެއްވެސް ޙާލެއްގައި އެއީ މި ޒަމާނުގައި މި ކިޔާ މަދަޙައާ އެއްފަދަ ގޮތްތަކަށް ކިޔުނު އެއްޗެއް ނޫނެވެ.
ވުމުން މި ޒަމާނުގައި މި ކިޔާ ބީދައިން ކިޔުމަށް ކުޑަ މިންވަރަކަށްވެސް ފާޅުވާން އެބަ އޮތް ހެއްޔެވެ؟
ރާގުރާގަށް، ރާގު ލާފައި، އެންމެން އެއްއަޑަކުން މިއުޒިކީ ރިދަމްތަކަށް، އެކިއެކި ލަވަތަކުގެ ރާގުތަކުގެ މައްޗަށް ކިޔާ މިފަދަ އެންމެހައި ބީދަތަކުން ވަކިވެ ދުރުވެގެންވާ ޙާލުގައި ޅެން ކިޔުމަކީ އިސްލާމް ދީން މަނާ ކުރާ ކަމެއް ނޫނެވެ.
ފަހެ، މާތް ނަބިއްޔާގެ ޞަޙާބީންގެ ތެރޭގައިވާ حسان بن ثابت ނަބިއްޔާގެ އަރިހުގައި، ޙާޟިރުވެ ހުންނަވައި މިސްކިތުގައިވެސް ޅެން ވިދާޅުވި އެވެ.
ޅެން ވަނީ ވާހަކަ ފަދައިންނެވެ. ހަޑި ހުތުރު ވާހަކަ ހުއްދަ ނުވާނެ ފަދައިން ހަޑި ހުތުރު ޅެންވެސް ހުއްދައެއް ނުވާނެ އެވެ. ހަމަ އެފަދައިން ހެޔޮ ރަނގަޅު ވާހަކަތައް ހުއްދަވާފަދައިން ހެޔޮ ރަނގަޅު ޅެންތައް ހުއްދަވެގެންވެ އެވެ.
ދަންނަ އެވެ. އެއީ އެއް އަޑުން ނުވަތަ މިއުޒިކީ ރާގުތައް ލާފައި ކިޔާ އެއްޗެއް ނޫނެވެ.
މި ޒަމާނުގައި މަދަޙަ މި ކިޔާ ސިފައިގައި މަދަޙަ ކިޔުން ހުއްދަވެގެން ނުވާނެ ކަމަށް ޢިލްމުވެރިންގެ ތެރެއިން ފަތުވާ ދެއްވާފައިވަނީ ކިތައް ޢިލްމުވެރިން ހެއްޔެވެ؟
އޭގެ ތެރޭގައި ސަޢުދީގެ ފަތުވާ ކޮމެޓީ، الشيخ الأَلبَانِي، الشيخ الفَوزَان، الشيخ رَبِيع، الشيخ حمود التويجري، الشيخ أحمد النجمي، الشيخ العبَّاد -حفظهم الله- އަދި މި ނޫންވެސް ކިތައް ބޮޑެތި ރައްބާނީ އެތަކެއް ޢިލްމުވެރިންނެވެ. އެބޭކަލުންގެ ފަތުވާތައް އެހުރީ ފެންނާށެވެ.
މި ޢިލްމުވެރިންގެ ކިބައިން ދަރިވަރުވެފައިވާ އެތައް އެތައް ދަރިވަރުންނެވެ.
މިފަދައިން ކިޔުމުގައިވާ ޅެންތައް ޞަޙާބީން ވިދާޅުވެ އުޅުއްވީ ޖިހާދުގެ މައިދާނުގައި ކާފަރުންނާ ބައްދަލުވާހިނދު ހިތްވަރު ދިނުމުގެ ގޮތުން ކިޔާ އަންބާ ގޮތުގަ އެވެ. މި ޙާލަތުގައި މި ދަނޑިވަޅާ ގުޅޭ މަސްލަޙަތައްޓަކައި އެފަދަ ޅެންތައް ކިޔުމަކުން އެއްވެސް ގޯހެއް ނެތް ކަމުގައި الشيخ ابن العُثَيمِين -رحمه الله- ވިދާޅުވެ އެވެ.
ނުވަތަ ބުރަ މަސައްކަތުގައިވާހިނދު، ހިތްވަރު ދިނުމަށްޓަކަ އެވެ. އެ ގޮތުން ޚަންދަޤު ކޮންނެވި އިރު އެވެ. ހަމައެފަދައިން ރަސޫލާ ﷺ ދިފާޢުކޮށް މުސްލިމުންނަށް ނަޞްރުދީ ކާފަރުންނަށް ނިކަމެތިކަމާއި ދެރަ ކޮށްލުމަށެވެ. އެފަދައިން ޅެން ވިދާޅުވުމަށް ނަބިއްޔާ صلى الله عليه وسلم- حسان بن ثابت -رضي الله عنه- އަށް އިރުޝާދު ދެއްވި އެވެ.
އަޚާ އެވެ. މިއެންމެހައި ނުކުތާ ތަކުން ބަޔާންވަނީ، މިއަދު މަދަޙައިގެ ނަމުގައި، އިސްލާމީ އަނާޝީދު މިއީ، މި އުއްމަތުގެ ސަލަފުއް ޞާލިޙުން ކޮށް އުޅުނު ކަމެއް ނޫން ކަމެވެ. އަދި މިއީ އިސްލާމް ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ އެއްޗެއ ކަމެވެ.
ރާގު ރާގަށް ﷲގެ ނަންފުޅު ކިޔައި، ބަޑިބަޑި ލާފައި ރާގުރާގަށް އެ އިލާހު ނަންފުޅު ކިޔުމަކީ އެއީ ﷲ ހަނދުމަކުރުން ކަމުގައިވޭ ހެއްޔެވެ؟ އެ އިލާހު މަތިވެރި ކުރުމާއި ޤަދަރު ކުރުމާއި މާތް ކުރުން ކަމުގައިވާނެ ހެއްްޔެވެ؟
މިއީ އިންސާނެއްގެ ނަމެއް އެމީހެއްގެ ކުރިމަތީގައި ހުރެ ކިޔާ ކަމުގައިވާނަމަ، އެފަދައިން އެމީހަކާއި މުޚާޠަބު ކުރުންވެގެންދާނީ މަލާމަތް ކުރުމާއި ފުރައްސާރަ ކުރުން ކަމުގައި ނޫނީ ނުބުނާނެ އެވެ.
މިއަދު މި ވަނީ އެބައިމީހުން ހުސް ވަޤުތުތުތައް ފުރާލަދޭ އެއްޗަކީ މި އިސްލާމީ ނަޝީދު ކަމުގަ އެވެ. ގޭގައި ޖަހާ އެއްޗަކީ މި ނަޝީދު ކަމުގަ އެވެ. ނިދާއިރު ޖަހާ އެއްޗަކީ މި ނަޝީދު ކަމުގަ އެވެ.
ބުނެވޭ ކަހަލަ އެވެ. ޤުރުއާނުން ހަޔާތަށް އަޘަރު ކުރުވާ މިންވަރަށް ވުރެ ބޮޑަށް މިއީ އަޘަރު ކުރުވާ އެއްޗެކެވެ. ޤުރުއާނުން އަދި ދީނީ ޝިޢާރުތަކުން އީމާންކަން އިތުރު ކުރުވާ މިންވަރަށްވުރެ މި ނަޝީދުން އީމާންކަން އިތުރުކޮށްދޭ ކަމުގަ އެވެ.
މިއީ މިއަދު އުއްމަތަށް ކުރިމަތިވެފައިވާ ވަބާއެކެވެ. މުޞީބާތެކެވެ. އިސްލާމް ދީނުގައި ހެޔޮކަމާއި، އަޅާއަށް ހެޔޮވެގެންވާ ޢަމަލުތަކާއި، އެ އަޅާއަށް ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބޭނެ ގޮތްތަކާއި ވަޞީލަތްތައް އުނގަންނައި ބަޔާންކޮށްދެއްވާފައިވެ އެވެ.
ފަހެ، މިއަދު މިފެންނަ އަދި އަޑު އިވޭ ބީދަތަކުން މަދަޙަ، އަނާޝީދު ކިޔުމަކީ ދުވަހަކުވެސް އުއްމަތުގެ ހެޔޮ ޤަރުނުތަކުގެ އަހުލުވެރިން ކުރެއްވި ޢަމަލެއް ނޫނެވެ.
އަދި ކިޔެއްތަ! އޭގެ ބަދަލުގައި އެކަން އިންކާރު ކުރައްވައި ހަރުކަށިބަސްފުޅުތައް ވިދާޅުވި އެވެ.
މި މުޞީބާތް އެބަޔަކަށް ޖެހިފައިވާ އެންމެބޮޑު އެއް ސިފައަކީ، އެ މަދަޙަތައް އަޑުއެހުމަށް ހުންނަ ޝައުޤުވެރިކަމެވެ. އެ ބަސްތައް ހިތުގައި އަށަގަނެވިފައިވާ ވަރެވެ. ފަހެ، ނަތީއްޖާއަކި ކޮބައި ހެއްޔެވެ؟
ﷲގެ މަތިން ޛިކުރު ކުރުމަށްވުރެ ދޫމައްޗަށް އެ ބަސްތައް ގެނެވުން މާ އަވަހެވެ. މާ ފަސޭހަ އެވެ.
މިއީ ހިތް އިޞްލާޙު ކުރާ، އީމާންކަން އިތުރުކުރާ، ދީނީގޮތުން ވަރުގަދަކޮށްދޭ އެއްޗެއް ކަމުގައި ދެކެވެ.
މި ޤަބޫލުކުރުންތައް އޭގެ ނަތީއްޖާގެ ގޮތުން ފުދެ އެވެ. ޔަޢުނީ : މި މަދަޙައިގެ ފިތުނައިގެ ތެރެއަށް ގޮސްފައިވާ މީހާ މި ޤަބޫލުކުރުންތައް ޤަބޫލުކުރުން އެއީ އެ ޢަމަލުން ދުރުވުމަށް އޮތް ހެއްކެތް ކަމުގައި ފުދެ އެވެ.
ސަބަބަކީ، ﷲ ވަނީ އަހަރެމެންގެ އީމާން ކަމާއި ތަޤްވާވެރިކަމާއި އެ އިލާހަށް ޙައްޤު ގޮތުގައި ބިރުވެތި ވެވޭނެ، ބިރުވެތިކަން ޙާޞިލް ކުރެވޭނެ މަގުތައް ދައްކަވައި ބަޔާންކުރައްވައި، އެކަން ފުރިހަމައަށް ކަނޑައަޅުއްވައި ތަފްޞީލުކޮށްދެއްވާފަ އެވެ.
ފަހެ، އެކަލާނގެ ދެނެވޮޑިނުގަންނަވާ ކަމެއް އަހަރެމެންނަށް އިނގެނީ ހެއްޔެވެ؟ އެ އިލާހުގެ ދީނުގެ ތެރެއަށް ގެނެސް އަލަށް ކަންތައްތަކެއް ގެނެސް ﷲއަށް ބިރުވެތިވެވޭ ކަމެއް ކަމުގައި ބުނާނީ ކިހިނެތް ހެއްޔެވެ؟
شَيْخُ الإِسْلام ابن تَيمية -رحمه الله- ވިދާޅުވެފައިވެ އެވެ.
”އެމީހެއްގެ ހިތް އިޞްްލާހުކުރުމުގެ ޤަސްދުގައި ޅެން އަޑުއެހުން ގިނަކޮށްފިމީހެއްގެ ކިބައިން ކީރިތި ޤުރުއާން އަޑުއެހުމަށްވާ ޝައުގުވެރިކަން އުނިވާނެ އެވެ. އަދި ފާރިސީންނާއި ރޫމީންގެ ތެރެެއިންވާ ޙަކީމުންގެ (އެބަހީ : ޙިކުމަތްތެރީން ކަމުގައި ބުނެވޭ މީސްތަކުންގެ) ބަސްތަކުން ޙިކުމަތާއި އަދަބު ނެގުމުގައި ދެވިހިފައިވާ މީހަކަށް އިސްލާމްދީނުގެ ޙިކުމަތާއި އަދަބުތަކުގައި މާބޮޑު މަޤާމެއް މަޤާމެއް ދެވިގެންނުވެ އެވެ. އަދި ރަސްރަަސްކަލުންގެ ވާހަކަތަކާއި އެމީހުންގެ ސީރަތުގެ މައްޗަށް ދެވިހިފައިވާ މީހެއްގެ ހިތުގައި ނަބީބޭކަލުންގެ ވާހަކަތަކާއި އެބޭކަލުންގެ ސީރަތުގެ މައްޗަށް މުހިންމުކަމެއް ދެވިގެންނުވެއެވެ. މިފަދައިންވާ މިޘާލުތައް ގިނަވެގެން ވެ އެވެ.“ مسلكِيَّات صـ ٣٥
މި ޢިލްމުވެރިންގެ ބަސްތައް ޙައްޤު ހޯދާ މީހަކަށް ފުދެ އެވެ. ހެއްކާއި ޙައްޤު މަޢުރިފާވުމަށް އެދޭ މީހަކަށް ފުދެ އެވެ.
ޙަޤީޤަތަކީ މިއީ ހިތްތައް އިޞްލާޙު ކުރާނެ އެއްޗެެއް ނޫން ކަމެވެ. ﷲ އަށާއި އެއިލާހުގެ ނަންފުޅު އަދި ޝަރުޢީ ޛިކުރުތައް ރާގުރާގަށް، މިއުޒިކީ އަޑުއަޑުން ކިޔުމަށް ދީނީ މީހަކު ޖެހިލުންވެ ލަދުވެތިވާނެ އެވެ.
ފަހެ، މިއީ ކިހިނެތްވާނެ ކަމެއް ހެއްޔެވެ؟ ޤުރުއާނާއި ސުންނަތަށްވުރެ އެމީހަކަށް ދީންވެރިކަން އިތުރުކުރުވާ އެހެން އެއްޗެއްވާކަމަށް ބުނެފި މީހާގެ ދީނީ ކަމާއި މެދު ވިސްނާލަން ޖެހެ އެވެ.
ޝައްކެތްވެސް ނެތެވެ، މިއީ ފިތުނަވެރި ވެފައިވުމާއި އިންސާނުން ﷲ އާއި އެ އިލާހުގެ ހިދާޔަތުން ދުރުވެފައިވާ މިންވަރު ބަޔާންކޮށްދޭ ހެއްކެކެވެ.
މިއަދު މި މަދަޙަ ކިޔައި އެކަމުގައި މަޝްޣޫލުވެފައިވާ މީހުން ބުނެ އެވެ. މިއީ ދީންވެރިކޮށްދޭ އެއްޗެކެވެ. ދީނަށް ލޯބިޖައްސުވާ އެއްޗެކެވެ. ﷲއަށް ބިރުވެތި ކުރުވާ އެއްޗެކެވެ.
ދަންނަންޖެހެ އެވެ. ނަބިއްޔާ ﷺ ދަޢުވަތުގައި ކުރެއްވި ކަމެއް ނޫނެވެ. އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވި އެއްޗެއް ނޫނެވެ. އަދި ދީނުގައި ކަނޑައެޅިފައިވާ ޙުދޫދްތަކުން ބޭރުވެގެންވި އަލަށް ދީނަށް ފާޅުވި ބައިގަނޑެއް ގެނެސްފައިވި އެއްޗެއް އެއީ ދީންވެރިކޮށްދޭ އެއްޗެއް ކަމުގައި ބުނެވޭނެ ހެއްޔެވެ؟
ފަހެ، މިއީ ސޫފީން އިސްލާމް ދީނުގެ ތެރެއަށް ގެނައި އެއްޗެކެވެ.
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންންވާ العلامة الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ.”ދީނީ މަދަޙަ ކިޔާ އެއްޗަކީ ސޫފީންގެ ގެންގުޅޭ އެއްޗެކެވެ. އެއީ ސުންނަތުގެ އަހުލުވެރިންގެ އެއްޗެއް ނޫނެވެ. (ސުންނަތުގެ އަހުލުވެރިން ދަންނަ) އެއްޗެއް ނޫނެވެ.“
މި އަދު މި މަދަޙަ ކިޔުމުގައިވާ މީހުން ބުނެ އެވެ. މަދަޙައަކީ މިއުޒިކްގެ ބަދަލުގައިވާ އެއްޗެވެ.
މިބަސްފުޅުތަކަށް ރައްދު ދެއްވަވާ މިއަދު ދުނިޔެ މަތީގައިވާ ސުންނަތުގެ އެންމެ ބޮޑެތި އިމާމުންގެ ގޮތުގައިވާ العلامة د. صَالح الفَوزَان الفَوزان -جفظه الله- ވިދާޅުވެފައިވެ އެވެ. ”މިއުޒިކުގެ ބަދަލުގައި ނަޝީދު އަޑުއަހާށޭ ބުނާ މީހާގެ މިޘާލަކީ، ކުޑަކަމުދާ ތަކެތިން ކުޑަކަމުދާ އެއްޗެހި ދޮންނާށޭ ބުނުމެވެ.“
އަދިވެސް ޝެއިޚް ވިދާޅުވެފައިވެ އެވެ.
ސުވާލު : އިސްލާމީ އަނާޝީދު (މަދަޙަ) ބުނެ މިއަޑު ގަދަވަމުންދެ އެވެ. މިއީ ހުއްދަކަމެއް ކަމުގައި އެއްބަޔަކުބުނެ އެވެ. އަނެއްބަޔަކު ބުނަމުންދަނީ މިއީ މިޔުޒިކު އަޑުއެހުމުގެ ބަދަލުގައި ކުރެވިދާނެ ކަމެކެވެ. ފަހެ ޝެއިޚްގެ ރައުޔުއަކީ ކޮބާހެއްޔެވެ؟
ޖަވާބު : ”އިސްލާމީ އަނާޝީދޭ ބުނާއެއްޗެއް ސަލަފުންގެ ފޮތުގައިނުވެ އެވެ. އަދި ޢިލްމުވެރިންކަމުގައި ޔަޤީންވާ އެއްވެސް ޢިލްމުވެރިއެއް މިހެން ވިދާޅުވެފައެއްނުވެ އެވެ. މިނަމަކީ އަލަށް އުފެދިފައިވާ، ޞައްޙަވެގެންވާ ކަމެއްނޫނެވެ. އަނާޝީދަކީ ދީނީކަމެއް ކަމުގައި ދެކި އެގޮތުގައިވާ ބަޔަކީ ސޫފީންކަމުގައި ނޫނީ ނުވެ އެވެ.
މިޒަމާނުގައި ޕާޓީތަކާއި ޖަމާޢަތްތައް ގިނަވެ ކޮންމެ ޖަމާޢަތެއްވެސް އެމީހުންގެ ހަމާސް ފަތުރައި އަނާޝީދުތަކެއް ހަދައި އުޅެ އެވެ. އަދި އެއަށް އިސްލާމީ އަނާޝީދޭ ކިޔަ އެވެ. މިއީއެއްވެސް ގޮތަކަށް ޞައްޙަ ނަމެއްނޫނެވެ. ވުމުން މި އަނާޝީދޭ ބުނެވޭ ތަކެތި މީސްތަކުންގެ މެދުގައި ގެންގުޅެ ފެތުރުން ހުއްދައެއްނުވާނެއެވެ. وبالله التوفيف“
ފަތުވާ ނަގާފައިވަނީ : مجلة الدعوة عدد 1632
މަދީނާގައި މިއަދު ތިއްބެވި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޑރ. الشيخ عَرَفات المُحمدي -حفظه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : އަހަރެމެންގެ ޝެއިޚް އެވެ. ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށި އެވެ.
މަދަަޙަ އާ މެދުގައި މީހެއްކައިރީގައި ސުވާލު ކުރުމުން ބުނެ އެވެ. ”އޭގައި މިއުޒިކް އެކުލެވިގެން ނުވާނަމަ އޭގައި މައްސަލައެއް ނެތެވެ.“ ޝެއިޚް އެވެ. މިފަދަ މީހަކާ މެދުގައި ވިދާޅުވަނީ ކީކޭތޯ އެވެ؟
މިފަދައިން ޖަވާބުދިން މީހަކީ، ޔުނިވާސިޓީއިން ދަސްވެނިމިފައިވާ އަދި ސުންނަތުގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ މަޝާއިޚުންގެ އަރިހުން ޢިލްމު ހޯދި މީހެކެވެ.
ޖަވާބު : އަނާޝީދު (މަދަޙަ) އޭ ކިޔާ އެއްޗެއް ނުވެ އެވެ. އޭގައި ފައިދާ އެކުލެވޭ ޙިކްމަތް އެކުލެވިގެންވާ ޝިޢުރު (ޅެން) ވެ އެވެ. އަދި އެފަދަ ޅެން ބައެއް ފަހަރުގައި އަޑުއެހުން ހުއްދަވެގެންވެ އެވެ. ޚާއްޞަކޮށް މަސައްކަތުގެ މައިދާނުގައި އަދި ދަތުރުކުރާ ހިނދުގަ އެވެ.“
ވުމުން މި ކަމުގެ ޙުކުމް ވަރަށް ސާފުވެގެންވެ އެވެ.
އެއަށްފަހު މި ޢަމަލުގައި ދެޖިންސު މައްސުނިވެއްޖެހިނދު އޭގެ ނުބައިކަން މާ ބޮޑުވެގެންވެ އެވެ.
ސަބަބަކީ ޝަރުޢީ އެތައް ދަލީލުތަކުން ދެޖިންސު މައްސުނިވުން ޙަރާމްވެގެންވެ އެވެ.
ހިލޭ އަންހެނުނާއި ފިރިހެނުން އެކުވެ މައްސުނިވެ އުޅުން ޙަރާމްވެގެންވާކަން ބަޔާންކޮށް ގިނަ ލިޔުންތަކެއް މީގެ ކުރިން ލިޔެފައިވާނެ އެވެ.
ފަހެ، ތިމާގެ ނަފްސަށް ހެޔޮކަމަށް އެދޭ މީހާ މި އެންމެހައި މުންކަރާތްތަކުން ނަފްސަށް އިންޒާރު ލިބިގަތުން ހުއްޓެވެ.
މި މުޑުދާރު ފާފަވެރި ޢަމަލުތަކުން ދުރުވުން ހުއްޓެވެ.
ޝައިޠާނާ ދައްކާ މިފަދަ މުންކަރާތްތަކަށް ހެއްލި ދިއުމުގެ މައްޗަށް ނަފްސު ރައްކާތެރި ކުރުން ހުއްޓެވެ.
މަދަޙަ ކިޔައި، މުބާރަތް ބާއްވައި، އޭގެ އިތުރަށް ދެޖިންސު މައްސުނިކޮށް ކުރެވޭ މިފަދަ ޢަމަލުތައް ޚާއްޞަކޮށް ރަމަޟާން މައްސަރުގައި ގެނެސްގަތުން ކޮންފަދަ ނުބައިކަން ބޮޑުވެގެންވާނެ ހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.