ޤުރުއާނުގެ ސޫރަތްތަކަށް ނަން ދެވުނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފުރަތަމައީ :
ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި ކީރިތި ޤުރުއާން ފޮތެއްގެ ސިފައިގައި އަދި ވަކިވަކި ސޫރަތްތައް ނަންދެވި ލިޔެވިފައި ނެތް ކަމުގައި ވީނަމަވެސް، އެ ޒަމާނުގައި ޤުރުއާންގެ ސޫރަތްތަކުގެ ނަންފުޅުތައް އެ ބޭކަލުންގެ ތެރޭގައި ބަޔާންވެ ޛިކުރުވެ އެނގިގެންވެ އެވެ.
އެ ގޮތުން ބައެއް ސޫރަތްތަކުގެ ނަންތަކަކީ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައިވެސް އެ ޞޫރަތްތަކުގެ ނަންފުޅުތަކެއް ދެވި އެފަދައިން ޛިކުރު ކުރެވުމުން ގެންދެވުނު ސޫރަތްތަކެވެ.
އެފަދައިން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި އިމާމް مسلم ޞަޙީޙުގައި ރިވާކޮށްފައިވާ النواس بن سمعان الكلابي -رضي الله عنه- ގެ ޙަދީޘްވެ އެވެ. ޙަދީޘްގައިވެ އެވެ. (ޞަޙާބީ ވިދާޅުވި އެވެ.) (سمعت النبي صلى الله عليه وسلم يقول : يؤتى بالقرآن يوم القيامة وأهله الذين كانوا يعملون به تقدمه سورة البقرة وآل عمران…)
”ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް އަޑު އެހީމެވެ. ކީރިތި ޤުރުއާން އަދި ކީރިތި ޤުރުއާން (ކިޔަވައި) ޢަމަލުކުރި މީހުން ޤިޔާމަތް ދުވަހުގައި ގެނެވޭ ހުއްޓެވެ. އަދި البقرة އަދި آل عمران ގެ އަހުލުވެރިން (އެހެން މީސްތަކުންގެ މައްޗަށް) އިސްކުރެވޭ ހުއްޓެވެ….“
މި ޙަދީޘްއިން ބަޔާންވަނީ މި ދެ ސޫރަތަށް ނަބިއްޔާ صلى الله عليه وسلم އެފަދައިން ނަންފުޅު ދެއްވަވާފައިވާ ކަމެވެ. އަދި އަޞްޙާބު ބޭކަލުންނަށް އެކަން ބަޔާންވެގެންވާކަމެވެ.
ހަމައެފަދައިން ޞަޙާބީ حذيفة -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެ އެވެ. (އެއް ރެއެއްގައި ނަބިއްޔާ ﷺ ރޭއަޅުކަން ކުރެއްވުމުގައި ވިދާޅުވި ސޫރަތްތައް ޞަޙާބީ ޛިކުރު ކުރެއްވި އެވެ.) -ވިދާޅުވި އެވެ. ނަބިއްޔާ البقرة ސޫރަތުން ފެއްޓެވި އެވެ. އަދި އެއަށްފަހު النساء ސޫރަތް ވިދާޅުވާން ފެއްޓެވި އެވެ. އަދި آل عمران ވިދާޅުވި އެވެ…“
ފަހެ، ޙަދީޘްއިން ބަޔާންވެގެންވަނީ މި ނަންތައް އެބޭކަލުންގެ މެދުގައި ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައިވެސް އެނގި ބަޔާންވެގެންވާކަމާއި އެފަދައިން އެބޭކަލުން ޛިކުރު ކުރައްވާ ކަމެވެ.
ދެވަނައީ :
ވުމާއެކު، ކީރިތި ޤުރުއާނުގެ ސޫރަތްތަކަށް ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައިވަނީ އެފަދައިން ނަންދެވިގެންނެވެ. ފޮތެއްގެ ސިފައިގައި ނުވަތަ ސޫރަތްތައް ވަކިން އެ ސޫރަތްތަކަށް ނަންދެވި ލިޔެވިފައި ނެތްކަމުގައި ވީނަމަވެސް، އެ ބޭކަލުންގެ ތެރޭގައި އެ ޒަމާނުގައި އެއީ މަޢުރޫފް ކަމެއްގެ ގޮތުގައިވެ އެވެ.
ވުމާއެކު، ކީރިތި ޤުރުއާން ފޮތެއްގެ ސިފައިގައި ލިޔެވުނުހިނދު، އެފަދައިން އެބޭކަލުން ނަންދެއްވި އެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުން، ސޫރަތްތަކަށް އަޞްޙާބު ބޭކަލުން އެފަދައިން ނަންދެއްވީ އެބޭކަލުން އެ ގޮތުގައި އިޖްތިހާދު ކުރެއްވީ އެވެ.
ވުމުން، އެ ޞޫރަތްތަކަށް ނަބިއްޔާ ގެ ޢަހުދުގައި ނަން ދެއްވިގެން ނުވާނަމަ، އެބޭކަލުން އިޖްހިތާދު ކުރެއްވީ އެވެ. އަދި އެބޭކަލުންގެ މެދުގައި އެކަމުގައި އެއްވެސް ދެބަސްވަޑައިގެންނެވުމެއް ނެތެވެ. ޚިލާފެއް ނެތެވެ.
އެގޮތުން، ޞޫރަތުލް المائدة އަށް އެފަދައިން ނަން ދެއްވާފައިވަނީ އެ ޞޫރަތުގައި المائدة ޛިކުރު ވެފައިވުމުންނެވެ. އެގޮތުން الأنعام، ޞޫރަތާއި الأعراف އަދި الأنفال އަދި التوبة އަދި يونس އަދި يوسف އަދި الرعد އަދި إبراهيم އަދި الحجر އަދި މި ނޫންވެސް ޞޫރަތްތަކަށް ނަން އަޞްޙާބު ބޭކަލުން އެފަދައިން ނަންދެއްވާފައިވަނީ އެ ޞޫރަތްތަކުގައި އެފަދައިން ޛިކުރުވެފައި ވުމުންނެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ. ”ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެންމެހައި ސޫރަތްތަކަށް ނަންދެވިފައިވާ ކަމުގެ މައްޗަށް ބަޔާންވެގެންވާ އެއްވެސް ދަލީލެއް ނުދަންނަމެވެ. އެހެނަސް ނަބިއްޔާ ﷺ ގެ އަރިހުން ޞައްޙަވެގެންވާ ބައެއް ޙަދީޘްފުޅުތަކުން ބައެއް ޞޫރަތްތަކަށް ނަންދެވިގެންވާކަން ވާރިދުވެގެންވެ އެވެ. މިޘާލަކަށް البقرة އަދި آل عمران އެވެ. ދެންފަހެ، (އެފަދައިން ނަންފުޅުތައް ނަބިއްޔާ ﷺ ގެ އަރިހުން ވާރިދުވެގެން ނުވާ ސޫރަތްތަކަށް) ނަންދެއްވީ ކަމުގައި އެންމެ ޞައްޙަވެގެންވާ ބުނުމަކީ ޞަޙާބިން ނަންދެއްވުމެވެ.“ فتاوى اللجنة الدائمة (4/16)
މައްސަލަ އޮޅުންފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.