ރޭގަނޑުގެ ތިންބައި ކުރާނީ ކިހިނެއްތޯއެވެ؟ އަދި ރޭއަޅުކަމުގެ ރަކުޢަތެއްގައި 50 ފަހަރު އިޚްލާޞް ސޫރަތް ކިޔެވުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ސުވާލުގެ އެކި ބައިތަކަށް ވަކިވަކިން ތަފްޞީލުކޮށް ޖަވާބު ލިޔަމެވެ.
ފުރަތަމައީ : ރޭގަނޑުގެ ފަހުބައި ހޯދާނެ ގޮތާއި މެދުގަ އެވެ.
އަހުލުއް ސުންނަތް، ސަލަފީ ޢަޤީދާގެ އަހުލުވެރިން، ސުންނަތުގެ އަހުލުވެރިން ﷲ ތަޢާލާ އެ އިލާހުއަށް ލާއިޤުވެގެންވާ ގޮތުގައި އެންމެ ތިރީއުޑަށް (ދުނިޔޭގެ އުޑަށް) ފައިބައިވޮޑިގަންނަވާ ކަމުގައި ޤަބޫލުކުރެ އެވެ. ފަހެ، ސުންނަތް ޞައްޙަވެއްޖެހިނދު، އެކަމުގައި ދެބަސްވުމެއް ނޯންނާނެ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (يَنْزِلُ ربُّنا تباركَ وتعالى كلَّ ليلةٍ إلى السماءِ الدنيا، حينَ يَبْقَى ثُلُثُ الليلِ الآخرِ، يقولُ: من يَدعوني فأَستجيبُ لهُ، من يَسْأَلُنِي فأُعْطِيهِ، من يَستغفرني فأَغْفِرُ لهُ) ”ރޭގަނޑުގެ ތިންބައިގެ އެންމެ ފަހު ބައިގައި، އަހަރުމެންގެ ރައްބު ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވަ އެވެ. އަދި ވަޙީކުރައްވަ އެވެ. ތިމަން އިލާހަށް ދުޢާ ކުރަނީ ކާކު ހެއްޔެއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާހުށީމެވެ. ތިމަން އިލާހުގެ ހަޟުރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ. އެމީހަކަށް އެކަމެއް ފުއްދަވާ ދެއްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟުރަތުން ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ. އެމީހެއްގެ ފާފަ ފުއްސަވާ ދެއްވާ ހުށީމެވެ.“
أخرجه البخاري في الجمعة، باب الدعاء في الصلاة من آخر الليل
ޙަދީޘްއިން މި ވަޤުތުގެ މާތްކަމާއި، އެހެނިހެން ވަޤުތު ކަމުގެ މައްޗަށް އުފުލިގެންވާކަން ބަޔާންކޮށްދެ އެވެ.
ރޭގަނޑުގެ ވަޤުތު ފެށެނީ އިރު އޮއްސުމާ އެކުގަ އެވެ. އަދި ރޭގަނޑުގެ ވަޤުތު ނިމިގެންދަނީ އެ ރެއެއްގެ ފަތިސް ނަމާދުގެ ވަޤުތު ވަނުމާ އެކުގަ އެވެ.
ފަހެ، އެކަން ބަލާނެ ގޮތަކީ،
އެ ދުވަހެއްގެ އިރު އޮއްސުނީ ހަވީރު 5 ޖެހި އިރު އެވެ. އަދި ފަތިސް ނަމާދުގެ ފަޤުތުވަނީ ފަތިހު 5 ޖަހާއިރު އެވެ.
ވުމުން، މުޅި ރޭގަނޑުގައި އެކުއެކީގައި ހިނގައިދިޔައީ 12 ގަޑި އިރެވެ.
ބާރަގަޑިއިރު 3 ބަޔަށް ބަހާލުމުން އެއީ ކޮންމެ ބަޔަކަށް 4 ގަޑި އިރެވެ.
ވުމުން އެރޭގެ ފުރަތަމަ ބައި 9 ޖަހާއިރު ނިމެ އެވެ.
ދެވަނަބައި ރޭގަނޑު 1 ޖަހާއިރު ނިމެވެ.
އަދި 1 ގެ ފަހުން ފެށެނީ ރޭގަނޑުގެ އެންމެ ފަހު ބައެވެ.
ސުވާލުގެ ދެވަނަ ބައެވެ.
ދަމު ނަމާދުގައި ދިގުކޮށް ކިޔަވަން އުނދަގޫ މީހާ، ނަމާދުގައި ތަކުރާރުކޮށް އިޚްލާޞް ސޫރަތް ކިޔެވުމާއި މެދުގަ އެވެ.
ރޭއަޅުކަމުގެ ތެރޭގައި ހިމެނޭ ވިތުރި ނަމާދުގައި ކިޔުމަށް ޚާއްޞަ ސޫރަތެއް ވާރިދުވެގެންވީނަމަވެސް، އެހެނިހެއް ރަކުޢަތްތަކުގައި (2 ރަކުޢަތުން 2 ރަކުޢަތުން ކުރާ ރަކުޢަތްތަކުގައި) ކިޔުމަށް ޚާއްޞަ އެއްވެސް ސޫރަތެއް ނުވެ އެވެ.
ޚާއްޞަ ޞުރަތެއް ކިޔުން ދީނުގައި ކަނޑައެޅިފައި ނުވުމުން، ވަކި ޞޫރަތެއއް ޚާއްޞަކުރުން ވެގެންދާނީ ދީނަށް އަލަށް ގެނެވޭ ކަމަކަށެވެ. ފަހެ، ވުމުން އެފަދަ ޢަމަލުތަކުން ދުރުހެލިވުން ހުއްޓެވެ.
އެ ގޮތުން ބައެއް ފޮތްތަކުގައި ޛިކުރުކޮށްފައިވާ ރޭއަޅުކަމުގެ ރަކުޢަތެއްގައި 50 ފަހަރު އިޚްލާޞް ސޫރަތް ކިޔެވުމަކީ އެއްވެސް ގޮތަކަށް ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ. އެފަދަ އެންމެހައި ޢަމަލުތަކާއި ދުރުވާން ޖެހޭނެ އެވެ.
އެއީ ހެޔޮ ޢަމަލެއް ކަމުގައިވާނަމަ، އެންމެ ފަހަރަކުވެސް އެފަދައިން 50 ފަހަރު ނަބިއްޔާ صلى الله عليه وسلم ރޭއަޅުކަމުގައި ޢަމަލު ކުރެއްވި ކަމުގައި ވާރިދުވެގންވީ އެވެ.
އަޚާ އެވެ! އިސްލާމް ދީނުގައި ދެނެގަތުމަށް މުހިންމުވެގެންވާ ޤަވާޢިދެއް މިތަނުގައި ޛިކުރު ކުރަމެވެ.
އަޅުކަމުގެ އަޞްލަކީ ވާރިދުވެގެންވާ ގޮތަށް، ދީނުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްޓިފައި ވުމެވެ.
އެއްވެސް އަޅުކަމެއް އެ އަޅުކަން ކުރުމަށް ވާރިދުވެގެންވާ ގޮތުގައި މެނުވީ ކޮށްގެން ނުވާނެ އެވެ. އަދި އަޅުކަމުގެ ތެރެއަށް އެއްވެސް އެއްޗެއް އިތުރު ކުރުމަކީ ދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ޢަމަލެވެ.
عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) عَائِشَةَ رَضِيَ اللَّهُ عَنْهَا ވިދާޅުވެފައިވެ އެވެ. ”އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ.“
މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވި އެވެ.
ﷲ އެކަންތައްތައް ކަނޑައަޅާފައި ނުވާ، ދީނުގައި ޝަރުޢުކޮށްފައި ނުވާ ކަންތައްތަކެއް ދީނަށް ގެނެސްގަތުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )
”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ.
ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“
رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.
ވުމުން، ވަކި ޚާއްޞަ ސޫރަތެއް ކިޔުމުގެ އޭގެ ބަދަލުގައި ވަކި ތަނެއް ޚާއްޞަ ކުރުމުގެ ބަދަލުގައި ރޭއަޅުކަމުގައި އޮތީ ޤީޔާމުގައި ދިގުކޮށް ކިޔެވުމެވެ. އެމީކަހަށް ކުޅަދާނަވެގެންވީ މިންވަރަކަށް ކިޔެވުމެވެ. އަދި ހިތުން ގިނަ މިންވަރެއް ދަސްވެފައި ނުވާނަމަ މުޞްޙަފްއިން ބަލައިގެން ކިޔުންވެސް ހުއްދަވެގެންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.