ހަނދުކޭތަ ނަމާދާއި އިރުކޭތަ ނަމާދު
الكسوف އަދި الخسوف ގެ މާނަ
ލުޣަވީ ގޮތުން الكسوف ގެ މާނައަކީ، ކަޅުކުލައަށް ބަދަލުވުމެވެ. އަދި الخسوفގެ ލުޣަވީ މާނައަކީ ބިމުގެ ގެނބިގެން ދިއުމެވެ. އަދި ބުނެވެ އެވެ. الخسوف އަކީ ހަނދުކޭތަ ހިފުމަށް ޚާއްޞަކޮށް ބުނެވޭ ކަލިމަ އެވެ. އަދި الكسوف ބުނެވެނީ އިރުކޭތަ ހިފުމަށް ޚާއްޞަކޮށެވެ. މިއީ މިކަމުގައި ބުނެވޭ އެންމެ ހެޔޮވެެގެންވާ ތަފްސީރެވެ.
الحَافِظ النووي المجموع (5/50) ގައި ވިދާޅުވެފައިވެ އެވެ. ”ލުޣަވީ ފޮތްތަކުގައި މަޝްހޫރުވެފައިވަނީ، މި ދެކަލިމަވެސް ހަނދުކޭތަ އަދި އިރުކޭތައަށް އިސްތިޢުމާލު ކުރެވޭކަމެވެ. އަދި ފިޤުހުވެރިންގެ ދޫތަކުން މަޝްހޫރުވެފައިވަނީ الكسوف މިބަސް އިރުކޭތައަށް ޚާއްޞަކުރުމެވެ. އަދި الخسوف މިބަސް ހަނދުކޭތައަށް ޚާއްޞަކުރުމެވެ. އަދި الجَوهَرِي އޭނާގެ ފޮތް الصحاح ގައި އެ ގޮތަކީ އެންމެ ފަޞާޙަތްތެރިގޮތްކަމުގައި ދަޢުވާކޮށްފައިވެ އެވެ.
އިޞްތިލާޙީ މާނައިގައި الكسوف އަކީ އިރުގެ އަލިކަން ނެތިގެންދިއުމެވެ. އަދި الخسوف ގެ މާނައަކީ ހަނދުގެ އަލިކަން ނެތިގެން ދިއުމެވެ. އަދިވެސް ބުނެވިފައިވެ އެވެ. އެއީ އެ މަޚްލޫޤުންގެ ތެރެއިން އެއްޗެއްގެ ނޫރު ނެތިގެން ދިއުމެވެ. ނުވަތަ ނޫރުގެ ބައެއް ނެތިގެން ދިއުމެވެ. އެހެންވުމުން الكسوف އަދި الخسوف ގެ އިޞްޠިލާޙީ މާނައިގައި އެންމެ ހެޔޮވެގެންވާ މާނައަކީ ދެ ނޫރުން ކުރެ ނޫރެއްގެ މައްޗަށް ފަރުދާކުރެވުމެވެ.
*****
ހަނދުކޭތަ އަދި އިރުކޭތަ ނަމާދުގެ ޙުކުމް
ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ވަރަށްވެސް މަދު ބޭކަލުން މެނުވީ އެންމެހައި ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ކޭތަ ނަމާދަކީ ސުންނަތް މުޥައްކަދާ އެކެވެ. الحَنَفِية، المَالِكِية، الشَّافِعيَّة އަދި الحَنَابِلَة މިފަދައިން ވިދާޅުވެފައިވެ އެވެ.
ابن رشد ވިދާޅުވެފައިވެ އެވެ. ”އިރުކޭތަ ނަމާދަކީ ސުންނަތް ނަމާދެއްގެ ގޮތުގައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ.“
الحَافِظ النووي ވިދާޅުވެފައިވެ އެވެ. ”ހަނދުކޭތަ އަދި އިރުކޭތަ ނަމާދަކީ އެންމެހައި ޢިލްމުވެރިން އިޖުމާޢުވަޑައިގެންފައިވާ ގޮތުގައި ސުންނަތް މުޥައްކަދާއެކެވެ.“ المجموع (5/50)
الإِمَام الشَّوكَانِي ވިދާޅުވެފައިވެ އެވެ. ”شرح مسلم ގައި النووي ވިދާޅުވެފައިވާ ފަދައިން މި ނަމާދަކީ ސުންނަތް ނަމާދެއް ކަމާއި ވާޖިބު ނަމާދެއް ނޫންކަމަށް ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ. އެއަށްފަހު ނަމާދުގެ ސިފައާމެދު ޢިލްމުވެރިން ޚިލާފްވަޑައިގެންފައިވެ އެވެ.“ النيل (4/13)
މި ނަމާދަކީ ވާޖިބު ނަމާދެއްގެ ގޮތުގައި ވިދާޅުވެފައިވާ ޢިލްމުވެރިންގެ ތެރޭގައި ابن القيم އަދި ابن عثيمين ހިމެނިވަޑައިގަންނަވަ އެވެ. الممتع (4/7)
އަދި މި ޤައުލަކީ އިސްވެ ބަޔާންކުރެވުނު ފަދައިން ޢިލްމުގެ އަހުުވެރިންގެ ތެރޭގައި ވަރަށްވެސް މަދު ބޭފުޅުން ވިދާޅުވެފައިވާ ބަސްފުޅެކެވެ.
الإمام محمد بن عبدالوهاب رحمه الله ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ކޭތަ ނަމާދާމެދު ޢިލްމުވެރިންގެ ތެރޭގައި މަޝްހޫރު ޤައުލަކީ އެއީ ވާޖިބު ނަމާދެއް ނޫންކަމެވެ. އަދި ބައެއް ޢިލްމުވެރިން ވާޖިބު ކަމުގައި ދެކެވަޑައިގަންނަވަ އެވެ. އެފަދައިން ވިދާޅުވެފައިވަނީ ވަރަށް މަދު ބޭފުޅުންނެވެ.“ الدرر (6/69)
އެއްވެސް ޝައްކެތްނެތެވެ. ޢިބްރަތަކީ ޢިޖްމާޢު އަދި ޢިލްމުވެރިން އިއްތިފާޤު ބަޔާންވެގެންވާ ބަސްފުޅު ކަމުގައިވާ މި ނަމާދަކީ ސުންނަތް ނަމާދެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ޤައުލެވެ. ޚާއްޞަކޮށް ވާޖިބު ކޮށްފައިވާ ޢިލްމުވެރިން އެކަމުގައި އެއްވެސް ޞަރީޙަވެގެންވާ ދަލީއެއް، ޙުއްޖަތެއްނެތުމެވެ.
*****
ކޭތަ ނަމާދު ކުރުމުގެ ވަޤުތު
ކޭތަ ނަމާދުގެ ވަޤުތު ދެބަޔަކަށް ބެހިފައިވެ އެވެ. އެއީ އިރުކޭތަ ނަމާދުގެ ވަގުތު އަދި ހަނދުކޭތަ ނަމާދުގެ ވަގުތެވެ.
ފުރަތަބައި : އިރުކޭތަ ނަމާދުގެ ވަޤުތެވެ.
ފިޤުހު ޢިލްމުވެރިން އިރުކޭތަ ނަމާދުގެ ވަގުތާއިމެދު ގިނަ ބަސްފުުތަކެއް ވިދާޅުވެފައިވެ އެވެ.
ފުރަތަމައީ :ނަހީ ކުރެވިގެންވާ ވަޤުތުތައް ފިޔަވައި ދުވާލުގެ ކޮންމެ ވަޤުތެެއްްގައިވެސް ކުރެވޭނެ ކަމެވެ. މިކަމުގެ ދަލީލަކީ ނަހީކުރެވިގެންވާ ދަލީލުތަކުގެ މައްޗަށް ބަޔާންވެގެންވާ ޢާންމު ޙުކުމުގެ މައްޗަށް ބިނާކޮށެވެ. މި ބަސްފުޅަކީ الأحناف އަދި الحنابلة ގެ ބަސްފުޅެވެ. އަދި މި ބަސްފުޅަކީ مالك އެއް ރިވާޔަތެވެ.
ދެވަނައީ : އިރު ކޭތަ ހިފައިފިހިނދު ކޭތަ ދޫކުރުމަށް ދާންދެން ދުވާލުގެ ކޮންމެ ވަގުތެއްގައިވެސް ނަމާދު ކުރެވޭނެ އެވެ. އެއީ ނަހީކުރެވިގެންވާ ވަގުތުކަމުގައިވީނަމަވެސް އެވެ. ސަބަބަކީ، މިއީ ސަބަބެއް ދިމާވެ އެ ސަބަބާއި ގުޅިގެން ކުރެވޭ ނަމާދެއް ކަމުގައިވުމެވެ. މި ބަސްފުޅަކީ الشافعية މަޛްހަބުގެ ބަސްފުޅެވެ. އަދި މިއީ مالك އަދި أحمد ގެ އެއް ރިވާޔަތެވެ.
ތިންވަނައީ : އިރުކޭތަ ނަމާދު ކުރެވޭނެ ވަޤުތަކީ، ލޮންސިއަކަށް އިރު އެރުމުގެ ވަގުތުން ފަށައިގެން އިރުމެދުން ފިލައިދިއުމާއި ހަމައަށެވެ. މިކަމުގައި ޤިޔާސްކޮށްފައިވަނީ ޢީދު ނަމާދާއި އިސްތިސްޤާ ނަމާދަށެވެ. މިއީ المالكية ގެ ބަސްފުޅެވެ. އަދި މިއީ ހަމައެކަނި މި މަޛްހަބުގެ ބަސްފުޅެކެވެ.
މި މައްސަލައިގެ އެންމެ ޞައްޙަވެގެންވާ ބަސްފުޅަކީ الشافعية މަޛްހަބުގެ ބަސްފުޅެވެ. އެއީ ދުވާލުގެ ކޮންމެ ވަޤުތެއްގައިވެސް އިރުކޭތަ ނަމާދު ކުރުން ޞައްޙަވެގެންވާކަމެވެ. ސަބަބަކީ މިއީ ސަބަބެއް ދިމާވުން އެ ސަބަބާއި ގުޅިގެން ކުރެވޭ ނަމާދެއްކަމުގައިވުމެވެ. މިބަސްފުުޅު އިޚްތިޔާރު ކުރައްވާ شيخ الإسلام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، އެސަބަބަކަށްޓަކައި ނަމާދު ކުރުމަށް ޝަރުޢުވެގެންވާ ސަބަބެެއް ފާޅުވެއްޖެހިނދު، މިޘާލަކަށް މަސްޖިދު ސުންނަތް، އިރުކޭތަ ނަމާދު، ތިލާވަތުގެ ސަޖިދަ، ޠަވާފްގެ ސުންނަތް ދެރަކުޢަތް (މިފަދަ ސަބަބުތަކާއި ގުޅިގެން ނަމާދު ކުރުމާއިމެދު) ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފްއަކީ މަޝްހޫރު ޚިލާފެކެވެ. މިކަމުގައި ޞައްޙަވެގެންވާ ބަސްފުޅަކީ ހުއްދަވެގެންވުމާއި (އެ ނަމާދު ކުރުން) ސުންނަތްވެގެންވުމެވެ.“ الفتاوى (17/502)
ދެވަނަ ބައި : ހަނދުކޭތަ ނަމާދުގެ ވަގުތެވެ.
ހަނދުކޭތަ ނަމާދުގެ ވަޤުތާއިމެދު ޢިލްމުވެރިން ދެ ބަސްފުޅެއް ވިދާޅުވެފައިވެ އެވެ. އެހެނަސް އެންމެހައި ފިޤުހު ޢިލްމުވެރިން ފެށޭވަޤުތާއި މެދުގައި އިއްތިފާޤުވެވަޑައިގަންނަވަ އެވެ. އެއީ އިރު އޮއްސުމާ އެކުގަ އެވެ.
އެހެނަސް ނަމާދުގެ ވަޤުތު ދެމިއޮންނާނީ ކޮން ވަގުތަކާ ހަމައަށް ކަމާއިމެދު ޚިލާފްވަޑައިގަންނަވާފައިވެ އެވެ.
ފުރަތަމައީ : ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. އެބޭކަލުންގެ ތެރޭގައި الأحناف، الحنابلة، المالكية ހިމެނިވަޑައިގަންނަވަ އެވެ. އެބޭކަލުންގެ ބަސްފުޅަކީ ފަޖުރުއް ޞާދިޤު ފާޅުވަންދެން ވަޤުތު ދެމިއޮންނާނެ ކަމެވެ. ސަބަބަކީ ފަޖުރުއް ޞާދިޤު ފާޅުވުމުން ރޭގަނޑު ނިމިދިއުމެވެ. އަދި ފަތިސްފަހުގެ ވަޤުތަކީ ނަމާދު ކުރުން ނަހީ ކުރެވިގެންވާ ވަޤުތެެއް ކަމެވެ.
ދެވަނައީ : الشافعية ގެ ބަސްފުޅެވެ. މިއީ މަޛްހަބުގެ ފަހުގެ ޤައުލެވެ. ހަނދުކޭތަ ނަމާދުގެ ވަޤުތު އިރުއެރުމަށް ދާންދެން ދެމިއޮންނާނެ ކަމެވެ. އެކަމުގެ ދަލީލަކީ ނަބިއްޔާ ﷺ ގެ ޙަދީޘްފުުގައިވާ (…فصلوا حتى ينجلي) ”ކޭތަ ފިލައި ދިއުމަށް ދާންދެން ތިޔަބައިމީހުން ނަމާދު ކުރާށެވެ.“ އަދި ކޭތަ ނަމާދަކީ ސަބަބެއް އެކަމަށް މެދުވެރިވެ ކުރާ ނަމާދެއް ގޮތުގައިވުމުން، ނަހީ ކުރެވިގެންވާ ވަޤުތުގައިވެސް މިނަމާދު ކުރުން ހުއްދަވެގެންވެ އެވެ.
މި ބަސްފުުޅުތަކުގެ ތެރެއިން ޞައްޙަ ބަސްފުޅަކީ، الشافعية ގެ ބަސްފުޅު ކަމުގައިވާ، ހަނދުކޭތަ ނަމާދުގެ ވަޤުތު އިރު އެރުމަށް ދާންދެން ދެމިއޮންނާނެކަމެވެ. والله أعلم
الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެ އެވެ. ”މި މައްސަަލައިގައި ޢިލްމުވެރިން ޚިލާފްވަޑައިގެންފައިވެ އެވެ. އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ވިދާުވެފައިވަނީ، ފަތިސް ވަޤުތު ވަނުމުން ހަނދުކޭތަ ނަމާދެއް ކުރުމެއް ނުވެ އެވެ. ޔަޢުނީ : ފަތިސް ވަޤުތު ވަނުމަށްފަހުގައި ހަނދުކޭތަ ހިފައިފިނަމަ ކޭތަނަމާދު ކުރުމެއްނުވެ އެވެ. އެއީ ފަތިސްނަމާދު ޤާއިމްކުރުމުގެ ކުރިން ކަމުގައިވީނަމަވެސްމެ އެވެ. މިބަސްފުޅު ބިނާކުރެވިފައިވަނީ، އެއީ ނަމާދު ކުރުން ނަހީ ކުރެވިގެންވާ ވަޤުތެއް ކަމުގެ މައްޗަށް ބިނާކޮށެވެ. އެހެނަސް މިއީ ބަލިކަށި ޤައުލެކެވެ. މިކަމުގައި ޙައްޤު ބަސްފުޅަކީ، ފަތިސް ވުމަށްފަހުގައިވެސް ހަނދުކޭތަ ހިފައިފިހިނދު ކޭތަ ނަމާދު ކުރުން ހުއްޓެވެ. އެހެނަސް ދުވާލުގެ އަލިކަން ފެތުރި، ފާޅުވެ ހަނދުގެ އަލިކަމުގެ މައްޗަށް ގަދަވެއްޖެހިނދު ނަމާދު ކުރުމެއް ނެތެވެ. ސަބަބަކީ ހަނދުގެ ބާރުކެނޑި އެއިން މަންފާވުން ނެތިދިއުމެވެ. އެއީ ކޭތަ ހަމައަށް ފެންނަންހުރި ކަމުގައިވީނަމަވެސް މެ އެވެ.“ اللقاء الشهري
****
ކޭތަ ނަމާދު ކުރާ ސިފަ
ދަލީލުތަކުން އަދި އެންމެހައި ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ނަބިއްޔާ ﷺ ޙަޔާތްޕުުގައި ކޭތަ ނަމާދު ކުރެއްވީ އެއްފަހަރު އެވެ. އެހެނަސް އެއާއެކު ފިޤުހު ޢިލްމުވެރިންގެ މެދުގައި އެ ނަމާދު ކުރުމުގެ ސިފައާއި މެދުގައި ޚިލާފްއުފެދިފައިވެ އެވެ.
ފުރަތަމައީ : ސުންނަތް ނަމާދެއް ގޮތަށް އެއް ރުކޫޢު އާއި ދެ ސަޖިދައިން ކުރުމެވެ. އަދި ބޭނުން ކަމުގައިވާނަމަ ހަތަރު ރަކުޢަތަށް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތްތަކަށްވެސް ކުރެވިދާނެ އެވެ. އެއީ ކޮންމެ ދެ ރަކުޢަތަކުން ސަލާމް ދިނުމާއި އެކުގަ އެވެ. މިއީ الأحناف ގެ ޤައުލެވެ. الحجة على أهل المدينة (1/318-319)، البحر الرائق (2/180)
ދެވަނައީ : ނަމާދު ކުރަނީ ދެ ރަކުޢަތަށެވެ. ކޮންމެ ރަކުޢަތެއްގައި ދެ ރުކޫޢު އަދި ދެ ސަޖިދަ އެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ މަޛްހަބެވެ. المالكية، الشافعية، الحنابلة އިންގެ މަޛްހަބެވެ.
الإمام ابن قُدامة ވިދާޅުވެފައިވެ އެވެ. ”ކޮންމެ ރަކުޢަތެއްގައި ދެ ޤިޔާމް، ދެ ރުކޫޢު އަދި ދެ ސަޖިދަކުރުންވެ އެވެ.“ ابن قدامة (3/323-324)
ޖުމްހޫރުންގެ ޤައުލުގެ މައްޗަށް ބައެއް ދަލީލުތަކުގައި އިތުރަށް ވާރިދުވެފައިވާ ސިފަތައް الحنابلة އިން ޛިކުރުކޮށްފައިވެ އެވެ. އެގޮތުން އެއް ރަކުޢަތުގައި ތިން ރުކޫޢު އަދި ހަތަރު ރުކޫޢު އަދި ފަސް ރުކޫޢު ކުރުމެވެ. އަދިވެސް ވިދާޅުވެފައިވެ އެވެ. ސުންނަތް ނަމާދެއްފަދައިން ކޭތަ ނަމާދު ކުރި ކަމުގައިވީނަމަވެސް އެގޮތް ހުއްދަވެގެންވެ އެވެ. الفروع (1/590)، الإنصاف (2/447)
މި ބަސްފުޅުތަކަކީ ފިޤުހު ޢިލްމުވެރިން މި މައްސަލައިގައި ވިދާޅުވެފައިވާ މަޝްހޫރު ޤައުުލުތަކެވެ. ابن عباس رضي الله عنه ގެ އަރިއަހުން މި ނަމާދު ކުރެއްވި ސިފަ ވާރިދުވެގެންވާގޮތުގައި ޞަހާބީ ކޭތަ ނަމާދު ދެ ރަކުޢަތަށް ކޮންމެ ރަކުޢަތެއް ހަތަރު ރުކޫޢުއިން ކުރެއްވި ކަމަށް ޞައްޙަ ރިވާޔަތްތަކުން ވާރިދުވެގެންވެ އެވެ. أخرجه عبدالرزاق (3/102)، وابن أبي شيبة (8393)
البخاري ގައި عبدالله بن الزبير رضي الله عنه ގެ އަރިހުން ޞައްޙަ ރިވާޔަތުގައި ވާރިދުވެގެންވާ ގޮތުގައި، ޞަޙާބީ ކޭތަ ނަމާދު ދެ ރަކުޢަތަށް ފަތިސްނަމާދުގެ ސިފައިގައި ކުރެއްވި އެވެ. البخاري (1046) (1065)
ފަހެ، ފަތިސް ނަމާދުގެ ސިފައިގައި ކުރުމާއި އަދި ގިނަ ރުކޫޢުތަކުގައި ކުރުމުގެ މި ސިފަތަކަކީ ކޭތަ ނަމާދު ކުރުން އެކަށީގެންވާ ސިފަތަކެއް ކަމުގައި الإرواء ގައި الشيخ الألباني رحمه الله ވިދާޅުވެފައިވެ އެވެ. ”ކޭތަ ނަމާދުގައި ގިނަ ރުކޫޢުތައް ކުރުމާއި މެދުގައި ތަފާތު ޙަދީޘްތައް ވާރިދުވެގެންވެ އެވެ. އެކަމުގައި ގިނަ ސިފަތަކެއްގެ މައްޗަށް ޙަދީޘްތައްވެ އެވެ. ފަހެ، އެންމެ މަދު މިންވަރެއްގެ ގޮތުގައި ވާރިދުވެގެންވަނީ ދެ ރަކުޢަތުގެ ނަމާދެއް ގޮތުގައި، ކޮންމެ ރަކުޢަތެއްގައި އެއް ރުކޫޢުގެ ގޮތުގައި ކުރުމެވެ. އަދި އެންމެ ގިނަ ރުކޫޢުގެ މިންވަރަކީ ފަސް ރުކޫޢު ކަމުގައިވުމެވެ. މިކަމުގައި އެންމެ ޞައްޙަ ގޮތަކީ ކޮންމެ ރަކުޢަތެއްގައި ދެ ރުކޫޢު ކުރުމެވެ.“ الإرواء (3/127)
ޖުމްހޫރު ޢިލްމުވެރިންގެ ޤައުލާއިމެދު الإِمَام ابن القيم ވިދާޅުވެފައިވެ އެވެ. ”މިއީ އަހަރުމެންގެ ޝެއިޚް أبي العباس ابن تيمية رحمه الله އިޚްތިޔާރު ކުރައްވާފައިވާ ބަސްފުޅެވެ. އަދި ޙަދީޘްތަކާއި ޚިލާފްވެގެންވާ އެންމެހައި ތަކެއްޗަކީ ބަލިކަށި ތަކެއްޗެއް ކަމުގައި ކަނޑައެޅުއްވި އެވެ. އަދި ވިދާޅުވެ އެވެ. އެއީ ކުށްބަސްތަކެވެ. ފަހެ، ހަމަކަށަވަރުން ނަބިއްޔާ ﷺ ކޭތަ ނަމާދު ކުރެއްވީ (ޙަޔާތްޕުޅުގައި) އެންމެ ފަހަރަކު އެވެ. އެއީ ނަބިއްޔާގެ ދަރިކަލުން إبراهيم އަވަހާރަފުޅުވި ދުވަހުގަ އެވެ.“ الزاد (1/456)
****
ކޭތަ ނަމާދު ކުރުންއޮތީ ޖަމާޢަތުގަ ހެއްޔެވެ؟
ހަތަރު މަޛްހަބުގެ އިމާމުން އިރުކޭތަ ނަމާދު ޖަމާޢަތުގައި ކުރުން ސުންނަތްވެގެންވާކަމަށް ދެކެވަޑައިގަންނަވަ އެވެ. އަދި ހަނދުކޭތަ ނަމާދު ޖަމާޢަތުގައި ކުރުމުގެ މައްޗަށް ޚިލާފްވަޑައިގަންނަވަ އެވެ.
ފުރަތަމައީ : الأحناف އަދި المالكية ވިދާޅުވެފައިވާ ޤައުލެވެ. ހަނދުކޭތަ ނަމާދު ޖަމާޢަތުގައި ކުރުމެއްނުވެ އެވެ. ސަބަބަކީ ހަނދުކޭތަ ނަމާދު ރޭގަނޑުގެ ވަޤުތުގައި މެނުވީ ނުވާނެ އެވެ. އެހެންވުމުން އެއީ މީސްތަކުންނަށް ދަތި، ބުރަ ކަމެއްގެ ގޮތުގައި މެނުވީ ނުވާނެ އެވެ. އަދި ހަމައެދަފައިން ނަބިއްޔާ . އަރިއަހުން ރޭގަނޑުގައި ހަނދުކޭތަ ނަމާދު ކުރެއްވިކަމަށް ނަޤުލުކުރެވިގެން ނުވެ އެވެ. އެހެނަސް ދުވާލުގައި އިރުކޭތަ ނަމާދު ކުރެއްވި އެވެ. فتح القدير لابن الهمام (2/90)، والكافي لابن عبدالبر (1/267) الإِمَام مَالك رحمه الله ވިދާޅުވެފައިވެ އެވެ. ”ސުންނަތް ނަމާދެއްފަދައިން ދެ ރަކުޢަތުން ދެ ރަކުޢަތުން ކޮށް ދުޢާކުރާނީ އެވެ. ޖަމާޢަތުގައި ކުރުމެއް ނުވެ އެވެ.“ المدونة (1/164)
ދެވަނައީ : الشافعية އަދި الحنابلة ވިދާޅުވެފައިވާ ޤައުލެވެ. އެއީ ހަނދުކޭތަ ނަމާދު ޖަމާޢަތުގައި ކުރުން ސުންނަތްވެގެންވާ ކަމެވެ. އެކަމުގައި ދަލީލުކޮށްފައިވަނީ ނަބިއްޔާ ﷺ އަރިހުން ވާރިދުވެގެންވާ ޢާންމު ޙަދީޘްފުޅެވެ. الصحيحين ގައި ވެ އެވެ. (يا أَيُّهَا النَّاسُ إنَّما الشَّمْسُ وَالْقَمَرُ آيَتَانِ مِن آيَاتِ اللهِ، وإنَّهُما لا يَنْكَسِفَانِ لِمَوْتِ أَحَدٍ مِنَ النَّاسِ فَإِذَا رَأَيْتُمْ شيئًا مِن ذلكَ فَصَلُّوا حتَّى تَنْجَلِيَ) ”ހަމަކަށަވަރުން އިރާއި ހަނދަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެކިތަކެވެ. މީހަކު މަރުވެގެން ކޭތައެއް ނުހިފާނެ އެވެ. ތިޔަބައިމީހުންނަށް ކޭތަ ހިފާފަހުއްޓާ ފެނުމުން ކޭތަ ފިލައި ދިއުމަށް ދާންދެން ނަމާދު ކުރާށެވެ.“ البخاري (1212)، مسلم (904) ޙަދީޘްއިން ނެރެވޭ ދަލީލުގެ މައްޗަށް ވިދާޅުވެފައިވެ އެވެ. ފަހެ ނަބިއްޔާ ﷺ ކޭތަނަމާދު ކުރުމަށް އަމުރުފުޅު ކުރައްވާފައިވަނީ (ހަނދާއި އަދި އިރަށް، ކޭތަ ހިފައިފިހިނދު) އެއް އަމުރުފުޅެއްގެ ގޮތުގަ އެވެ.
މިމައްސަލައިގައި ޝައްކެތްވެސް ނުވާގޮތުގައި ޞައްޙަވެގެންވާ ބަސްފުޅަކީ الشافعية އަދި الحنابلة ގެ ޤައުލެވެ. އެއީ ޖަމާޢަތުގައި ނަމާދުކުރުން ސުންނަތްވެގެންވުމެވެ.
العَلاَّمَة الشَّيخ صَالح الفَوزَان ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ ﷺ ގެ ޢަމަލުފުުޅުން ބަޔާންވެފައިވުމުން ކޭތަނަމާދު ޖަމާޢަތުގައި ކުރުން ސުންނަތްވެގެންވެ އެވެ. އަދި ސުންނަތް ނަމާދުތައް ވަކިން ކުރާފަދައިން އެކަނި ކުރުންވެސް ހުއްދަވެގެންވެ އެވެ. އެހެނަސް ޖަމާޢަތުގައި ކުރުން ހެޔޮކަންބޮޑުވެގެންވެ އެވެ.“ الملخص (282)
*****
ކޭތަ ނަމާދު ޖަމާޢަތުގައި ކުރުމަށް އިމާމްގެ އިޛްނަ ބޭނުންވޭތޯ އެވެ؟
ޢިލްމުވެރިންގެ ދެ ޤައުލެއްވެ އެވެ.
ފުރަތަމައީ : الأحناف ގެ ޤައުލެވެ. އަދި މިފަދައިން الثوري ގެ އަރިއަހުން ނަޤުލުކުރެވިގެންވެ އެވެ. އެއީ ވެރިޔާގެ އިޛުނަ އޮތުމަކީ ޝަރުޠެއް ކަމުގައި ކަނޑައެޅިފައިވުމެވެ.
السرخسي ވިދާޅުވެފައިވެ އެވެ. ”އެއަށްފަހު، މި ނަމާދު ޖަމާޢަތުގައި އިމާމް ނޫން އެހެން ފަރާތެއް ޤާއިމްކޮށްގެން ނުވާނެ އެވެ. އެއީ މީސްތަކުންނަށް ހުކުރު އަދި ޢީދު ނަމާދު ޤާއިމްކުރާ ފަރާތްކަމުގައިވުމެވެ. ފަހެ، ކޮންމެ ބަޔަކު އެބައިމީހުންގެ މިސްކިތުގައި މި ނަމާދު ކުރުމަކީ އޮތްކަމެއް ނޫނެވެ. ސަބަބަކީ، ނަބިއްޔާ . މި ނަމާދު އެފަދައިން ޤާއިމް ކުރެއްވި އެވެ. އަދި ހަމަކަށަވަރުން މި ނަމާދު ޤާއިމްކުރާ ފަރާތަކީ ނަބިއްޔާ . ގެ މަޤާމްގައި (ޚަލީފާ، ވަލިއްޔުލް-އަމްރު) ގޮތުގައި ހުރި ފަރާތްކަމުގައި ވާންޖެހޭނެ އެވެ. ފަހެ، އިމާމް ކޭތަ ނަމާދު ޤާއިމް ނުކުރާނަމަ، މީސްތަކުން ވަކިވަކިން ފަރުދީގޮތުން ނަމާދު ކުރާނީ އެވެ.“ (2/74)
ދެވަނައީ : ޖަމާޢަތުގައި އަދި ފަރުދީގޮތުން އެކަނި ހުރެވެސް ކުރުން ސުންނަތްވެގެންވުމެވެ. މިކަމުގެ ދަލީލަކީ ނަބިއްޔާ ﷺ ގެ ބަސްފުޅެވެ. (فإذا رأيتموه فصلوا) ”ތިޔަބައިމީހުންނަށް ކޭތަ ފެނުމުން ފަހެ، ނަމާދު ކުރާށެވެ.“
الإمام ابن قُدامة ވިދާޅުވެފައިވެ އެވެ. ”އިމާމްގެ އިޛުނައާ އެކު ނުވަތަ އިޛުނަނެތް ކަމުގައިވީނަމަވެސް އެކަނި ފަރުދީ ގޮތުން ކަމުގައިވީނަމަވެސްމެ މީސްތަކުން ނަމާދު ކުރުމަށް އަވަސްވެގަތުން ހުއްޓެވެ.“ المقنع (72)
މި މައްސަލައިގެ ޞައްޙަ ޤައުލަކީ އިމާމްގެ އިޛުނަ ޝަރުޠު ނުކުރެވޭ ކަމެވެ.
*****
ހަނދުކޭތަ ނަމާދާއި އިރުކޭތަ ނަމާދުގައި އަޑުހަރުކޮށް ކިޔެވުން.
މި މައްސަލައިގައި ޢިލްމުވެރިންގެ ދެ ޤައުލެއްވެ އެވެ.
ފުރަތަމައީ : ކޭތަނަމާދުގައި އަޑުހަރުކޮށް ކިޔެވުމެއް ނެތްކަމުގައި ވިދާޅުވެފައިވުމެވެ. މި ބަސްފުޅަކީ الحنفية އަދި المالكية ގެ ބަސްފުޅެވެ. އަދި أحمد ގެ ރިވާޔަތެކެވެ. އެބޭކަލުން މިކަމުގެ މައްޗަށް ގެންނަވާފައިވާ ދަލީލަކީ أبي داود، عائشة ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެވެ. ވިދާޅުވެފައިވެ އެވެ. (كسفتِ الشَّمسُ على عَهدِ رسولِ اللَّهِ ﷺ فخرجَ رسولُ اللَّهِ صلى الله عليه وسلم فصلَّى بالنَّاسِ فقامَ فحزرتُ قراءتَهُ فرأيتُ أنَّهُ قرأَ بسورةِ البقرةِ …) “ رسول الله ގެ ޢަހުދުގައި އިރުކޭތަ ހިފި އެވެ. ފަހެ، އެހިނދު މީސްތަކުންގެ ތެރެއަށް ނުކުންނަވައި ކޭތަނަމާދު ކުރެއްވި އެވެ. ނަބިއްޔާ . ގެ ކިޔެވުން ތިމަން ކަމަނާ އަންދާޒާ ކޮށްލުމުން ހީފުޅުވަޑައިގަތީ البقرة ސޫރަތް ކިޔަވާ ވިދާޅުވިހެންނެވެ.“ أبي داود (1187) މި ޙަދީޘްއާ މެދު الحاكم (1/334) ވިދާޅުވެފައިވެ އެވެ. ”މި ޙަދީޘްއަކީ مسلم ގެ ޝަރުޠުގައި ޞައްޙަވެގެންވާ ޙަދީޘެކެވެ.“ ވިދާޅުވެފައިވެ އެވެ. حسن ޙަދީޘެކެވެ.
ހަދީޘްއިން ނެރެވޭ ދަލީލު : عائشة رضي الله عنه ވަނީ ކިޔެވުން އަންދާޒާކުރައްވާފަ އެވެ. ނަބިއްޔާ ﷺ އަޑުހަރުކޮށް ވިދާޅުވި ކަމުގައިވާނަމަ އެކަމަނާ ހީފުޅުވިގޮތް އަދި އަންދާޒާ ކުރެއްވިއޭ ބުނުމުގެ ޙާޖަތްޖެހިވަޑައި ނުގަންނަވާނެތެވެ.
މިކަމަށް އޮތް ފުރަތަ ޖަވާބަކީ، عائشة رضي الله عنه ގެ އަރިހުން މި ރިވާޔަތުގައި ޛިކުރުވެފައިވާ ބަސްފުޅާއި ޚިލާފަށް މިއަށްވުރެ ޞައްޙަކަން ގަދަވެގެންވާ އެހެން ޙަދީޘްއެއް ވާރިދުވެގެންވުމެވެ. އެއީ الصحيحين ގައި ވާރިދުވެގެންވާ ޙަދީޘެކެވެ. އެކަމަނާ ވިދާޅުވެފައިވެ އެވެ. (أَنَّ النَّبِي ﷺ جَهَرَ في صَلاَةِ الخُسُوْف) ”ހަމަކަށަވަރުން النَّبِي ﷺ އިރުކޭތަ ނަމާދުގައި އަޑުހަރުކޮށް ތިލާވަތް ކުރެއްވި އެވެ.“
މިކަމަށް އޮތް ދެވަނަ ޖަވާބަކީ، އެކަމަނާއަށް ފުރިހަމައަށް އިވިވަޑައިނުގެންނެވީ ހުންނެވި ދުރުކަމުންނެވެ. މިފަދައިން ابن قدامة (3/326) ވިދާޅުވެފައިވެ އެވެ.
މި ޤައުުލުގެ އަހުުވެރިން ނަންގަވާ އަނެއް ދަލީލަކީ سمرة ގެ އަރިހުން الترمذي ރިވާކުރައްވާފައިވާ ޙަދީޘެވެ. (صَلَّى بِنَا النَّبِيُّ ﷺ في كُسُوفِ لاَ نَسْمَعُ لَهُ صَوْتًا) ”އަހަރެމެންނާއެކު ނަބިއްޔާ ކޭތަ ނަމާދު ކުރެއްވި އެވެ. ނަބިއްޔާގެ އަޑުފުޅު އަހަރެމެންނަށް އިވިވަޑައިނުގަންނަވަ އެވެ.“ الترمذي (562)
ޙަދީޘަށް ފަހުގައި الترمذي ވިދާޅުވެފައިވެ އެވެ. “ سمرة ގެ ޙަދީޘަކީ حسن صحيح ޙަދީޘެކެވެ.“
މިދަލީލުގެ މައްޗަށް އޮތް ޖަވާބަކީ، މިއީ ބަލިކަށި ޙަދީޘެކެވެ. ސަބަބަކީ ޙަދީޘްގެ ރާވީންގެ ތެރޭގައިވާ عباد بن ثعلبة އަކީ ކޮން ބޭފުޅެއްކަމެއް އެނގިފަނުވުމެވެ.
ދެވަނައީ : ކޭތަނަމާދުގައި އަޑުހަރުކޮށް ތިލާވަތް ކުރުމަކީ ސުންނަތް ގޮތެވެ. މި ޤައުލަކީ الإمام مالك ގެ ރިވާޔަތެކެވެ. އަދި މިއީ الشافعية ގެ މަޛްހަބެވެ. އަދި الإمام الشافعي ގެ ދެ ޞާޙިބުން ކަމުގައިވާ أبي يوسف އާއި محمد بن الحسن ގެވެސް މަޛްހަބެވެ. އަދި މިއީ الإمام أحمد ގެ ރިވާޔަތެކެވެ.
އެބޭކަލުން މިކަމުގައި ނަންގަވާފައިވާ ދަލީލަކީ الصحيحين ގައި عائشة ގެ އަރިހުން ވާރިދުވެގެންވާ ޙަދީޘް އެވެ. (أَنَّ النَّبِي ﷺ جَهَرَ في صَلاَةِ الخُسُوْف) ”ހަމަކަށަވަރުން ނަބިއްޔާ ﷺ ކޭތަ ނަމާދުގައި އަޑުހަރުކޮށް ތިލާވަތް ކުރެއްވި އެވެ.“
އަދިވެސް ވިދާޅުވެފައިވެ އެވެ. މި ނަމާދަކީ ޖަމާޢަތުގައި ކުރުމަށް ޝަރުޢުގައި ކަނޑައެޅިފައިވާ ސުންނަތް ނަމާދެކެވެ. ފަހެ، އެހިނދު ނަމާދުގެ ސުންނަތް ގޮތަކީ ޢީދު ނަމާދު، ތަރާވީޙް ނަމާދު އަދި އިސްތިސްޤާ ނަމާދު ފަދައިން އަޑުހަރުކޮށް ތިލާވަތް ކުރުމެވެ. الأم (1/279)، الحجة على أهل المدينة (1/320)، وحلية العلماء (1/257)، وروضة الطالبين (2/85)، المنح الشافيات للبهوتي (1/273-274)
****
މި ލިޔުމުގައިވާ އެންމެހައި މަޢުލޫމާތުތައް ނަގާފައިވަނީ އަހަރެމެންގެ ޝެއިޚް ޑރ. عَرَفَات بن حَسن بن صَالح المُحمَّدِي حفظه الله ލިޔެފައިވާ ލިޔުން صلاة الكسوف و أحكامه ގެ މައްޗަށް ބިނާކޮށެވެ. އެ ލިޔުމުގައިވާ ތަފްސީީ ބައެއް ބައިތައް ތަރުޖަމާ ކުރުމުގައި ޚުލާޞާކޮށްފައިވާނެ އެވެ. އަދި ލިޔުން ދިގު ނުކުރުމަށްޓަކައި ތަރުޖަމާކޮށްފައިވާނީ އެންމެބޮޑަށް ބޭނުންވާނެ މަޢުލޫމާތުތަކެވެ.