ޟުޙާ ނަމާދާއި ގުޅޭ ޙުކުމްތައް
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފުރަތަމައީ : ޟުޙާ ނަމާދުގެ މާތްކަމާއި މަތިވެރިކަން :
النبي ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (في الإنسان ثلثمائةٍ وستون مفصلا فعليه أن يتصدق عن كل مفصل منه بصدقه قالوا : و من يطيق ذلك يانبي الله؟-حتى قالﷺ-فركعتا الضحى تجزئك) ”ކޮންމެ އިންސާނެއްގެ ހަށިގަނޑުގައި ތިންސަތޭކަ ފަސްދޮޅަށް ހުޅުވެ އެވެ. ފަހެ، އެއިން ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކު ޞަދަޤާތެއް ކުރުން އޭނާގެ މައްޗަށްވެ އެވެ. (ޞަޙާބީން ދެންނެވި އެވެ.) ﷲގެ ނަބިއްޔާ އެވެ؟ އެކަމަށް ކެރިކުޅަދާނަވެގެންވަނީ ކާކު ތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. ޟުޙާގެ ދެރަކުޢަތް އެކަމަށް ފުދިގެންވެ އެވެ.“ صحيح الترغيب 2971
އަޚުންނޭވެ! 360 މިއީ ކޮންމެ ދުވަހަކު ހޭދަކުރަންޖެހޭ ފައިސާތަކެއް ކަމުގައިވެއްޖެ ހިނދު އެކަމަށް ކުޅަދާނަވާނީ ކިތައް މީހުންނަށް ހެއްޔެވެ؟
އެހެނަސް މި ޢަދަދު ކިތައް ލައްކަ، މިލިޔަން ގެ ޢަދަދަށް ޙަޔާތުގެ ދުވަސްތަކަށް ބަލައިފިހިނދު ޟުޙާ ނަމާދު ކޮށްގެން ޙާޞިލްވާނެ ހެއްްޔެވެ؟ ބުއްދިވެރިން ކޮބައިތޯ އެވެ!
އަހަރެމެން 24 ގަޑިއިރު 360 ޞަދަޤާތް ހޯދުމަށް 5 ވަރަކަށް މިނިޓް ހޭދަ ނުކުރެވޭނެ ހެއްޔެވެ؟
ދެވަނައީ : މި ނަމާދަކީ މާތް ނަބިއްޔާ ﷺ ހަޔާތްޕުޅުގައި ބައެއް ޞަޙާބީންނަށް އެބޭކަލުން މި ނަމާދު ދޫކޮށް ނުލުމަށް ވަޞިއްޔަތް ކުރައްވާފައިވާ ނަމާދެކެވެ.
ފަހެ، އެހިނދު ޟުޙާ ނަމާދުގެ މުހިންމުކަމާއި އޭގެ ދަރުމައިގެ ބޮޑުކަން ބަޔާންވެގެން ދެ އެވެ. ޞަޙާބީ أبوهُرَيرة رَضِيَ اللَّهُ عَنْه ވިދާޅުވެފައިވެ އެވެ. أَوْصَانِي خَلِيلِي صَلَّى اللَّهُ عليه وسلَّمَ بثَلَاثٍ: بصِيَامِ ثَلَاثَةِ أَيَّامٍ مِن كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَرْقُدَ ”އަހަރެންގެ ޚަލީލު (ނުހަނު ލޯބިވާ ފަރާތް : ޔަޢުނީ ރަސޫލާ ﷺ) އަހަރެނެންނަށް ތިން ކަމަކަށް ވަޞިއްޔަތްޕުޅު ކުރެއްވި އެވެ. ކޮންމެ މައްސަރެއްގައި ތިން ދުވަހު ރޯދައަށް ހުރުމާއި، ޟުޙާގެ ދެ ރަކުޢަތް ކުރުމަށާއި އަދި ނިދަން އޮށޯތުމުގެ ކުރިން ވިތުރި ކުރުމަށެވެ.“ صحيح مسلم 721
ތިންވަނައީ މި ނަމާދުގެ ވަޤުތު :
މި ނަމާދުގެ ދެ ވަޤުތެއްވެ އެވެ. އެއީ ނަމާދު ކުރުމަށް ހުއްދަވެގެންވާ ވަޤުތާއި އަދި ނަމާދުކުރުމަށް މޮޅު މާތް މަތިވެރިވެގެންވާ ވަޤުތެވެ.
ހުއްދަވެގެންވާ ވަޤުތަކީ : ހެނދުނު އިރު ލޮންސިއެއް ނުވަތަ ދެ ލޮންސީގެ ދިގުމިނަށް އެރުމަށްފަހު މެންދުރު ނަމާދުގެ ވަޤުތާއި ހަމައަށެވެ. (އެއީ ވަޤުތަށް ބަލާނަމަ، ގާތްގަޑަކަށް އިރު އެރުމަށްފަހު 15 މިނިޓް އިން ފަށައިން މެންރުދު ނަމާދުގެ 10 މިނިޓް ކުރިއަށެވެ.)
މާތް މަތިވެރި ވެގެންވާ ވަޤުތަކީ އިރުގެ ހޫނު ބިންމައްޗަށް ގަދަކޮށްލާ ވަޤުތުގައި ކުރުމެވެ. މި މޮޅު އަދި ހެޔޮވެގެންވާ ވަޤުތު ބަޔާން ކުރައްވާ މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. އިމާމް مسلم 748 އަދި އެނޫން ބައެއް ފޮތްތަކުގައި ވާރިދުވެގެންވެ އެވެ. النبي ﷺ ޙަދީޘް ކުރެއްވި އެވެ. : صَلاَةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ ”އައްވާބީން ނަމާދު (އެބަހީ :ޟުޙާ ނަމާދު) -ކުރުންވަނީ- ތަރްމަޟުލް ފިޞާލް (މާނައީ : ޅަ ޖަމަލުތަކުގެ ފައިތިލަ އިރުގެ ހޫނުން، ހޫނުވެފައިވާ ވެލި މަތީގައި ފިހިގެންދާ ހިނދު އެވެ.) (އެބަހީ : އިރުގެ ހޫނުކަން ބިންމައްޗަށް އެންމެ ގަދަވެގަންނަ ވަޤުތެވެ.)“
މި ޙަދީޘްގެ ޝަރަޙައިގައި الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި ވަޤުތުގައި މި ނަމާދުކުރުމުގެ މާތްކަން ބަޔާންވެގެންވެ އެވެ. އަދި އަހަރެމެންގެ އަޞްޙާބުން ވިދާޅުވެފައިވެ އެވެ. އިރު އެރުމަށްފަހު މި ނަމާދު ކުރުން ހުއްދަވެގެންވީމކަމުގައިވީނަމަވެސް މި ވަޤުތަކީ މި ނަމާދު ކުރުމަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ ވަޤުތެވެ.“
މިއީ މިޒަމާނުގެ ގަނޑިން ބުނާނަމަ ގާތްގަޑަކަށް 10:30 ހާއިރެވެ.
ހަތަރުވަނައީ : މި ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދެވެ.
ދަންނަ އެވެ. ޟުޙާނަމާދުގެ އެންމެ މަދު މިންވަރަކީ 2 ރަކުޢަތެވެ. މި ނަމާދު ހަތަރު ރަކުޢަތަށް ކުރެވޭނެ އެވެ. އަދި 6 ރަކުޢަތަށްވެސް ކުރެވޭނެ އެވެ. އިމާމް مسلم 719 ގެ ޙަދީޘްގައިވެ އެވެ. ނަބިއްޔާ ﷺ ގެ އަނބިކަނބަލުން އަރިހުގައި ރަސޫލާގެ ޟުޙާ ނަމާދުގައި ކުރައްވާ ރަކުޢަތްތަކުގެ ޢަދަދާއި މެދު ސުވާލު ދެންނެވުނު ހިނދު ވިދާޅުވި އެވެ. (أنَّهَا سَأَلَتْ عَائِشَةَ رَضِيَ اللَّهُ عَنْهَا، كَمْ كانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ يُصَلِّي صَلَاةَ الضُّحَى؟ قالَتْ: أَرْبَعَ رَكَعَاتٍ وَيَزِيدُ ما شَاءَ) ”ހަތަރު ރަކުޢަތަށް ކުރައްވަ އެވެ. އަދި ﷲ އިރާދަފުޅު ކުރެއްވި މިންވަރަކަށް އިތުރު ކުރައްވަ އެވެ.“
ވުމުން ޟުޙާ ނަމާދުގެ ގިނަ މިންވަރެއް ކަނޑައެޅިފައި ނުވެ އެވެ. ގިނަ ރަކުޢަތްތަކަށް ކުރާ ފަރާތް ދަންނަ އެވެ. ނަމާދު ކުރުމަށް އެންމެ ހެޔޮވެގެންވާ ސިފައަކީ ދެރަކުޢަތުން ދެރަކުޢަތުން ސަލާމް ދެމުންނެވެ.
ފަސްވަނައީ : މި ނަމާދުގައި ކިޔެވުމަށް ޚާއްޞަ ޞޫރަތެއްވޭ ހެއްޔެވެ؟
މި ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ޞޫރަތެއްނުވެ އެވެ. އަދި ޚާއްޞަ އާޔަތްތަކެއްވެސް ކިޔުމަށް ވާރިދުވެގެން ނުވެ އެވެ. ވަކި ޚާއްޞަ ޞޫރަތެއް ކިޔުމަށް ކަނޑައަޅައިފިހިނދު އެއީ ބިދުޢަވެރި ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.