އައްތަހިޔާތުގައި އިންނަ މީހާގެ ލޮލުގެ ނަޟަރު ހުއްޓި (އޭނާގެ ލޮލުން ބަލާނީ) ކޮން ތަނަކަށްތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އައްތަހިޔާތުގައި އިންނަ މީހާގެ ލޮލުގެ ނަޟަރު ހުއްޓި (އޭނާގެ ލޮލުން ބަލާނީ) ކޮން ތަނަކަށްތޯ މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ނަމާދަށް ހުންނަ މީހާ އޭނާ އައްތަހިޔާތުގައި ލޮލުގެ ނަޟަރު ހުއްޓިފައިވާންޖެހޭނީ ޝަހާދަތް އިނގިއްޔަށް ކަމާއި އެއީ ސުންނަތުގައި ވާރިދުވެގެންވާ ގޮތެވެ. ސުންނަތްވެގެންވަނީ އެފަދައިންނެވެ. މި ޤައުލަކީ الشافعيَّةِ އަދި الحنابلةِ ވިދާޅުވެފައިވާ ޤައުލެވެ. އަދި މި ޤައުލު އިޚްތިޔާރު ކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ابنُ القيِّمِ، الشَّوكانيُّ ، ابنُ بازٍ ، ابنُ عُثَيمين އަދި الألباني ހިމެނިވަޑައިގަންނަވަ އެވެ.
މި މައްސަލައިގައި ވަރަށް ސާފުވެގެންވާ ޞަރީޙަ ދަލީލު ވާރިދުވެފައިވެ އެވެ.
الإمام النسائي 1160 ގައި عَبْدِ اللَّهِ بْنِ عُمَرَ – رَضِيَ اللَّهُ عَنْهُمَا – ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (މި ޙަދީޘްގައި ނަބިއްޔާ ނަމާދުގައި އިށީނދެވަޑައިގެން އިންނަވާގޮތް ސިފަކޮށްދީފައިވެ އެވެ.)
”ފަހެ، ކަނައަތްޕުޅު ކަނައަތުފައިގެ ފަލަމަސްގަނޑުގެ މަތީގައި ބޭއްވި އެވެ. އަދި ބޮނޑުވައި އިނގިލިފުޅާއި ޖެހިގެން އިންނަ އިނގިލިފުޅު ޤިބްލައަށް -ސީދަލަށް- ބަހައްޓަވައި އިޝާރަތް ކުރައްވައި އެއަށް ބެއްލެވުމުގައި ދެމިހުންނެވި އެވެ….“
މި ޙަދީޘް އެވެ. މި ޙަދީޘް އަކީ الإمام الألباني -رحمه الله- ޞައްޙަ ކުރައްވާފައިވާ ޙަދީޘެކެވެ.
އަދިވެސް މި މައުޟުގައި الأمام أبوداود 990 ގައި ޞަޙާބީ عبدِ اللهِ بنِ الزُّبَيرِ ގެ އަރިހުން ޙަދީޘް ރިވާކޮށްފައިވެ އެވެ. މި ރިވާޔަތުގައިވެ އެވެ.
”رسولُ اللهِ صلَّى اللهُ عليه وسلَّم އައްތަހިޔާތަށް އިށީނދެވަޑައިގަންނަވައިފިހިނދު، ކަނައަތްޕުޅު ކަނާއަތްފައިންޕުޅުމަތީގައި (ފަލަމަސްގަނޑު) މަތީގައި ބާއްވަވަ އެވެ. އަދި ވައަތްޕުޅު ވައަތުފައިންޕުޅުގެ (ފަލަމަސްގަނޑު) މަތީގައި ބާއްވަ އެވެ. އަދި ޝަހާދަތް އިނގިލިފުޅުން އިޝާރާތް ކުރެއްވުމުގައި އިންނަވަ އެވެ. އަދި ލޯފުޅުގެ ނަޟަރު އެ އިޝާރާތް ކުރައްވާ (އިނގިލިފުޅަށް) ބެއްލެވުން ނޫން އެހެން ދިމާލަކަށް ނުގެންދަވަ އެވެ.“
މި ޙަދީޘް ތަކުން ބަޔާންވެގެންވާ ފައިދާތަކުގެ ތެރޭގައި :
1. އައްތަހިޔާތަށް އިށީންނަ މީހާ އޭނާގެ ކަނައަތްތިލަ ކަނައަތުގެ ފަލަމަސްގަނޑުގެ މަތީގައި ބޭއްވުން.
2. ކަނައަތްތިލައިގެ ޝަހާދަތް އިނގިލި ފިޔަވައި އެހެން އެންމެހައި އިނގިއްޔެއް ހިފަހައްޓައި ޝަހާދަތް އިނގިލި ޤިބްލައަށްވާގޮތަށް ބެހެއްޓުން.
3. ޙަދީޘްގައި ޛިކުރު ކުރެވިގެންވާ ”އިނގިލިން އިޝާރަތް ކުރެއްވުން“ ގެ މާނައިގެ ތެރެއަށް އިނގިލި ޙަރަކާތް ކުރުން ވަންނާނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
4. އައްތަހިޔާތަށް އިންނަ މީހާ ލޮލުގެ ނަޟަރު ހުންނަން ޖެހޭނީ އޭނާ ޤިބްލައަށް ބަހައްޓާފައިވާ ޝަހާދަތް އިގިއްޔަށް ކަމުގައި ހަދީޘްގައިވެ އެވެ.
މި މައުޟުގެ މައްޗަށް މި ޒަމާނުގެ މުޙައްދިޘް އަލް-އިމާމް الألباني -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޞައްޙަ ސުންނަތުގައި ވާރިދުވެގެންވަނީ، ނަމާދަށް ކޮޅަށް ހުންނަ މީހާ އޭނާ ސަޖިދަ ޖަހާތަނަށް ބެލުމެވެ.
އަދި އައްތަހިޔާތުގައި އޭނާ ބަލާނީ ޤިބްލައާ ދިމާލަށް އުފުލައިފައިވާ އެމީހެއްގެ ޝަހާދަތް އިނގިއްޔާ ދިމާލަށެވެ.
ހަމަ އެފަދައިން ޞައްޙަވެގެންވާ ސުންނަތުގައިވާ ގޮތަށް އެމީހަކު އެ އިނގިލި ޙަރަކާތް ކުރާނީ އެވެ. ފަހެ، އެމީހަކު އެ އިނގިއްޔާ ދިމާލަށް (އައްތަހިޔާތުގައި) ބެލުން ހުއްޓެވެ.“
فتاوى رابغ
އަދި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އިމާމްވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަމާދަށް ހުންނަ މީހާ އޭނާ ޤިޔާމުގައި ހުންނަ ދަނޑިވަޅުގައި ބެލުން ސުންނަތްވެގެންވަނީ ސަޖިދަ ކުރާތަނަށެވެ. މިފަދައިން ރުކޫޢުގައިވެސް މެ އެވެ. ދެންފަހެ އޭނާ އިނށީދެއިންނަ ޙާލަތުގައި އޭނާގެ އިޝާރާތް ކުރުމުގައިވާ އިނގިއްޔަށް ބެލުންވެ އެވެމިފަދައިން ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ސުންނަތުގައި ވާރިދުވެގެންވެ އެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.