ދެމަފިރިން އެކަކު އަނެކަކަށް މުނިފޫހި ފިލުވުމަށްޓަކައި ލަވަކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
وعليكم السلام
ދެމަފިރިން ހިތްހަމަ ޖެއްސުމުގެ ނިޔަތުގައި ބުނެ އެކަކު އަނެކަކަށް ލަވަ ކިޔާދިނުމުގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ދެންފަހެ ލަވަ ކިޔުމާއި މެދުގައި ބުނަމެވެ.
މިއުޒިކް ނުވަތަ މިއުޒިކީ އާލަތުން ނުވަތަ އެފަދަ ތަކެއްޗަކީ ދީނުގައި އެއްވެސް ޚިލާފެއްނެތި ޙަރާމްވެގެންވާ ތަކެއްޗެވެ. ވުމާއެކު، ޙަރާމް ކުރައްވާފައިވާ އެއްވެސް އެއްޗަކީ އެއިން ފައިދާއެއް، ހިތްހަމަ ޖެހުން ލިބޭނެ އެއްޗެއް ނޫންކަން ދަންނަން ޖެހޭނެ އެވެ. އަދި އެއި ދެދުނިޔެ ބާއްޖަވެރިކޮށް ތިމާގެ ޙަޔާތާއި ދިރިއުޅުން ފަސާދަ ކުރާނެ އެއްޗެއްކަމުގައި ދަންނަ އެވެ.
ވުމާއެކު، މިއުޒިކާއެކުގައި ލަވަކިޔާނަމަ، ނުވަތަ މިއުޒިކް ޖަހައިގެން ލަވަކިޔުން ކަމުގައިވީނަމަވެސް އެއްވެސް ޚިލާފެއް ނެތް ގޮތުގައި މިއީ ޙަރާމްވެގެންވާ ޢަމަކެލެވެ.
ފަހަރެއްގައި ބުނެފާނެ އެވެ. މިއުޒިކް ނުލައި ކިޔަނީ އެވެ. ހަމައެކަނި ދުލުން ޅެމެއް ކިޔާލަނީ އެވެ. އެއްވެސް ރާގެއް އަދި އެއްވެސް މިއުޒިކީ އަޑެއް ނެތި އެވެ.
މިހާލުގައި ބުނަމެވެ. ބައެއް ލަވަތަކި އޭގައި އަންހެނުން ސިފަ ކުރުމާއި، ލޯތްބާއި އިޝްޤް އަދި ހުއްދަވެގެން ނުވާ މިފަދަ ޢިބާރާތްތައް އެކުލެވިގެންވާ ލަވަތަކެވެ. މި ތަކެތި ޙަރާމް ކަމުގައި ޝައްކެތްވެސް ނެތެވެ. ވުމުން މިފަދަ ތަކެތި ކިޔުންވެސް އެއްވެސް ގޮތަކަށް ހުއްދައެއް ނުވާނެ އެވެ.
އެހެނަސް ހަމައެކަނި ޅެމެއް ކިޔާ ގޮތަށް އެފަދަ މާނަތަކެއް ނެތް ލަވަ ކިޔުމުމުގެ ސިފައިގައި އެކަން ނުކުރުމަށް އުއްމަތުގެ ޢިލްމުވެރިން ބާރު އަޅާފައިވެ އެވެ.
شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”ފަހެ ފިރިހެނުންގެ ތެރޭގައި ލަވަކިޔުމަކީ އޮތް އެއްޗެއް ނޫނެވެ. އަދި ކިޔެއްތަ! އުއްމަތުގެ ސަލަފުން ލަވަކިޔާ ފިރިހެނާއަކީ އަންހެންދުޅާ (ރަނޑު) މީހެއް ކަމުގައި ބުނެ އެވެ. އެއީ އޭނާ އަންހެނުންނާ އެއްގޮތްވެފައިވާތީ އެވެ.“الإستقامة 1-277
ވުމާއެކު، އުއްމަތުގެ ހެޔޮލަފާ ސަލަފުއް ޞާލިޙުންގެ ބޭކަލަކަށް މިފަދައިން ލަވަ ކިޔާ މީހަކު ފެނިއްޖެހިނދު ވިދާޅުވާނީ ކީކޭ ތޯ އެވެ؟
މިއީ މި ސުވާލުގެ ޚުލާޞާ އެވެ.
މިތަނުގައި އަޚާއަށް އިތުރު ފައިދާއެއް ނަޞޭޙަތެއްގެ ގޮތުގައި ބުނަމެވެ.
ހުސްވަޤުތައް އަހަރެމެން ހޭދަކުރުމަށް ދީނުގައި އިރުޝާދު ދެވިގެންވާ ކަންތަކެއްވެ އެވެ.
އެއީ، މިފަދަ ލަވަތައް ކިޔައި މުނިފޫހި ފިލުވުމުގެ ބަދަލުގައި ހަށިގަނޑަށް ނުވަތަ ނަފްސަށް ފައިދާ ކުރާނެ، ހުނަރުވެރިކަމާއި، ބާރުވެރިކަމާއި ކުޅަދާކަން ގެނުވާނެ ޢަމަލަކަށް ދިއުމަށް ނަޞޭހަތްތެރިވަމެވެ.
ލަވަތައް ކިޔުމުގެ ތެރެއަށް ދިއުމުން އެކުއެކީގައި ދުރުވުމަށް ނަޞޭހަތްތެރިވަމެވެ. ފަހެ، މިފަދަ ތަކެތި ކިޔުމުގެ ސަބަބުން އެމީހަކު މަޑުމަޑުން މިއުޒިކާއި އަދި ހުއްދަވެގެންނުވާ ޢިޝްޤާއި ޝަހުވަތުގެ ތަކެތީގެ ތެރެއަށް ގޮސްދާނެ ކަމުގެ މައްޗަށް ބިރުވެތިވުންވެސް ހުއްޓެވެ.
މުނި ފޫހިފިލުވުމަށްޓަކައި އެކި ކުޅިވަރުތައް ކުޅެވިދާނެ އެވެ.
އަހަރެމެންނަށް ހުއްދަވެގެންވާ ކުލިވަރުތަކުގެ ތެރޭގައި ޖިހާދަށް ތަމްރީނުލިބޭ ހިތްވަރާއި ޢަޒުމް އަށަގަނުވައިދޭ ކުޅިވަރުތައް ހިމެނިގެންވެ އެވެ.
ހަމައެފަދައިން މިސާލަކަށް ފެތުމާއި، އަސް ދުއްވުން އަދި ދުނިއުކުން ފަދަ ކުޅިވަރުތަކަކީ ފޫހި ފިލުމަށްވާ ހެޔޮ ކަންތައްތަކެވެ.
ނަބިއްޔާ . ޙަދީޘް ކުރައްވާފައިވެ އެވެ. صحيح البخاري ގައިވެ އެވެ. ارْمُوا بَنِي إسْمَاعِيلَ فإنَّ أبَاكُمْ كانَ رَامِيًا ”ދުނި އުކާބަޔަކު ކަމުގައި އިސްމާޢީލްގެ ދަރިފަސްކޮޅު ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ދުނި އުކާ ބޭކަލަކު ކަމުގައި ތިޔަބައިމީހުންގެ ބަފައިކަލުންވި އެވެ.“
އެ ކުޅިވަރި ތަކަކީ އޭގެ ސަބަބުން ޖިހާދަށް ތަމްރީނު ނުލިބޭ ކުޅިވަރުތަކެއް ކަމުގައިވާނަމަ، އެއްގޮތަކީ ކުޅިވަރަކީ ސީދާ ހަރާމް ކަމެއް ކަމަށް ނައްސުން ބަޔާންވެގެންވާ ކުޅިވަރެއް ކަމުގައިވުމެވެ.
މިޘާލަކަށް ރާޒުވާ ފަދަ ކުޅިވަރެވެ. އަނެއް ގޮތަކީ އެ ކުޅިވަރު ތަކުގެ ތެރޭގައި ހަރާމް ވެގެންވާ ކަންތައްތަކެއް ހިމެނިގެންވުމެވެ.
ނުވަތަ އެކުޅިވަރަކީ ޙަރާމް ކަމަކަށްވާ ވަޞީލަތެއް ކަމުގައި ވުމެވެ. މިފަދަ އެންމެހައި ޙާލަތެއްގައިވެސް އެކަންކަމުން ދުރުވާން ޖެހޭނެ އެވެ.
އެހެނަސް އެކުޅިވަރެއްގައި ޙަރާމް ކަމެއް ނުވާނަމަ، މިޘާލަކަށް އެފަދަ ޙަރާމް ކަމެއް ނުވާގޮތަށް ފުޓްބޯޅަ ކުޅުމާއި، ބާސްކެޓްބޯޅަ ކުޅުމާއި މިފަދަ ކުޅިވަރުތައް ހުއްދަވެގެންވެ އެވެ. މިޒަމާނުގައި ކުޅެވޭ ކެރަމް ފަދަ ކުޅިވަރުތައް ނުވަތަ އޮށްވަޅު (ގޮޑި) ފަދަ ކުޅިވަރުތަކަކި ދެމަފިރިންނަށްވެސް ހުސްވަޤުތުގައި ކުޅެވިދާނެ ކުޅިވަރުތަކެވެ.
އެ ކުޅިވަރު ކުޅެވިގެންދަނީ ޖުވާގެ ގޮތުގައި ނުވުމާއި އަދި ﷲ ތަޢާލާ ހަނދުމަ ކުރުމުގެ މަތިން އޭގެ ސަބަބުން ޣާފިލް ނުވުމާއި އަދި ފައިދާއެއްނެތް ގޮތުގައި ގިނަ ވަޤުތުތަކެއް ބޭކާރުފަދަ ބީދައަކުން އެކަން ނުކުރުން، މިފަދަ ކަންތައްތަކަށް ބަލަން ޖެހޭނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.