ވޭޕް ކުރުމުގެ ޙުކުމަކީ ކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ވޭޕް ކުރުން އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ޙުކުމާއި މެދުގައި ބުނަމެވެ.

އިލެކްޓްރޯނިކް ސިގިރެޓް ނުވަތަ ވޭޕް ކުރުމަކީ، 2004 ވަނަ އަހަރުގައި ޗައިނާއިން އުފަންކުރި ދުންފަތް އިސްތިޢުމާލު ކުރުމިުގެ ވަޞީލަތްތަކުން ވަޞިލަތެކެވެ.

މިއީ އެ ބޭނުން ކުރާ މެޝިން ނުވަތަ އިލެކްޓްރޯނިކް ވަޞީލަތުން ދުނަފަތް ބޮއެ ހަދައި ގޮތާއި ތަފާތު ކަމެއް ކަމުގައިވީނަމަވެސް، ޙަޤީޤަތަކީ މިއީ އެއްކަމެކެވެ. ލަޑުދަނޑިއަކީ އެއް ލަޑުދަނޑިއެކެވެ.

ހަމައެކަނި ތަފާތަކީ އިލެކްޓްރިން ބެޓެރީއެއް ބޭނުންކޮށް ކަރަންޓުގެ ޛަރީއާއިން އެ ޗާޖްކޮށް، ދުންފަތުގައިވާ އެންމެ ނުރައްކާ މާއްދާ ކަމުގައިވާ ނިކޮޓިން ދިޔާކޮށް ކޮންމެވެސް މިންވަރަކަށް ފެނާއި އެއްކޮށް އަދި އެއަށް އެކި ފްލޭވާގެ ރަހަ ޖައްސުވައިފައި ވުމެވެ.

ފަހެ، ކަރަންޓުން ޗާޖުކުރެވިފައިވާ ބެޓެރީން އެއަށް ލިބިފައިވާ ކަރަންޓުގެ ބާރުން ދިޔާކޮށް ހުންނަ ނިކޮޓިންގެ ތެރެއަށް ކަރަންޓު ފޮނުވައި އެ އިސްތިޢުމާލު ކުރާ މީހާށް ނިކޮޓިން ދުމުގެ ސިފައިގައި ނެރެ އެވެ.

ފަހެ، މި ވޭޕަރުން ނުވަތަ ކަރަންޓު ސިގިރެޓުން ނެރޭ ނިކޮޓިންގެ ދުން، އެބޭނުން ކުރާ މީހާއަށް އޭނާ ޙަޤީޤީ ސިނގިރޭޓް ބޭުނުން ކުރުމުގެ އިޙުސާސު ކުރުވަ އެވެ. އަދި ހަޤީޤީ ސިގިރެޓުން ލިބޭ ގެއްލުން އެ ސިފައިގައި މި ކަރަންޓް ސިގިރޭޓް ބޭނުން ކުރާ މީހާއަށްވެސް ލިބެ އެވެ.

ހަމައެކަނި ތަފާތަކީ ބޭނުން ކުރާ އާލަތެވެ. ބޭނުން ކުރާ ސިފަ އެވެ. ނަތީޖާއަކީ އެކައްޗެވެ.

ގެއްލުން ލިބެނީވެސް އެއްފަދައަކުންނެވެ. ނުވަތަ ކަރަންޓް ސިގިރޭޓްގެ ގެއްލުން އަނެއް ވަޞީލަތަށް ވުރެ ނުރައްކާ ބޮޑުވެގެންވެ އެވެ.

ވުމާއެކު، ވޭޕް ކުރުމުގެ މައްޗަށް އޮތް ޙުކުމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ މައްޗަށް އޮތް ޙުކުމެވެ.

ނިކޮޓިން އަނގައަށް އަޅައިގެން ކެއުމާއި، ދިޔާކޮށް ބުއިމާއި، ނުވަތަ ކަރަންޓްގެ ވަޞީލަތެއްގެ ޛަރީޢާއިން ދުން ގޮތުގައި ބުއިމަކީ އޭގެ ޙުކުމް ތަފާތު ކުރާނެ ޢަމަލެއް ނޫނެވެ.

ކޮންމެ ގޮތަކަށް ދިޔައަސް އެއީ ހަށިގަނޑުގެ ތެރެއަށް ފޮނުވާލެވޭ އިންތިހާއަށް ގެއްލުން ދޭ ވިހަ މާއްދަ އެކެވެ.

ގުނަވަންތައް ހަލާކުވެ އެވެ. ގުވަންތައް ފެއިލްވެ އެވެ. އެތައް އެތައް ބަލިތަކެއް ޖެހުމުގެ އަސްލު ކަމުގައިވެ އެވެ.

ވިސްނާލުން ހުއްޓެވެ! އޭގައި އެއްވެސް މަންފާއެއް ނެތް އަދި އޭގެ އިތުރަށް އެންމެހައި ޢިލްމުވެރިންނާއި، ޙަކީމުންނާއި ޞިއްޙީ މާހުރުން އެއީ ގެއްލުން ހުރި އެއްޗެއެްކަމާއި، އެއަށް ދެވި ހިފާ އެއްޗެއްކަން ބަޔާންކޮށްފައި ވުމުން، ބުއްދި ސަލާމަތުން ހުރި ފަރާތަށް އެއީ ކަނޑައެޅިގެން ޙަރާމް ޢެއްޗެއްކަން ބަޔާންވެ އެވެ.

އެކަމުގައި އެއްވެސް ޝައްކެތް ނެތެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުން، އެއީ ދުންފަތް ކޮންމެ ވަޞީލަތެއްގައި ބޭނުން ކުރި ކަމުގައި ވީނަމަވެސް، އެ ގޮތުން ދުންފަތް ލައިގެން ދުފުމާއި، ސިނގިރޭޓް ބުއިމާއި، ދުން ބުއިމާއި މި އެންމެހައި ވަޞީލަތްތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ޙަރާމްވެގެންވާކަން ކީރިތި ޤުރުއާނާއި ސުންނަތް އަދި އުއްމަތުގެ އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ބަޔާންވެ އެވެ.

ޤުރުއާނުގެ ދަލީލުތަކުގެ ތެރޭގައި : ﷲ ވަޙީ ކުރެއްވި އެވެ.

ފުރަތަމައީ :

ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ ﷺ ރަސޫލުކަމާއިގެން ފޮނުއްވައި މީސްތަކުންނަށް ގޮވާލެއްވި ކަންތައްތައް ބަޔާން ކުރައްވާ ވަޙީ ކުރައްވާފައިވެ އެވެ. (وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ.. )الأعراف:157 ”އަދި (އެ ނަބިއްޔާ އެބައިމީހުންނަށް) ރަނގަޅު ތަކެތި ހަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް ޙަރާމް ކުރައްވަތެވެ.“

ފަހެ، އެބައިމީހުންނަށް ގެއްލުންވާ އެންމެހައި ތަކެއްޗެއް އަދި ނުބައިވެގެންވާ އެންމެހައި ތަކެއްޗެއް އެބައިމީހުންގެ މައްޗަށް ހަރާމް ކުރައްވާ ފަރާތެއްގެ ގޮތުގައިވަނީ ލައްވާފަ އެވެ.

ރޯ ދުންފަތް، ހިކި ދުންފަތް، ސިގިރޭޓް، އިލެކްޓްރޯނިކް ސިގިރޭޓް މިއީ އެއިން ގެއްލުން ލިބޭ ކަމާއި ޞިއްޙަތަށް އޮތް ބޮޑުވެގެންވާ ނުރައްކަލެއްކަން އެތައް އެތައް ބަޔަކު ބުނެފައިވެ އެވެ.

ފަހެ، ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނެއްގެ ކައިރީގައި ތިބާ ދުންފަތް ކަނޑައަޅާނީ ކޮން ގިންތިއެއްގެ ތެރެއިންތޯ ސުވާލު ކޮށްފިނަމަ، އެއި ރަނގަޅު ހެޔޮ ތަކެއްޗެއް ތޯ ނުވަތަ އެއީ މުޑުދާރުވެގެންވާ ނުބައިވެގެންވާ އެއްޗެއްތޯ އެވެ؟ ފަހެ، ކޮންމެ މީހަކު އެ ކަނޑަޅާނީ ނުބައިވެގެންވާ ތަކެތީގެ ތެރެއިން ކަމާއި މެދުގައި އެއްވެސް ޝައްކެތް ނެތެވެ.

ދެވަނަ ދަލީލު :

(يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ) البقرة:172 ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ.“

އެކަލާނގެ ވަނީ އަޅުތަކުންނަށް ރަނގަޅު ހެޔޮ ތަކެތި ކެއުމަށް އަމުރުފުޅު ކުރައްވާފަ އެވެ. އަދި އެންމެހައި ގެއްލުންދޭ ތަކެތި ކެއުން ޙަރާމް ކުރައްވާފަ އެވެ. ފަހެ، ދުންފަތަކީ ގެއްލުންދޭ އެއްޗެއް ކަމާއިމެދު ބުއްދި ސަލާމަތުންވާ އެކަކުވެސް ދެބަހެއް ނުވާނެ އެވެ. ފަހެ، މިއީ އެހިނދު ﷲގެ އަމުރުފުޅާއި ޚިލާފްވޭ އެއްޗެއް ކަމުގައިވެ ޙަރާމްވެގެންވާ އެއްޗެއްގެ ގޮތުގައި ކަނޑައެޅިފައިވެ އެވެ.

ތިންވަނަ ދަލީލު :

އިންސާނާގެ އަތުން އޭނާ ހަލާކުގެ ތެރެއަށް އެއްލާލުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ފާފަ އެކެވެ.

އޭނާގެ ނަފްސު ހަލާކުކޮށް އެއްލާލުމުގެ ތެރޭގައި މި ދުންފަތް އިސްތިޢުމާލު ކުރުންވެ އެވެ. ފަހެ، އެންމެހައި ޙަކީމުންނާއި ޑަކްޓަރުން އަދި އެކަމުގެ ޢިލްމު ލިބިފައިވާ އެންމެހައި ފަރާތްތަކެއް މިއީ އިންސާނާއަށް އެތަށް ގިނަގުނަ ނުރައްކަލަކާއި ބަލިތައް ޖައްސައިދޭ އެއްޗެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ފަހެ، ބުއްދި ސަލާމަތުން ހުރި އެކަކުވެސް މިކަމުގައި ދެބަސް ނުވާނެ އެވެ. ވުމުން، މިއީ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން ކަމުގައި ކަނޑައެޅެވެ.

ﷲ ވަޙީކޮށްފައިވެ އެވެ. (وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَة) ”އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!“

ހަތަރުވަނަ ދަލީލު :

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިމާމް ابن ماجه ރިވާކުރައްވާފައިވާ ޙަދީޘްގައިވެ އެވެ. (لا ضَرَرَ ، وَلا ضِرارَ) صحيح ابن ماجه 1909 ”ގެއްލުން ދިނުމެއްވެސް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެ އެވެ.“ ފަހެ، އެހެން މީހެއްގެ ފުރާނައަށް ގެއްލުން ދިނުން ކަމުގައިވީނަމަވެސް އަދި އޭނާގެ އަމިއްލަނަފްސަށް ގެއްލުން ލިބިގަތުމެއްވެސް ނުވެ އެވެ.“

ދުންފަތުގައިވާ އެތަކެއް މާއްދާ ތަކަކީ، އޭގެ ތެރޭގައި ނިކޮޓިން އަކީ ޝައްކެތްވެސްނެތި ތިމާ، ތިމާގެ ހަށިގަނޑަށް ގެއްލުން ލިބިގަތުން ހޯދައިގަނެވޭ ނުބައިވެގެންވާ އެއްޗެކެވެ.

ފަސްވަނަ ދަލީލު :

އިސްލާމީ ޝަރީޢަތުގައި އަދި ސަމާވީ ދީނުގައި މުދާ ބޭކާރު ގޮތުގައި ހޭދަކުރުމަކީ ޙަރާމް ވެގެންވާ ޢަމަލެކެވެ. ފަހެ، ތިމާ ބުރަމަސައްކަތުން ހޯދާ ފައިސާ ތިމާގެ ހަށިގަނޑަށް ގެއްލުން ދިނުމަށް ހޭދަ ކުރުން ވަންނާނީ ކޮންފަދަ ޢަމަލެއްގެ ތެރެއަށް ތޯ އެވެ؟

ފައިސާ އޮޅާލައި އޭގައި އަލިފާން ރޯކޮށްލާތަން ފެނިއްޖެހިނދު އެމީހާގެ މައްޗަށް މީސްތަކުން ކޮންފަދަ ޢައިބު ބަސްތައް ބުނާނެ ހެއްޔެވެ؟

ވީހިނދު، އެ ފައިސާ ހޭދަކޮށް މި ހޯދައިގަންނަނީ އަލިފާނުން އަންދާލަން އެހެން އެއްޗެކެވެ. އަދި އެއީ އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައވާ ގޮތުގައި އޭނާގެ ނަފްސަށް ހަށިގަނޑަށް ނުހަނު ގެއްލުން ބޮޑުވެގެންވާ އެއްޗެކެވެ.

ފަހެ، މިއީ ތިމާގެ މުދާ ބޭކާރުކޮށްލުން ނޫން ހެއްޔެވެ.

ނަބިއްޔާ ﷺ ގެ އަރިހުން البخاري އަދި مسلم ރިވާކޮށްފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (وكره لكم قيل وقال كثرة السؤال وإضاعة المال) ”ޔޯލަ ޔޯލަ ވާހަކަތައް ދެއްކުމާއި، ބޭކާރު ބޭނުމެއްނެތް ސުވާލު ކުރުމާއި އަދި މުދާތައް ބޭކާރު ގޮތުގައި ހޭދަކުރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ނުރުއްސަވަ އެވެ.“

ވުމާއެކު، ﷲތަޢާލާގެ ފަޟުލުވަންތަކަމުން އަޅާއަށް ދެއްވާފައިވާ ރިޒުޤު، ފައިސާ، ތަނަވަސްކަން، ބޭކާރު ގޮތުގައި ހަލާކު ކޮށްލުން ހުއްދަވެގެންވާނީ ކިހިނަކުން ހެއްޔެވެ؟

މިނޫނަސް މިކަމުގައި ގިނަގުނަ ދަލީލުތަކެއްވެ އެވެ.

އަޚާ އެވެ! ބުއްދީގެ ވިސްނުމުން މި ވޭޕް ކުރުމާއި އަދި ދުނަފްތުގެ އެކި ވަޞީލަތްތަކާއި މެދުގައި ވިސްނާލުން ހުއްޓެވެ.

ތިބާ ލޯބިކުރާ އެންމެހައި ކަންތަކެއް ތިބާގެ އަނބިންނާއި ދަރިންނަށް އެކަންކަމަށް ތިބާ ލޯބި ކުރާނެ އެވެ.

ހެޔޮބަސް ބުނުމާއި، ޢަހުދުތަކަށް ރައްކާތެރިވުމާއި، ތެދުވެރިކަމާއި، ވަފާތެރިކަމާއި، ހެޔޮ ރަނގަޅު މީރު ކާނާ ކެއުމާއި މިފަދަ އެންމެހައި ތަކެއްޗެވެ.

ވިސްނާލުން ހުއްޓެވެ! ވޭޕް ކުރާ، ނިކޮޓިން ބޮއެ ދުނަފަތަށް ދެވި ހިފާފައިވާ ފަރާތެއް ތިނާގެ އަތްބަކަށް ނުވަތަ ފިރިއަކަށް ވުމަށް ތިބާ އެދޭނަން ހެއްޔެވެ؟

ދުންފަތް ބޭނުން ކުރާ މީހާ ނުވަތަ ސިނގެރޭޓް ބޯ މީހާ، އެ އޭނާގެ އަނބިންނާއި ދަރިން ބުއިމަށް ލޯބި ކުރަމު ހެއްޔެވެ؟

އެކަކުވެސް ލޮތްބެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ދަރިއަކު އެކަން ކޮށްފިނަމަ، އެކަމާ ނަފްރަތުވެ ރުޅި އާދެ އެވެ.

އެއީ ހެޔޮ ރަނގަޅު އެއްޗެއް ކަމުގައިވާނަމަ ތިބާގެ އަމިއްލަ އުފަން ޅަދަރިން، ލޯބިވާ ދަރިން އެ ވޭޕް ކުރުމަށް، ދުންފަތް ބުއިމަށް ނަފްރަތު ކުރަނީ ކީއްވެ ހެއްޔެވެ؟

މިއީވެސް، މި ކަމަކީ އިންސާނާގެ ޠަބީޢަތުގައިވެސް އެއީ ހެޔޮ އެއްޗެއް ނޫންކަން އަންގައިދޭ ނުހަނު ބޮޑުވެގެންވާ ބުރުހާނެކެވެ.

އަދިވެސް ވިސްނާލުން ހުއްޓެވެ.

ތިބާ ހޯދާ ކާއެއްޗެހި އަދި ބޯއެއްޗެހި ރައްކާކޮށް އެ އިސްރާފް ނުކުރުމަށް ތިބާ ނުހަނު އެދެ އެވެ. ގެއަށް ގެންނަ ޕާން އެއްބައި ކެއުމަށްފަހު އަނެއްބައި ކެއުމަށްޓަކައި ރައްކާ ކުރެ އެވެ. އަދި ބާކީ އޮންނަ ބައި އެއްލާލުމަކީ އެއީ އިސްރާފް ކުރުން ކަމުގައި ދެކެވެ.

ފަހެ، ސިނގިރޭޓް ބޯ މީހާ، އޭނާ އޭގެ ބައެއް ބޮއެފައި ހުއްޓާލުމަށްފަހު އެ ސިނގެޜޭޓްގެ ބާކީބައި، އެފަދައިން ރައްކާ ކުރޭ ހެއްޔެވެ؟ އޭގެ ބަދަލުގައި ބިއްމައްޗަށް ވައްޓާލައި ފައިންއަރައި އެ ޗިސްޗިސްކޮށްލަ އެވެ. ފަހަށް ކާނާ ރައްކާކުރާ ފަދައިން ޢަމަލެއް ނުކުރާނެ އެވެ.

މިއީ ބުއްދިވެރިއަކަށް އޮތް ކޮންފަދަ ޤަރީނާއެއް ހެއްޔެވެ؟ ތިމާގެ އަމިއްލަ ނަފްސުވެސް އެއީ މުޑުރާދު، އަގެއްނެތް ބޭކާރު އެއްޗެއްގެ ގޮތުގައި ހަދަ އެވެ.

މި މުޑުދާރުވެގެންވާ ވޭޕްކުރުން، އިލެކްޓްރޯނިކް ސިނގެރޭޓް، ދުންފަތް ދުނިޔެމައްޗަށް ފާޅުވުމަށްފަހުގައި ދުނިޔެދުށް ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކުގައިވަނީ ކީކޭތޯ އެވެ؟

ބުއްދިއަށް ވިސްނާލުން ހުއްޓެވެ.

މި ސިގިރޭޓް ވުޖޫދު ވުމަށްފަހު، ކިތައް ދަޥްލަތުން މި ހުއްޓުވައި މަނާކޮށްފައިވޭ ހެއްޔެވެ؟

އޮސްޓްރޭލިޔާ، ކެނެޑާ، ބްރެޒިލް، އާޖެންޓީނާ މި ދަޥްލަތްތަކުން މިކަން މަނާކުރި އެވެ.

މިއީ ހެޔޮ، ރަނގަޅު މަންފާ ކުރާއެއްޗެއް ކަމުގައިވާނަމަ، އެބަޔަކު މި މަނާކުރާނެ ހެއްޔެވެ؟

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن باز ވިދާޅުވެފައިވެ އެވެ .

”ސިނގިރޭޓް ބުއިމާއި ވިއްކުން އަދި އެއިން ވިޔަފާރި ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ އެއިން ލިބޭ ގެއްލުންތައް ނުހަނު ބޮޑުވެގެންވުމާއި އެކު އޭގެ ސަބަބުން ލިބޭނެ ޢުޤޫބާތް ބޮޑުވެގެންވުމެވެ.“

އެ ބުއިން ޙަރާމެވެ. އެއިން ހޯދާ ފައިސާ ޙަރާމެވެ. އަދި އެ މުޢާމަލާތްތަކަކީ ޙަރާމް ވެގެންވާ މުޢާމަލާތެކެވެ.

ފަހުގެ ދުވަސްތަކުގައި ދުނިޔެދުށް އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ އިމާމް الإمام ابن العثَيمِين ވިދާޅުވެފައިވެ އެވެ . ”ސިނގިރޭޓް (ދުން ބުއިން) ޙަރާމްވެގެންވެ އެވެ.

އެކަމުގެ ދަލީލަކީ (وَلا تَقْتُلُوا أَنْفُسَكُم) ”ތިޔަބައިމީހުންގެ ނަފްސުތައް ޤަތުލު ނުކުރާށެވެ.“

އަދިވެސް ވަޙީކުރެއްވި އެވެ. (وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَة) ”އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!“

އަދި ހަމަކަށަވަރުން ނަބިއްޔާ ﷺ ސުންނަތުން ޘާބިތުވެގެންވާ ގޮތުގައި ބޭކާރު ގޮތުގައި މުދާ ހޭދަކުރުން ނަހީ ކުރެވިގެންވެ އެވެ.

ފަހެ، ޑޮކްޓަރީ ގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ގެއްލުން ލިބޭ ކަމެއް ކަމުގައި އަދި ބައެއްފަހަރު އޭގެ ސަބަބުން މަރުވެ އެވެ.

ފަހެ އެހިނދު، ދުންފަތް ބޯ މީހާ އޭނާގެ ނަފްސު ޤަތުލުކޮށްލުމުގެ ސަބަބެއް ކަމުގައިވަނި އެ އެވެ. ވުމުން، އޭނާވަނި އޭނާގެ އަތުން އޭނާގެ ނަފްސު ހަލާކުކޮށްފަ އެވެ. އަދި ހަމައެފަދައިން މި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހާވަނީ، އޭނާގެ މުދާ އެކަލާނގެ ހުއްދަކުރައްވާފައިވާ ގޮތުގައި ނޫން ގޮތުގައި ހޭދަކޮށްފަ އެވެ. …“ ورسائل الشيخ – المجلد الثالث عشر – كتاب مكروهات الصلاة

މިއީ ޙަރާމްވެގެންވާ ޢަމަލެއް ކަމުގައި ބަޔާންވެގެންވާ އެތައް އެތައް ގިނަގުނަ ސަބަބުތަކެވެ.

ފަހެ، ދުންފަތް، ސިނގެރޭޓް ބުއިން އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އެންމެހައި ޢަމަލުތަކަކީ ޙަރާމްވެގެންވާ ޢަމަލުތަކެވެ.

އެކަމުގެ އަހުލުވެރިޔާ އެވަނީ އަބަދާ އަބަދު ބޮޑުވެގެންވާ ފާފައެއްގެ މަތީގަ އެވެ.

ފަހެ، ﷲ އަށާއި އާޚިރަތްދުވަހަށް އެދޭ އަޅާއަށް ވާޖިބުވެގެންވަނީ މި ޢަމަލުގެ މައްޗަށް އިންޒާރުލިބި ދުރުވުމެވެ. ﷲ އަށް ތަޥްބާވުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts