ދަރިފުޅު ހަތިމްކޮށް ނިންމުމުން ޞަލަވާތް ފާތިޙާ ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލުގައި ބުނެފައިވާ ޤުރުއާން ހަތިމް ކިޔަވަން ފަށާތީވެ އެކަމާއި ގުޅިގެން ކުރާ ކަންތައްތަކުގެ މައްޗަށް ކޮށްފައިވާ 2 ބަޔާއި މެދުގައި ބުނަމެވެ.

ފުރަތަމައީ : ޞަލަވާތް ފާތިޙާ ކިޔުމެވެ.

މިއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޞަލަވާތް ފާތިޙާ ތިކަންތަކާއި ގުޅިގެން ކިޔުންވާނީ ބިދުޢަވެރި ޢަމަލަކަށެވެ. އެއްވެސް ޙާލެއް އަދި އެއްވެސް ގޮތެއްގައި އެކަން ކުރުން ހުއްދަވެގެން ނުވެ އެވެ.

ޞަލާވާތް ކިޔެވުމަކީ ޝަރުޢީ އަޅުކަމެކެވެ. ޝަރުޢީ އަޅުކަމެއް ﷲ އަންގަވައި އަދި ނަބިއްޔާ އުނގަންނަވައި ބަޔާން ކޮށްދެއްވާފައި ފަދައިން މެނުވީ ކޮށްގެން ނުވާނެ އެވެ.

އެފަދައިން ނެތް ކަމެއް، ދީނުގައި ނުވާ ކަމެއް ގެނެސްގަތުން ވާހުށީ ދީނަށް އަލަށް ގެނެވޭ ޢަމަލެއް ކަމުގަ އެވެ. ދީނަށް އަލަށް ގެނެވޭ އެންމެހައި ޢަމަލުތަކަކީ ބިދުޢަވެރި އަދި އޭގެ ސަބަބުން އެ ޢަމަލު ކުރާ ފަރާތް ފާފަތައް އުފުލަން ޖެހޭނެ ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ.

ދެވަނައީ : ދަރިފުޅު ހަތިމު ކުރަން ފަށާތީވެ އެކަމާއި ގުޅިގެން ސަޔެއް ބޭއްވުމެވެ.

ޝައްކެތްވެސް ނެތެވެ! ދަރިފުޅު ހަތިމްކޮށް ނިންމުމަކީ، ދަރިފުޅަށް އެކަމުގައި ހިތްވަރު ދޭން ޖެހޭ އަދި އެ ކުރި މަސައްކަތަށް އަގުވަޒަން ކޮށްދޭންޖެހޭ ފަދަ ޢަމަލެކެވެ.

ކޮންފައިވާ ބުރަ މަސައްކަތާއި އަދި އުފުލާފައިވާ ބުރަ މައިންބަފައިން ބަލައިގަނެ، އަދިވެސް އޭގެ އިތުރަށް ހިތްވަރު ޖެއްސުމަށްޓަކައި އެފަދަ ސައެއް ނުވަތަ ކެއުމެއް ބޭއްވުން މައްސަލައެއް ނެތެވެ.

އެހެނަސް މި ފަދަ ކެއުމާއި ހަފްލާތައް މަނާވެގެންވަނީ އެއީ ދީނުގައި ކަނޑައެޅިފައިވާ، އެކަން ނުކުރާ މީހުންނަށް ޢަޛާބާއި ޢުޤޫބާތް އޮންނާނެ ކަމުގައި ދެކިގެން އެއީ ދީނީ ކަމެއްގެ ގޮތުގައި އެކަން ކުރުމުންނެވެ.

ސަބަބަކީ، ދީނުގައި ހަތިމްކޮށް ނިންމާފައި ނުވަތަ ހަތިން ކުރަން ފަށާތީ އެކަމާއި ގުޅުވައިގެން ކެއުމެއް ނުވަތަ ޞަދަޤާތެއް ނުވަތަ އެފަދަ ޢަމަލެއް ކުރުމަށް ވާރިދުވެގެންނުވެ އެވެ.

ވުމުން، ޢާދަކާދައިގެ ގޮތުން ކުރެވޭ ކަމެއް ގޮތުގައި އެކަން ކުރުމުގައި މަނާކަމެއް ނެތެވެ.

މިފަދަ ކެއުންތަކާއި ހަފްލާތަކުގެ ތެރޭގައި މި ނޫން މުނާސަބު ތަކުގައިވެސް ކުރެވޭ ޢަމަލުތައްވެ އެވެ. އޭގެ ތެރޭގައި ހިތާނު ކުރުމާއި އެކު ބޭއްވޭ ސައި ބުއިން ތަކާއި ކެއްކުންތައްވެސް އެފަދައެވެ. މިފަދަ އެންމެހައި ކަންތައްތައް ވަންނާނީ ޢާދަކާދައިގެ ތެރެއަށެވެ.

ހިތާނު ކުރުމަށްފަހުގައި ސައިހެދުމާއި އެކަމާއި ގުޅިގެން ކައްކައިކައިބޮއި ހެދުމުގެ މައްޗަށް، އޭގެ ޙުކުމަކީ ކޮބައިކަން އޮޅުން ފިލުވުމަށްޓަކައި މިއަދު ސުންނަތުގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަދީނާގައި އުޅުއްވާ އަހަރެމެންގެ ޝެއިޚް ޑރ. عبد الله بن عبد الرحيم -حفظه الله – އަށް ސުވާލު ފޮނުވީ މެވެ.

ޖަވާބު : ނޫނެކެވެ. އެއި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ނަހަދާހިނދެއްގައި، އަދި ދީނީ ކަމެއްގެ ގޮތުގައި ނަހަދާ ހިނދެއްގައި އެކަމުގައި މައްސަލައެއް ނެތެވެ. އަދި މިފަދައިން ޙަފްލާ ނުބާއްވާތީ އެކަން އިންކާރު ކޮށް ބަސްބުނާހިނދު، އަހަރެމެންނަށް އޮތީ އެހިނދު އެކަމުގެ ޙުކުމް ބަޔާން ކޮށްދިނުމެވެ. އެއީ މިއީ މުބާހު (ހުއްދަ ކަމެއް) ގޮތުގައި ބަޔާން ކުރުމެވެ.

ފަހެ، މިފަދައިން ޢަމަލު ކުރަނީ އެއީ ދީނީ ކަމަށް ހަދައިގެން ކަމުގައިވާނަމަ އެހިނދު އެވާނީ ބިދުޢަކަށެވެ.

އަދި މިފަދައިން ޙަފްލާ ނުބާއްވާ ބައެއްގެ މައްޗަށްވެސް އިންކާރު ކުރުމެއް ނުވެ އެވެ. ސަބަބަކީ އެހިނދު އެމީހަކު ދޫކޮށްލާފައި އެވަނީ ދީނުގައި ހުއްދަ ކަމެކެވެ. ވާޖިބު ކަމެއް ނޫނެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ)

ވުމުން ހަތިމް ކުރަން ފަށާތީ ނުވަތަ ކުރުމަށްފަހުގައިވެސް އެފަދައިން ބޭއްވޭ ކެއުންތައް ވަންނާނީ މި ޢަމަލުގެ ތެރެއަށެވެ.

އެއީ ދީނީ ކަމަކަށް ހަދައިގެން ނުވާނެ އެވެ. އަދި ބަޔަކު އެކަން ނުކޮށްފިއްޔާ އެކަމަށް އިންކާރުކޮށް ބަސް ބުނުމެއްވެސް ނެތެވެ. ހަމަ އެފަދައިން މިއީ އެކަމާއި ގުޅިގެން ދަރުމަ އާއި ޘަވާބު ލިބޭނެ އަޅުކަމެއްފަދައިންވެސް ދެކިގެން ނުވާނެ އެވެ.

އޭގެ ބަދަލުގައި އެ މަސައްކަތް ކުރި ފާރަތަށް ހިތްވަރުދީ، އަގުވަޒަންކޮށް ދެވޭ ހަދިޔާއެއް ފަދަ ޢަމަލެއް ކަމުގައި ދެކިގެން އެފަދަ ކެއުމެއް ނުވަތަ ސައެއް ބޭއްވުމުގައި މަނާކަމެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts