|

ފަހުން ދަށްކަން ނުޖެހޭ ގޮތަށް މީހަކަށް ދީފައިވާ ފައިސާތަކެއް ނުވަތަ އެހެންވެސް އެއްޗެއް އެ މީހެއްގެ އަތުން އަނބުރާ ހޯދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ސުވާލުގެ ޖަވާބު އަންނަނިވި ނުކުތާތަކުގައި ބަޔާންކުރަމެވެ.

ފުރަތަމައީ: މީހަކު މަރުވުމުގެ ކުރިން ދުނިޔޭގައި ދިރިހުރި އެހެން މީހަކަށް ބަދަލަކާ ނުލައި މިލްކުވާގޮތަށް ދޭ ހިބަ އާއި ޞަދަޤާތް ކުރުމަކީ ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމުގެ އިތުރުން، ރިވެތި ޢާދަތަކާއި އަޚްލާޤުތައް މުޖުތަމަޢުގެ ތެރޭގައި ދިރުވައި މީސްތަކުންގެ މެދުގައި ލޯތްބާއި ކުލުނު ދިރުވުމާއެކު ދޭދޭ މީހުންގެ މެދުގައި އޮންނަ ރުޅިވެރިކަމާއި ނަފްރަތު ދުރުކުރުމަށްޓަކައި ޝަރުޢުވެގެންވާ އަދި އެކަމަށް ބާރުއެޅިގެންވާ ނުހަނު މަތިވެރި އަޅުކަންތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ.

ﷲ ވަޙީކުރެއްވިއެވެ. لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا مِن شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ

މާނައީ “ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާންދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ”.

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (تهادوا تحابُّوا) “ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ހަދިޔާ ބަދަލު ކުރާށެވެ. އޭރުން ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކުދެކެ ލޯބިވާނެއެވެ”.

 

ދެވަނައީ: އިސްވެދިޔަ، ޝަރުޢީ ޙިކުމަތްތައް އޭގައި އެކުލެވިގެންވުމާއެކު، އެފަދަ ޢަޤުދުތަކަކީ ހަމައެކަނި، އިޙްސާން ތެރިކަމާއި އޯގާތެރިކަމުގެ ޢަޤުދުތަކެއް ކަމުގައި ޝަރުޢުގައިވަނީ ކަނޑައެޅިގެންނެވެ. މުޢާމަލާތުގެ ތެރެއިންވާ މަންފާ އާއި ބަދަލު ޙާޞިލްވާ ޢަޤުތުތަކެއް ކަމުގައި އެފަދަ ޢަޤުދުތައް ނުވެއެވެ.

ތިންވަނައީ: އިސްވެދިޔަ ފަދައިން ހިބަ ނުވަތަ ޞަދަޤާތަކީ އިޙްސާންތެރިވުމުގެ ޢަޤުދުތަކެއް ކަމުގައިވުމުން، ހިބަ ނުވަތަ ޞަދަޤާތްދޭ ފަރާތުން އެތަކެތި ދިނުމަށް ފަހު، އެ ރައްދުވާ ފަރާތުގެ މިލްކުވެރިކަމުން އެތަކެތި އަތުލުން ނުވަތަ އެތަކެތި އަނބުރާ ހޯދުމަކީ، ޙަރާމްވެގެންވާ ކަމެވެ. މިއީ މިކަމުގައި ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އަދި ކިޔެއްހެއްޔެވެ! އެފަދައިން ކަންތައްކުރާ މީހާވަނީ، މުޑުދާރު ހުތުރުވެގެންވާ ސިފައަކުން ސިފަވެގެންނެވެ. ޙަދީޘްގައި ވާރިދުވެގެންވެއެވެ. (مثل الذي يَرجِع في صدقته كمثلِ الكَلب يقيء ثم يعود في قيئه، فيأكله) “އެމީހެއްގެ ޞަދަޤާތަށް އަނބުރައި ރުޖޫޢަވާ މީހާގެ މިޘާލުވަނީ، ހޮޑު ލުމަށްފަހު އަނބުރައި އެ ހޮޑު ކެއުމަށް އެނބުރިއަންނަ ކުއްތާއެއް ފަދައިންނެވެ”.

ފަހެ، އިންސާނަކު ހޮޑުލުމަށްފަހު، އެ ހޮޑު ކެއުން ޙަރާމްވެގެންވާ ފަދައިން މި ޙަދީޘްގައި އޭނާ ވަތްތަރު ކުރެވިގެންވާ ކަންތައް ވެސް ވާނީ ހަމައެފަދައިން ޙަރާމް ކަމެއް ކަމެއްކަމުގައެވެ.

މި ޙުކުމުން ހަމައެކަނި އިސްތިސްނާވަނީ، ބައްޕައަކު ދަރިއަކަށްދޭ ހިބަ އެކަންޏެވެ. އެއީ الإمام أحمد، الإمام أبوداود، الإمام الترمذي ރިވާކުރައްވައި ޞައްޙަ ކުރައްވާފައިވާ ابن عباس ގެ ޙަދީޘްގެ ލަފްޟުގައި ބަޔާންވެގެންވާ ފަދައިންނެވެ. (الا الوالد فيما يعطى ولده) “ބައްޕައަކު ދަރިއަކަށްދޭ ހިބަ ފިޔަވައެވެ”. އެއީ މިފަދައިން ލަފްޟުގައި ވާރިދުވެގެންވުމުންނެވެ.

އެހެނަސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. “އެއީ އެކަމުގައި ޙީލަތެއް ނުވާ ހިނދުގައެވެ”. މިޘާލަކަށް ހިބަ ކުރުމުގައި އެއްވަރު ކުރަންޖެހޭތީވެ، އެވަރަށް ދެ ކުދިންނަށް ދިނުމަށްފަހު، އެތަނުން އެކަކަށްދިން ހިބަ އަނބުރައި ނަގައި، ދެމީހުންކުރެ އެކަކު އިސްކުރާ ޙީލަތެއްއޮވެއްޖެނަމަ، ހުއްދައެއް ނުވާނެއެވެ.

ހަތަރުވަނައީ: ކަމަކަށް ޝަރުޠުކޮށް އެ ޝަރުޠުގެ މައްޗަށް ދެވޭ ހިބައެވެ.

ގިނަ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި، އެ ޝަރުޠަކީ، އޭގައި ޢިބްރަތެއްނެތް، ބާޠިލް ޝަރުތެކެވެ. އެހެނަސް ޙަނަފީ މަޛްހަބުގެ ބައެއް ޢިލްމުވެރިންގެ އިތުރުން ޙަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިންގެ ދެކެވަޑައިގަންނަވަނީ ޝަރުޠުގެ މައްޗަށް ހިބަ ކޮށްދެވޭނެ ކަމެވެ. އެއީ މި މައްސަލައިގައި ابن تيمية އަދި ابن القيم އިޚްތިޔާރުކޮށްފައިވާ ގޮތެވެ.

މިތަނުގައި މުރާދަކީ ކަނޑައެޅިގެންވާ ވަކި ހިބައެއް، ދޭއިރު، އެކަމުގެ މައްޗަށް ޢަޤުދުވުމަށްފަހު، ހިބަކޮށް ދިނުމެވެ. ابن عابدين އެބޭފުޅާގެ حاشية ގައި ގެނެސްފައިވާ މިޘާލެއް މިތާގައި ބަޔާން ކުރަމެވެ. އަންހެނަކު އޭނާގެ ކައިވެނީގެ ރަން ފިރިމީހާއަށް ހިބަކޮށް ދެމުން، ޝަރުޠުކުރީ، އޭނާ ގޮވައިގެން ޙައްޖުވުމަށެވެ. ފިރިމީހާ އެ ޝަރުޠު ފުރިހަމަ ނުކޮށްފިނަމަ، އަންހެން މީހާއަށް އެ ރަން އަނބުރައި އަތުލެވޭނެއެވެ. އެހެނީ އަންހެން މީހާ ހިބައިގެ ގޮތުގައި އެ ދޭން އެއްބަސްވީ ބަދަލުގެ ގޮތުގައި ދެވޭ އެއްޗަކަށް ޝަރުޠުކޮށެވެ. އެހެނަސް ބަދަލުގެ ގޮތުގައި ޝަރުޠުކުރި ކަންތައް، ޙާޞިލްނުވެ ބީވެގެން ދިއުމުން ހިބައިގެ ރުހުން ވެސް ނެތިގެން ދިޔައީއެވެ. ދެންފަހެ، ރުހުމަކާ ނުލައި، ހިބައެއް ޞައްޙައެއް ނުވާނެއެވެ.

ފަސްވަނައީ: އެއްވެސް ޙާލެއްގައި އިސްވެދިޔަ ޞޫރައަކީ، ކުރިން ހަދިޔާތަކެއް ބަދަލު ކުރުމަށްފަހު، އެ ދިން މީހާގެ ކިބައިން އޭނާ ބޭނުން ކަންތައް ޙާޞިލްވުމުން، ނުވަތަ ހިތްހަމަ ނުޖެހުމުން އަނބުރައި އެއްޗެއްނަގައި، ޢުޛުރެއްގެ ގޮތުން ބައެއް މީހުން ހަދާ މޭރުމުން ކުރެވޭނެ ކަމެއް ނޫނެވެ.

އެގޮތުން ބުނެއެވެ. “ތިމަންނަ އަޞްލު ދިނީ މިހެން ވެގެންނެވެ. އެކަމެއް ކޮށް ނުދެވުނެއް ނޫން ހެއްޔެވެ؟ ވީމާ އަނބުރައި ދޭށެވެ.” މި ފަދައިން ކުރުން ހުއްދަ ކަމެއް ނޫނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply