ބުޅާ ވިއްކުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ބުޅާ ވިއްކުމުގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ބުޅާ ވިއްކުމުގެ ޙުކުމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ދެ ރައުޔެއްވެ އެވެ.
ފުރަތަމަ ޤައުލަކީ : ޖުމްހޫރުންގެ ޤައުލެވެ. ހުއްދަވެގެންވުމެވެ. އެ ގޮތުން އިމާމް أبو حنيفة އިމާމް مالك އިމާމް الشافعي އަދި حنبلي މަޛްހަބުގެވެސް ޤައުލެވެ.
ބުޅާ ވިއްކުން ޙަރާމްވެގެން ނުވާކަމަށް ވިދާޅުވެފައިވާ ޢިލްމުވެރިންގެ ޙުއްޖަތް ކަމުގައިވަނީ އެކަމުގައި ވާރިދުވެގެންވާ ޙަދީޘްފުޅުތައް ބަލިކަށި ކަމުގައި ބުނުމެވެ.
އަދިވެސް އެބޭކަލުން ވިދާޅުވެފައިވަނީ، ކުއްތާއާ ބުޅާ (އިޤްތިރާން ވެފައިވުން) އެކުގައި ޛިކުރުވެފައިވުން އެއީ ޙަރާމްވެގެންވާ ޙުކުމެއް ނޫން ކަމެވެ. އޭގެ ބަދުގައި އެއީ كرَاهَة التَنزِيه (ޙަރާމްވެގެންވާ ދަރަޖައަށް ވާޞިލްނުވާ ގޮތުގައި ދީނުގައި މަނާކުރެވިގެންވާ ނަހީތަކެވެ.)

އަދިވެސް އެބޭކަލުން ވިދާޅުވެ އެވެ. ޙަދީޘްގައި ވިއްކުން މަނާވެގެންވާ ބުޅަލަކީ އޭގައި މަންފާއެއްނެތް، ބުޅަލެވެ. އެފަދަ ބުޅަލަށް ޚާއްޞަ ވެގެންވާ ނަހީއެއް ކަމެވެ.
ދެވަނަ ޤައުލަކީ : ހަރާމްވެގެންވުމެވެ. މިބަސްފުޅު ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި ޞަޙާބީ جَابِرٍ بن عبد الله އާއި أبو هريرة މިފަދައިން ފަތުވާ ދެއްވާފައިވެ އެވެ. އަދި ތާބިޢީ ބޭކަލުންގެ ތެރެއިން طاووس އާ مجاهد އާ جابر بن زيد مًجَاهد އަދި ابن القيم އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ابن بَاز އަދި ސަޢުދީ ޢަރަބިއްޔާގެ ލަޖްނާގެ ފަތުވާގައިވެސް ބުޅާ ވިއްކުން ހުއްދަވެގެން ނުވާކަން ބަޔާންވެގެންވެ އެވެ.
ބުނަމެވެ. ބުޅާ ވިއްކުން ޙަރާމްވެގެންވާ ކަމުގައި ވިދާޅުވާ ޢިލްމުވެރިން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެ ކަމުގައި ރިވާވެގެންވާ ދަލީލު ޙުއްޖަތެއްގެ ގޮތުގައި ނަންގަވަ އެވެ.
އިމާމް أبو داود އަދި އިމާމް الترمذي ޞަޙާބީ جَابِرٍ بن عبد الله -رضي الله عنهما – ގެ އަރިހުން ރިވާކޮށްފައިވެ އެވެ. : ( نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ثَمَنِ الْكَلْبِ وَالسِّنَّوْرِ) ”ﷲ ގެ ރަސޫލާ صلى الله عليه وسلم ކުއްތާ އަދި ބުޅާ (ވިއްކައިގެން) އަގު ހޯދުން ނަހީ ކުރެއްވި އެވެ.“
މި ޙަދީޘް އިމާމް الألباني ، أبي داود ގައި ޞައްޙަ ކުރައްވާފައިވެ އެވެ.

އަދިވެސް ބަޔާންވެގެންވާ ދަލީލު ތަކުގެ ތެރޭގައި ހިމެނިގެންވެ އެވެ. أَبِي الزُّبَيْرِ ވިދާޅުވި އެވެ. ތިމަން، ޞަޙާބީ جَابِرٍ بن عبد الله އަރިހުގައި ކުއްތާ އަދި ބުޅާގެ އަގުގެ މައްޗަށް ސުވާލު ކުރެއްވީ މެވެ. އެހިނދު ވިދާޅުވި އެވެ. زَجَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ذَلِكَ .“ނަބިއްޔާ صلى الله عليه وسلم އެކަން ނަހީ ކުރެއްވި އެވެ.“
ދަންނަ އެވެ. މި ޙަދީޘަކީ އިމާމް مسلم ޞަޙީޙުގައި ގެންނަވާފައިވާ ރިވާޔަތެކެވެ.
އަދި މީގެ އިތުރަށް ޙަރާމްވެގެންވާކަން ބަޔާންވެގެންވަނީ، ބައެއް އަޞްހާބު ބޭކަލުން އެފަދައިން ފަތުވާ ދެއްވާފައިވުމެވެ.

އިމާމް ابن القيم  ވިދާޅުވެފައިވެ އެވެ. ”ހަމައެފަދައިން (ޞަޙާބީ)  أبو هريرة رضي الله عنه (ބުޅާ ވިއްކުން ޙަރާމްވެގެންވާ) ކަމުގައި ފަތުވާ ދެއްވާފައިވެ އެވެ. އަދި އެ ޤައުލަކީ طاووس އާ مجاهد އާ جابر بن زيد އަދި ޟާހިރީންގެ މަޛްހަބެވެ. އަދި އެއީ އިމާމް أحمد ގެ ދެ ރިވާޔަތުންގެ ތެރެއިން އެއް ރިވާޔަތުގައިވާ ޤައުލެވެ. ޙަދީޘް ޞައްޙަ ވެގެންވުމުން މި ޤައުލަކީ ޙައްޤު ޤައުލުކަމުގައިވެ އެވެ. އަދި މި ޤައުލާއި ފުށޫއަރާ އެހެން (ދަލީލެއް) ނެތުމުން މި ޤައުލު ނެގުން (އިޚްތިޔާރުކުރުން) ވާޖިބުވެގެންވެ އެވެ.“

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ.
“ ބުޅަލާއި ރާމާމަކުނު އަދި ކުއްތާ އާއި އެނޫންވެސް އޭގައި ފޭރާދަތް ފަޅާފައިވެ އެހެނިހެން ޖަނަވާރުތައް ޝިކާރަ ކޮށްގެން އުޅޭ ޖަނަވާރުތައް ވިއްކުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ވަނީ އެކަން ނަހީ ޚުރައްވާފަ އެވެ…“
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ العَلاَّمَة صَالح الفَوزَان حفظه الله – ވިދާޅުވެފައިވެ އެވެ. “ އެހެނަސް ބުޅާ ވިއްކުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ބުޅާ ވިއްކައިގެން ލިބޭ ފައިސާ ނަހީކުރެއްވި އެވެ. އަދި ކުއްތާ ވިއްކައިގެން ލިބޭ ފައިސާވެސް ނަހީ ކުރެއްވި އެވެ. ފަހެ، އެއީ ޙަރާމްވެގެންވާ ކަމެކެވެ. އާނއެކެވެ.“

ވުމުން، މި މައްސަލައިގައި ދެ ޤައުލެއްގެ މައްޗަށް ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންވެގެން ދިއުމާއި އަދި ދެ ރައުޔުގައިވެސް އެ ރައުޔުތަކަށް ބުރަވާ ދަލީލުތައް ހުރުމުން، މިކަމުގައި ސަލާމަތްތެރިކަން އިހްތިޔާރު ކުރުން ހުއްޓެވެ. އަދި އެންމެ ރައްކާތެރި ގޮތަކީ ބުޅާ ވިއްކުމުން މަނާވެގެންވުމުގައި ދެމިހުރުން ކަމުގައި ދެކުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts