ޤުރުއާން ކިޔަވާހިނދު ހެޔޮކަން ބޮޑީ ކޮން ގޮތެއް ހެއްޔެވެ؟ މަޑުން ކިޔުންތޯ ނުވަތަ ބާރަށް ކިޔުންތޯ އެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ދެން އޮތީ ސުވާލު ކޮށްފައިވާ ގޮތުން ދޭހަވާ ދެވަނަ މާނަ އެވެ. އެއީ އަޑު ބާރުކޮށް ނުކިޔަވާ، އަޑު މަޑުން ނުވަތަ ސިއްރުން ކިޔެވުމެވެ.
އެހެނަސް އެއީ ދުލުން އަކުރުތައް ކިޔައި ދޫ ޙަރަކާތް ކުރެވޭ ގޮތުގަ އެވެ. ދޫ ޙަރަކާތް ކޮށް ދުލުން ކިޔަ އެވެ. އެހެނަސް އަޑު މަޑުކޮށް ކިޔުމެވެ.
އެހިނދު އޮތް ޖަވާބަކީ :
އަޑު މަޑުން ކިޔެވުމާއި އަދި އަޑު ބާރަށް ކިޔެވުން ބިނާވެގެންވަނީ، ކިޔަވާހިނދު އެމީހަކަށް ބޮޑަށް ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަން ގެނުވާ މިންގަޑުންނެވެ.
ފަހުގެ ދުވަސްތަކުގައި ދުނިޔެދުށް އެންމެ ބޮޑެތި ސަލަފީ ސުންނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް އިމާމް الإِمَام محُمَّدُ بِنْ صَالحِ العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެ އެވެ.
”ޤުރުއާން ކިޔަވާ މީހާއަށް ސިއްރުން ކިޔެވުން އަދި އަޑުހަރުކޮށް ކިޔެވުން ހުއްދަވެގެންވެ އެވެ. އަދި އެއިން ކޮންމެ މީހަކުވެސް ވަނީ ހެޔޮކަމުގެ މަތީގަ އެވެ. ފަހެ، އިންސާނާ (ޤުރުއާން ކިޔަވާހިނދު) އޭނާއަށް ބޮޑަށް ބިރުވެތިކަމާއި އަދި ބޮޑަށް ހީވާގިކަން ގެނެސްދެނީ އަޑުހަރުކޮށް ކިޔެވުން ކަމުގައިވާނަމަ އެފަދައިން އަޑުހަރުކޮށް ކިޔެވުން ހުއްޓެވެ. އަދި ބޮޑަށް ބިރުވެތިކަން ގެނެސްދީ ހީވާގިކަން ގެނެސްދެނީ ސިއްރުން ކިޔެވުން ކަމުގައިވާނަމަ ސިއްރުން ކިޔެވުން ހުއްޓެވެ.“
فتاوى نور على الدرب 234
ވުމާއެކު، މިއީ ތަނަވަސް ވެގެންވާ ގޮތެކެވެ. އަޑު މަޑުން ކިޔެވިނަމަވެސް އަދި އަޑު ބާރަށް ކިޔެވުންވެސް ހުއްދަ އެވެ. އޭގައި އިޚްތިޔާރުކުރުން އޮތީ އެމީހަކަށް އެހިނދު އެންމެ އަޘަރު ކުރުވާ، ޤުރުއާނުގެ ތެރެއަށް ބޮޑަށް ވަދެވި އެއިން މާނަތަކާއި އަދި ބިރުވެތިކަން ގެނުވާ ގޮތެއްގެ މައްޗަށެވެ.
ފަހަރެއްގައި، އަމިއްލަ ނަފްސަށް އަޑު އިވޭ މިންވަރަށް އަޑު އުފުލައި ކިޔުން އެއީ އެމީހަކަށް އެންމެ ހެޔޮ ގޮތް ކަމުގައިވާ މީހާ އެ ފަދައިންނެވެ.
އެހެނަސް މިތަނުގައި އެނގިގަންނަންޖެހޭ މުހިންމު ނުކުތާއެއްވެ އެވެ. އެއީ، އެމީހަކު މިސްކިތުގައި ނުވަތަ ގޭގައި މިފަދައިން އަޑު ހަރުކޮށް އަޑުއުފުލައި ކިޔަވާހިނދުގައި، ބަޔަކަށް އުނދަގުލާއި ގޯނާ ފޯރާ ކަމުގައިވާނަމަ، އެއަށް ބަލައި ރިއާޔަތް ކުރަން ޖެހޭނެ އެވެ.
ނިދާފައިވާ ބަޔަކަށް އޭގެ ސަބަބުން އުނދަގޫވާނަމަ، އަޑު މަޑުން ކިޔުން ހުއްޓެވެ. މިސްކިތުގައި ނަމާދަށް ނުވަތަ އިށީނދެއިން އެހެން މީހަކަށް ދަތި އުނދގޫ ފޯރާނަމަ، ކިޔުން އޮތީ މަޑުން ނެވެ.
މި އުއްމަތަށް ފާޅުވި މުޖައްދިދްގެ ލަޤަބު ލިބިވަޑައިގެންނެވި الإمام شَيخ الإسلام ابن تيمية -رحمه الله- ދެއްވާފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.
ސުވާލު : މިސްކިތުގައި ސުންނަތް ނުވަތަ ތަޙިއްތަޔް ކުރަން ބަޔަކު ތިއްބައި، މީހަކު ޖަހްރުކޮށް ޤުރުއާން ކިޔަވަ އެވެ. ފަހެ، އެފަދައިން ޤުރުއާން ކިޔެވުމުން ނަމާދަށް ތިބި ފަރާތްތަކަށް އުނދަގޫ ފޯރަ އެވެ. މި ޙާލުގައި އަޑުހަރުކޮށް ޤުރުއާން ކިޔެވުން ކަރާހަތްތެރިވެގެންވޭތޯ ނުވަތަ ނޫން ހެއްޔެވެ؟
ޖަވާބު : އޭނާ ނޫން މީހުން މިސްކިތުގައި ނަމާދުކުރަންތިބޭހިނދު އަދި އެއިން ނަމާދަށް ތިބި މީހުންނަށް އުނދަގޫ ފޯރާނަމަ، އެއްވެސް މީހަކަށް ނަމާދުގައި އަދި ނަމާދުން ބޭރުގައިވެސް ޖަހްރުކޮށް ޤުރުއާން ކިޔެވުމެއް ނުވެ އެވެ. އަދި ކިޔެއްތޯ އެވެ! (އެއްދުވަހަކު) އެބޭކަލުން ރަމަޟާން މަަހުގައި ނަމާދުކުރަން ތިއްބަވަނިކޮށް ނަބިއްޔާ ﷺ އެބޭކަލުންގެ އަރިހަށް ނުކުމެވަޑައިގެންނެވި އެވެ. ފަހެ، އެބޭކަލުންވަނި އަޑުހަރުކޮށް ޤުރުއާން ކިޔެވުމުގަ އެވެ. ފަހެ ޙަދީޘް ކުރެއްވި އެވެ. ”އެންމެހައި މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ﷲ އަށް ދަންނަވާ ފަރާތެއް ކަމުގައިވެ އެވެ. އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އަޑުލައި ޤުރުއާން ނުކިޔަވާށެވެ.“
(އަދިވެސް އިމާމް ވިދާޅުވެފައިވެ އެވެ. ”އެއްވެސް މީހަކަށް ، ނަމާދަށް ހުރި މީހަކަށް ވިޔަސް އުނދަގޫ ފޯރާ ގޮތަށް އެއްވެސް މީހަކު ޤުރުއާން އަޑުހަރުކޮށް ކިޔަވައިގެން ނުވާނެ އެވެ..“ مجموع 23 الفقه 3
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.