މައްޔިތާ ވަޅުލުން ލަސްކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މައްޔިތާ ވަޅުލުން ލަސްކުރުން ކަނޑައެޅިފައިވަނީ، ޖަނާޒާގައި ކުރެވޭ ސުންނަތާއި ޚިލާފް ޢަމަލުތަކުގެ ތެރޭގަ އެވެ.

އެހެންވުމުން، ވީހާވެސް އަވަހަކަށް، މަރުވާމީހާ ކައްވަޅަށްލުން އެއީ ސުންނަތުގައި ޘާބިތުވެގެންވާ ގޮތެވެ.

އަދި މިފަދައިން ޢަމަލުކުރުމަކީ އެންމެ ހެޔޮ އަހުލުވެރިންގެ ފަރާތުން ނަޤުލުވެފައިވާ ގޮތެވެ.

މި މައުޟޫގައި ވާރިދުވެގެންވާ ދަލީލު ތަކުގެ ތެރޭގައި :

  1. ޙަދީޘްގައިވެ އެވެ.

النَّبِيِّ ﷺ قَالَ: «أَسْرِعُوا بِالجِنَازَةِ؛ فَإِنْ تَكُ صَالِحَةً فَخَيْرٌ تُقَدِّمُونَهَا إِلَيْهِ، وَإِنْ تَكُ سِوَى ذَلِكَ فَشَرٌّ تَضَعُونَهُ عَنْ رِقَابِكُمْ».

أبو هريرة -رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ތިޔަބައިމީހުން ޖާނާޒާއައިގެން އަވަސް ކުރާށެވެ. އެހެނީ ހަމަކަށަވަރުން އެއީ ސާލިހު މީހެއް ނަމަ، ފަހެ އޭނާ ތިޔަ އަވަސް ކުރުވަނީ ހެވަކަށެވެ. އަދި އެ ނޫން މީހެއް ނަމަ، ފަހެ އެއީ ތިޔަބައިމީހުންގެ ކަނދުރާތަކުން ބާލައި ނުބައެކެވެ.“

  1. އަދިވެސް އެހެން ޙަދީޘެއްގައިވެ އެވެ.

(إذا مات أحدكم فلا تحبسوه، وأسرعوا به إلى قبره) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުވެއްޖެހިނދު، އޭނާ ނުހިފަހައްޓާށެވެ. (އެބަހީ : އޭނާ ކައްވަޅުގައި ވަޅުލުން އަވަސްކުރުން ހުއްޓެވެ.).

މި ނޫނަސް އެހެނިހެން ރިވާޔަތްތައްވެސް ބަޔާނކޮށް ދަލީލު ކޮށްދެނީ މައްޔިތާ ދުނިޔެ ދޫކުރުމާއެކު އަވަސްކޮށް ވަޅު ލުމަށެވެ.

މާތް ނަބިއްޔާ ﷺގެ ޙަދީޘް ތަކަށްފަހު ދެން އޮތީ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުތަކަށް ބަލާލުމެވެ.

  1. މާތް ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތްކޮޅު ފޮޅާ ސާފުކުރުމުގައިވީ އަންހެން ޞަޙާބިއްޔާ ނިޔާވުމުން ޞަޙާބީން އެ އަންހެން މީހާ އެ ރޭގަނޑުގައި ފަސްދާނުލިޔެވެ. އަދި އެބޭކަލުން އެރޭ ފަތިސްވަންދެންވެސް (އެބަހީ : ރަސޫލާ صلى الله عليه وسلم ހޭފުޅުލައްވައި ވަޑައިގަންނަވަންދެންވެސް ލަސް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ހަމަ އެރޭގައި ފަސްދާނުލައި ޖަނާޒާގެ އެންމެހައި ކަންތަކެއް ނިންމެވި އެވެ.) صحيح البخاري 460 ގައި މިފަދައިން ވާރިދުވެގެންވެ އެވެ.

އެބޭކަލުންގެ މި ޢަމަލުފުޅުން ބަޔާންވެގެންވަނީ ވީހާވެސް އަވަސްކޮށް ވަޅު ލުމަކީ އެއީ ސުންނަތުގައި ބަޔާންވެގެންވާ ގޮތެވެ.

  1. ޞަޙާބީ عبد الله بن عمر -رضي الله عنهما- ގެ ބޭބޭފުޅު عاصم بن عمر އަވަހާރަފުޅު ވުމުން عبد الله بن عمر -رضي الله عنهما- ވަޑައިގަންނަވަންދެން ހަށިކޮޅު ނުބާއްވައި ވަޅުލެއްވި އެވެ.

ފަހެ، ޞަޙާބީ ބޭކަލު ވަޑައިގެން ޖަނާޒާގައި ބައިވެރިވަޑައިގަންނަވަންދެންވެސް ލަސްކުރެއްވުމެއް ނެތި ބޭބޭފުޅު ފަސްތާނުލެއްވުން، މި ހާދިޘާއިންވެސް ބަޔާންވަނީ ހަށިގަނޑު ބޭއްވުމުގެ ބަދަލުގައި އަވަހަށް ހަށިގަނޑު ވަޅުލުން އެއީ ސުންނަތްވެގެންވާ ގޮތް ކަމެވެ.

މި ނޫނަސް އެތައް ގިނަގުނަ ޙާދިޘާތަކެވެ.

  1. މި ޒަމާނުގައި އުއްމަތް ދުށް އެންމެ ބޮޑު ޙަދީޘް ޢިލްމުވެރިޔާ އަދި ސުންނަތުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام محمد باصر الدين الألباني -رحمه الله- (އިމާމް އަލް-އަލްބާނީ) ދުނިޔެ ދޫކުރެއްވުމުގެ ކުރިން ލިޔުއްވި ވަޞިއްޔަޕުޅުގައިވި އެވެ.

”އަހަރެންގެ ޖަނާޒާ ވީހާވެސް އަވަސްކުރުމަށް ވަޞިއްޔަތް ކުރަމެވެ. …. އަހަރެންގެ މަރު ހިއްޕެވިގެންދާ ޤައުމުގައި ނޫން އެހެން ހިސާބެއްގައި އަހަރެންގެ ދަރިން ތިބި ކަމުގައިވީނަވެސް އަހަރެންގެ ޖަނާޒާ ތައްޔާރު ވުމުން މެނުވީ ނޭންގުން އެދެމެވެ. އެއީ އަހަރެންގެ ޖަނާޒާ ލަސްވެދާން ބޭނުން ނުވާތީ އެވެ…“

(މިއީ މި އިމާމް ސުންނަތުގައި ހިއްޕަވާފައިވާ މިންވަރު ބަޔާންވެގެންވާ މިންވަރެވެ.)

ވުމާއެކު ސުވާލު ކުރި ފަރާތަށް ބަޔާން ކުރަމެވެ.

ސުންނަތުގެ ޙަދީޘްތައް މިވަނި ފެންނާށެވެ! ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅު މި އޮތީ ފެންނާށެވެ. އަޞްޙާބު ބޭކަލުންގެ ބަސްފުޅުތައް މި އޮތީ ފެންނާށެވެ. އެބޭކަލުން އެފަދަ ދަނޑިވަޅުގައި ޢަމަލުފުޅު ކުރެއްވި ގޮތް މި އޮތީ ފެންނާށެވެ. އުއްމަތަށް ފާޅުވި އެންމެ ބޮޑެތި ސުންނަތުގެ ޢިލްމުވެރިންގެ ބަސްފުޅުތައް މިއޮތީ ފެންނާށެވެ.

ވުމާއެކު، ސުވާލު ކޮށްލުން ހުއްޓެވެ. އެއަށްފަހު އެއަށްވުރެ ރިވެތި މިޘާލެއް ކޮބައި ހެއްޔެވެ؟

ވުމާއެކު މިތަނުގައި ނުކުތާއެއް ފާހަގަ ކޮށްލަމެވެ.

މިއަދު މައްޔިތާ 7 ގަޑިއިރުވަންދެން، 12 ގަޑިއިރު ވަންދެން، ނުވަތަ 1 ދުވަސް ވަންދެން ނުވަތަ މައްޔިތާ ފްރިޖްކޮށް 1 ދުވަސް 2 ދުވަސް ވަންދެން ބާއްވައި ޖަނާޒާ ލަސްކުރާ މީހުންނަކީ، ދަރިންނަކީ ޙަޤީޤަތުގައި މައިންބަފައިންނަށް ހެޔޮ އެދޭ ބައެއް ކަމުގައި ވާނަމަ މިފަދައިން ”ހުރި ތަނަކުން އަންނަންދެން“ ”ދަތުރު ކޮށްފައި އާދެވޭހާ އިރަކު އައިސް“ ވަޅުލަން ލަސްކުރާ ބައެއް ކަމުގައި ނުވާނެ އެވެ.

އޭގެ ބަދަލުގައި ދުނިޔެ ދޫކުރި މައްޔިތާ ސުވަރުގެ ވަންތަ ވެރިއަކަށްވެ މައްޔިތާ ސުވަރުގޭގެ ނިޢުމަތަށް ނުދެވި ”ސުވަރުގެއިން ހިފެހެއްޓިފައިވާ މައިން ބަފައިން“ ގޮތުގައި ދަރިން ހަދާނެ ހެއްޔެވެ؟

އެ މައިންބަފައިންނަކީ، ސުވަރުގެ ދާ ބައެއްކަމުގައިވެއްޖެނަމަ، އެ ނިޢުމަތަށް ނުދެވި ހިފަހައްޓާފައި ބަހައްޓާނީ ހެޔޮ އެދޭ ލޯބިވާ ދަރިންތަކެއް ހެއްޔެވެ؟

މިކަމުގައިވާ އެންމެ ބޮޑު ބަލިމަޑުކަމަކީ، ދީނުގެ ޙުކުމްތަކުގެ މައްޗަށް ޖާހިލުވުމާއި، ދީން ރަނގަޅަށް އޮލުންފިލާފައި ނުވުމެވެ.

ތިމާގެ މައިންބަފައިން ބަނޑުހައިކަމުގައިވާ ހާލު، ތިމަންނަ އަންނަންދެން ކާން ނުދީ ބޯން ނުދީ ބާއްވާށޭ ބުނާނަން ހެއްޔެވެ؟

ހަމައެފަދައިން، ތިމަންނައަށް އާދެވެންދެން، ސުވަރުގޭގެ ނިޢުމަތުން ހިފަހައްޓާފައި ބަހައްޓާށޭ ބުނާނަން ހެއްޔެވެ؟

މިތަނުގައި ބައެއް މީހުން މިފަދައިން ލަސްކުރުމުގެ އެންމެ ބޮޑު ބޭނުން ކަމުގައިވަނީ ކަށުނަމާދުގައި ބައިވެރި ނުވެވޭނެތީ އެވެ.

މި މައްސަލައިގައި ބުނަމެވެ.

ޢާއިލާ، ތިމާގެ، ގާތް ފަރާތުގެ ޖަނާޒާގެ ބައިވެރިވުމަށް އަންނަ ފަރާތް ދަތުރުކޮށް އަންނަން ވީ އެވެ. އެހެނަސް އޭނާ އައުމަށް ދާންދެން ލަސްކުރުމެއް ނެތެވެ.

ދަތުރުކޮށްފައި އާދެވޭހިނދު ޖަނާޒާގައި ބައިވެރިވެވޭ ފުރުސަތު ލިބިއްޖެހިނދު އެހިނދު ބައިވެރިވާންވީ އެވެ.

އަދި ދަތުރުކޮށްފައި އަންނަހިނދު، މައްޔިތާ ވަޅުލައި ނިމިއްޖެނަމަ، އެ ފަރާތަކީ މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށްޓަކައި އެ ޤަޞްދު އޮވެ އައި ފަރާތަކަށްވީހިނދު، މައްޔިތާގެ މަހާނަ ކައިރީގައި ހުރެ މައްޔިތާއަށް ކަށުނަމާދު ކުރުން އޭނާއަށް ދީނުގައި ހުއްދަވެގެންވެ އެވެ.

ވުމުން، މިއީ މިކަމަށްވެސް ދީނުގައި ހައްލު ލިބިގެންވުމެވެ.

މައްޔިތާ ވަޅުލުމަށްފަހުގައިވެސް، މަހާނަ ކައިރީގައި ހުރެގެން ކަށުނަމާދު ކުރެވޭކަން ސުންނަތުން ވާރިދުވެގެންވެ އެވެ. އަދި އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުންވެސް ވާރިދުވެގެންވެ އެވެ.

ސުންނަތުގެ ދަލީލުތަކުގެ ތެރޭގައި :

އިމާމް البخاري 1319 އަދި مسلم 954 ގައި ޞަޙާބީ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. «أَنَّ رَسُولَ اللَّهِ ﷺ صَلَّى عَلَى قَبْرٍ بَعْدَمَا دُفِنَ، فَكَبَّرَ عَلَيْهِ أَرْبَعاً» ހަމަކަށަވަރުން ކަށްވަޅުގައި (މީހަކު) ވަޅުލެވުނު ފަހުން، ނަބިއްޔާ ﷺ (އެ ތަނަށް ވަޑައިގެން) ހަތަރު ތަކްބީރު ދެއްވާ (އޭނާގެ) މައްޗަށް ކަށުނަމާދު ކުރައްވިއެވެ.

ބައެއް ރިވާޔަތްތަކުގައި މިއީ ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތްކޮޅު ފޮޅާ ސާފު ކުރެއްވުމުގައިވާ އަންހެން ކަމަނާ އަވަހާރަފުޅު ވުމުން ނަބިއްޔާ ﷺ އެ ކަމަނާގެ ޤަބުރުފުޅު ކައިރިއަށް ވަޑައިގެން ނަމާދު ކުރެއްވި ކަމުގައިވެ އެވެ.

އެ ގޮތުން މިސްކިތް ފޮޅާ ސާފު ކުރެއްވި އަންހެން ކަމަނާގެ ޖަނާޒާ ނަބިއްޔާ ﷺއަށް ފާއިތުވެ ދިއުމުން، އެ މަހާނަ ކައިރިއަށް ވަޑައިގެން ނަމާދު ކުރެއްވިކަން ސުންނަތުގައި ވާރިދުވެގެންވެ އެވެ.

صحيح البخاري ގެ ރިވާޔަތުގައިވެ އެވެ. (النبيِّ صَلَّى اللهُ عليه وسلَّمَ أنَّه صَلَّى علَى قَبْرِهَا) ”ނަބިއްޔާ صَلَّى اللهُ عليه وسلَّمَ އެކަމާނާގެ ޤަބުރުފުޅު (ވަޅުލާފައިވާ ތަނަށް ވަޑައިގެން – މަހާނަ ކައިރީގައި ހުންނަވައިގެން) ކަށުނަމާދު ކުރެއްވި އެވެ.“

ޒަނާޒާ ފާއިތުވެދިއުމުން މަހާނަ ކައިރިއަށް ވަޑައިގެން ނަމާދު ކުރެއްވިކަން ނަބިއްޔާ ﷺގެ އަޞްހާބު ބޭކަލުންގެ ކިބައިންވެސް ވާރިދުވެގެންވެ އެވެ.

އޭގެ ތެރޭގައި :

الإمام ابن أبي شَيبة ގެ مصنف ގައި ރިވާކޮށްފައިވެ އެވެ. عَائِشَة -رضي الله عنها- އެކަމަނާގެ އަޚުގެ ޤަބުރުފުޅަށް ވަޑައިގެން ކަށުނަމާދު ކުރެއްވި އެވެ.

އަދިވެސް މި ފަދަ މިޘާލު ތަކުގެ ތެރޭގައި الإمام ابن أبي شَيبة ގެ مصنف ގައި ރިވާކޮށްފައިވެ އެވެ. ابن عمر -رضي الله عنهما- އެ ޞަޙާބީގެ ބޭބޭފުޅުގެ ޤަބުރު ކައިރިއަށް ވަޑައިގެން ކަށުނަމާދު ކުރެއްވި އެވެ.

ވުމާއެކު، ދީނުގައި މިފަދައިން ލުއި ދީފައިވެ އަދި އޭގެ އިތުރަށް މައްޔިތާއަށް ހެޔޮ އެދުމާއި ހެޔޮކޮށް ހިތުމާއި ޖަނާޒާ އަވަސްކުރުމަށް ވާރިދުވެގެންވާ ސުންނަތަށް ޢަމަލު ކުރުންވެސް އެހިނދުގައިވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts