ކާފަރުންގެ ދީނީ ޢީދުތަކުގައި ތަހުނިޔާ ކިޔުމާއި، އެ ޢީދުތަކަށް ޙާޟިރުވުމާއި އަދި ހަދިޔާ ބަދަލުކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި އިލާހަށެވެ. ޞަލާވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ﷲ ފޮނުއްވި މާތް ނަބިއްޔާ محمد ﷺ އަށެވެ. މި ޞަލަވާތުގައި އެ ނަބިއްޔާގެ އާލުންނާއި އަޞްޙާބުން އަދި ޤިޔާމަތާއި ހަމައަށް މި ހިދާޔަތަށް ތަބަޢަވީހާ ބަޔަކު ޝާމިލް ކުރައްވާނދޭވެ.
މި އަދު އެބައެއްގެ ބޮޑާވެރިކަމާއި އަދި ޝަރުޢީ މިންގަނޑުގެ ޙުދޫދްތަކުން ބޭރުވެ، އިސްލާމް ދީނާއި ޝަރީޢަތުގެ މަޞްދަރުން ބޭރުވެ ބާޠިލް ދިފާޢުކުރުމުގައި ނިކުމެފައިވާ ފަރުދުންތަކެއް ވާކަމީ ހައްޤު މަޢުރިފާވެފައިވާ ކޮންމެ ފަރުދަކު ދަންނަ ހަޤީޤަތެކެވެ. އުޑުމަތި ސާފު ދުވަހެއްގައި ދުވާލުގެ އިރު ފަދައިން ހައްޤު ފެންނަހިނދުވެސް އެ ލޯތަކަށް އެ ޙައްޤުވަނީ ކަނުވެފަ އެވެ.
الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. ”ޙައްޤު (އޭގެ އަލިކަމާއި، ފާޅު ވުމުގައި) އިރު ފަދައިންވެ އެވެ. އަދި އެ ހައްޤާއި ދިމާލަށް ލޯތައް ބަލަބަލައި ތިބެ އެވެ. އެހެނަސް އެ ލޯތަކާއި ޙައްޤާއި މެދު ފަރުދާއެއް ލެވި، އޭގެ ސަބަބުން ކަނުވެފައިވާ ލޯތަކުގެ މަތިން އެޙައްޤު ވަނީ ވަންހަނާ ވެގެންނެވެ.“ الكافية الشافية في الانتصار للفرقة الناجية
މިފަދައިން ފާޅުވެ ބަޔާންވެގެންވާ ދީނުގެ ޙައްޤު މަގުތަކުގެ ތެރޭގައި ކާފަރުންގެ ދީނީ ޢީދު ތަކުގައި އެބައިމީހުންނަށް ތަހުނިޔާ ކިޔުން ޙަރާމް ކަމެއްގެ ގޮތުގައި ކަނޑައެޅިފައިވެ އެވެ.
الإمام ابنُ القيم رحمه الله ވިދާޅުވެފައިވެ އެވެ. ” ކާފަރުންނަށް، އެބައިމީހުންނަށް ޚާއްޞަވެގެންވާ ކާފަރު ޝިޢާރުތަކުގައި، ތަހުނިޔާ ކިޔުމަކީ އުއްމަތް އިއްތިފާޤު ވެގެންވާގޮތުގައި ޙަރާމް ކަމެކެވެ. މިޘާލަކަށް : އެބައިމީހުންގެ ޢީދުތަކާއި ރޯދަތަކުގައި އެބައިމީހުންނަށް ތަހުނިޔާ ކިޔުމެވެ. ފަހެ، އެގޮތުން ބުނެ އެވެ. ”ތިބާއަށް ޢީދު މުބާރަކް އެވެ.“ ނުވަތަ ”މި ޢީދަށް ތަހުނިޔާ ކިޔަމެވެ.“ ނުވަތަ މިފަދަ މޭރުމަކުން ތަހުނިޔާ ކިޔުމެވެ. ފަހެ، ހަކަމަށަވަރުން މިފަދައިން ބުނި މީހާ ކުފުރުން ސަލާމަތްވެއްޖެނަމަ އެކަން ވެގެންދާނީ ޙަރާމް ކަމެއްގެ ގޮތުގަ އެވެ. އަދި އެ (ތަހުނިޔާ ކިޔުން) ވެގެންދަނީ ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާ ކިޔުމުގެ މަޤާމަށެވެ. އަދި ކިޔެއްތަ! އެކަން ﷲ ގެ ޙަޟުރަތުގައި ވެގެންދާހުށީ ބަގުރާ ބުއިމުން، ނަފްސެއް މަރާލުމުން، ޙަރާމްވެގެންވާ ފަރުޖެއް ހޯދައިގަތުމުން އެކަމަށް ތަހުނިޔާ ކިޔުމަށްވުރެ ފާފައިގެ ގޮތުން ބޮޑުވެގެންވާ އަދި ކޯފާވުން ބޮޑުވެގެންވާ ޢަމަލެއްގެ ގޮތުގަ އެވެ. އެމީހެއްގެ ނަފްސުގައި ދީނަށް ޤަދަރެއް ދެވިގެންނުވާ ގިނަ މިހުންގެ ފަރާތުން މެނުވީ މިފަދައިން ނުފެންނާނެ އެވެ. އޭނާއަށް އޭނާ ކުރި މުޑުދާރު ނުބައި ޢަމަލެއް ނޭނގެ އެވެ. ފަހެ، ފާފައެއް ކުރުމުން އެ އަޅާއަށް ނުވަތަ ބިދުޢައެއް ކުރުމުން ނުވަތަ ކުފުރަށް އަރައިގަތުމުން އެކަމަށް ތަހުނިޔާ ކިޔައިފި މީހާވަނީ ﷲ ގެ ކޯފާއަށާއި އެ އިލާހުގެ ޢުޤޫބާތަށް ހުށަހެޅިގެންނެވެ.“ أحكام أهل الذمة 1-205
ދަންނައެވެ! މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ކުރިސްމަސް ފަދަ ޢީދުތަކަކީ ކާފަރުންގެ ދީނީ ޢީދެކެވެ. އެބައިމީހުން ކުފުރާއި ޝިރުކު ފާހަގަ ކުރާ ޢީދެކެވެ. ﷲ އަށް ދަރިކަލެއް ލިބިގެންވާކަމަށް ދަޢުވާ ކުރުމާއި، އެ އިލާހުއީ 3 އިލާހުގެ ތެރެއިން އެއްފަރާތް ކަމުގައި އެމީހުން އީމާންވާ ފަރާތަށް އެމީހުން ފާހަގަ ކުރާ ދުވަހެކެވެ.
ފަހެ، މި ދުވަހުގައި ތަހުނިޔާ ފޮނުވާ މީހާ އެތަހުނިޔާ ފޮނުވަނީ އެބައިމީހުންގެ ކުފުރާއި، ޝިރުކާއި، އެމީހުންގެ މައްޗަށް އެ ކަންތައްތަކަށް ރުހިގެންވާ ޙާލުގައި ނުވާނަމަ، އެބައިމީހުން އެތިބީ ޙައްޤުމަގުކަމުގައި ދެކިގެން ހެއްޔެވެ؟ އެއީ ބާޠިލް އަދި ކުފުރާއި ޝިރުގައި ކަމުގައި ދެކޭ މީހާ އެބަޔަކު ފާހަގަ ކުރާ ކުފުރާއި ޝިރުކުގެ މައްޗަށް ތަހުނިޔާ ކިޔާނީ ކިހިނެއް ހެއްޔެވެ؟ އިސްލާމް ދީނާއި، އިސްލާމީ ޢަޤީދާ އަދި ރަސޫލުންނާއި ނަބިއްޔުންގެ ދަޢުވަތުގެ އަސާސް ކަމުގައި لاإله إلا الله ގެ ކަލިމަ ދަންނަ މީހަކު މިފަދަ ޢަމަލެއް ކުރާނެ ކަމީ ޢަޖަައިބު ޙައިރާންވާ ކަމެކެވެ.
ފަހެ، ތިމާއަކީ ދީނީ ދަންނަބޭކަލެއް ކަމުގައި ދަޢުވާ ކުރާ މީހަކު މިފަދަ ޢަމަލެއް ކުރެވިދާނެ ކަމަށް ބުނުމުން އެމީހެއްގެ މަގުފުރެދުމުގައި ކުރިއަރައި ގޮސްފައިވާ މިންވަރު އަދި ހަވާނަފްސާއި ބާޠިލްގެ ތެރޭގައި ގެނބިފައިވާ މިންވަރު ފެނެ އެވެ.
ކާފަރުންގެ ޢީދުތަކަށް ތަހުނިޔާ ކިޔުން ޙަރާމްވެގެންވާކަމުގެ މައްޗަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވާކަން ޛިކުރުކޮށް ބަޔާން ކުރައްވާފައިވަނީ އެތަކެއް ޒަމާން ކުރީގަ އެވެ. އަދި އެމަގުގައި ދެމިތިބި އަހުލުވެރިންގެ ފަރާތުން އެބަސްފުޅުތައް ޖީލަކަށްފަހު ޖީލަކުން ނަޤުލު ކުރަމުން ގެންދެ އެވެ. ފަހެ، މި ޢިލްމުން ނުފުދޭ މީހަކީ، މީސްތަކުން ޖަހަންނަމައިގެ ތެރެއަށް ވަނުމަށް ދަޢުވަތުދޭ މީހެއް ކަމުގައި ނުވެ އެވެ. މިފަދަ މަގުފުރެދިފައިވާ އަހުލުވެރިންގެ މައްޗަށް އުއްމަތް އިންޒާރު ލިބިގަންނަންޖެހެ އެވެ. الإِمَام ابن باز رحمه الله ވިދާޅުވެފައިވެ އެވެ. ”އެ މީސްތަކުންގެ ޙަޤީޤަތް އޮޅުންފިލައިފައިވާ މީހާއަށް އޮތީ، އެ ބާޠިލްގެ އަހުލުވެރިން ގެ މައްޗަށް މީސްތަކުންނަށް އިންޒާރުދީ، އެމީހުންނަކީ ބާޠިލް ބައެއްގެ ގޮތުގައި މީސްތަކުންނަށް އެންގުން (މަޝްހޫރު) ކުރުމެވެ. އެއީ މީސްތަކުން އެމީހުންގެ މަގުތަކުން ވަކިވެ ދުރުވުމަށްޓަކަ އެވެ.“ الفتاوى 5-202
ކާފަރުންގެ ޢީދުތަކުގައި ތަހުނިޔާ ކިޔުން ޙަރާމްވެގެންވާ ކަމުގެ މައްޗަށް އުއްމަތް އިއްތިފާޤުވަޑައިގެންފައިވާކަން ބަޔާން ކުރައްވާ الإمام العلامة محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެ އެވެ. ” ابن القيم ނަޤުލު ކުރައްވާފައިވާ ފަދައިން ކާފަރުންނަށް ކުރިސްމަސްއަށް ތަހުނިޔާ ކިޔުމާއި ނުވަތަ އެ ނޫންވެސް ދީނީ ޢީދުތަކަށް ތަހުނިޔާ ކިޔުމަކީ އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާ ގޮތުގައި ޙަރާމްވެގެންވާ ކަމެކެވެ.
ابن القيم ޛިކުރު ކުރައްވާފައިވާ ފަދައިން، ކާފަރުންގެ ދީނީ ޢީދުތަކަށް ތަހުނިޔާ ކިޔުމަކީ މިހާ ބޮޑު ޙަރާމްވެގެންވާ އަދި ނުބައިކަމެއްގެ ގޮތުގައިވެގެން ގޮސްފައިވާ ސަބަބަކީ، އެއީ އެބައިމީހުން އެތިބި ކާފަރު ޝިޢާރުތަކުގެ މައްޗަށް އިޤްރާރު ވުމާއި އެކަމަށް އެބައިމީހުންނަށް ރުހުމެވެ. ފަހެ، އޭނާގެ ނަފްސަށް އެ ކުފުރުގެ މައްޗަށް ނުރުހޭނަމަ، އެހިނދުގައި އޭނާ ދަންނަންޖެހެ އެވެ. މުސްލިމުންނަށް ކާފަރުންގެ ޝިޢާރުތަކުގެ މައްޗަށް ރުހުން ޙަރާމްވެގެންވެ އެވެ. އަދި އެހެން މީހުނަށް ތަހުނިޔާ ކިޔުންވެސް ޙަރާމްވެގެންވެ އެވެ. ސަބަބަކީ ﷲ ވަޙީ ކުރައްވާފައިވާ ފަދައިން، ﷲ އެކަމަށް ރުއްސަވާވޮޑިނުގަންނަވަ އެވެ. ﴿ إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ ﴾ [الزمر : 7] ”ތިޔަބައިމީހުން ކާފަރުވާނަމަ ފަހެ ﷲ އީ ތިޔަބައިމީހުންގެ ކިބައިން ދުރުވެވޮޑިގެންވާ ފުދިވޮޑިގެންވާ އިލާހެވެ. އަދި އެކަލާނގެ އަޅުން ކާފަރުވުމަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން ޝުކުރު ކުރާނަމަ، އެކަމަށް ތިޔަބައިމީހުންނަށް ރުއްސަވާވޮޑިގެންވެ އެވެ.“ އަދިވެސް ﷲ ވަޙީ ކުރެއްވި އެވެ. ﴿ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾ [المائدة : 3] ”މިއަދު ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ދީން ތިމަން ﷲ ފުރިހަމަކޮށްދެއްވައިފީމު އެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމު އެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންﷲ ތިޔަބައިމީހުންގެ މައްޗަށް ރުހިވޮޑިގެންފީމު އެވެ.“ مجموع فتاوي (3/ 45)
އަދިވެސް މިފަދައިން އުއްމަތުގެ އިޖުމާޢު ނަޤުކުރައްވާފައިވާ ޢިލްމުވެރިންގެ ތެރޭގައި އިމާމް مالكِގެ ޞާޙިބާ الإمام ابنِ القاسمِ ގެ އަރިހުން ނަޤުލު ކުރައްވާ ابن الحاج المَالكِي رحمهم الله ވިދާޅުވެފައިވެ އެވެ. ”ނަޞާރާއިންނަށް އެބައިމީހުންގެ ޢީދުތަކަށް މަޞްލަޙަތުއޮތް އެއްވެސް އެެއްޗެއް މުސްލިމުން ވިއްކައިގެން ނުވާނެ އެވެ. އެއީ މަސް، ރިހަ، ފޭރާން ކަމުގައި ވީނަމަވެސް މެއެވެ. އެބައިމީހުންނަށް ކުއްޔަށް ސަވާރީއެއް ދެވިގެން ނުވާނެ އެވެ. އަދި އެބައިމީހުންގެ ދީނުގެ އެއްވެސް ކަމަކަށް އެހީތެރިކަން ދީގެން ނުވާނެ އެވެ. ސަބަބަކީ މިއީ އެބައިމީހުންގެ ޝިރުކު މަތިވެރި ކުރުމެވެ. އަދި އެބައިމީހުންގެ ކުފުރަށް ވާގިވެރިވުމެވެ. އަދި ވެރިންނަށް އެދެވިގެންވަނީ (މި އެންމެހައިކަންތަކެއް) މުސްލިމުންނަށް މަނާ ކުރުމެވެ. މިއީ مالكِ އަދި އެހެނިހެން ބޭކަލުންގެ ބަސްފުޅެވެ. އަދި އެއްވެސް ބޭކަލެއް (އެބަހީ : ޢިލްމުވެރިޔަކު) މި ކަމުގައި ޚިލާފްވަޑައިގެންވާކަމެއް ނުދަންނަމެވެ.“ المدخل 2/46-48
މި މައުޟޫގައި الإمام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”އަދި ކިޔެއްތަ، އެބައިމީހުންގެ މައްޗަށް އަމީރުލް މުއުމިނީން އަދި އެންމެހައި އަޞްޙާބު ބޭކަލުން އަދި އެންމެހައި މުސްލިމް އިމާމުން ޝަރުޠު ކުރައްވާފައިވާކަން ކަށަވަރީ، މުސްލިމް ބިން ތަކުގައި އެބައިމީހުންގެ ޢީދުތައް ފާޅުކޮށްގެން ނުވުމެވެ. އަދި ހަމަކަށަވަރުން އެބައިމީހުން އެ ޢީދުތަކަށް ޢަމަލުކުރުން އޮތީ އެބައިމީހުންގެ ގެތަކުގައި ސިއްރުންނެވެ. ފަހެ، އެހެންވުމުން މުސްލިމުން އެބައިމީހުންގެ އަމިއްލަ ނަފްސަށް އެ (ޢީދުތައް) ފާޅު ކުރާނަމަ ދެކޭނީ ކިހިނެތް ތޯ އެވެ.“ مجموع الفتاوى 25/ 331
އަޚުންނޭވެ! އެއަށްފަހު ދަންނަ ހުއްޓެވެ. ތަހުނިޔާ ކިޔުމަކީ އެއީ ހުއްދަ ކަމެއް ކަމުގައި ބުނާ މީހާގެ އެބަސްތަކުގައި އޮތް ޙުއްޖަތަކީ ކޮބައި ހެއްޔެވެ؟ އެހެނަސް ބޮޑާވެރިކަމާއި ޙައްޤު މަޢުރިފާވުމަށްފަހު ތިމާ އެއަށް ފުރަގަސްދިން ކަމުގައިމެނުވީ އެކަމުގައި ނުވެ އެވެ. ތިމާއަށް މާތް ނަބިއްޔާގެ ބަސްފުޅު ތަކާއި ނަބިއްޔާގެ ޚުލަފާއުއް-ރާޝިދޫންގެ ބަސްފުޅުތައް އަދި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކުން ނުފުދޭނެމަ އެފަދަ މީހެއްގެ މައްޗަށް الإمام الذَّهَبِي رحمه الله ވިދާޅުވެފައިވާ ބަސްފުޅުގެ ހެޔޮކަމާ އެވެ. ”ޖާހިލަކަށް ތިމާގެ ނަފްސުގެ މަޤާމެއް ނޭނގޭނެ އެވެ. ފަހެ، އޭނާއަށް އެހެން ފަރާތެއްގެ ޤަދަރު އިނގޭނީ ކިހިނަކުން ހެއްޔެވެ؟“
އާނއެކެވެ! ތިމާގެ ޤަދަރަކީ ކޮބައިކަން ނުދަންނަ މީހާއަށް އުއްމަތުގެ ޚަލީފާވެރި ބޭކަލުން، އަޞްޙާބު ބޭކަލުން އަދި އުއްމަތުގެ ޢިލްމުވެރިންނާއި އެ ބޭކަލުންގެ ޢިލްމުގެ ޤަދަރެއް ނޭނގޭނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.