މުސްލިމުންނަށް ކުޑައިމީސް ބަސްބުނުމުގެ ނުރައްކާތެރިކަން

”މުސްލިމުންނަކީ ބޮލުރޮނދި ކެނޑިފައިވާ ބައެއް ކަމުގައި ބުނެ“ އެވެ.

ދަންނައެވެ! މުސްލިމުންނަށް ޙައްޤަކާ ނުލައި ބަދުބަސް ބުނުމާއި އެއްޗެހި ކިޔުމަކީ ބޮޑުވެގެންވާ ފާފަ އެކެވެ.]

ހެޔޮ ރިވެތި އަޚްލާޤަކީ އޭގެ އިންހިތާ ދަރަޖައަށް އިސްލާމްދީން އަހައްމިއްޔަތުކަން ދެއްވާފައިވާ މަސާއިލުތަކުގެ ތެރެއިން އެއް މައްސަލަ އެވެ.

އަދި އޭގެ އިރުތަށް ނަބިއްޔާ -صلى الله عليه وسلم- ރަސޫލުކަމާއިގެން ފޮނުއްވުނީވެސް ހެޔޮ ރިވެތި އަޚްލާޤް މިސްތަކުންނަށް އުނގަންނަވައި ބަޔާން ކޮށްދެއްވައި ފުރިހަމަ ކޮށްދެއްވުމަށެވެ.

ފަހެ، މުއުމިނެއްގެ ގޮތުގައިވާ ކޮންމެ އަޅަކަށް ބަޔާންވެގެންވަނީ މި ރިވެތި މާތް ނަބިއްޔާގެ ނަމޫނާއިން ނަމޫނާ ލިބިގަނެ، އަދި މުޑުދާރު ހަޑި ހުތުރު އެންމެހައި އަޚްލާޤުތަކުން އެއްކިބާވެ ދުރުވުމެވެ.

ރިވެތި އަޚްލާޤާއި ހެޔޮ ރިވެތި ސިފަތަކަކީ މުސްލިމުން އެއެއްޗެއްގައި ހިފުމަށް ނުހަނު ބޮޑަށް ދީނުގައި ބާރު އަޅުވާފައިވާ އެއް އަމުރުފުޅެވެ.

(وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ) ”ހަމަކަށަވަރުން ނަބިއްޔާ ވަނީ މަތިވެރި ޚުލުޤުފުޅެއްގައި (އަޚްލާޤުގައި) ކަން ކަށަވަރެވެ.“

ރިވެތި އަޚްލާޤުގެ މީހުންނާ މެދު ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (إنَّ مِنْ أَحَبِّكُمْ إِليَّ، وَأَقْرَبَكُمْ مِني مَجْلِسًا يَوْمَ القِيَامَةِ أَحَاسِنُكُمْ أَخْلاَقًا) ”ތިޔަބައިމީހުންގެ ތެރެއިން ތިމަން ނަބިއްޔާ އެންމެ ލޯބިވާ މީހުންނަކީ އަދި ޤިޔާމަތް ދުވަހުގައި ތިމަންނަބިއްޔާގެ އެންމެ ކައިރީގައި (މަޖްލިސްގައި) ވާނެ މީހުންނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހުންނެވެ.“

އަޚުންނޭވެ! ލިޔާ ތަކެއްޗާއި ބަސްތަކަކީ އެ ޙިސާބު ކުރެވޭނެ ރައްކާތެރި ކުރެވޭނެ ބަސްތަކެވެ. ކުރީ ޒަމާނެއްގައި އިންސާނެއްގެ ބަސް އެކަކުގެ ދޫމަތިން އަނެކަކުގެ ދޫމަތިން މެނުވީ ނުގެންދެވެ އެވެ.

އެހެނަސް މިއަދު ތިމާ އެކަކުވެސް ނެތް ތަނެއްގައި އިނދެ ލިޔެލާ ލިޔުން އެތައް ހާސް މީސްތަކުންގެ ދުލުން އުފުލަނީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

(يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ) ”(އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ.“

(مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ) ”(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކު ނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.“

ފަހެ، މުސްލިމަކަށް ބަދުބަހެއް ނުވަތަ ކުޑައިމީސް ބަހެއް ބުނުމުގެ ބަދަލުގައި އެންމެހައި މުސްލިމުންނަށް ޢުމޫމްކޮށް ބުނުން އެއީ ކޮންފަދަ ލާއިންސާނީ، އަދި ޢަދުލުން އެއްކިބާވެގެންވާ ޙައްޤަކާ ނުލައި ބަސްތައް ބުނުން ހެއްޔެވެ؟

”އެންމެހައި މުސްލިމުންނަކީ ބޮލުރޮދި ކެނޑިފައިވާ ބައެއް ކަމުގައި ބުނާހިނދު، އެއީ ކިތައް މުސްލިމުންނަށް ނުޙައްޤުން ބުނެފައިވާ ބަސްތަކެއް ހެއްޔެވެ؟“

އަޚްލާޤް ރިވެތި ވުމުގެ ބަދަލުގައި އަޚްލާޤް ފަސާދަ ވުމަކީ، ދެދުނިޔޭގެ އަބާއްޖަވެރި ކަމެވެ. ތިބާ، ދުނިޔޭގައި ތިމާ އެތައް ބައެއްގެ އަބުރަށް އަރައިގަނެފައިވާނެ، އެތައް ބައެއްގެ ޙުރުމަތަށް އަރައިގަނެފައިވާ ވާނެ އަދި ޙައްޤަކާ ނުލައި ބަދުބަސްތައް ބުނެފައިވާނެ ސަބަބެކެވެ.

އާޚިރަތުގައި އުޅެންޖެހޭ ވޭނާއި ދަތި ޙާލަތް ވިސްނައި ފިކުރު ކުރާނެ ފަރާތެއް މި ދުނިޔޭގައި މުސްލިމުންނަށް ބަދުބަސް ބުނެ ނަހަދާނެ އެވެ. ފަހެ، މިއީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ.

މުސްލިމުންނަށް ހުތުބަސް ބުނުމާއި އޭގެ ނުބައިކަން ބަޔާން ކުރައްވާ ﷲ ގެ ރަސޫލާ -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (سِبَابُ المُسلِمِ فُسُوقٌ وَ قِتَالُهُ كُفرٌ) “ މުސްލިމަކަށް ހުތުރުބައެއް ބުނުމަކީ ފާސިޤު ކަމެކެވެ. އަދި އޭނާ ޤަތުލު ކުރުމަކީ ކުފުރު ވުމެކެވެ.“ البخاري 48 ومسلم 64

ފަހެ، ހަދީޘްއިން ބަޔާންވަނީ ޙައްޤަކާއި ނުލައި މުސްލިމަކަށް ބަދުބަސް ބުނުމަކީ ޙަރާމްވެގެންވާ ޢަމަލެއް ކަމެވެ. ފަހެ، މިކަމަށް ޢިލްމުވެރިންގެ ތެރެއިން އެތައް ބޭކަލުން ބަސްފުޅު ވިދާޅުވެފައިވެ އެވެ. އަދި އެއީ ބޮޑުވެގެންވާ ފާފައެއްގެ ތެރޭގައި ކަނޑައަޅުއްވާފައިވެ އެވެ.

އިސްވެ ދިޔަ ޙަދީޘްގެ ޝަރަޙައިގައި  الحافظ ابن حجر – رحمه الله – ވިދާޅުވެފައިވެ އެވެ. ”ޙަދީޘްގައި މުސްލިމް އަޅާގެ ޙައްޤަކީ ބޮޑުވެގެންވާ ޙައްޤެއް ކަމުގައި ކަނޑައެޅިފައިވެ އެވެ. އަދި ޙައްޤަކާއި ނުލައި މުސްލިމަކަށް އެއްޗެހި ކިޔައިފި މީހާގެ މައްޗަށް އޭނާއަކީ ފާސިޤެއްގެ ގޮތުގައި ޙުކުމް ކުރެވެ އެވެ.“ فتح الباري (1/ 112)

އިމާމް الترمذي ރިވާކުރައްވާ ޙަސަން ކުރައްވާފައިވެ އެވެ. އަދި މި ޙަދީޘް އިމާމް الألباني – الصحيحة ގައި ޛިކުރު ކޮށްފައިވެ އެވެ. ابن مسعود ރިވާކޮށްފައިވެ އެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. (ليسَ المؤمنُ بالطَّعَّانِ ولا اللَّعَّانِ ولا الفاحشِ ولا البذيءِ) ”މީސްތަކުންގެ މައްޗަށް އަރައިގަނެ، އެބައިމީހުންގެ މައްޗަށް ބަދުބަސް ބުނާ، މީސްތަކުންނަށް އެއްޗެހި ކިޔައި ލަޢުނަތްދޭ، ބަސްތަކުންނާއި ޢަމަލުތަކުން ހުތުރު އަޚްލާޤް ފާޅުކުރާ އަދި ލަދުވެތި ކަމެއްނެތި ދުލުން ބަސްތައް ބޭރުކުރާ މީހެއްކަމުގައި މުއުމިނު އަޅާ ނުވެ އެވެ.“

ޝައްކެތްވެސް ނެތެވެ. މުސްލިމުންނަށް ނިޞްބަތް ކޮށް އެއީ ”ބޮލުރޮނދިކެނޑިފައިވާ ބައެއް“ ކަމުގައި ބުނުމަކީ އޭގެ އިންސާފެއް ޢަދުލެއް އަދި ނުޙައްޤުން އެންމެންގެ މައްޗަށް ޙުކުމް ކުރުމެވެ.

އެބައިމީހުންގެ ތެރޭގައިވާ ވެރިންނާއި، އަމީރުންނާއި، ޢާލިމުންނާއި، ރައީސުންނާއި ޢާންމު ރައްޔިތުންނާއި، ޢާންމީންނާއި ޚާއްޞަ މީހުންނެވެ.

މިއެންމެންނެވެ.

النووي رحمه الله ވިދާޅުވެފައިވެ އެވެ. ”ޙައްޤަކާއި ނުލައި މުސްލިމުންނަށް އެއްޗެހި ބުނުމަކީ، އުއްމަތް އިޖްމާޢު ވެގެންވާ ގޮތުގައި ޙަރާމްވެގެންވާ ކަމެކެވެ. އަދި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޚަބަރު ދެއްވާފައިވާ ގޮތަށް އެ ޢަމަލު ކޮށްފި މީހާއަކީ ފާސިޤެކެވެ.“ شرح مسلم

ލޯބިވާ ރަޙްމަތްތެރި އަޚުންނޭވެ!

ހިތާމަ އާއި ހިތްދަތި ކަމަކީ، މިފަދައިން ފާފަވެރި ޢަމަލުތަކާއި، ޙައްޤު ނޫން ބަސްތައް ބުނުމާއި، ޢަދުލާއި ޝަރުޢީ ޙުދޫދުން ބޭރުވެ މިފަދަ ޢަމަލުތައް ކުރުމަކީ އެފަދަ އަހުލުވެރިންނަށް ލައްޛަތާއި އަރާމާއި ހިތްހަމަ ޖެހުން ގެނުވާ ކަމެކެވެ.

އެފަދަ ތަކެތި ލިޔުމަކީ އެ ނަފްސުތަކަށް އުފާވެރި ކަން ގެނެސްދޭ، ތިމަންނައަކީ، ކެރޭ، ޤާބިލް އަދި ކުޅަދާނަ ފަރާތެއް ކަމުގައި ބުނެވޭ ކަން އެ ނަފްސަށް އިޙްސާސު ކުރެވުމެވެ. والله المستعان

މުޑުދާރު ކަމާއި ފާފަވެރިކަމުގައި ޣަރަޤުވެފައިވާ ނަފްސުތަކަށް އެހެން މީސްތަކުންނަށް ފުރައްސާރަ ކުރުމުން، މަލާމާތް ކުރުމުން އަރާމު ލިބެ އެވެ. ލައްޛަތް ލިބެ އެވެ. ފާފަތައް އެ ނަފްސުތަކަށް ރިވެތިވެ އެވެ. ހެޔޮކަމުގައި ވެ އެވެ. މުސްލިމުންނަށް ހަޑިހުތުރު ބަސްތައް ބުނުމުން އެއީ ނަފްސަށް ލިބޭ އަރާމާއި ލައްޒަތެއް ކަމުގައިވެއްޖެ ހިނދު، މިއީ ކޮންފަދަ ހިތްތަކެއް ތޯ އެވެ؟ ކޮންފަދަ ތެދުވެރި ދޫތަކެއް ތޯ އެވެ؟ ޢަމަލުތަކުގައިވާ ނިޔަތް ކިހިނެތްކަން ބަޔާންވެ އެވެ.

މިފަދަ ތަކެތި ރީޓުވީޓްކޮށް، ލައިކްދީ، އެ ޝެއާ ކުރާ މީހާއަށް މި ޙުކުމްތަކާއި މި ޢަމަލުތަކުގެ ނުރައްކާ ދަންނަ ހެއްޔެވެ؟

شيخ الإسلام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ހެޔޮއަމަލުތަކާއި އިހުސާންތެރިކަމުން ހެޔޮވެގެންވާ ނަފުސުތަކަށް ލައްޒަތާއި އަރާމު ލިބޭއިރު، ފާފަތަކާއި އަނިޔާވެރިކަމުގެ އަމަލުތަކުން މުޑުދާރުވެގެންވާ ނުބައި ނަފްސުތަކަށް ލައްޒަތާއި އަރާމް ލިބެއެވެ.“ نقض تأسيس الجهمية 1-529

ވުމުން، ”މުސްލިމުންނަކީ ބޮލު ރޮނދި ކެނޑިފައިވާ ބައެއް“ ކަމުގައި ބުނުމުގައި އެއީ އެހިތްތަކަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމުގައިވެ އެވެ. އެ ހިތަށް ނަފްސަށް އަރާމާއި ގަދަކަން ލިބިގެންދެ އެވެ. نسأل الله السلامة و العافية

ޢާންމު މީސްތަކުންނަށް ދީނުގައި މުޢާމަލާތް ކުރުން އޮތީ މިފަދައިން ހެއްޔެވެ؟ ވެރިންނާއި ރައީސުންނާއި، އަމީރުންނަށް ޢަމަލުކުރުން އޮތީ މިފަދައިން ހެއްޔެވެ؟

އެއީ ޢަދުލާއި އިންސާފާއި ހައްޤު ބަސްތަކެއް ނޫން ކަމުގައިވެ، އެފަދަ ބަސްތައް ބުނުން ވެގެންދާނީ ދޮގު އަދި ބައެއްގެ މައްޗަށް ނުޙައްޤުން ބުނެފައިވާ އިންސާފުން ބޭރު ބަސްތަކަށެވެ.

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. (إن الصدق بر، وإن البر يهدي إلى الجنة ، ……. وإن الكذب فجور، وإن الفجور يهدي إلى النار، وإن العبد ليتحرى الكذب حتى يكتب كذابا) صحيح مسلم 2607 ”ހަމަކަށަވަރުން ތެދުވެރިކަމަކީ ބިއްރު އެވެ. އަދި ހަމަކަށަވަރުން އަލް-ބިއްރު މަގުދައްކަނީ ސުވަރުގެ އަށެވެ…. އަދި ހަމަކަށަވަރުން ދޮގަކީ ފުޖޫރެވެ. އަދި ހަކަށަވަރުން ފުޖޫރު މަގުދައްކަނީ ނަރަކައަށެވެ. ފަހެ އަޅާ ދޮގުހެދުމުގައި ދެމިހުރެ ﷲ ހަޟުރަތުގައި ކައްޛާބެއްގެ ގޮތުގައި ލިޔެވިގެންދެ އެވެ.“

އަދިވެސް މީގެ އިތުރަށް މުނާފިޤުންގެ ޢަލާމާތްތަކުގެ ތެރޭގައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޛިކުރު ކުރެއްވި އެވެ. ”ވާހަކައެއް ދައްކައިފި ހިނދު ދޮގުހަދާނެތެވެ.“

އަޚުންނޭވެ!

އިންސާފާއި ޢަދުލުން ބޭރުން އަދި އެތައް މުސްލިމުންނަށް ކުޑައިމީސްކޮށް އެބައިމީހުންނަށް ބުނެވޭ މިފަދަ އެކަށީގެން ނުވާ ބަސްތަކުގެ މައްޗަށް ސަލަފުއް ޞާލިޙުން އޭގެ ޚުޠޫރަތްތެރިކަން ޛިކުރުކޮށްފައިވާ މިންވަރު ވިސްނާލުން ހުއްޓެވެ.

عطاء بن أبي رباح ވިދާޅުވި އެވެ. ”ހަމަކަށަވަރުން މީހަކު ރުޅިއައިސްގެން ބުނާ ކަލިމައެއްގެ ސަބަބުން އޭނާ 60 ނުވަތަ 70 އަހަރުވަންދެން ކުރި ޢަމަލުތައް ފުނޑުފުނޑުވެގެން ގޮސްދާނެ އެވެ.“ فتح الباري للحافظ ابن رجب:٢٠٠/١

الحَافِظ ابن دَقِيق العِيد رحمه الله ވިދާޅުވެފައިވެ އެވެ. ”ﷲ ގެ ޙަޟުރަތުގައި ދަންނަވާނޭ ޖަވާބެއް ހޯދާފައި މެނުވީ ކަލިމައެއްވެސް އަދި ޢަމަލެއްވެސް ކޮށްފައެއް ނުވާނެ އެވެ.“ فتح المغيث ١/ ١٢٣

މިއަދު މިފެންނަ ޢަމަލުތަކުގެ މައްޗަށް ބުނާނީ ކީކޭ ހެއްޔެވެ!!

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން، ޙައްޤަކާ ނުލައި މުސްލިމުންގެ މައްޗަށް ބަދުބަސް ބުނެފި މީހާ އެވަނީ އެއިން ކޮންމެ މީހެއްގެ މައްޗަށް ފާފަ އޭނާގެ ބޮލުގައި އެޅިފަ އެވެ. ފަހެ، މިއީ ކޮންފަދަ ބިރުވެރި ބަސްތަކާއި އަދި ޢަމަލުތަކެއް ހެއްޔެވެ؟ الله المستعان!

ދަންނަ އެވެ! މީސްތަކުންނަށް ހަޑި ހުތުރު ލަޤަބްތަކުން ގޮވުން، ނުރުހޭ ލަޤަބްތަކުން ގޮވުން ވެގެންވަނީ މާތް ނަބިއްޔާ މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެއްބައިވަންތަ ކަމާއި އެއްބައެއްވަންތަ ގޮތުގައި ވުމުގެ ގުޅުމުގެ މައްޗަށް ފުށޫއަރާ ޢަމަލެއް ކަމުގަ އެވެ.

رسول الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެ އެވެ. (المؤمنون كالجسدِ الواحد؛ إذا اشتكَى منه عضو، تداعى له سائرُ جسدِه بالحمَّى والسهر) ”މުއުމިނުން ވާކަން ކަށަވަރީ އެއްހަށިގަނޑެއްގެ މިޘާލެއްގެ ގޮތުގަ އެވެ. އެހަށިގަނޑުގެ ގުނަވަނެއް ބަލިވެ (ވޭން އަޅައިފިހިނދު) އެހަށިގަނޑުގެ (އެ ގުނަވަން ނޫން އެހެން ގުނަވަންތައްވެސް) އެ އަޅާ ވޭނުގައި ހޭލައި ހުރެ، އެ (ތަދުވުމުގައި) ބައިވެރިވެ އެވެ.“

އަޚުންނޭވޭ! މި ޒަމާނުގައި ފިތުނަވެރިކަން ފާޅުވެފައިވާ މިންވަރުން ނަފްސު ރައްކާތެރި ކުރަން ޖެހިފައިވާލެއް ބޮޑު ކަމާއެވެ. އަނިޔާވެރިންގެ މަގަށް ނުލެބޭށެވެ.

ﷲ عز وجل ވަޙީކުރައްވާފައި ވެއެވެ. ( وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَسَّكُمُ النَّارُ ) ”އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައި މީހުން ކުޑަކޮށްވެސް ނުލެނބޭށެވެ. ފަހެ، އެހިނދު ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެތެވެ.“

ފިތުނައިގެ ދަނޑިވަޅުގައި، ތަފާތު ބަސްތަކާއި، ޚިލާފްތަކުގެ ދަނޑިވަޅުތަކުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ޘާބިތު ކަމާއެކު ދެމިހުންނާށެވެ. އެ ޤަވާޢިދާއި އުޞޫލް ތަކަކީ އެއްވެސް ޒަމާނެއްގައި ބަދަލުވެ ނުދާނެ ތަކެއްޗެވެ.

ޚިލާފްވެގެންވާ އަހުލުވެރިންގެ މަގުތަކުން ސަލާމަތްވެ އެ އެތަކެތި އަޚާގެ ލޯމަތިން އެއްފަރާތްކޮށް އެއްކިބާ ކުރާށެވެ.

ސަލާމަތާއި ރައްކާތެރިކަމަކީ އެއީ އެވެ.

العَلاَّمة الشَّيخ رَبيع بن هَادِي حفظه الله ވިދާޅުވެފައިވެ އެވެ. “ ޤިޔާމަތުގެ ޢަލާމާތް ތަކުގެ ތެރޭގައި : މީިސްތަކުން ދީނުގެ ބޮޑެތި ޢިލްމުވެރިން ދޫކޮށް، އަޞާޣިރުން (ބޮޑެތި ޢިލްމުވެރިންނާ ޚިލާފަށް ބަސްބުނެ، ދީނުގެ ތެރެއަށް އާ ކަންތައްތައް ވައްދާފައިވާ) މީހުންނަށް އަދި ޢިލްމުގެ އަހުލުވެރިން ކަމަށް ފާޅުވެގެންއުޅޭ ޖާހިލު ފަރާތްތަކަށް ތަބަޢަވުން ހިމެނެ އެވެ. ފަހެ، މިއީ ބޮޑުވެގެންވާ މުޞީބާތެކެވެ.“ مرحبا يا طالب العلم 227

ސުންނަތުގެ އަހުލުވެރިންނޭވެ!

ތަޥްޙީދާއި ތަޥްޙީދުގެ ފަޟްލު ދަންނަ ހުއްޓެވެ.

މުސްލިމުންނާއި މިފަދައިން ބަޔަކު އެއްފަދަ ކުރާހިނދު، ތަޥްޙީދުގެ މަތިވެރިކަމާއި، ތަޥްޙީދުގެ މާތްކަމާއި، ތަޥްޙީދުގެ ސަބަބުން ފާފަތައް ފޮހެވިގެންދިއުމާއި، އެބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލިބިގެންވާ އަމާން ކަމާއި، لاإله إلا الله ، މި ކަލިމައިގެ މަތިވެރިކަމަށް އައިސްފައިވާ އެތަކެއް ގިނަގުނަ، ފަޟްލުތަކެއް އޮތްހިނދު، މި ހުރިހައި ކަމެއް އޮތްހިނދު، ދުނިޔެވީ ކަމަކަށްޓަކައި، މުސްލިމުންނާއި ދިމާލަށް، އެބައިމީހުންނަކީ ”ބޮލުރޮނދި ކެނޑިފައިވާ“ ނުވަތަ މުސްލިމުންނާއި އެނޫން ބަޔަކާއި އަޅާ ކިޔާނީ ކިހިނެތް ހެއްޔެވެ؟

މިއީ ކިހިނަކުން ކުރާނެ ކަމެއް ހެއްޔެވެ؟

ދަންނަހުއްޓެވެ! ދުނިޔެވީ ޢިލްމެއްގެ ތެރެއަށް އިންސާނަކު ވަދެފައިވާލެއް ބޮޑުކަމުން، ސުންނަތުގެ މީހެއްގެ ޙައިސިއްޔަތުން އެނގި ބަޔާންވާންޖެހޭ އެންމެ އަސާސީ، ކަންތައްތައް ހަނދާންނެތި، ތަޥްޙީދާއި އޭގެ ފަޟްލުގެ އަހުލުވެރިންނަށް އެންމެން ޝާމިލްވާ ގޮތަށް މިފަދަ ބަސްތައް ބުނުމަކީ، މިއީ ފައިކައްސާލުމުގެ ޢަލާމާތްތަކެވެ. ولاحول ولاقوة إلا بالله

ނަޥާޤިޟުލް-އިސްލާމް (އިސްލާމް ދީނުން މީހާ ބޭރުވާނެ ކަންތައްތައް) ޝަރަޙަ ކުރެއްވުމުގައި އެންމެ ބޮޑެތި ސުންނަތުގެ ޢިލްމުވެރިން ކަމުގައިވާ، العلامة صَالح الفَوزَان- حفظه الله- ފަދަ ބޭކަލުން، ވިދާޅުވެފައިވަނީ، މުސްލިމުންނާއި ކާފަރުން އެކާފަރުންގެ ދުނިޔެވީ ކަންކަމުގައިވެސް ހަމަހަމަ ކޮށްގެން ނުވާނެ ކަމެވެ.

ޝެއިޚް ވިދާޅުވެފައިވެ އެވެ.

”ކޮންމެ ޙާލެއްގައިވެސް މުސްލިމް ކާފަރަށްވުރެ ހެޔޮވެގެންވެ އެވެ. މުސްލިމުން ފަރުވާކުޑަކޮށްފައިވީ ކަމުގައިވީނަމަވެސް ކާފަރުންނަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ. ކާފަރަކީ ދުނިޔޭގެ އަރާމާއި ހިތްހަމަޖެހުމާއި -ކުރިއެރުމުގައިވީނަމަވެސް- ހެވެއް ހުރި ބައެއް ނޫނެވެ. ( حَتَّىٰ إِذَا فَرِحُوا بِمَا أُوتُوا أَخَذْنَاهُم بَغْتَةً فَإِذَا هُم مُّبْلِسُونَ) “ ދެން އެބައިމީހުންނަށް ދެއްވި ކަންތަކާމެދު އެބައިމީހުން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންއިލާހު އެބައިމީހުން ހިއްޕެވީމެވެ. އެހިނދު އުއްމީދު ކެނޑިފައިތިބި ބަޔަކު ކަމުގައި އެބައިމީހުންވި އެވެ.“

فَذَرْنِي وَمَن يُكَذِّبُ بِهَٰذَا الْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ ”ފަހެ، މި قرآن ދޮގުކުރާމީހުން، އިބަ ނަބިއްޔާ ތިމަން އިލާހުއަށް، ދޫކޮށްލައްވާށެވެ! އެބައިމީހުންނަށް ނޭނގޭނޭގޮތުން (ޢަޛާބުގެ ތެރެޔަށް) ތިމަންއިލާހު، އެބައިމީހުން ނިކަންހުރެ ގެންދަވާހުށީމެވެ.“

وَأُمْلِي لَهُمْ ۚ إِنَّ كَيْدِي مَتِينٌ ”އަދި އެބައިމީހުންނަށް ތިމަންއިލާހު ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންއިލާހު ރޭއްވެވުން ގަދަފަދަވެގެންވެ އެވެ.“

ފަހެ، ކާފަރުންގެ އަތުގައިވާ، ދުނިޔޭގެ (އެކިއެކި ކަންތައްތައް) ތަކެތީގެ މައްޗަށް ހެއްލުންތެރިވެގެން ނުވާނެ އެވެ. އެގޮތުން މުސްލިމުންނަށްވުރެ ކާފަރުން ރަނގަޅެވެ. -މިފަދައިން ބުނެވިގެން ނުވާނެ އެވެ.- އަދި މުސްލިމުން ވަނީ ފަހަތަށް ޖެހިފަ އެވެ. އެއްވެސް ޝައްކެތް ނެތެވެ. މުސްލިމުންވަނީ އެބައިމީހުންގެ ފަރުވާކުޑަކަމުގެ ސަބަބުން ފަހަތަށްޖެހިފަ އެވެ. އެހެނަސް، ކޮންމެ ޙާލެއްގައިވީނަމަވެސް މުސްލިމުން ކާފަރުންނަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ. މިކަންކަމަކީ ކާފަރުންނާ އަޅާކިޔައި (ޤިޔާސް ކުރެވޭނެ ކަމެއް ނޫނެވެ.)“

ތަޥްޙީދުގެ ފަޟްލު މުސްލިމުންނަށް ޝަރަފަށް ފުދެ އެވެ.

ﷲ އެއްކައުވަންތަ ކުރުމާއި، އެ އިލާހުގެ ރަސޫލާއަށް ތަބަޢަވުމާއި، ޝަރީޢަތް ޤަބޫލުކޮށް ﷲގެ އަޅުންގެ ގޮތުގައިވުން މުސްލިމުންނަށް ލިބިގެންވާކަމީ ކޮންފަދަ މާތް ކަމެއް ހެއްޔެވެ؟

އޭގެ ބަދަލުގައި، ދުނިޔެވީ ކަމެއްގައި މުސްލިމުންނަށް ޢައިބުކޮށް އެބައިމީހުންނަށް ކުޑައިމީސް ބަސް ބުނުން މިއީ އެމީހެއްގެ ނަފްސާއި ބުއްދި އަދި ޠަބީޢަތްވެސް ޢަދުލާއި އިންސާފުން ކައްސާލައިފައިވާ ކަމެކެވެ.

އަޅަމެންގެ ދުޢާއަކީ މުސްލިމުންގެ ތެރެއިން ޙައްޤު މަގު ގެއްލިފައިވާ ފަރާތްތަކަށް، ޙައްޤު މަގު ދެއްކެވުމެވެ. އެ އިލާހު ރުއްސަވާނެ މަގަސް އެބައިމީހުންނަށް ހިދާޔަތް ދެއްކެވުމެވެ.

މުސްލިމް ވެރިންނަށް އެ އިލާހު ތަވްފީޤު ދެއްވައި އެ ވެރިންގެ އަރިހުގައިވާ ފަރާތްތަކަކީ ހެޔޮ ޞާލިޙް އަޅުންތަކެއްގެ ގޮތުގައި ލެއްވުމެވެ.

ޢަދާވަތްތެރި ކަމާއި ނަފްރަތާއި ޙަޞީލަތް ނުބައިވުމުގެ ވަބާތަކުން އަޅަމެން ރައްކާތެރި ކުރައްވާށި އެވެ. والحمد لله رب العالمين

Similar Posts