ފައިވާނަށް އަރައިގެން ޤަބުރުސްތާނުގައި ހިގުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޤަބުރުސްތާނުގައި ފައިވާނަށް އަރައިގައިގެން ހުރެ ހިނގުމާއިމެދުގައި ބުނަމެވެ.  

 

ފައިވާނަށް އެރުމުގެ ޙާޖަތެއްޖެހިފައިނުވާހިނދު، އެ ގޮތުން ފައިވާން ބާލައިފިނަމަ ފައިތިލައަށް އެތަނުގައި ކަށިތަކެއް ނުވަތަ ބިއްލޫރިފަދަ ތަކެތި ހުރުން ނުވަތަ ބިންމަތީގެ ހޫނުގަދަކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންވެދާނެ ސަބަބެއް އޮވެއްޖެހިނދު ފައިވާނުގައި ހުރުން ހުއްދަވެގެންވެ އެވެ.  

އެހެނަސް މި ޙާލަތުގައިވެސް ޤަބުރެއްގެ މައްޗަށް އަރައިގެން ނުވާނެ އެވެ.  

 

އެހެން ނޫންނަމަ، ސުންތަވެގެންވަނީ ފައިވާން ބާލައި ޤަބުރުސްތާނުގައި ހުރުމެވެ.  

 

މި މައްސަލައިގެ މައްޗަށް ޙަދީޘް ވާރިދުވެގެންވެ އެވެ. އޭގެ ތެރޭގައި އިމާމް أَبُو دَاوُد ޞަޙާބީ بَشِيرُ بْنُ الْخَصَاصِيَةِ -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވެ އެވެ. ޞަޙާބީ ވިދާޅުވި އެވެ. ( بَيْنَا أَنَا أُمَاشِي رَسُولَ اللَّهِ صلى الله عليه وسلم إذَا رَجُلٌ يَمْشِي فِي الْقُبُورِ , عَلَيْهِ نَعْلَانِ , فَقَالَ : يَا صَاحِبَ السِّبْتِيَّتَيْنِ , أَلْقِ سِبْتِيَّتَيْك . فَنَظَرَ الرَّجُلُ , فَلَمَّا عَرَفَ رَسُولَ اللَّهِ صلى الله عليه وسلم خَلَعَهُمَا , فَرَمَى بِهِمَا )  ”ތިމަން ޞަޙާބީ ރަސޫލާ صلى الله عليه وسلم އެކުގައި ހިނގަވައި ވަޑައިގަންނަވަނިކޮށް، ފައިވާނުގައި ހުރެ ޤަބުރުތަކުގެ މެދުގައި ހިގަމުންދާ މީހަކު ފެނިވަޑައިގެންނެވި އެވެ. ”އޭ ސިބްތިއްޔަތައިން -އެއީ ވަކި ވަތްތަރެއްގެ ފައިވާނަށް އިޝާރަތްކޮށް ބުނެވޭ ބަހެކެވެ.- ތިބާ އަރައިގެންހުރި ފައިވާން ބޭލުން ހުއްޓެވެ. ފަހެ، އެހިނދު އެމީހަކު ބެލި އެވެ. އަދި ރަސޫލާ صلى الله عليه وسلم  ކަން އެނގުމުން އަރައިގެން ހުރި ފައިވާން ބާލައި އެ ފައިވާން އެއްލާލެއްވި އެވެ.“  

 

މި ޙަދީޘްއިން ބަޔާންވެގެންވަނީ ފައިވާނަށް އަރައިގެން ޤަބުރުސްތަނުގައި ހިނގުން ނަބިއްޔާ މަނާކުރައްވާފައިވާ ކަމެވެ. އަދި އެ ބޭލުމަށް އެންގެވިކަން ޙަދީޘްއިން ބަޔާންވެ އެވެ.  

 

މި ޙަދީޘް އަދި މިޢަމަލުގެ މައްޗަށް އިޝާރަތް ކުރައްވައި ގިނަ ޢިލްމުވެރިން ވިދާޅުވެފައިވަނީ، ޤަބުރުސްތާނުގައި ފައިވާން ބޭލުން މުޞްތަޙައްބުވެގެންވާ ކަމެވެ. 

 

އިމާމް ابن قدامة رحمه الله ވިދާޅުވެފައިވެ އެވެ. ”ޤަބުރުސްތާނަސް ވަނުމުން ފައިވާން ބޭލުންވެ އެވެ. އަދި މިއީ މުޞްތަޙައްބުވެގެންވާ ކަމެކެވެ..“ المغني 2/224 

 

މި ފަހުގެ ޒަމާނުގައި ފާޅުވި ސުންނަތުގެ އެންމެ ބޮޑު އެއް ޢިލްމުވެރިޔާ الشيخ عبد العزيز بن باز -رحمه الله- ގެ ރިޔާސަތުގައި ސަޢުދީޢަރަބިއްޔާފެ ފަތުވާ ކޮމެޓީން ނެރުއްވާފައިވާ ފަތުވާގައިވެ އެވެ.  

”َޤަބުރުސްތާނަށް ވަންނަ މީހާއަށް އޭނާގެ ފައިވާން ބޭލުން ޝަރުޢުވެގެންވެ އެވެ. އެއީ بَشِيرُ بْنُ الْخَصَاصِيَةِ -رضي الله عنه-  ގެ ޙަދީޘްގައިވާފަދައިންނެވެ. ޞަޙާބީ ވިދާޅުވި އެވެ. ( بَيْنَا أَنَا أُمَاشِي رَسُولَ اللَّهِ صلى الله عليه وسلم إذَا رَجُلٌ يَمْشِي فِي الْقُبُورِ , عَلَيْهِ نَعْلَانِ , فَقَالَ : يَا صَاحِبَ السِّبْتِيَّتَيْنِ , أَلْقِ سِبْتِيَّتَيْك . فَنَظَرَ الرَّجُلُ , فَلَمَّا عَرَفَ رَسُولَ اللَّهِ صلى الله عليه وسلم خَلَعَهُمَا , فَرَمَى بِهِمَا )  ”ތިމަން ޞަޙާބީ ރަސޫލާ صلى الله عليه وسلم އެކުގައި ހިނގަވައި ވަޑައިގަންނަވަނިކޮށް، ފައިވާނުގައި ހުރެ ޤަބުރުސްތާނުގައި ހިގަމުންދާ މީހަކު ފެނިވަޑައިގެންނެވި އެވެ. ”އޭ ސިބްތިއްޔަތައިން -އެ ފައިވާނަށް އިޝާރަތްކޮށް ބުނެވޭ ބަހެކެވެ.- ތިބާ އަރައިގެންހުރި ފައިވާން ބޭލުން ހުއްޓެވެ. ފަހެ، އެހިނދު އެމީހަކު ބެލި އެވެ. އަދި ރަސޫލާ صلى الله عليه وسلم  ކަން އެނގުމުން އަރައިގެން ހުރި ފައިވާން ބާލައި އެ ފައިވާން އެއްލާލެއްވި އެވެ.“  މި ޙަދީޘާއިމެދު الإمام أحمد ވިދާޅުވެފައިވެ އެވެ. بَشِيرُ بْنُ الْخَصَاصِيَةِ ޙަދީޘްގެ ސަނަދު ރަނގަޅެވެ.  

ސަބަބެއް މެދުވެރިނުވެ ފައިވާނުގައި ޤަބުރުސްތާނުގައި ހިނގުމެއް ނުވެ އެވެ. އެ ސަބަބުތަކުގެ ތެރޭގައި ފަޔަށް ހެރޭ ކަށިފަދަ ތަކެތި ފަދަ އެއްޗެހި ހުރުމެވެ. ފަހެ، އެހިނދު އެ ގެއްލުންދޭ ތަކެތިން ރައްކާތެރިވުމަށްޓަކައި ޤަބުރުތަލުގެ މެދުގައި ފައިވާގައި ހިނގުން މައްސަލައެއްނެތެވެ.“ فتاوى اللجنة   9/123- 124 

 

ސަޢުދީ ޢަރަބިއްޔާއަށް ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ عبد الله القرعاوي رحمه الله ވިދާޅުވެފައިވެ އެވެ.  

ސުވާލު : ޤަބުރުސްތާނު ތެރޭގައި ޤަބުރުތަކުގެ މެދުގައި ފައިވާނަށް އަރައިގެން ހިނގުން ހުއްދަވާނެ ހެއްޔެވެ؟ 

 

ޖަވާބު : ”ހުއްދައެއް ނުވާނެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم بَشِير بن الخصاصية އަށް ޙަދީޘް ކުރައްވާފައިވުމެވެ. (ألقِ سِبتَيك) ތިބާ އަރައިގެން ހުރި ފައިވާން ބޭލުން ހުއްޓެވެ. މި ޙަދީޘް أَبُوداود ރިވާކުރެއްވި އެވެ. އަދި أَحمد ވިދާޅުވެފައިވެ އެވެ. ޙަދީޘްގެ ސަނަދަކީ ރަނގަޅު ހެޔޮ ސަނަދެކެވެ. އަދިވެސް މިކަމުގެ ސަބަބަކީ ފައިވާން ބޭލުމަކީ ޚުޝޫޢަތްތެރިވުން ގާތްކޮށްދީ، ހިތްތިރި ކަމުގެ އަހުލުވެރިންގެ ސިފަ އެކެވެ. އަދި އޭގައި ދުނިޔެ ދޫކޮށްފައިވާ މުސްލިމް މައްޔިތުންނަށް އިޙްތިރާމް ކުރުން ހިމެނެ އެވެ.  

ابن القيم  ވިދާޅުވެފައިވެ އެވެ. ފައިވާނަށް އަރައިގެން (ޤަބުރުސްތާނުގައި ހިގުން) ދޫކޮށްލުމަކީ މި ޝަރީޢަތުގައިވާ ހެޔޮ، ރިވެތި ކަންތައްތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ.“ أسئلة و أجوبة عن أحكام الجنائز ص 14 

 

ނިންމާލުމުގެ ކުރީގައި ބުނަވެ. ޤަބުރުސްތާނުގެ ތެރޭގައި ހިގަން ހަދާފައި ހުންނަ މަގުތަކުގައި ފައިވާނުގައި އުޅުން މައްޗަށް މަނާކަމެއް ނެތެވެ. އެހެނަސް ހިގަންއޮންނަ ތަން ދޫކޮށް މީހުން ވަޅުލާ ހިސާބަށް އާދެވުމުން، އެހިނދު ފައިވާން ބޭލުން ހުއްތެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

 

Similar Posts

Leave a Reply