ވިތުރީގައި ޤުނޫތު ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ވިތުރީގައި ޤުނޫތު ކިޔުމުގެ ޙުކުމާއި މެދުގައި ބުނަމެވެ.

ފުރަތަމައީ : ވިތުރީގައި ޤުނޫތުކިޔުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. ވާޖިބެއް ނޫނެވެ.

މުސްތަޙައްބުވެގެންވާ ކަން ބަޔާންވެގެންވަނީ : ނަބިއްޔާ صلى الله عليه وسلم ބައެއް ފަހަރު ޤުނޫތު ވިދާޅުވެ އަދި ބައެއް ފަހަރު ޤުނޫތު ވިދާޅުވުން ދޫކޮށްލަވަ އެވެ. ފަހެ، އެއީ ވާޖިބުވެގެންވާ ޢަމަލެއްކަމުގައިވާނަމަ އެއްވެސް ޙާލެއްގައި ދޫނުކުރައްވާނެ އެވެ.

ހަމައެފަދައިން ބައެއް ޞަހާބީންނާއި ތާބިޢީންގެ ފާރަތުން އެބޭކަލުން ވިތުރީގައި ޤުނޫތު ދޫކުރައްވާކަން ޘާބިތުވެގެންވެ އެވެ.

އަދި ބައެއް ބޭކަލުން ރަމަޟާން މަހުގެ ފަހު ފަނަރައިގައި ފިޔަވައި އެހެން ދުވަސްތަކުގައި ޤުނޫތު ވިދާޅު ނުވާކަމަށްވެސް ވާރިދުވެގެންވެ އެވެ.

މި ޚިލާފް ބަޔާން ކުރައްވާ الإمام الترمذي -رحمه الله- ވިދާޅުވެފައިވެ އެވެ.

”ޢިލްމުވެރިން ވިތުރީގައި ޤުނޫތު ކިޔުމާއި މެދުގައި ޚިލާފްވަޑައިގަންނަވާފައިވެ އެވެ. ފަހެ، (ޞަޙާބީ) عبد الله بن مسعود ދެކެވަޑައިގަންނަވަނީ މުޅި އަހަރުގައި އެކުގައި ޤުނޫތު ކިޔޭނެ ކަމެވެ. އަދި ޤުނޫތު ރުކޫޢުގެ ކުރިން ކިޔުން ދެކެވަޑައިގަންނަވަ އެވެ.

އަދި މިއީ ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ބައެއް ބޭކަލުންގެ ޤައުލެވެ. އަދި މިފަދައިން سفيَان الثورِي، ابن المُبَارك، إسحاق އަދި ކޫފާގެ އަހުލުވެރިން ދެކެވަޑައިގަންނަވަ އެވެ.

އަދި ހަމަ އެފަދައިން علي بن أبي طالب ގެ އަރިހުން ރަމަޟާން މައްސަރުގެ ފަހު ފަނަރައިގައި މެނުވީ ޤުނޫތު ވިދާޅުނުވާކަމަށް ވާރިދުވެގެންވެ އެވެ.

އަދި ޤުނޫތު ވިދާޅުވަނީ ރުކޫޢަށްފަހުގަ އެވެ. މި ބަސްފުޅުގެ މައްޗަށް ބައެއް ޢިލްމުގެ އަހުލުވެރިން (ބުރަވެވަޑައިގަންނަވަ) އެވެ.

އަދި މިފަދައިން الشَّافعي އަދި أحمدވިދާޅުވެ އެވެ.“

އަޚާ އެވެ! އެހެން ވުމުން ޤުނޫތު އަބަދާ އަބަދު ކިޔުމަށް ވުރެ އެދެވިގެންވަނީ ދޭތެރެއިން ދޭތެރެއިން ޤުނޫތު ދޫކޮށްލައި (ނުކިޔައި) ވިތުރި ނަމާދު ކުރުމެވެ.

ސަބަބަކީ ރިވާޔަތްތަކުން އެފަދައިން ޘާބިތުވެފައިވުމެވެ. ވުމުން ގޭގައި ކުރާ މީހާ އަދި މިސްކިތުގައި ކުރާ މީހެއްކަމުގައިވީނަމަވެސް، އަދި ރަމަޟާން މަހުގައި ޖަމާޢަތުގައި ކުރި ކަމުގައި ވީނަމަވެސް ޤުނޫތު ކިޔުމަކީ މުޞްތަޙައްބުވެގެންވާ ޢަމަލެކެވެ.

ޤުނޫތަކީ ނަބިއްޔާ صلى الله عليه وسلم އެ ނަބިއްޔާގެ ކާފަ ދަރިކަލުން الحسن بن علي -رضي الله عنهما- އަށް އުނގަންނަވައި ދެއްވި ޚާއްޞަ ދުޢާ އެކެވެ. އެ ދުޢާގައި ވާރިދުވެގެންވާ ކަލިމަތަކަކީ : اللّهمّ اهدني فيمن هديت، وعافني فيمن عافيت، وتولّني فيمن تولّيت، وبارك لي فيما أعطيت، وقني شرّ ما قضيت، إنّك تقضي ولا يقضى عليك، وإنّه لا يذلّ من واليت، ولا يعزّ من عاديت، تباركت ربّنا وتعاليت މި އެވެ.

މި ކަލިމަތަކަށް އިތުރު ދުޢާ އެއް ކިޔުން މައްސަލައެއް ނެތެވެ.

އެހެނަސް ގިނަ ދުޢާތަކެއް އެއްކޮށް ދިގުކޮށް ކިޔުމަކީ ވާރިދުވެގެންވާ ކަމެއް ނޫނެވެ. އެގޮތުން އެންމެ ދިގުކޮށް ދުޢާގައި (ޤުނޫތު ކިޔުއްވި ހިނދު) އެންމެ ދިގުކޮށް ދުޢާ ކުރެއްވި މިންވަރަކީ ގާތްގަނޑަކަށް وَاللَّيْلِ إِذَا يَغْشَى މި ސޫރަތުގެ ދިގުމިނެވެ. އެއީ ގާތްގަނޑަކަށް މަޑުމަޑުން އެ ސޫރަތް ކިޔަވާނަމަ މިނިޓެއްހާ އިރެވެ. ފަހެ ދިގު ދުޢާ ކިޔުމަކީ ވާރިދުވެގެންވާ ޢަމަލެއްް ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts