ﷲ ބާވައިލެއްވި ޙުކުމާ ޚިލާފަށް ޤާނޫނު ހަދައި އެ ޤާނޫނުތައް ތަޞްދީޤުކޮށް އަދި އެއާއި އެއްގޮތަށް ޙުކުމްކުރާ ފަރާތްތައް މުރުތައްދުވެ ދީނުން ބޭރުވާނެތޯ؟ އަދި މިފަދަ ކޯޓްތަކަށް މައްސަލަ ހުށަހެޅުން ހުއްދަވާނެ ތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އެންމެ ފުރަތަމަ ނުކުތާއަކީ އަހުލުއް ސުންނަތުގެ އަހުލުވެރިން ކުފުރުގެ ޢަމަލު އަދި ކުފުރުގެ ޢަމަލު ކުރާ މީހާ ތަފާތު ކުރާކަމެވެ. އެބަހީ ކުފުރުގެ ޢަމަލެއް ކުރާ ކޮންމެ މީހަކީ ކާފަރެއް ކަމުގައި ނުވާނެ ކަމެވެ.
(ދަންނަ ހުއްޓެވެ. މިއީ ޙައްޤު ސުންނަތުގެ އަހުލުވެރިންނަށް ﷲ ދެއްވާފައިވާ މާތް މަތިވެރި ތަޥްފީޤެކެވެ. އެހެނީ ޚަވާރިޖުންނާއި އެފަދަ ބާޠިލް ފިކުރުތަކުގެ އަހުލުވެރިން މިފަދައިން ފަރަޤު ނުކޮށް، ކުފުރުގެ ޢަމަލަށް އަރައިގަތް ކޮންމެ މީހަކު އެއްވެސް ތަފްޞީލެއް ބެލުމެއްނެތި ކާފަރު ކުރެއެވެ.
އަދި ޚަވާރިޖުންގެ ބަސްތަކުގައި ސުންނަތާއި، ސަލަފީންގެ މައްޗަށް ބުނާނެއެވެ. “އެއީ މުރުޖީންނެވެ.”
“ކާފަރު ނުކުރާ” ބައެކެވެ.)
ޝައްކެތްވެސް ނެތެވެ. ސުންނީ ސަލަފީންނަކީ ކާފަރުވުމުގެ މައްސަލައަށް ވެސް ތަފްޞީލުން، އެންމެހައި މިންގަޑުތަކުގެ މައްޗަށް ބަލައި އެކަން ކުރާ ޢަދުލާއި އިންސާފުގައިވާ ޞައްޙަ މަންހަޖުގެ އަހުލުވެރިންނެވެ.
މިކަމުގެ މައްޗަށް ކީރިތި ޤުރުއާނުގެ ދަލީލު ޛިކުރު ކުރަމެވެ.
ﷲ ވަޙީ ކުރެއްވިއެވެ. ] وَلَمَّا رَجَعَ مُوسَىٰ إِلَىٰ قَوْمِهِ غَضْبَانَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِي مِن بَعْدِي أَعَجِلْتُمْ أَمْرَ رَبِّكُمْ وَأَلْقَى الْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُ إِلَيْهِ قَالَ ابْنَ أُمَّ إِنَّ الْقَوْمَ اسْتَضْعَفُونِي وَكَادُوا يَقْتُلُونَنِي فَلَا تُشْمِتْ بِيَ الْأَعْدَاءَ وَلَا تَجْعَلْنِي مَعَ الْقَوْمِ الظَّالِمِينَ[ سورة الأعراف – آية 150
މާނައަކީ “موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެނަބިއްޔާގެ قوم ގެމީހުންގެ ގާތަށް ވަޑައިގަތްހިނދު، ވިދާޅުވިއެވެ. ތިމަންނަބިއްޔާ ތިޔަބައިމީހުންނާ ވަކިވެގެން ދިއުމަށްފަހު، ތިމަންނަބިއްޔާގެ ފަހަތުން ތިޔަބައިމީހުން ކުޅަކަންތަކުގެ ނުބައިކަމާއެވެ! ތިޔަބައިމީހުންގެ ވެރިއިލާހުގެ އަމުރުފުޅު އައުމަށް ތިޔަބައިމީހުން އަވަސްވެގަތީހެއްޔެވެ؟ އަދި އެނަބިއްޔާ (توراة ގެ) ފިލާތައް އުއްކަވައިލެއްވިއެވެ. އަދި އެނަބިއްޔާގެ أخ ގެ އިސްތަށިފުޅުގައި ހިއްޕަވައި އެނަބިއްޔާގެ އަރިހަށް ދަންމަވައިގެންނެވިއެވެ. އަދި (އެބަހީ: هارون ގެފާނު) ވިދާޅުވިއެވެ. މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން، قوم ގެމީހުން ތިމަން ނިކަމެތިކޮށްފޫއެވެ. އަދި އެއުރެން ތިމަން قتل ކުރުމާ ގާތްކޮށްފިއެވެ. ފަހެ، ތިމަންނަބިއްޔާއަށް ލިބިވަޑައިގެންނެވި ދެރަޔަށް عداوة ތެރިން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ!”.
އަޚާއެވެ! މިތަނުގައި މިވަނީ ﷲ ގެ ކަލާމްފުޅު (އަހަރެމެންގެ އަތުގައި މިއަދު ޤުރުއާން އޮތް ފަދައިން، އެ ޒަމާނުގައި އޮތް ﷲ ގެ ކަލާމްފުޅު) ނަގައި އެއްލާލި ވާހަކައެވެ.
އެއްވެސް ޝައްކެތްނެތް ގޮތުގައި ﷲގެ ކަލާމްފުޅު ލިޔެފައިވާ މުޞްޙަފެއް ފުރިހަމަ އިޚްތިޔާރާއި ބާރާއެކު އަހަރެމެންގެ ތެރެއިން މީހަކު އެއްލާލައިފިނަމަ، އެވާނީ ކުފުރުގެ ޢަމަލަކަށެވެ. އެހެނަސް މިޙާލަތުގައި މޫސާ عليه السلام އަށް ނިޞްބަތްކޮށް އެފަދައިން ނުބުނެވޭނެއެވެ.
އެހެނީ إغاثة اللهفان މި ފޮތުގައި ابن القيم ވިދާޅުވެފައިވާ ފަދައިން އެފަދައިން މޫސާ عليه السلام ކުރުމަށް މެދުވެރިވި ސަބަބަކީ އަމިއްލަ އިޚްތިޔާރާއި ބާރުން ބޭރުގައިވާ ރުޅީގެ ސަބަބުންނެވެ. އަދި މިފަދަ މިޘާލުތައް އަހަރެމެންގެ ޝަރީޢަތުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ފެނިފައިވެއެވެ.
ދެވަނަ ނުކުތާ: އެއީ، އަހުލުއް ސުންނަތުގެ އަހުލުވެރިން ﷲ އާއި އެއިލާހުގެ ރަސޫލާ އެއީ ކުފުރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮންމެ ކަމަކީ ކާފަރުވާނެ ކަމެއް ކަމުގައި ޤަބޫލު ކުރެއެވެ. އެގޮތުން އިސްލާމް ދީން ނަފީ ކުރާ ކަންތައްތައް ވަރަށް ގިނަވެގެންވެއެވެ. އެހެނަސް އޭގެ ތެރެއިން އެންމެ ނުރައްކާތެރި ކަންތަކީ ނަވާޤިޟުލް-އިސްލާމް މި ފޮތުގައި شَيخ الإسلام مُحمَّد بن عَبد الوهَاب -رحمه الله- ޛިކުރު ކުރައްވާފައިވާ ދިހަ ކަމެވެ. އޭގެ ކޮންމެ ކަމެއްގެ މައްޗަށް ދަލީލުތައް ގެނެސްފައިވެއެވެ.
ތިންވަނައީ: މި ފަދައިން ވަކި ޢަމަލަކީ ކުފުރު ކަމުގައި ކަނޑައަޅައިފައިވާ، ޢިލްމުވެރިން ވިދާޅުވެފައި ހުންނަ ބަސްފުޅުތައް، އެ ބަސްފުޅުތަކުގެ މައްޗަށް އެއްވެސް ޤަވާޢިދުތަކެއް ނެތި، ނެގުން ހުއްދަ ނުވާނެއެވެ. (އަޚާއެވެ! މިއީވެސް ޚަވާރިޖު ފިކުރުތަކާއި ސުންނަތުގެ އަހުލުވެރިން ވަކިވެގެންވާ ސިފަ އެކެވެ. އާޔަތް، އޭގެ ދެލިގަނޑު ކިޔުމަށްފަހު ވަޤުތުން ކާފަރެއްކަމުގައި ޚަވާރިޖުން ބުނާނެއެވެ. ތަފްޞީލެއް، އޭގެ ޙައްޤު ފަހުމްވުމަކަށް ނުދާނެއެވެ.) އެހެނީ، އެފަދައިން އެކަން ކުރަންވާނީ ފުރިހަމަ ވާންޖެހޭ ޝަރުތުޠައް ފުރިހަމަވުމުގެ އިތުރުން ނަފީވާންޖެހޭ ކަންތައް ނަފީވެގެންނެވެ.
އެގޮތުން ފުރިހަމަ ވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އެކަމަކީ ޝައްކެތްނެތް މިންވަރަށް ކުފުރުވާނެ ޢަމަލެއްކަމަށް ޔަޤީންވާން ޖެހެއެވެ. މާނައަކީ އެކަމަކީ އޭގައި 2 ގޮތެއް، 2 ފަހުމެއް، 2 ގޮތަކަށް ނުކުރެވޭނެ ޢަމަލެއް ކަމުގައި ވުމެވެ.
މިކަމުގެ މީޘާލެއްގެ ގޮތުގައި އަޚާއަށް އޮޅުން ފިލުވައިދިނުމަށް ބުނަމެވެ. ﷲ ގެ ޙުކުމަށް ޙުކުމް ނުކުރާ މީހާއަކީ ކާފަރެއްކަމުގައި ޤުރުއާނުގައިވެއެވެ. (وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ) ” ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާ މީހާ ދަންނާށެވެ! ފަހެ، އެބައިމީހުންނީ ހަމަ ކާފަރުންނެވެ”.
ފަހެ، މުޖައްރަދު މި ވަޙީބަސްފުޅު ނަގައި އެ ޢަމަލު ކުރާ ވެރިން ކާފަރުކުރުމުގައި “ޚާރިޖީ-ޚަވާރިޖް” ފިކުރު އުފުލުމުގައިވާ ފަރާތްތައްވެއެވެ.
އެހެނަސް ޞަޙާބީން، ތާބިޢީން، ސުންނަތުގެ އަހުލުވެރިން ދެކެވަޑައިގަންނަވަނީ އެއީ ތަފްޞީލުއޮތް މައްސަލައެއް ކަމުގައިއެވެ. ފަހެ، ތަފްޞީލުއޮތް މައްސަލައެއް ކަމުގައިވެއްޖެހިނދު، މުޖައްރަދު ޢަމަލު ކުރާ ކޮންމެ މީހަކު ކާފަރު ނުވާނެއެވެ. އަދި ކާފަރުކޮށްގެން ވެސް ނުވާނެއެވެ.
ޚަވާރިޖުން މި އާޔަތްތަކުގެ ޙަޤީޤީ މާނަ އޮޅުވާފައިވާކަން ބަޔާންކޮށްފައިވަނީ އުއްމަތުގެ އެންމެ ކުރީގައި ވަޑައިގެންނެވި ރައްބާނިއްޔަ އިމާމުންނާއި ޢިލްމުވެރިންނެވެ. ބޭރުފުށަށް ފެންނަ ފެނުމުގައި ﷲ ގެ ޙުކުމަށް ޙުކުމް ނުކުރާކަން ފެނުނަސް އަދި އެފަދައިން ދޭހަވި ކަމުގައި ވީނަމަވެސް އެމީހާގެ ހިތުގައި، އިޢުތިޤާދުގައި ޤަބޫލުކުރާ ގޮތް އެނގުމަށް ފަހުގައި މެނުވީ އެމީހެއްގެ މައްޗަށް ކުފުރުގެ ޙުކުމް ޖެހުމަކީ “ޚަވާރިޖު، ޙައްދުފަހަނައަޅައިފައިވާ” ފިކުރެކެވެ.
الإِمَام أبو بكر الآجري -رحمه الله- ވިދާޅުވެފައިވެއެވެ. ”އަލް-ޙަރޫރިއްޔާއިން (ޚަވާރިޖުން) ތަބަޢަވާ މުތަޝާބިހުގެ ތެރެއިން ﷲ ތަޢާލާގެ ވަޙީ ބަސްފުޅު (ومن لم يحكم بما أنزل الله فأولئك هم الكافرون)
”ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރާ މީހާ (ދަންނައެވެ!) ފަހެ، އެބައިމީހުންނީ ކާފަރުން ނެވެ“ ވެއެވެ. އަދި އެއާއެކު މިއާޔަތް (ثم الذين كفروا بربهم يعدلون) ”އެބައިމީހުންގެ ވެރިއިލާހުއާ، އެހެން ތަކެއްޗާ ހަމަހަމަކޮށް ޝަރީކު ކުރެތެވެ.“ ކިޔަތެއެވެ.
ހައްޤާއި ޚިލާފަށް ޙުކުމް ކުރި ވެރިއެއް (އިމާމެއް) އެބައިމީހުންނަށް ފެނިއްޖެ ހިނދު، އެމީހަކު ކާފަރުވެއްޖެ ކަމުގައި ބުނެތެވެ.“
الشريعة 1/ 31
މިއީ ހިޖުރައިން 360 ގައި ދުނިޔެ ދޫކުރެއްވި އިމާމެއްގެ ބަސްފުޅެވެ. ފަހެ، ޙައްޤާއި ޚިލާފަށް ޙުކުމް ކުރި ކޮންމެ މީހަކަށް، އޭގެ ތަފްޞީލަށް ބެލުމެއްނެތި ކާފަރު ކުރާ މީހުންނަކީ ޚަވާރިޖުންގެ މަޛްހަބު ހޯދާފައިވާ ތަކްފީރީ ޢަޤީދާއެވެ.
ވީމާ، މީހެއް ކާފަރެއްކަމުގައި ކަނޑައެޅުމުގެ ކުރިން، ތަފްޞީލުން ބަލައި، ހޯދައި، އެމީހާގެ ޤަޞްދާއި އަދި ޢަމަލަށް ބަލަން ޖެހޭނެއެވެ.
الإمام ابن القيم ވިދާޅުވެފައިވެއެވެ ”ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރުމުގެ ތެރެއަށް 2 ކުފުރު، ކުޑަ ކުފުރާއި ބޮޑު ކުފުރު ވަންނާނެ ކަމުގައި (ބުނުމަކީ) ޞައްޙަ ބުނުމެވެ. އެއީ ކޮން ކުފުރެއްކަން ކަނޑައެޅޭނީ ޙާކިމާގެ ޙާލަތަށް ބެލުމަށްފަހުގައިއެވެ.
އެ ކަމެއްގައި ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ކުރަން ވާޖިބުވެގެންވާކަން ޤަބޫލުކުރުމާ އެކު އެހެނަސް އުރެދުމުގެ ގޮތުން އެ ޙުކުމް ދޫކޮށްލީ އޭނާއަށް ޢުޤޫބާތް ޙައްޤުވެގެންވާކަމަށް އިޢުތިރާފްވާ ޙާލުގައިއެވެ. ފަހެ، މިއީ ކުޑަ ކުފުރެވެ.
އޭނާ ޤަބޫލުކުރަނީ (ﷲ ގެ ޙުކުމަށް ޙުކުމްކުރުން) ވާޖިބެއް ނުވާކަމާއި އެކަމުގައި އޭނާއަށް އިޚްތިޔާރު ލިބިގެންވާކަމެވެ. އެއީ ﷲގެ ޙުކުމް އޭނާއަށް ޔަޤީންވުމާއެކުގައިއެވެ. ފަހެ، މިއީ ބޮޑު ކުފުރެވެ.
އެހެނަސް އޭނާ އޭގެ މައްޗަށް ޖާހިލުވެ، ނޭނގި ކުށް ކުރީއެވެ. ފަހެ، މިއީ ކުށްކޮށްފައިވާ މީހެއްކަމުގައިވެ، ކުށަކަށް އަރައިގަނެފައިވާ މީހުންގެ ޙުކުމްގެ ތެރެއަށް އޭނާ ވަންނާނެއެވެ“. مدارج السالكين 1-337
އަޚާއެވެ! މިފަދައިން އާޔަތް ތަފްޞީލީ މާނައިގައި ތަފްޞީރު ކުރައްވާފައިވަނީ އުއްމަތުގެ އެންމެ ބޮޑެތި އިމާމުންނެވެ. އެ ގޮތުން ޙުއްޖަތާއި ޤާރީނާއަކަށް ޤުރުއާނުގެ ތަރުޖަމާ ވެރިޔާގެ ލަޤަބް ލިބިވަޑައިގެންނެވި ޞަޙާބީ عَبد الله بن عَبَّاس -رضي الله عنهما- އެފަދައިން ތަފްޞީރުކޮށްފައިވުން ޙުއްޖަތަކަށް ފުދެއެވެ. އަދި އެއަށްފަހުގައި ޖީލަކަށްފަހު ޖީލެއް މިއަދާ ހަމައަށް ވެސް އެފަދައިން އެ އާޔަތް ތަފްޞީލުކޮށް ޙުކުމް ޛިކުރު ކުރައްވައެވެ.
العَلاَّمَة ناَصِر السَّعْدِي -رحمه الله- ވިދާޅުވެފައިވެއެވެ. ”ﷲ ބާވައިލެއްވި ޙުކުމް ނޫން ޙުކުމަށް ޙުކުމް ކުރުމަކީ ކުފުރުގެ އަހުލުވެރިންގެ ޢަމަލުތަކުގެ ތެރެއިން ހިމެނިގެންވާ ޢަމަލެކެވެ. ބައެއްފަހަރު (ޙުކުމް ކުރާ ޙާލަތުގެ ގޮތުން) މިއްލަތުން ބޭރުވާނެ ކުފުރެއް ކަމުގައިވެއެވެ.
އެއީ، އެކަން ޙަލާލުކޮށް އަދި ހުއްދަކޮށްފި ހިނދުގައިއެވެ. އަދި ބައެއްފަހަރު އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްގެ ގޮތުގައިވެއެވެ. އަދި (މިއްލަތުން ބޭރުނުވާ) ކުފުރުގެ ޢަމަލުތަކުގެ ތެރެއިންވެ، އެފަދައިން ޢަމަލުކޮށްފި މީހަކަށް ގަދަފަދަ ޢަޛާބު ޙައްޤުވެގެންވާ ފަރާތެއްގެ ގޮތުގައިވެއެވެ.
(وَمَنْ لَمْ يَحْكُم بِمَا أَنْزَلَ اللهُ فَأُوْلَئِكَ هُمُ الكَافِرُوْنَ)
”ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރާ މީހާ (ދަންނައެވެ!) ފަހެ، އެބައިމީހުންނީ ކާފަރުން ނެވެ.“
ابن عَبَّاس-رضي الله عنهما- ވިދާޅުވެފައިވެއެވެ.
كُفر دون كُفر (އެބަހީ: ބޮޑު ކުފުރާ ހަމައަށް ނުފޯރާ ކުޑަކުފުރެކެވެ.) އަނިޔާވެރި އެހެނަސް މިއްލަތުން ބޭރުވާނެ އަނިޔާއެއް ނޫނެވެ. ފާސިޤް އެހެނަސް މިއްލަތުން ބޭރުވާނެ ފިސްޤް އެއް ނޫނެވެ. އެކަން ޙަލާލުކޮށްފިހިނދު އެއީ މިއްލަތުން ބޭރުވާނެ ظُلم އެއް ކަމުގައިވެއެވެ. އަދި ޙަލާލު ނުކޮށް އެ ޢަމަލުކޮށްފިހިނދު އެއީ ބޮޑުވެގެންވާ ފާފައެކެވެ“. تيسير الكريم الرحمن 2-296، 297
މިދަނޑިވަޅުގައި ބުނަމެވެ. ހަމައެފަދައިން މި ބާބަކީ މެދުމިނުގައި ހިފަހައްޓަން ޖެހޭ ބާބެކެވެ. ޙައްދުފަހަނައަޅައި ގޮސްގެން ވެސް ނުވާނެއެވެ. ހަމައެފަދައިން ﷲ އާއި ރަސޫލާ އެކަމަކީ ޝައްކެތްވެސް ނެތް މިންވަރަށް ކުފުރުވާނެ ކަމެއް ކަމުގައި ކަނޑައަޅާފައިވާ ކަންތައްތައް ކަމުގައިވާ ކަމެއް، މިޘާލަކަށް ﷲ އާއި ރަސޫލާއަށް ބަދުބަސް ބުނުން، މިފަދަ މީހާ ކާފަރެއް ކަމާމެދު ޝައްކެތްވެސް ނެތެވެ.
އަދި މިފަދައިން ޢަމަލުކުރި މީހާ ކާފަރު ނުކުރާ މީހާވެސް ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގައިއެވެ. އަޚާއެވެ! ތަފްޞީލުތައް އޮތް ކަމެއް ތަފްޞިލަށް ދާން ޖެހެއެވެ. އެއީ، ﷲ އާއި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ދޮގުހަދާ ބައެއްގެ ގޮތުގައި ނުވުމަށެވެ.
އެހެނީ ކާފަރުވާނެ ކަންތައްތަކާއި ނުވާނެ ކަންތައްތަކަކީ ދަލީލެއްގެ މައްޗަށް ނޫނީ ނުނިންމޭނެ ކަންތައްތަކެވެ. ވުމާއެކު ޢިލްމީ ގޮތުން ޤާބިލުކަން ނެތް މީހުން، މިބާބުގައި ވާހަކަ ދެއްކުމެއްނުވެއެވެ. ހަމައެފަދައިން އެމީހަކު އެކަމެއް ކުރީ ޤަޞްދުގައި ކަމުގައިވާންޖެހެއެވެ.
ހަމައެފަދައިން ފުރިހަމަ އިޚްތިޔާރާއި އެކީގައި އެއްވެސް މަޖްބޫރުކަމެއްނެތިތޯ ވެސް ބަލަން ޖެހެއެވެ. ހަމައެފަދައިން ނަފީވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ޖާހިލުކަން ހިމެނެއެވެ.
ތެދެކެވެ! އެއްވެސް މުސްލިމަކު ޢުޛުރު ނުދެވޭނެ ކޮންމެ މުސްލިމަކަށް އިނގެންޖެހޭ ކަންތައްތައް ހުންނާނެއެވެ. މިޘާލަކަށް ދުޢާ ކުރަންޖެހޭނީ ﷲ އަށް އެކަނި ކަމެވެ.
އެހެންކަމުން މިކަމުގައި ބުނެވޭނެ އެންމެ ޞައްޙަ ބަހަކީ ޖާހިލުކަމަށްބުނެ، ޢުޛުރު ދައްކާ ކޮންމެ މީހެއްގެ ދަޢުވާ ފަހަރެއްގައި ޤަބޫލުކުރަން ދަތިވިޔަސް ޖާހިލުކަން ޘާބިތުވެއްޖެނަމަ، އެމީހަކު ވާނީ ޢުޛުރުވެރިވެގެންނެވެ.
އެއީ ކިތަންމެ އާދައިގެ ކަމެއް ކަމުގައި ވީނަމަވެސްއެވެ. އެހެނީ ބައެއް މުޖުތަމަޢުތަކުގައިވުން އެކަށީގެންވެއެވެ. ފަހެ، ބައެއް ވަލީވެރިން ކަމުގައި ދަޢުވާކުރާ މީސްތަކުން ތަޥްޙީދަކީ އެއީ ޝިރުކު ކަމުގައި ހަދައި އަދި ޝިރުކު އެއީ ތަޥްޙީދުކަމުގައި ހަދައި އޮޅުވާލައެވެ.
ހަމައެފަދައިން ކުފުރުގެ ޢަމަލެއް ކަމުގައި އެނގުނު ކަމުގައި ވީނަމަވެސް އެމީހެއްގެ ނަފްސަށް ދިމާވެފައިވާ ޙާލަތަކާއި ގުޅިގެން ހަނދާންނެތި ނުވަތަ ޣާފިލްވާ ޙާލުގައި މީހަކަށް ކުރެވުނުކަން ޘާބިތުވެއްޖެނަމަ އެމީހަކު ވެސް ކާފަރު ކުރުމެއް ނުވެއެވެ. ހަމައެފަދައިން އޮޅިގެން ކުށެއްގެ ގޮތުގައި ކުރެވޭ މީހާވެސް މެއެވެ.
އެހެނީ ދޫއޮޅިގެން ވެސް މީހަކަށް ކުފުރުގެ ބަހެއް ބުނެވިދާނެއެވެ. އެފަދަ މިޘާލަކީ އަންނަނިވި ޙަދީޘެވެ.
ދުލުންވަނީ ކުފުރުގެ ބަސް ބުނެފައިއެވެ. އެހެނަސް އެއީ ވީ އުފަލެއްގެ ބޮޑުކަމާއިއެކު ދޫއޮޅިގެންނެވެ. أنس بن مالك رضي الله عنه ވިދާޅުވިއެވެ. رَسُولُ اللَّهِ -صلى الله عليه وسلم- ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު، ހަނަފަސް ބިމެއްގައި ސަވާރީއެއްގެ މަތީގައިވެ، އެ ސަވާރީގެ މަތީގައި އޭނާގެ ކާތަކެއްޗާއި ބުއިން ވަނިކޮށް، އެ ސަވާރީ ގެއްލި، އެ ސަވާރީ ފެނުމުގެ ހުރިހައި އުއްމީދެއްކެނޑި އޭނާ ގަހެއްގެ ހިޔަލުގެ ދަށުގައި އޮށޯވެ އޮންނަނިކޮށް، ހަމަކަށަވަރުން އޭނާގެ ސަވާރީ ފެނުމުގެ ހުރިހައި އުއްމީދެއް ކެނޑިފައިވާ ޙާލުގައި ހުއްޓައި، (ކުއްލިހަކަށް) އޭނާގެ ގާތުގައި އެ ސަވާރީވަނިކޮށް އޭނާއަށް ފެނުނެވެ. އަދި އޭގެ ލަގަނުގައި ހިފަހައްޓައިގެން ހުރެ، ވީއުފަލެއްގެ ބޮޑުކަމުން ދޫ އޮޅިގެން “ﷲ އެވެ. ތިޔަފަރާތަކީ އަހަރެންގެ އަޅާއެވެ. އަދި އަހަރެންނަކީ ތިޔަފަރާތުގެ އިލާހެވެ.” މިފަދައިން ބުނެވުމެވެ. ހަމަކަށަވަރުން ﷲ ގެ ޙަޟުރަތަށް އަޅަކު ތަޥްބާވުމުން، މިއަށްވުރެ ބޮޑަށް ﷲ އެކަމާ އުފާވެވޮޑިގަންނަވައެވެ”.
ހަމަ އެފަދައިން ޝުބުހައެއް ނުވަތަ ފާސިދު ތައުވީލެއްގެ މައްޗަށް ނުވަތަ ދަލީލުއަށް ނުވާ ދަލީލެއް ދަލީލަކަށް ހެދުމުގެ ސަބަބުން ވެސް ކުފުރަށް މަގުފައިވާފަދަ މަގުފުރެދުންތަކަށް ވެއްޓިގެންދިއުން އެކަށީގެންވެއެވެ.
މިފަދަ މީސްތަކުންނަށް އޮތީ ބަޔާން ކޮށްދިނުމެވެ. ހަމަ އެފަދައިން ގިނަ ފަހަރަށް މީހަކަށް ނިސްބަތް ކުރެވޭ ބަހެއް އޭނާގެ މައްޗަށް ޘާބިތުނުވުން ވެސް އެކަށީގެންވެއެވެ.
ހަތަރުވަނަ ނުކުތާ: ކާފަރު ކުރުމުގެ ނުރައްކާތެރިކަން ބަޔާންކޮށްދިނުމެވެ. ޙަދީޘްގައިވެއެވެ. مَن قال لأخيه يا كافرُ فقد باء بها أحدُهما “މީހަކު އޭނާގެ އަޚާއާ ދިމާލަށް ކާފަރު އޭ ބުނެހފިހިނދު ދެ މީހުންކުރެ އެކަކު އެ ފާފަ އުފުލާނެއެވެ. (އެބަހީ: އެ ޙުކުމް އެފަދައިން ބުނެވުނު މީހާއަށް ޙައްޤު ނުވެއްޖެހިނދު އަނެކާ އެ ފާފަ އުފުލަން ޖެހޭނެއެވެ.)”.
الإمام مُحمد بن عَلي الشَّوكَانِي -رحمه الله- ވިދާޅުވެފައިވެއެވެ. ”މުސްލިމަކު އިސްލާމް ދީނުން ބޭރުވެ، ކުފުރުގެ ތެރެއަށް ވަދެއްޖެ ކަމުގައި ޙުކުމްކުރުމަކީ ﷲ އާއި ޤިޔާމަތް ދުވަހަށް އީމާންވެގެންވާ މީހަކަށް، ދުވާލުގެ އިރަށްވުރެ ބޮޑަށް ފާޅުވެ ޞަރީޙަވެގެންވާ ބުރުހާނަކުން މެނުވީ އެކަން ކުރުމަށް ކުރިމަތިލުން އެދެވިގެންވާ ކަމެއް ނޫނެވެ.
ފަހެ، ހަމަކަށަވަރުން ޞަޙާބީންގެ ތެރެއިން ގިނަ ޢަދަދެއްގެ ޞަޙާބީން ރިވާކޮށްފައިވާ ޞައްޙަ ޙަދީޘްތަކުގައިވެއެވެ. އޭނާގެ އަޚާއާ ދިމާލަށް ’އޭ ކާފަރެވެ!‘ މިފަދައިން ބުނެފިހިނދު އެ ދެމީހުންގެ ތެރެއިން އެކަކުގެ މައްޗަށް އެކަން ރުޖޫޢަވާނެއެވެ. މިފަދައިން ޞަޙީޙު އަލް-ބުޚާރީގެ ލަފްޒުގައިވެއެވެ. އަދި ޞަޙީޙައިންގައި (ބުޚާރީ އާއި މުސްލިމްގެ) އެހެން ލަފްޒެއްގައިވެއެވެ. ”މީހަކަށް ކާފަރަށް ގޮވައިފި މީހާ ނުވަތަ ﷲގެ ޢަދުއްވޭ ގޮވިހިނދު އެއީ އެފަދަ މީހެއްކަމުގައި ނުވެއްޖެހިނދު، އެބަސް ބުނި މީހާއަށް ރައްދުވާނެއެވެ“.
މާނައީ: އަނބުރައި އޭނާއަށް އެބަސް ރައްދުވާނެ ކަމެވެ. މިފަދައިން ވާރިދުވެފައިވާ ދަލީލުތަކުން ކާފަރުކުރުމަށް އަވަސްއަރައިގަތުމުގެ މައްޗަށް ބޮޑުވެގެންވާ ނަޞޭޙަތެއް ކަމުގައި އަދި އެފަދައިން ކޮށްގެން ނުވާނެކަމެއްގެ ގޮތުގައި
މަނާކުރެއްވިގެންވެއެވެ.“. السبيل الجرار 4-578
އަޚާއެވެ! ޙައްޤު ނުވާ ފަރާތަކަށް ކުފުރުގެ ޙުކުމް ކުރެވިދާނެ ކަމުގެ މައްޗަށް ބިރުވެތިވުން ނުވޭ ހެއްޔެވެ؟
ﷲ ގެ ދީނުގައި ﷲ ކަނޑައަޅުއްވާފައިވާ ޙުކުމެއް ނޫން ގޮތުގައި ޙުކުމް ކުރުން އެއީ މިފަދަ ނުބައި ޢަމަލެއް ކަމުގައިވާހިނދު، ތިމާއަށް އެފަދަ ޢަމަލަކަށް އަރައިގަނެވިދާނެ ކަމުގެ މައްޗަށް ނަފްސަށް އިންޒާރު ލިބިގަތުން ނުވޭ ހެއްޔެވެ؟
“ﷲ ގެ ޙުކުމަށް ޙުކުމް ނުކުރާ މީހަކީ ކާފަރެއް” މިފަދައިން ބުނާހިނދު، ޙަޤީޤަތުގައި ތަފްޞީލަށް ބެލުމެއްނެތި، މުޖައްރަދުކޮށް ﷲ ގެ ޙުކުމަށް ނޫން ޙުކުމަށް ޙުކުމް ކޮށްފި މީހާ ކާފަރު ކުރުމަކީ ވެސް، ﷲ ގެ ޙުކުމަށް ޙުކުމް ކުރުމެވެ. ސަބަބަކީ، ތަފްޞީލަށް ބަލައި، ޙުކުމް ކުރުމަށް ޝަރީޢަތުގައި ކަނޑައެޅިފައިވާހިނދު އެމީހަކު އެވަނީ ތަފްޞީލަށް ބެލުމެއްނެތި، ﷲ ގެ ޝަރީޢަތުގެ މުރާދާއި ޚިލާފަށް ޙުކުމްކޮށް އޭނާގެ ދަޢުވާގެ ތެރެއަށް އޭނާ އެވަނީ ވެއްޓިފައި ނޫން ހެއްޔެވެ؟
މި ފިތުނައާއި ފަސާދު މިއަދު އުއްމަތުގެ ތެރެއަށް ވައްދާފައިވާ ޚަވާރިޖުންގެ ޢަމަލުތަކުގެ ޙަޤީޤަތް ބާޠިލު ޢަމަލެއްކަން ބަޔާން ކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عَبد العَزِيز بن عَبد الله بن بَاز -رحمه الله- ވިދާޅުވެފައިވެއެވެ.
“ﷲ ގެ ޙުކުމަށް، ޙުކުމް ނުކުރާ މީހާ، 4 ބައިގެ ތެރެއިން ކޮންމެވެސް އެއްބައެއްގެ ތެރެއަށް ވަންނާނެއެވެ.
1: އެމީހަކު ބުނެއެވެ. އަހަރެން މިއަށް (މީސްތަކުން އަމިއްލައަށް ހަދައިފައިވާ ވަޟުޢީ ޤާނޫނަށް) އަހަރެން ޙުކުމް ކުރާނަމެވެ. ސަބަބަކީ، މިއީ ﷲ ގެ ޝަރީޢަތަށް ވުރެ ހެޔޮވެގެންވާ ޤާނޫނެކެވެ. ފަހެ މި މީހާވަނީ، ބޮޑު ވެގެންވާ ކުފުރަކުން ކާފަރުވެފައިއެވެ.
2: އެމީހަކު ބުނެއެވެ. އަހަރެން މިއަށް ޙުކުމް ކުރަމެވެ. ސަބަބަކީ، މިއީ އިސްލާމީ ޝަރީޢަތް އެއްފަދަ (އެއްހަމަ) އެއްޗެކެވެ. މިއަށް ޙުކުމް ކުރުން ހުއްދަވެގެންވެއެވެ. އަދި ﷲ ގެ ޝަރީޢަތަށް ވެސް ޙުކުމް ކުރުން ޙުއްދަވެގެންވެއެވެ. ފަހެ، މި މީހާވަނީ، ބޮޑުވެގެންވާ ކުފުރަކުން ކާފަރުވެފައިއެވެ.
3: އެމީހަކު ބުނެއެވެ. އަހަރެން މިއަށް ޙުކުމް ކުރަމެވެ. އަދި އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރުން އައުލާ، ހެޔޮކަން ބޮޑުވެގެންވެއެވެ. އެހެނަސް ﷲ ގެ ޙުކުމް ނޫން ޙުކުމަކަށް ޙުކުމް ކުރުން ހުއްދަވެގެންވެއެވެ. ފަހެ މި މީހާވަނީ، ބޮޑުވެގެންވާ ކުފުރަކުން ކާފަރުވެފައިއެވެ.
4: އެމީހަކު ބުނެއެވެ. އަދި އޭނާ ޢަޤީދާގައި ޤަބޫލުކުރާ ގޮތުގައި، ﷲ ގެ ޝަރީޢަތަށް ނޫން އެއްޗަކަށް ޙުކުމް ކުރުން ހުއްދައެއް ނޫނެވެ. އަދި އޭނާ ބުނެއެވެ. ﷲ ގެ ޝަރީޢަތަށް ޙުކުމް ކުރުމަކީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެނޫން (ޤާނޫނުތަކަށް) ޙުކުމް ކުރުން ޙުއްދައެއް ނުވާނެއެވެ. އެހެނަސް އޭނާ އަކީ ފަރުވާކުޑަ މީހެއްގެ ގޮތުގައިވެ، ﷲ ގެ ޙުކުމަށް ޙުކުމް ނުކުރެއެވެ. މިފަދަ މީހާއަކީ ކުޑަ ކުފުރަށް އަރައިގެންފައިވާ މީހެކެވެ. މިއްލަތުން ބޭރު ނުވާނެއެވެ. އަދި އޭނާ އަކީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ މަތީގައިވާ މީހެއްގެ ގޮތުގައިވެއެވެ”.
قضية التكفير بين أهل السنة وفرق الضلال ص72-73
ވުމާއެކު މައްސަލައިގައި ޙައްޤު ފާޅުވެ، ބާޠިލް ބަޔާންވެއްޖެއެވެ. ފެންނަ ފެނުމަށް ޙުކުމް ކޮށްގެން ނުވާނެކަމެވެ. ﷲގެ ޙުކުމަށް ނޫން ޙުކުމަށް ޙުކުމް ކޮށްފައިވާތަން ފެނުމަކީ އެމީހަކު އެކަން ޙަލާލު ކޮށްފައި ވުމެއް ނޫނެވެ. އަދި ﷲގެ ޝަރީޢަތަށްވުރެ މަތިވެރިކޮށްފައި ވުމެއް ވެސް ނޫނެވެ. އެއްވަރު ކޮށްފައިވުމެއް ވެސް ނޫނެވެ. މިކަން ބަޔާންވަނީ އެމީހެއްގެ ހިތުގައިވާ، ޤަބޫލުކޮށްފައިވާ ގޮތް ބަޔާން ކުރުމުންނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.