މައިން ބަފައިންނަށް ދުޢާ ކުރާނީ ކިހިނެތް؟ އެފަދަ ދުޢާތަކަކީ ކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

މައިންބަފައިން ދުނިޔެ ދޫކުރުމަށްފަހު، ހެޔޮ ދުޢާކޮށްދިނުމަކީ ދަރިން އެމައިންބަފައިންނަށް އަދާކުރުމަށް ކަނޑައެޅިފައިވާ އެންމެ ބޮޑު ހެޔޮ ޢަމަލެވެ.

މި ޢަމަލަކީ މައިން ބަފައިންގެ މައްޗަށް ޞަދަޤާތް ކުރުމާއި އެހެނިހެން އަޅުކަންތަކަށްވުރެންވެސް ހެޔޮ ޢަމަލެއްކަން ދަލީލުތަކުން ބަޔާންވެ އެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (اذا مات ابن آدم انقطع عمله الا من ثلاث : صدقة جارية، أو ولد صالح يدعو له، أو علم ينتفع به) ”އާދަމުގެ ދަރިޔާ ދުނިޔެ ދޫކުރުމާއެކު، ތިން ކަމަކުން މެނުވީ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެ އެވެ. މެދުކެނޑުމެއް ނުވާ ގޮތުގައި ހިނގަހިނގާހުންނަ ޞަދަޤާތެވެ. ނުވަތަ ޞާލިޙް ދަރިއަކު ދުޢާ ކޮށްދިނުމެވެ. ނުވަތަ ފައިދާ ކުރާނެ ޢިލްމެއް ފިޔަވަ އެވެ.“

ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢީލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި الشَّيْخ عَبدُ الله بن حُمَيد -رحمه الله- ވިދާޅުވެފައިވެ އެވެ.

”ފަހެ، ޞާލިޙް ދަރިއަކު މައިންބަފައިންނަށް ދުޢާކޮށްދިނުމުން، އެކަން ﷲ ޤަބޫލުވޮޑިގަންނަވާނެ އެވެ. އަދި އޭގެ ޘަވާބު މައްޔިތާ ހަމައަށް ފޯރާނެ އެވެ. ފަހެ، މައްޔިތާވަނީ ދުޢާ އަށް އަދި ޞަދަޤާތަށް ބޭނުންޖެހިފަ އެވެ.

ފަހެ، މައިންބަފައިންނަށް ދުޢާ ކޮށްދިނުމާއި، ޞަދަޤާތް ކޮށްދިނުން އަދި ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ މައްޗަށް ދަރިފުޅު ހަނދާންނައްތައިގެން ނުވާނެ އެވެ. އެއީ އިސްވެ ބަޔާންކުރެވުނު ޙަދީޘްގައި ޛިކުރު ކުރެވިފައިވާ ފަދައިންނެވެ.“

މައިންބަފައިންނަށް ފާފަފުއްސެވުމާއި، ކައްވަޅުގައި ބާއްޖަވެރިކަމާއި ސުވަރުގެ ވަދެވުމަށް އެދި ދުޢާކުރުން ގިނަކުރުން ހުއްޓެވެ.

އަދި ޚާއްޞަކޮށް ދުޢާކުރުން ހެޔޮވެގެންވާ ވަޤުތުތަކުގައި މިފަދައިން ދުޢާ ކުރުމަށް ސަމާލުކަން ދިނުން ހުއްޓެވެ.

ބަންގިއާއި ޤަމަތާއި ދެމެދު، ސަޖިދައިގައި، ނަމާދުގެ ފަހު އައްތަހިޔާތުގައި، އަދި ރޭގަނޑު ފަހުބައިގައި އަދި މި ނޫންވެސް ދުޢާ އިޖާބަކުރެވޭ ވަޤުތުތަކެވެ.

މައިންބަފައިންނަށް ދުޢާކުރުމުގައި އެ މައިންބަފައިންގެ ނަން ޛިކުރު ކުރުމަކީ ލާޒިމް ކަމެއް ނޫނެވެ. އެހެނަސް ”މި އަޅާގެ މައިންބަފައިން وَالدِيَّ“ ”މި އަޅާގެ މަންމަ وَالِدَتِي “ ”މިއަޅާގެ ބައްޕަ وَالِدِي“ މިފަދައިން ބުނެލުމުން ފުދޭނެ އެވެ.

ޤުރުއާނުގައި ރަސޫލު ބޭކަލުން އެބޭކަލުންގެ މައިންބަފައިންނަށް ކޮށްފައިވާ ދުޢާތައް ޛިކުރުކޮށްފައިވީހިނދު މައިންބަފައިންގެ ނަންފުޅުން ޛިކުރުވެގެން ނުވެ އެވެ.

ﷲގެ ނަބިއްޔާ އަދި ރަސޫލާ إبراهِيم -عليه السلام- ގެ ދުޢާތަކުގެ ތެރޭގައިވެ އެވެ.

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ އަޅަމެންގެ ވެރި އިލާހު! ޙިސާބު ޤާއިމްވާ ދުވަހު، މި އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނުތަކުންނަށް ފާފަފުއްސަވާނދޭވެ!

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތައް ޛިކުރު ކުރައްވާ الإسراء ސޫރަތުގައި ބަޔާންވެގެންވާ އާޔަތްތަކުގެ ތެރޭގައިވެ އެވެ. رَبِّ اِرْحَمْهُمَا كَمَا رَبَّيَانِيْ صَغِيْرا އަޅުގެ ވެރި އިލާހު! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް (މައިންބަފައިންނަށް) ރަޙްމަތް ލައްވައިފާނދޭވެ!

نوح ސޫރަތުގައި މައިންބަފައިންނަށް ދުޢާކޮށް ބަޔާންވެގެންވެ އެވެ. رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا

އަޅުގެ ވެރި އިލާހު! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، އީމާން ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް ފާފަފުއްސަވާނދޭވެ!

ވުމުން، މި ދުޢަތަކުގައިވާ ފަދައިން ދުޢަކުރުން ހުއްޓެވެ. އެމީހެއްގެ ނިޔަތަކީ އެމީހެއްގެ މައިންބަފައިންނަށް ކަމުގައިވެ، މި ދުޢާކޮށްފިހިނދު އެއީ މައިންބަފައިންނަށް ކުރެވުނު ހެޔޮ ރަނގަޅު އަދި ޤުރުއާނުގައިވާ ދުޢާތަކުގެ ތެރެއިން ދުޢާއެއްކަމުގައިވެ އެ ދުޢާއަކީ ހެޔޮ ދުޢާއެއް ކަމުގައިވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts