zamaanan badhubas bunun
|

މައްސަރަށް، ދުވަހަށް، ހަފްތާއަށް އެއްޗެހި ކިޔުން ކޮންކަހަލަ ޢަމަލެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޝައްކެތްވެސް ނެތެވެ. ޒަމާނަށް ބަދުބަސް ބުނުމާއި އަދި ޒަމާނަށް އެއްޗެހި ކިޔުމަކީ ދީނުގައި ޝަރީޢަތުގައި ނަހީކުރެވިގެންވާކަމެވެ.

ޞަޙާބީ أبو هريرة ގެ އަރިހުން އިމާމް مسلم ރިވާކުރައްވާފައިވާ ޙަދީޘްގައިވެ އެވެ. (لا تَسُبُّوا الدَّهْرَ، فإنَّ اللَّهَ هو الدَّهْرُ) ”ތިޔަބައިމީހުން ޒަމާނަށް ބަދުބަސް ނުބުނާށެވެ. ހަމަށަވަރުން ޒަމާނަކީ -އެބަހީ ޒަމާން ވުޖޫދު ކުރެއްވީ- ﷲ އެވެ.“

ފަހެ، އެހިނދު ސުވާލަކީ، ޒަމާނުގައި ހިގައިދާ މޫސުމީ ބަދަލުތަކަށް އަދި މޫސުމުގެ ޙާލަތު ސިފަކޮށް ބުނެވޭ ބަސްތަކުގެ ތެރެއަށް ޒަމާނަށް ބަދުބަސް ބުނުން ވަންނާނެ ހެއްޔެވެ؟

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العزيز بن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ޒަމާން ވަރުދަގަ -ގަދަފަދަ- އެބަހީ މޫސުން ގަދަ، ތިޔާގި، ހެޔޮ ، ނުބައި، މިކަމުގައި މައްސަލައެއްނެތެވެ. އެއީ ﷲ ގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا “ އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ގަދަފަދަ ވައި ފޮނުއްވިއެވެ…“

އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. لا يَأْتي علَيْكُم زَمَانٌ إلَّا الذي بَعْدَهُ شَرٌّ منه “ އޭގެ ކުރީގެ ޒަމާނަށްވުރެ ނުބައިވެގެންވާ ޒަމާނެއްގެ ގޮތުގައި މެނުވީ އެއްވެސް ޒަމާނެއް ތިޔަބައިމީހުންގެ މައްޗަށް ނާންނާނެ އެވެ.“ މިފަދަ އެތައް ދަލީލުތަކެއް މިފަދައިން ވާރިދުވެގެންވެ އެވެ.

ފަހެ، ޒަމާނަށް އެއްޗެހި ކިޔުން 3 ގިންތިއަކަށް ބަހާލައްވާފައިވެ އެވެ.

ފުރަތަމައީ : ޚަބަރެއް ދިނުމުގެ ބޭނުމުގައި ނޫން އެއްވެސް ބޭނުމެއް ނެތް ގޮތުގައި ބުނާ ބުނުމެވެ. ފަހެ، މިއީ ހުއްދަވެގެންވާ ބައެކެވެ. މިފަދަ މިޘާލަކީ، މިއަދުގެ ގަދަ ހޫނުން އަހަރެމެން ލޮޑު ކޮށްލައިފި އެވެ. ނުވަތަ ފިނިންނެވެ… މިފަދަ ގޮތްތަކަށް ބުނެވޭ ބުނުންތަކެވެ. ސަބަބަކީ، ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށް ކަމުގައި ވުމުންނެވެ. މިފަދަ ބަސްތައް ޚަބަރު ދިނުމުގެ ގޮތުން ބުނުން މައްސަލައެއް ނެތެވެ. ފަހެ، އޭގެ ތެރޭގައި (ﷲ ގެ ނަބިއްޔާ ދޫފުޅުމަތިން ބަޔާންވި ބަސް) ﷲ ގެ ވަޙީބަސްފުޅުވެ އެވެ. .. ވިދާޅުވި އެވެ. وَقَالَ هَٰذَا يَوْمٌ عَصِيبٌ ”އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ.“

ދެވަނައީ : ޒަމާނަކީ އެއީ ކަންތައްތައް ކަނޑައަޅާ އަދި ބަދަލުކުރާ އެއްޗެއް ކަމަށް ދެކިގެން ޒަމާނަށް އެއްޗެހި ކިޔުމެވެ. އެގޮތުން ޒަމާނައީ އެއީ ކަންތައްތައް ބަދަލުކޮށްލާ، ހެޔޮ ގޮތުން ނުބައިގޮތަށް ބަދަލުކޮށްލާ އެއްޗެއް ކަމުގައި އިއުތިޤާދްކޮށް ބުނުމެވެ. ފަހެ، މިއީ ބޮޑުވެގެންވާ ޝިރުކެވެ. ސަބަބަކީ، އެފަދައިން ބުނާ މީހާވަނީ، ﷲ އަށް ޝަރީކެއް ވާކަމަށް ޤަބޫލުކޮށްފަ އެވެ. ސަބަބަކީ، އޭނާވަނީ ޙާދިޘާތައް (ކަންތައްތައް ބަދަލުވުން) ﷲ ނޫން ފަރާތަކަށް ނިޞްބަތް ކޯށްފަ އެވެ. އަދި ﷲ އާ އެކުގައި އެހެން ޚާލިޤެއްވާކަމަށް ޤަބޫލުކޮށްފި މީހާ ފަހެ، އޭނާއަކީ ކާފަރެކެވެ.

ތިންވަނައީ : އެމީހަކު ޒަމާނަކީ އެއީ (ކަންތައްތައް ބަދަލު ކުރާ) ފަރާތްކަމުގައި އިއުތިޤާދް ނުކޮށް އެއްޗެހި ކިޔުމެވެ. އެހެނަސް އެމީހެއްގެ ޢަޤީދާއަކީ ﷲ އެއީ ކަންތައްތައް ބަދަލު ކުރައްވާ ފަރާތްކަމުގަ އެވެ. އެހެނަސް އެއްޗެހި ކިޔަނީ އެވެ. ސަބަބަކީ، އޭނާ އެކަންތައްތަކަށް ނަފްރަތު ކުރުމެވެ. ފަހެ، މިއީ ޙަރާމްވެގެންވާ ކަމެކެވެ. އެހެނަސް ޝިރުކު ކުރުމާ ހަމައަށް ނުފޯރަ އެވެ. ދެންފަހެ، މިއީ އެމީހެއް ބުއްދި ހަމަނުޖެހެހޭކަމާއި އަދި ދީނުގައި މަގުގެއްލިފައިވުމުގެ ތެރެއިންވާ ކަމެކެވެ. ސަބަބަކީ، އެއްޗެހި ކިޔުމުން އެ އަނބުރައި ދަނީ ﷲ އަށެވެ. ސަބަބަކީ، އެންމެހައި ކަމެއް ޒަމާނުގައި ބަދަލު ކުރައްވާ ފަރާތަކީ ﷲ އެވެ. އެ އިލާހު ބޭނުން ވޮޑިގަންނަވާ ހެވެއް އަދި ނުބައެއް ލައްވަ އެވެ. ފަހެ، ޒަމާނަކީ އެކަންތައް ކުރާ ފަރާތެއް ކަމުގައި ނުވެ އެވެ. މިއީ އޭގެ ސަބަބުން ކާފަރުވާނެ ކަމެއް ނޫނެވެ. ސަބަބަކީ، މުބާޝިރުކޮށް އޭނާ ﷲ އަށް އެއްޗެހި ކިޔައިފައި ނުވުމެވެ.

(ޝެއިޚްގެ ބަސް ނިމުނީ)

ބުނަމެވެ.

ޒަމާނަކީ ނުބައި ޒަމާނެއް ކަމުގައި ބުނުމަކީ އެމީހަކު އެފަދައިން އަނެކާއަށް ނުވަތަ ޙާލަތު ބަޔާންކޮށް ދެވޭ ޚަބަރެއް ކަމުގައި ވެއްޖެ ހާލަތުގައި އެކަމުގައި ކުށެއް ނުވެ އެވެ. ސަބަބަކީ، ޒަމާނުން، ދުވަސްތަކުން، އެފަދައިން ފެނުމުން އެކަމާއި ނަފްރަތުކޮށް، ނޭދޭ، ނުރުހޭ ގޮތުގައި ބުނެފައި ވަނީ އެއް ނޫނެވެ. އަދި ކިޔެއް! ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން ކުރީގެ ޒަމާނަށްވުރެ އަނެއް ޒަމާން ނުބައިވުމުން އޭގެ ޙާލަތު ބަޔާން ކުރުން ނޫން އެއްވެސް ނިޔަތެއް އެތާގަ އެއް ނުވެ އެވެ.

ހަމަ އެފަދައިން ރަނގަޅު ދުވަހެއް، ޔަޢުނީ އޭނާ ޚަބަރު ދެނީ އެ ދުވަހުގެ ލުއި ކަމާއި، ފަސޭޙަ ކަމާއި، އަރާމު ކަމުގެ ގޮތުންނެވެ. އެހެނަސް އެ ދުވަހާއި އަޅާ ބަލާއިރު އަނެއް ދުވަސް ގޯސް ބުނަނީ، އެ ދުވަހުގެ ވައި ގަދަ ވުމާއި، ވިއްސާރަ އަދި ތޫފާން އައުމުން ކުރީގެ ދުވަހިުގެ މައްޗަށް އަޅާ ކިޔައި ދޭ ޚަބަރެއްގެ ގޮތުންނެވެ. ޙާލަތު ބަޔާން ކުރުމުގެ ގޮތުންނެވެ. ފަހެ، އެއްވެސް އެ ނޫން ނިޔަތެއް ނެތެވެ. ޝެއީކް ވިދާޅުވާ ފަދައިން އޭނާގެ ނިޔަތުގެ މައްޗަށް މެނުވި އެކަން ބިނާ ނުވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply