ޢުމުރާކުރުމުގެ ބޭނުމުގައި މައްކާއިންނުކުމެ ޢުމުރާ ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ތިޔަ ސުވާލުގެ ޖަވާބު ބިނާ ކުރަނީ ކައިރި ކައިރީގައި އަދި ގާތް ގާތުގައި ޢުމުރާ ކުރުމުގެ މައްޗަށެވެ.  

މައްކާގެ ރަށް ބޭރުން މީޤާތު ހުރަސްކޮށް މައްކާއަށް އަރާ މީހުން މި ޒަމާނުގައި 2 ގޮތަކަށް މިފަދައިން ކައިރިކައިރީގައި ގާތް ގާތުގައި ޢުމުރާ ކުރެ އެވެ.  

ފުރަތަމަ ގޮތަކީ : މައްކާގައި ތިބޭ އިރު، މައްކާގެ ޙަރަމް ސަރަޙައްދުން ނުކުމެ، ނުވަތަ މި ޒަމާނުގައި ތަންޢީމް ”މަސްޖިދް ޢާއިޝާ“ އަށް ނުކުމެ އިޙްރާމްބަދެ ކައުބާއަށް ގޮސް ޢުމުރާ ކުރުމެވެ. 

މައްކާގެ އަހުލުވެރިން ނުވަތަ މައްކާގައި ދިރިއުޅޭ މީހުން، ޢުމުރާ ކުރުމަށްޓަކައި އިޙްރާމް ބަނުމަށް މައްކާގެ ޙަރަމް ޞަރަހައްދުން ބޭރަށް ނުކުތުންވެ އެވެ.  

އެހެނަސް މިތަނުގައި ސުވާލު ކޮށްފައިވަނީ މައްކާއަށް ޢުމުރާ ކުރުމަށްޓަކައި އަރާ މީހުންގެ މައުޟޫގެ މައްޗަށެވެ.  

ވުމުން އެފަ މީސްތަކުން މައްކާއިން ބޭރަށް ނުކުމެ ޢަމަލު ކުރާ ސިފައާ މެދުގައި ޖަވާބު ދެމެވެ. 

މި ސިފައަކީ، އުއްމަތުގެ ސަލަފުއް ޞާލިޙުން އެފަދައިން ޢަމަލުފުޅު ކުރެއްވި ކަމެއް ނޫނެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު މިފަދައިން ޢަމަލު ކުރުމަށްވުރެ މި ޢަމަލު ދޫކޮށް އެއަށްވުރެ ދަރުމައާއި ޘަވާބު ބޮޑުގޮތް އިޚްތިޔާރު ކުރުމަށް އިރުޝާދު ދެއްވާފައިވެ އެވެ.  

شيخُ الإسلام ابن تيمية -رحمه الله-  ވިދާޅުވެފައިވެ އެވެ. ”ފަހެ، މައްކާގައި ހުންނަ މީހާ، މައްކާއިން ބޭރަށް ނިކުމެ ޢުމުރާ ކުރުމަށްވުރެ، ގެކޮޅުގައި ޠަވާފްކުރުން ގިނަކުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ. އެއީ، ޞަޙާބީން ޢަމަލުފުޅު ކުރައްވާފައިވާ ފަދައިންނެވެ. އެބޭކަލުން މައްކާގައި ތިއްބަވާ ހިނދުގައި ޠަވާފްކުރުން ގިނަކުރައްވަ އެވެ. މައްކާއިން ބޭރަށް ނިކުމެވަޑައިގެން ޢުމުރާ ނުކުރައްވަ އެވެ.“ 

  مجموع فتاوى (26-45) 

މިފަދައިން ބަޔާންވުމުން، ބަޔަކު މީހުން ސުވާލުކޮށް ބުނެދާނެ އެވެ!  

ނަބިއްޔާ ﷺ އަރިހުގައި އުއްމުލް މުއުމިނީން عَائِشَة  رضي الله عنها ޙައްޖަތުލް ވަދާޢުއަށްފަހު މަދީނާއަށް އެނބުރިވަޑައިގެންނެވިހިނދު، ތަންޢީމުން އިޙްރާމް ބަންނަވައި عَائِشَة  رضي الله عنها  ޢުމުރާ ކުރެއްވި ނޫން ހެއްޔެވެ؟  

ޖަވާބުގައި ބުނަމެވެ. އާނއެކެވެ. އެކަމަނާ ޢުމުރާ ކުރެއްވި އެވެ. އެހެނަސް ޢުމުރާއެއް ކުރެއްވި ކަމުގައި ބަޔާންވިޔަސް، އެކަން ހިނގައިދިޔައީ ކިހިނަކުންކަން ބެލުމުން މައްސަލަ އޮޅުންފިލައިދާނެ އެވެ.  

عَائِشَة  رضي الله عنها އަކީވެސް އެހެން އަނބިކަނބަލުން ފަދައިން މަދީނާއިން ޙައްޖަށް ނުކުމެވަޑައިގެންނެވިހިނދު، އިޙްރާމް ބެންނެވި އަނބިކަނބަލެކެވެ. އަދި މައްކާއަށް ވަދެވަޑައިގެންނެވިހިނދު އެކަމަނާއާ ޙައިޟު ކުރިމަތިވަޑައިގެންނެވި އެވެ. އަދި ޙައްޖު ކުރިން ތާހިރުވަޑައި ނުގެންނެވުމުން، އެ އިޙްރާމް ނުކަނޑުއްވައި ޙައްޖަށް އެ އިޙްރާމް ބަދަލު ކުރައްވައި ނުކުމެވަޑައިގެންނެވި އެވެ.  

އެހެނަސް އެހެނިހެން އަނބިކަނބަލުންތައް މަދީނާއިން ވަޑައިގެންނެވިހިނދު ތިއްބެވި އިޙްރާމް މައްކާއަށް ވަޑައިގެން ޢުމުރާކުރެއްވުމަށްފަހު އެ އިޙްރާމް ކެނޑުއްވި އެވެ.  

ވުމުން، عَائِشَة  رضي الله عنها އަށް ފާއިތުވެފައިވަނީ މަދީނާއިން ނުވަތަ މައްކާއަށް ވަޑައިގެންނެވިހިނދު ހުންނެވި އިޙްރާމްކަން އެނގިގެންދެ އެވެ.  

ފަހެ، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، عَائِشَة  رضي الله عنها ނަބިއްޔާ އަރިހުގައި ދެންނެވި އެވެ. ”އެހެން އަނބިކަނބަލުންތައް ޢުމުރާއަކާއި ޙައްޖެއް ކުރައްވައިގެން ވަޑައިގަންނަވަނީ އެވެ. ތިމަން ކަމަނާ ޙައްޖެއް އެކަންޏެވެ….. އަދި ޢުމުރާއެއް ކުރެއްވުމުގެ ޙުއްދައަށް އެދިވަޑައިގެންނެވި އެވެ.“ 

އެހިނދު عَائِشَة  رضي الله عنها މައްކާއިން ބޭރުން އިޙްރާމް ބަންނަވާ ޢުމުރާއެއް ކުރެއްވި އެވެ. އަދި عَائِشَة  رضي الله عنها އެނބުރިވަޑައިގަންންވަންދެން ރަސޫލާ ، އަދި އެންމެހައި އަޞްހާބު ބޭކަލުން އެތަނުގައި އިންތިޒާރުގައި ތިއްބެވި އެވެ. އަދި ކިޔެއްތަ؟ عَائِشَة  رضي الله عنها އެކުގައި އަރިހުގައި ވަޑައިގެންނެވި ބޭބޭފުޅުވެސް ޢުމުރާއެއް ނުކުރައްވަ އެވެ.  

ޔަޤީނުންވެސް، عَائِشَة  رضي الله عنها އަށް ވުރެ އަވަހަށް ޢުމުރާ ކުރެއްވުމަށްފަހު އެބޭކަލުންނަށް ވަޑައިގެންނެވޭނެ އެވެ. އަދި އެބޭކަލުން އެތަނުން އިޙްރާމްބަންނަވައި ޢުމުރާ ކުރެއްވިޔަސް އަދި ނުކުރެއްވިޔަސް  އެތަނުގައި އިންތިޒާރު ކުރުމުގައި ތިއްބަވަންޖެހެ އެވެ.  

އެހެނަސް އެއިން އެންމެ ބޭކަލެއްވެސް ޢުމުރާއެއް ނުކުރައްވަ އެވެ.  

ވުމުން، މީޤާތު ހުރަސްކޮށް މައްކާއަށް ޙައްޖު ކުރުމަށް އަދި ޢުމުރާ ކުރުމަށް އަރާ މީހުން މިއަދު، މައްކާއިން ބޭރަށް ނުކުމެ މަސްޖިދް-ޢާއިޝާއިން އިޙްރާމް ބަދެގެން ތަކުރާރުކޮށް ޢުމުރާ ކުރުމަކީ އުއްމަތުގެ ހެޔޮ ޤަރުނުތަކުގެ އަހުލުވެރިން އެފަދައިން ކުރެއްވި ޢަމަލެއް ނޫނެވެ.  

ފަހެ، عَائِشَة  رضي الله عنها ގެ އެ ދަލީލުން، އެފަދަ ޢުޒުރެއް ދިމާވެއްޖެ މީހަކަށް އެކަން އެފަދައިން ކުރެވޭނެ އެވެ.  

ވުމުން، މިފަދައިން މައްކާގެ ބޭރަށް ނުކުމެ ޢުމުރާކޮށް އަދި އެފަދައިން ތަކުރާރު ކުރުމަކީވެސް ސުންނަތުގައި ވާރިދުވެގެންވާ ޢަމަލެއް ނޫނެވެ. އަދި އުއްމަތުގެ ސަލަފުއް ޞާލިޙުން ކުރެއްވި ޢަމަލެއްވެސް ނޫނެވެ. 

އޭގެ ބަދަލުގައި މޮޅު އިތުރު ޘަވާބު ލިބިގަތުމަށްޓަކައި، މައްކާގައި ހުންނަ މީހާ ކަޢުބާ ވަށައި ޠަވާފްކުރުން އިތުރުކުރުން ހުއްޓެވެ. 

ދެންއޮތީ، ގިނަ ޢުމުރާ ކައިރި ކައިރީގައި ކުރުމުގެ ގޮތުން މީޤާތުތަކަށް އަރާ މީހުންނެވެ.  

މައްކާގައި ތިބެފައި އެތާ ކައިރީގައިވާ މީޤާތަކަށް ގޮސް ޢުމުރާ ކޮށް އެފަދައިން ތަކުރާރު ކުރުމެވެ. ސުވާލުގައި ބުނެފައިވާ ފަދައިންނެވެ. މައްކާގައި ތިބެފައި ”ތާއިފަށް“ ނުކުމެވެ.  

އެހެނަސް ހަޤީޤަތަކީ ”ތާއިފް“ އަންނަނީ ހަމައެކަނި ނަމެއްގަ އެވެ. ނިޔަތަކީ ޢުމުރާއެއް ކުރުމަށްޓަކައި މައްކާއިން ނުކުތުމެވެ. މިއީ އަހަރެން އަމިއްލަ އެތައް ބައެއްގެ ކިބައިން ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. 

ކައިރި ކައިރީގައި ގާތުގާތުގައި ގިނަ ޢުމުރާ ކުރުމުގެ މައްޗަށް، މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި العلامة  محمد بن صالح العُثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.  

ސުވާލު : އަހަރެމެންނަކީ ޖިއްދާގައި ދިރިއުޅޭ ބަޔަކީމެވެ. ރަމަޟާން މައްސަރުގައި އަދި އެނޫން މައްސަރުތަކުގައިވެސް އެއް ޢުމުރާއަށްވުރެ ގިނަ ޢުމުރާ ކުރަމެވެ. މިކަމުގައި ޝުބުހާތެއްވޭ ހެއްޔެވެ؟ 

ޖަވާބު : ޢުމުރާ ކުރުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެވެ. އެއީ ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (العمرة إلى العمرة كفارة لما بينهما) ”އެއް ޢުމުރާއިން އަނެއް ޢުމުރާއަކީ ދެމެދުގައި ކުރެވޭ ކައްފާރާއެއްގެ ގޮތުގައިވެ އެވެ.“ އެހެނަސް (ގާތް، ގާތުގައި، ކައިރި ކައިރީގައި ) ޢުމުރާ ކުރުމަކީ ސަލަފުއް ޞާލިޙުންގެ ޢާދައެއް ނޫނެވެ. ފަހެ، އެހެންވުމުން الفتاوي  ގައި شيخ الإسلام ابن تيمية (ޛިކުރު ކުރައްވާ) ބަޔާންކޮށްފައިވަނީ، އެއް ޢުމުރާއަށްފަހު ގާތްގާތުގައި، ކައިރި ކައިރީގައި އަނެއް ޢުމުރާ ކުރުމަކީ މަކްރޫހަވެގެންވާ ޢަމަލެއް ކަމުގައި ސަލަފުއް ޞާލިޙުން އިއްތިފާޤުވެވަޑައިގެންފައިވެ އެވެ.  

ސަބަބަކީ، މިއީ (އެފަދައިން ޢަމަލުކުރުމަށް) ލޯބިކުރެވޭ ކަމެއް ކަމުގައިވާނަމަ އެބޭކަލުން އެފަދައިން ޢަމަލު ކުރުމަށް އަހަރެމެންނަށްވުރެ ބޮޑަށް ނުހަނު ޝައުޤުވެރިވަޑައިގެންނެވީހެވެ.  

އަދި ތަކުރާރުކޮށް ޢުމުރާ ކުރެއްވީސްކަން ކަށަވަރެވެ.  

ފަހެ، ނަބިއްޔާ ﷺ  އީ މިސްތަކުންގެ ތެރޭގައިވާ ﷲ عز وجل  އަށް އެންމެ ތަޤްވާވެރިވަޑިގެންނަވާ ފަރާތެވެ. އަދި މީސްތަކުންގެ ތެރޭގައިވާ ހެޔޮ ޢަމަލުތަކަށް އެންމެ ބޮޑަށް ޝައުޤުވެރިވަޑައިގެންވާ ބޭކަލެވެ. މައްކާ ފަތަޙަ ކުރެވުނު އަހަރުގައި މައްކާގައި 19 ދުވަސްވަންދެން ދަތުރުވެރިއެއްގެ ގޮތުގައި ނަމާދު ޤަޞްރު ކުރައްވައި (ދަތުރުވެރިއެއްގެ ގޮތުގައި) ޤާއިމްވެ ދެމިހުންނެވި އެވެ. ޢުމުރާއެއް ނުކުރައްވަ އެވެ. 

 އަދި ނަބިއްޔާ ﷺ  ގެ އަނބިކަނބަލުން عائشة (ޙައްްޖަށް ވަޑައިގެންނެވިހިނދު، ޢުމުރާ ކުރެއްވުމަށް ނުކުޅަދާނަވުމުން) ނަބިއްޔާ ﷺ ގެ އަރިއަހުގައި އާދޭހާއެކު ޢުމުރާ ކުރުމަށް އެދިވަޑައިގެން ދެންނެވި އެވެ. ފަހެ، އެހިނދު އެކަމަނާގެ ބޭބޭފުޅަށް އެކަމަނާ ގޮވައިގެން ޙަރަމްފުޅުން ބޭރަށް ވަޑައިގަންނަވާ ޢުމުރާއަށް (އިޙްރާމް ބަންނަވައި) ޢުމުރާ ކުރެއްވުމަށް ޙަދީޘްފުޅު ކުރެއްވި އެވެ. އަދި އެހިނދު (އެކަމަނާ ގޮވައިގެން ވަޑައިގެންނެވި) ބޭބޭފުޅު عبدالرحمن بن أبي بكر އަށް ޢުމުރާ ކުރެއްވުމަށް އިރުޝާދެއް ނުދެއްވަ އެވެ.  

މިއީ، ޝަރުޢުވެގެންވާ ޢަމަލެއް ކަމުގައިވާނަމަ ނަބިއްޔާ ﷺ  عائشة ގެ ބޭބޭފުޅަށް އެކަމަށް އިރުޝާދު ދެއްވީހެވެ. އަދި މިއީ ޝަރުޢުވެގެންވާ ކަމެއްގެ ގޮތުގައި ޞަޙާބީން ދެކެވަޑައިގަންނަވާ ކަމުގައިވާނަމަ އެފަދައިން عبدالرحمن بن أبي بكر ޢަމަލުފުޅު ކުރެއްވީހެވެ. ސަބަބަކީ، عبدالرحمن بن أبي بكر ވަނީ މައްކާގެ އަހުލުވެރިންގެ ޢުމުރާއަށް އިޙްރާމް ބަނުމަށްއޮތް މީޤާތަށް ކަމުގައިވާ އެންމެ ކައިރީގައިވާ ޙިއްލުއަށް ނުކުމެވަޑައިގަންނަވާފަ އެވެ.“ 

ފަތުވާ ނަގާފައިވަނީ : فتاوى الحرم المكي 

ޝެއިޚް ވިދާޅުވެފައިވާ ފަދައިން މިއީ އުއްމަތުގެ ހެޔޮލަފާ ދީނުގައި ކުރިއަރައިވަޑައިގެންނެވި އަހުލުވެރިން ކުރެއްވި ޢަމަލެއް ނޫނެވެ.  

ފަހެ، އެންމެ ހެޔޮވެގެންވާ ގޮތަކީ އެބޭކަލުންނަށް ތަބަޢަވުމެވެ.  

شيخ الإسلام ابن تَيمية -رحمه الله- ގެ އަރިހުން ނަޤުލުކޮށް ގެންނަވާފައިވާ ފަދައިން، އެއް ޢުމުރާ ކުރުމަށްފަހު ގާތްގާތުގައި ޢުމުރާ ކުރުމަކީ، އެއީ އުއްމަތުގެ ސަލަފުއް ޞާލިޙުން މަކްރޫހަވެގެންވާ ޢަމަލެއްގެ ގޮތުގައި އިއްތިފާޤު ވަޑައިގެންފައިވާހިނދު، އެފަދައިން ޢުމުރާއެއް ކުރުމަށްޓަކައި މައްކާއިން ނުކުމެ އަދި އެހާ ގާތްގާތުގައި ކުރުން އެހިނދު ކޮންފަދައަކުން މަކްރޫހަވާނެ ހެއްޔެވެ؟ 

އަދިވެސް الإمام مُحمَّد بن صَالح العُثَيمِين -رحمه الله-  ވިދާޅުވެފައިވެ އެވެ.  

ސުވާލު : ޢުމުރާ ކުރުމަށްފަހު އަނެއް ޢުމުރާ ކުރުމާއި ދެމެދު މުއްދަތެއްވޭ ހެއްޔެވެ؟  

ޖަވާބު : ”ދެ ޢުމުރާ ދެމެދުގައި (ކަނޑައެޅިފައިވާ) މުއްދަތަކީ  الإمام أَحمد  رحمه الله ވިދާޅުވެފައިވާ ފަދައިން، އެމީހެއްގެ ބޮލުގެ އިސްތަށިގަނޑު ކަޅުވެއްޖައުމަށް ދާންދެން މަޑުކުރާހުށި ކަމެވެ.  މީގެ މާނައަކީ ޙުމަމާ ފަދައިން ކަޅުވުމެވެ. ޙުމަމާގެ މާނައަކީ އަނދާފައިވާ ދަރުގެ އަޅި އެވެ. (އެބަހީ : ބޮލުގައި އެކަޅުކުލަ އަރަންދެން އިސްތަށި ފެޅުމެވެ.“  فتاوى الحرم المكي 

ދެ ޢުމުރާ ދެމެދުގައި މިފަދަ ވަޤުތެއް ހޭދަކުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ. އެއީ ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތް ކަމުގައި ޢިލްމުވެރިން ވިދާޅުވެ އެވެ.  

ބުނަމެވެ. މިއީ ޞައްޙަވެގެންވާ ގޮތުގައި ދަތުރުކޮށް ޢުމުރާ ކުރުމުގައިވެސް، ގާތް ގާތުގައި ކައިރީގައި ކުރުމަށް ބަޔާންވެގެންވާ ގޮތެވެ.  

މިއަދު މައްކާގެ މުފްތީގެ ގޮތުގައި އައްޔަނު ކޮށްފައިވާ ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. محمد بَازمُول -حفظه الله- ވިދާޅުވެފައިވެ އެވެ.  

”އެއް ދަތުރުގައި އެއް ޢުމުރާއަށް ވުރެ ގިނަ ޢުމުރާ ކުރެއްވިކަން ޞަހާބީންގެ ކިބައިން ވާރިދުވެގެންވެ އެވެ. އެގޮތުން ޞަޙާބީ أنس بن مالك -رضي الله عنه- ގެ އަރިހުން ވާރިދުވެގެންވެ އެވެ. މައްކާއަށް ޢުމުރާ ކުރުމަށްޓަކައި ވަޑައިގެންނެވުމަށްފަހު، އެއް ޢުމުރާ ކުރެއްވުމަށްފަހު، އިސްތަށިފުޅު ދިގުވުމަށް ދާންދެން މަޑު ކުރައްވާ އެއަށްފަހު ދެވަނަ ޢުމުރާއެއް ކުރައްވެ އެވެ.“  

ޝެއިޚް ވިދާޅުވި އެވެ. އެ މުއްދަތަކީ -އެބަހީ، ބޮލުގެ އިސްތަށިތައް ދިގުވުމަށް- އެއީ ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތެވެ. އެކަމުގައި ރަނގަޅީ އިސްތަށި ފަޅައި ބޯވުމެވެ.“ މިއީ ހިޖުރައިން 1443 ވަނަ ރަމަޟާން މަހުގައި مسجد ابن باز  ގައި ދެއްވި ދަރުސްގައި ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

ވުމުން ޚުލާޞާކޮށް ބުނަމެވެ.  

މައްކާއިން ބޭރުން މައްކާއަށް ޢުމުރާ ކުރުމަށް ވަންނަ މީހާ، ގާތްގާތުގައި ޢުމުރާ ކުރުމަށްޓަކައި މައްކާގެ ރަށްބޭރަށް ނުކުމެ ޢަމަލު ކުރުމަށްވުރެ ހެޔޮކަން ބޮޑުވަނީ މައްކާގައި ހުރެ ގެކޮޅު ވަށައި ގިނަ ޠަވާފް ކުރުމެވެ.  

އަދި މައްކާ ބޭރަށް އެ މީހާ ނުކުމެ އިޙްރާމް ލައިގެން ޢުމުރާ ކުރުމަކީ ސަލަފުއް ޞާލިޙުން ކުރެއްވި ޢަމަލެއް ނޫން ކަމުގައި ބުނުމަކީ އެންމެ ޞައްޙަ ބުނުމެވެ.  

ވުމުން، މައްކާގައި ހުރެފައި، ޢުމުރާ ކުރުމުގެ ނިޔަތުގައި ޠާއިފް ކައިރީގައިވާ މީޤާތަށް ދާ މީހުންނަށްވެސް އޮތީ މިފަދައިންނެވެ.  

މައްކާއިން ޢުމުރާއެއް ކުރުމަށްޓަކައި ނުކުމެ ޢަމަލު ކުރުމެއް ނުވެ އެވެ.  

އެހެނަސް، ޙަޤީޤަތަކީވެސް ޠާއިފަށް ދިއުމެވެ. ބަޔަކާ ބައްދަލު ކޮށްލުމަށެވެ. ނުވަތަ ދަންނަ ޢާއިލާ ބަޔަކަށް ޒިޔާރަތް ކޮށްލުމަށެވެ. ނުވަތަ އެފަދަ ހުއްދަ ސަބަބަކަށެވެ.  

އަދި އަނބުރައި އަންނަހިނދު، ޢުމުރާ އެއް ކުރުމެވެ. ފަހެ، އޭނާ މައްކާއިން ނުކުތީ ޢުމުރާއެއް ކުރުމަށް މީޤާތަށް ދިއުމަށް ނޫނެވެ.  

ގާތް ގާތުގައި ޢުމުރާ ކުރާމީހާ، މީޤާތުތަކުން ޢުމުރާ ކުރާހިނދު، އެންމެ ހެޔޮވެގެންވަނީ ބާލައިފާ ބޮލުގެ އިސްތަށިފަޅައި ބޯ ކަޅުވެ ދިއުމަށް ދާންދެން ބެހެއްޓުމެވެ. އެއަށްފަހު ޢުމުރާ ކުރުމެވެ.  

މިއީ އެންމެ އެދެވިގެންވާ އަދި އެންމެ ފުރިހަމަ ގޮތެވެ.  އެއީ ޠާއިފަށް ދިއުން ކަމުގައިވީނަމަވެސް އަދި އެހެން މިޤާތަކުން ކަމުގައިވީނަމަވެސް އެވެ.  

އެހެނަސް އެއަށްވުރެ ކައިރީގައި ކުރުމަކީ އޭނާގެ ޢުމުރާ ބާޠިލްވާނެ ކަމެއް ކަމުގައި ނުބުނެވޭނެ އެވެ. އަދި ޞައްޙަ ނުވާނެއޭވެސް ނުބުނެވޭނެ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply