އިޙްރާމުގައި ހުންނަ މީހާ ބޭނުން ކުރާނީ ކޮންކަހަލަ ފައިވާނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އިޙްރާމުގައި ހުންނަ މީހާ ބޭނުން ކުރުމަށް އޮތް ފައިވާނަކީ ކޮބައިކަމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
އިޙްރާމުގައި ބޭނުން ކުރެވޭ ފައިވާނުގެ ތަފާތު ވައްތަރު ފައިވާންވެ އެވެ. ނުވަތަ އަރައިގެން ހުރެވޭ ތަފާތު ބާވަތްތަކުގެ ތަކެތިވެ އެވެ.
ފުރަތަމައީ : ފައިތިލަ އާއި ތަނބިކަށި އެއްކޮށް ނިވާކުރެވޭ ސިފައިގައި ހުންނަ ފައިވާންތަކެވެ. ނުވަތަ ބޫޓުތަކެވެ.
މިފަދަ ތަކެތީގެ ތެރޭގައި ފައިތިލައާ އެކު ތަނބިކަށި ނިވާވާ ގޮތަށް ހުންނަ އެންމެހައި ބޫޓު ތަކާއި އަދި ފައިވާނުގެ ސިފައިގައި ހުންނަ ތަކެއްޗާއި އަދި ޚާއްޞަކޮށް ސިފައިން އަރައިގެން އުޅޭ ބޫޓުފަދަ ތަކެތި ހިމެނެ އެވެ.
މިފަދަ އެއްޗަކަށް، އެހެން އެއްޗެއް ލިބެން ހުއްޓާ އިޙްރާމުގައި ހުންނަ މީހާ އަރައިގެން ނުވާނެ ކަމަށް ނަބިއްޔާ ﷺ އިރުޝާދު ދެއްވާފައިވާ ޙަދީޘްތައްވެ އެވެ.
އިމާމް البخاري (1542) އަދި مسلم (2791) ޞަޙާބީ ابن عمر رضي الله عنه ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (يا رسولَ اللهِ، ما يلبسُ المحرم من الثياب ؟ قال رسولُ اللهِ ﷺ لا يلبسُ القُمُص، ولا العمائمَ، ولا السراويلاتِ، ولا البرانِسَ، ولا الخِفافَ، إلا أحدٌ لا يجدٌ نعلين فليلبسْ خفين، وليقطعْهما أسفلَ من الكعبين، ولا تلبسوا من الثيابِ شيئًا مسه الزعفرانُ، أو ورْسٌ) ”މީހަކު ސުވާލުކޮށް ދެންނެވިއެވެ. الله ގެ ރަސޫލާއެވެ. إحرام ގައި ހުންނަމީހާ ބޭނުންކުރަންޖެހެނީ ކޮން ފޭރާމެއްތޯއެވެ؟ ރަސޫލާ ﷺ حديث ކުރެއްވި އެވެ. ކުރުތާ ސިފައިގައިވާ ޤަމީސް ފަގުޑި، ހަރުވާޅު، ހޫޑް ލާފައި ހުންނަ ފޭރާން އަދި ޚުއްފު (ޖަނަވާރުގެ ހަމުން ފައިތިލައާއެކު ތަނބިކަށި ނިވާވާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ އިސްޓާކީންފަދަ އެއްޗެއް) ލައިގެން ނުވާނެ އެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ފައިވާނެއް ނުލިބިއްޖެ ހިނދުގައި ޚުއްފު ބޭނުން ކުރާށެވެ. އަދި ތަނބިކައްޓަށްވުރެ ތިރިއަށް ހުންނަ ގޮތަށް އޭގެ މަތީބައި ބުރިކުރާށެވެ. އަދި އެފޭރާމެއްގައި ކުކުން އަދި ورس (މީރުވަސްދުވާ އެެއްޗެއް) އެކުލެވިގެންވާ އެއްވެސް އެއްޗެއް ލައިގެން ނުވާނެ އެވެ.“
ވުމާއެކު ޙަދީޘްގައިވަނީ “ ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ފައިވާނެއް ނުލިބިއްޖެ ހިނދުގައި ޚުއްފު ބޭނުން ކުރާށެވެ.“
ޙަދީޘްގައި ވަރަށް ޞަރީޙަކޮށް ޚުއްފަށް އަރައިގެން ނުވާނެކަން ބަޔާންކޮށްފައިވެ އެވެ. ވުމުން، ފައިތިލަ އެއިން ނިވާކުރެވޭ އެންމެހައި ތަކެއްޗެއް މި ޚުއްފުގެ މައްޗަށް ޤިޔާސް ކުރެވޭނެ އެވެ.
ފައިތިލަ ނިވާވާގޮތަށް ހުންނަ ފައިވާނާއި ބޫޓޫފަދަ އެއްޗަކަށް އެރުން ހުއްދަވާނީ، ފައިތިލަ ހާމަކޮށް ބެހެއްޓޭނެ އަދި ތަނބިކަށިވެސް ހާމަކޮށް ބެހެެއްޓޭނެފަދަ އެއްޗެއް ނުލިބި އުޛުރުވެރި ޙާލުގައިވާ މީހާއަށެވެ.
އިމާމް البخاري (1841) އަދި مسلم (2794) ޞަހާބީ ابن عباس رضي الله عنه ގެ އަރިހުން ރިވާކުރެއްވިއެވެ. (ޞަޙާބީ ވިދާޅުވި އެވެ.)
”އަހަރެން ނަބިއްޔާ ﷺ عرفة ގައި ޚުޠުބާ ދެއްވި އަޑު އެހީމެވެ. (منْ لمْ يجِدْ النَّعْلَينِ فَلْيَلْبَسْ الخُفَّينِ، ومنْ لمْ يجدْ إزارًا فَلْيَلْبسْ سَرَاويلَ للمُحْرمِ) ”އިޙްރާމްގައި ހުންނަ ހިނދު ފައިވާނެއް ނުލިބުނު މީހާ ޚުއްފު ބޭނުން ކުރުން ހުއްޓެވެ. އަދި އިޒާރެއް ނުލިބުނު މީހާ ހަރުވާޅެއް ބޭނުން ކުރުން ހުއްޓެވެ.“
ދެވަނައީ : ފައިތިލަ ހާމަވެފައި އަދި ތަނބިކަށިވެސް ހާމަވެ ފެންނަ ގޮތަށް ހުންނަ ފައިވާނުގެ އެންމެހައި ބާވަތްތަކެވެ. އެއިން ނިވާވެގެންވަނީ ފައިތިލައިގެ ދަށްފުށެވެ. މަތިފުށް ހާމަވެ އަދި ފުންނާބުވެސް އަދި ތަނބިކަށިވެސް ހާމަވެގެންވާ ގޮތުގަ އަރައިހުން ތަކެއްޗެވެ.
މިފަދަ ސިފައިގައިވާ އެންމެހައި ތަކެއްޗަށް އިޙްރާމުގައި އަރައިގެން އުޅުން ހުއްދަވެގެންވެ އެވެ. އަދި ހުއްދަވެގެންވާ ކަމަށް ޞަރީޙަ ޙަދީޘް މި މައުޟޫގައި ވާރިދުވެގެންވެ އެވެ.
އިޙްރާމުގައި ހުންނަ ފިރިހެނާ އިޙްރާމް ދެ ފޮށައާ އެކުގައި މި ސިފައިގައިވާ ފައިވާނަށް އަރައި ހުރުމަށް ބާރުއެޅިފައިވެ އެވެ.
އިމާމް أحمد ލިޔުއްވި مسند ގެ 8-500 ގައި ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم: ޙަދީޘް ކުރެއްވި އެވެ. (وَلْيُحْرِمْ أَحَدُكُمْ فِي إِزَارٍ وَرِدَاءٍ، وَنَعْلَيْنِ) ”ތިޔަބައިމީހުން ކުރެ މީހަކު، (އިޙްރާމުގައި) އިޒާރެއް (ތިރިން އަންނަ ފޮށައެއް) އަދި ރިދާއެއް (މަތިން އަޅާ ފޮށައެއް) ބޭނުން ކުރާށެވެ. އަދި ފައިވާން ބޭނުން ކުރުންވެ އެވެ.“
މި ފައިވާނުގެ ވަދު ހިމަވިޔަސް އަދި ވަދު ފުޅާވިޔަސް އެކަމުގައި އެއްވެސް މަނާކަމެއް ނެތެވެ.
އަދި ފައިތިލައިގައި އިނގިލިތައް ހާމަވާ ގޮތުގައިވެ، މަތިން ހުރަސްވާ ގޮތަށް ވަދު އަޅާފައިވެ އަދި ފުންނާބު ހާމާވާގޮތަށް ތަނބިކަށިގައި އެޅުވޭގޮތަށް ހަދާފައި ހުންނަ އެންމެހައި ފައިވާނެއްވެސް މި ޙުކުމުގެ ތެރެއަށް ވަންނާނެ އެވެ.
ތިންވަނައީ : ތަނބިކަށި ހާމަވާގޮތަށް ހުރެފައި، އެހެނަސް އެ ފައިވާނުން ފައިތިލައިގެ އެހެން ބައިތަށް ކަމުގައިވާ، ފައިތިލައިގެ މައްޗާއި އިނގިލިތައް ނިވާވެފައިވާ ގޮތުގައި ހުންނަ ފަޔަށް އަރުވާލެވޭ ތަކެއްޗެވެ.
”ހާފް ޝޫޒް“ ބުނެވޭ ވަތްތަރުގެ ތަކެއްޗަކީ މިސިފައިގައިވާ އެއްޗެކެވެ.
އިޙްރާމުގައި ހުންނަ މީހާ މި ސިފައިގައިވާ އެއްޗެއް އަރައިގެން ހުރުމުގެ މައްޗަށް ޢިލްމުގެ އަހުލުވެރިންގެ މެދުގައި ތަފާތު ރައުޔުވެ އެވެ.
މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العلامة محمد بن صالح العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ތަނބިކަށްޓަށްވުރެ ތިރިއަށް (ތަނބިކަށި ޙާމަވާ ގޮތަސް ހުންނަ ބޫޓު) ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެ ހުއްދަވެގެންވާނެ ކަމެވެ. އެއީ عبد الله بن عُمر -رضي الله عنهما- ގެ އަރިހުން ރިވާކުރެވިގެންވާ ނަބިއްޔާ ﷺ ހަދީޘްފުޅުގައިވަނީ (من لم يجد نعلين فليلبس خفين وليقطعهما أسفل من الكعبين ) ”ފައިވާނެއް ނުލިބުނު މީހާ އޭނާ ޚުއްފެއް ލާށެވެ. އަދި ތަނބިކަށިން ތިރިއަށް ބުރިކޮށްލާށެވެ.“ ޢިލްމުވެރިން ވިދާޅުވެ އެވެ. ތަނބިކަށިން ތިރިއަށް ވާގޮތަށް ބުރިކޮށްލުމުން ފައިވާނެއްގެ މަޤާމަށް ވަނި އައިސްފަ އެވެ.
އެހެނަސް ސުންނަތުގެ އެންމެހައި (ދަލީލުތަކަށް ބަލާލުމުން) ފާޅުވެ ބަޔާންވަނީ، ޚުއްފަށް ނޭރުމެވެ. ފަހެ، މި މައްސަލައިގައި ޙައްޤު ގޮތަކީ، މިފަދަ އެއްޗަކަށް އެރުން އޭނާއަށް ޙަރާމްވެގެން ވުމެވެ. އަދި ހަމަކަށަވަރުން އިޙްރާމުގައިވާ މީހާ ތަނބިކަށިން ތިރިއަށްވާ ގޮތަށް ހުންނަ ބޫޓަށް ކަމުގައިވިޔަސް އެއަށް ބޭނުން ކުރުން ހުއްދައެއް ނުވާނެ އެވެ.“ مجموع الفتاوى (22/136)
މި ސިފައިގައިވާ ތަކެއްޗަށް އެރުމާމެދުގައި އިމާމް شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި މައްސަލައިގެ ޞައްޙަ ގޮތަކީ، ތަނބިކައްޓަށްވުރެ ތިރިއަށްވާ ގޮތަށް ހުންނަ ތަކެއްޗަށް އެރުން ހުއްދަވެގެންވެ އެވެ. މިޘާލަކަށް ތަނބިކަށި ފެންނަން ހުންނަގޮތަށް ފައިތިލަ ނިވާވާ (ހާފް ޝޫޒް) އަދި ފައިތިލައިގެ މަތި ނިވާވާ ގޮތަށް ހުންނަ ބޫޓުފަދަ އެއްޗަށް އެރުން ހުއްދަވެގެން ވުމެވެ.“ مجموع الفتاوى 26/110
ފަހުގެ ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ މުފްތީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ތަނބިކަށްޓަށްވުރެ ތިރިއަށް ހުންނަ (ހާފް ޝޫޒް) އަރައިގެން ހުރުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އެވަންނާނީ ފައިވާނުގެ ޖިންސުގެ ތެރެއަށެވެ. މިއީ މި މައްސަލައިގައި ޢިލްމުވެރިންގެ 2 ޤައުލުގެ ތެރެއިން އެންމެ ޞައްޙަ ބުނުމެވެ. ސަބަބަކީ ފައިވާނެއް ނުލިބުނު މީހާއަށް ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވަނީ (يلبس الخفين ويقطعهما أسفل من الكعبين) ”އޭނަ ޚުއްފަށް އަރާށެވެ. އަދި ތަނބިކަށީގެ ތިރިންވާގޮތަށް ބުރިކޮށްލާށެވެ.“
ފަހެ، ވުމުން ދަލީލު ކުރެވެނީ، ތަނބިކަށިން ތިރިއަށްވާގޮތަށް ބުރިކޮށްލުމުން ފައިވާނުގެ ޖިންސުގެ ތެރެއަށް ވަންނަކަމެވެ.“ نور على الدرب 17/275
ފަހެ، ޚުލާސާގައި ބުނަމެވެ. މުސްލިމް އަޅާ ރައްކާތެރި ގޮތުގައި ހިފުން އެދެވިގެންވެ އެވެ. ޚާއްޞަކޮށް އަޅުކަމުގެ ބާބުގައި ވުމުން، އޭގެ އެންމެ ހެޔޮ އަދި އޭގައި ޝައްކުތަކުން ދުރުވެ، އެންމެ ޢަދުލުވެރި ގޮތުގައި ޤާއިމްވުން ހުއްތެވެ.
މި ޒަމާނަކީ ފައިވާން ލިބުން ނުހަނު ފަސޭހަ ޒަމާނެކެވެ. އެކަމުގައި އެއްވެސް ދަތިކަމެއް އަދި ބުރައެއް ނުވާނެ ކަމެކެވެ.
ހަމައެކަނި ފައިވާނަށް އެރުމުން އެމީހަކަށް ދަތި ކަމާއި އުނދަގުލާއި އަދި ފައިވާނަށް އަރައިގެން ނުހިގޭ މީހެއްކަމުގައިވާނަމަ، ތަނބިކަށިން ތިރިއަށްވާގޮތަށް ހުންނަ އެއްޗަކަށް (ހާފް ޝޫޒް) ފަދަ އެއްޗެއް ބޭނުން ކުރުމުގައި މައްސަލައެއް ނެތެވެ.
ދަންނަ އެވެ! ބައެއް މީހުން ދެކެ ގޮތުގައި ފައިވާނަށް އެރުމުގައި އެއީ އެއްކޮށް ރަބަރުން ނުވަތަ ޕްލާސްޓިކުން، ތައްގަނޑަށް އަޅައި ތައްޔާރުކޮށްފައިވާ ފައިވާނެއް ކަމުގައިވުން ލާޒިމް ކުރެ އެވެ.
އެބައިމީހުން އެކަމުގައި ދެކެނީ އޭގައި އެހިނދު އެއްވެސް ރޮއްޖެއް ނުހުންނާނެ އެވެ.
ފަހެ، މިއީ ކުށް ޤަބޫލު ކުރުމެކެވެ. މިއީ ފައިވާނަށް އެރުމުގައި ކަނޑައެޅިފައިވާ ސިފައެއްވެސް ނޫނެވެ. އެންމެ ކުރީ ޢަހުދުން ފަށައިގެންވެސް ޚުއްފު އަދި ފައިވާންތަކަކީ ރޮދިން އަދި އެކި ގޮތްތަކުން އެކި ދިމާލުން ފަހައި ރޮދި ބޭނުންކޮށްފައިވާ ތަކެއްޗެވެ.
އަދި ނަބިއްޔާ ﷺ ފައިވާނާއި އިޙްރާމުގައި ހުންނަ މީހާ އަރާ ފައިވާން ފަހާފައި ހުރެގެން ނުވާނެ ކަމަށް އެއްވެސް ބަސްފުޅެއް ދޫކުރައްވާފައި ނުވެ އެވެ. އެ ޒަމާނުގައި އެފަދަ ތަކެއްކި ހުރެ އެއީ ހުއްދައެއއް ކަމުގައި ނުވާނަމަ، އެކަން ނަހީ ކުރައްވައި ޙަދީޘް ކުރެއްވީ އެވެ.
އޭގެ ބަދަލުގައި އެފަދަ އެއްވެސް ނަހީއެއް ނެތުމުން، ފައިވާން ފަހާފައި ހުއްޓަސް، ފަހާފައި އޭގެ ވަދު ހުއްޓަސް އެއީ އެއްވެސް މަނާކަމެއް އޮތް ކަމެއް ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.