ޢީދު ތަކްބީރު ކިޔުމަށް ވާރިދުވެގެންވާ ސިފަތަކަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަޚާގެ ނަފްސުގައި ދީނުގައި ޞައްޙަވެގެންވާ، ދަލީލުތަކާއި، ޙުއްޖަތްތަކުން ވާރިދުވެގެންވާ ޘާބިތު ޢަމަލުތަކުގައި ޤާއިމްވުމަށް އޮތް ހިތްވަރާއި ޢަޒުމް ﷲ އިތުރުކޮށްދެެއްވާށި އެވެ.
ޝައްކެތްވެސް ނެތެވެ. ދީނުގެ ތެރެއަށް، އެކި އެކި އަޅުކަންތަކުގެ ތެރެއަށް އާ ކަންތައްތަކެއް މީސްތަކުން ވައްދާފައިވެ އެވެ. މިފަދަ އެންމެހައި ޘާބިތުނުވާ ޢަމަލުތަކުން އެއްކިބާވުމުން މެނުވީ، ﷲ އަށް ޙައްޤުބެގެންވާ ގޮތުގައި އަޅުކަން ކުރެވުން ކަމުގައި ނުވާނެ އެވެ. ހިދާޔަތް ހޯދައި ހިޔާތަތުގައި ދެމިހުރުމާއެކު، ބިދުޢަ ތަކާއި، ޚުރާފީ ޢަމަލުތަކުން އެކުއެކީގައި ވަކިވެ ދުރުވާން ޖެހެ އެވެ.
ޢީދުގެ ތަކްބީރުތައް ވާރިދުވެގެންވާނެ ކަމުގައި ޝައްކެތްވެސް ނެތެވެ. ނަބިއްޔާގެ ޙަޔާތްފުޅުގައި ވާނީ އެފަދައިން ތަކްބީރު ވިދާޅުވެފައި އެވެ. އަމާނާތްތެރިކަމާއި އެކު އެ ތަކްބީރުތައް، އެ ސިފައިގައި އަޞްޙާބު ބޭކަލުން އަދާކޮށްދެއްވާނެ އެވެ. ފަހެ، އެހިނދު އެ ސުންނަތުގެ މަގު އިޚްތިޔާރު ކުރި އަހުލުވެރިން އެ ވާރިދުވެގެންވާ ޘާބިތު ސިފަތަކުގައި ދެމިތިބޭނެތެވެ.
އަޚާއެވެ! މިތަނުގައި ހިޖުރައިން 852 ވަނަ އަހަރުގައި ދުނިޔެ ދޫކުރެއްވި ސުންނަތުގެ އިމާމުންގެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الحافظ ابن حجر -رحمه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ. (މި ބަސްފުޅު އިމާމް ވިދާޅުވެފައިވަނީ، ވާރިދުވެގެންވާ ތަކްބީރު ޛިކުރު ކުރެެއްވުމަށް ފަހުގަ އެވެ.) ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން މި ޒަމާނުގައި (ޢީދުގައި ކިޔާ ތަކްބީރު) އަށް އެއްވެސް އަޞްލެއްނުވާ ގޮތުގައި އިތުރުކޮށްފައިވެ އެވެ.“فتح الباري ج 3 ص521
އަޚުންނޭވެ! ވިސްނާލުން ހުއްޓެވެ. ޢީދުގައި ކިޔާ ތަކްބީރު ވާރިދުވެގެންވާ އަދި ޘާބިތުވެގެންވާ ސިފަތަކަށް އެެއްވެސް އަޞްލެއް އަސާސެއްނެތް ޖުމްލަތަކާއި، ކަލިމަތައް އިތުރުކޮށްފައިވާކަން މި އިމާމް ވިދާޅުވެފައިވަނީ 8 ޤަރުނުގަ އެވެ. އެހެން ވުމުން މި ޒަމާނުގައި މި ތަކްބީރުތަކަށް އިތުރުކޮށްފައިވާ ބައިތައް ކިޔުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟
ސުންނަތުން އެއްޗެއް ކަނޑައަޅުއްވާ އުނގަންނަވައި ދެއްވާފައިވާއިރު، ސުންނަތުގައި އުނގަންނައި ދެއްވާފައިވާ މިންވަރަށް އުނި އިތުރު ގެނައުން ހުއްދަދެވިގެންވާނެ އެއްވެސް އިންސާނެއް ދުނިޔެމަތީގައި ހުންނާތޯ އެވެ؟
ވާރިދުވެގެންވާ ބައެއް ސިފަތައް ބަޔާން ކުރަމެވެ.
للهُ أَكْبَرُ اللهُ أَكْبَرُ لَاإِلَه إِلاَّ اللهُ، وَ اللهُ أَكْبَرُ اللهُ أَكْبَرُ وَ لِلهِ الحَمْدُ. (العثيمين رحمه الله)
اللهُ أَكْبَرُ ، اللهُ أَكْبَرُ ، اللهُ أَكْبَرُ كَبِيْرا. (العثيمين رحمه الله)
اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لا إله إلاّ الله، و اللهُ أَكْبَرُ، اللهُ أَكْبَرُ، ولله الحمد. (العثيمين رحمه الله)
މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ عبد القادر الجنيد-حفظه الله- ވިދާޅުވެފައިވެ އެވެ.
الله أكبر الله أكبر، لا إله إلا الله، والله أكبر الله أكبر، ولله الحمد
ފަހެ، އުއްމަތު ހެޔޮ ޤަރުނުތަކުގެ އަހުލުވެރިން، ސަލަފުއް ޞާލިޙުން، ޙައްޖުމަހުގެ ދިހަ ދުވަހުގައި މިފަދައިން ތަކްބީރު ވިދާޅުވުމުގައިވި އެވެ. އޭގެ ތެރޭގައި އެންމެ މަތިވެރި ފަރާތްތަކަކީ ނަބިއްޔާ ﷺ ގެ އަޞްޙާބުންނެވެ.“
މިއީ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުން އަހަރެންނަށް އެނގިފައިވާ ސިފަތަކެވެ. އެއަށްފަހު ތަކްބީރު ކިޔުމާއި ގުޅޭ ބައެއް މައްސަލަތައް ޛިކުރުކޮށްލަމެވެ.
ތަކްބީރު ކިޔުމުގައި :
(ތަޖްވީދުގެ މަގުން، ޤުރުއާން ތަރުތީލުކޮށް ކިޔަވާ ފަދައިން ތަކްބީރުކިޔުން އެކަރިވާން ޖެހޭނެ އެވެ. އަދި މިއުޒިކީ އަޑުއަޑުންނާއި، އަނާޝީދު ކިޔާގޮތަށް އެއްއަޑަކުން ރާގުތަކަށް ކިޔުން ދުރުވާންޖެހޭނެ އެވެެ.) (العثيمين – رحمه الله)
(ތަކްބީރު ޖަމާޢަތް ހަދައިގެން އެކީގައި ކިޔުމަކީ ބިދުޢަ އެކެވެ.) (العثيمين، ابن باز – رحمه الله)
(އަޑުގަދަކުރާ ތަކެތި ބޭނުންކޮށްގެން ތަކްބީރު ކިޔުމަކީ ޢަމަލުކުރަންއޮތް ގޮތެއް ނޫނެވެ. ސަބަބަކީ ޞަޙާބީން ބަންގި ގޮވުމުގައި ޢަމަލު ކުރެއްވިފަދައިން –އުސްތަނެއްގައި އެންމެނަށް އަޑުއިއްވުމަށް ޓަކައި ބަންގިގޮވާ ފަދައިން- ތަކްބީރު ކިޔުމުގައި ޢަމަލު ކުރައްވާފައިނުވެ އެވެ.) (العثيمين – رحمه الله)
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.